ނޯރވޭގެ ޚާރިޖީ ވަޒީރު އެސްޕަން އެއިޑޭ ބާރތު މިދިޔަ ހުކުރު ދުވަހު ގައްޒާގެ މައްސަލައާއި ބެހޭގޮތުން ބޭއްވި ޔޫ އެން ގެ ސެކިއުރިޓީ ކައުންސިލްގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ވިދާޅުވެފައިވަނީ ގައްޒާގެ މައްސަލާގައި މިހާރު ކުރިމަތިލާން ޖެހިފައިވާ ހުރަސްތައް ނައްތާލެވޭނެ ގޮތެއް ހޯދަން ޖެހޭ ކަމަށެވެ. އަދި އެކަންތައް ދާއިމީ ގޮތަކަށް ހައްލުކުރުމުގައި ކުރިއަށް ދިއުން ނޫން އެހެން ގޮތެއް ނެތް ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
ނޯރވޭ އަކީ އޮސްލޯ މުއާހަދާގެ ގަރަންޓަރ އެވެ. 1993 ވަނައަހަރު އިސްރާއީލާއި އަރަބިންނާ ދެމެދު އެއްބަސްވެވުނު އޮސްލޯ މުއާހަދާގެ ދަށުން ޕެލަސްޓައިން އޮތޯރިޓީގެ ބާރުގެ ދަށުގައި އޮންނަންޖެހޭ ސަރަހައްދުތައް އޮތީ ކަނޑައަޅާފައެވެ. އެހެންނަމަވެސް އޭގެފަހުން 30 އަހަރު ފާއިތުވެގެން ދިޔައިރުވެސް އިސްރާއީލުން އޮސްލޯ އެއްބަސްވުން ތަންފީޒުކުރުމުގެ ބަދަލުގައި މިހާރުވެސް އެ ގެންދަނީ ފަލަސްތީނުގެ އިތުރު ބިންތަކަށް ވެރިވެ ގަންނަމުންނެވެ. އޮސްލޯ އެއްބަސްވުން ކަށަވަރު ކުރުމަކީ ނޯރވޭއަށް ލާޒިމް ކޮށްފައިވާ ކަމެކެވެ. އެކަމުގައި ނޯރޥޭއިން އިތުރަށް ފަހަތަށް ޖެހޭކަށް ގަސްދެއް ނުކުރެއެވެ. ނޯރޥޭ އިން މިދިޔަ މޭ މަހު ފަލަސްތީނުގެ މިނިވަން ދައުލަތެއް ގަބޫލުކުރުމަކީ އޮސްލޯ އެއްބަސްވުން ތަންފީޒުކުރުން ކަށަވަރުކުރުމުގެ ފުރަތަމަ ފިޔަވަޅެވެ. ނޯވޭއިން ބޭނުންވަނީ އޮސްލޯ އެއްބަސްވުމުގައި ކަނޑައަޅާފައިވާ ސަރަހައްދުތަކުގައި ފަލަސްތީނުގެ މިނިވަން ދައުލަތެއް ގާއިމް ކުރުމަށެވެ. އެއަށް އުނިއިތުރުކުރުން ނޯވޭއަށް ގަބޫލެއް ނުކުރެވޭނެއެވެ.
ޔޫރަޕުގެ ގައުމުތަކާއި އަރަބި ގައުމުތަކާއި އަދި އިސްލާމީ ގައުމުތަކުން ފަލަސްތީނުގެ މިނިވަން ދައުލަތެއް އުފެއްދުމާބެހޭގޮތުން އެކަތިގަނޑަކަށް ވުމަށް ބާރު އަޅައި އާ ހުށައެޅުމެއް އެކުލަވާލައި އަދި ގައްޒާއާއި ލެބަނަންގައި ހިނގަމުންދާ ހަނގުރާމަ ހުއްޓުވުމާބެހޭގޮތުން ނޯރވޭގެ ޚާރިޖީ ވަޒީރު ޔުނައިޓެޑް ނޭޝަންސް ގައި ދެއްކެވި ވާހަކަފުޅުތައް އެސޯޝިއޭޓެޑް ޕްރެސް ވަނީ ރިޕޯރޓްކޮށްފައެވެ.
ނޯރވޭގެ ޚާރިޖީ ވަޒީރު އެސްޕަން އެއިޑޭ ބާރތު އެސޯޝިއޭޓެޑް ޕްރެސްއަށް މައުލޫމާތު ދެއްވާފައިވަނީ ފަލަސްތީނުގެ މިނިވަން ދައުލަތެއް އުފައްދައި އެ ދައުލަތް ގަބޫލުކުރުމަށް ބައިނަލް އަގްވާމީ މައިދާނުގައި ޔޫރަޕް އާއި އަރަބި އަދި އިސްލާމީ ގައުމުތަކުން ވަރަށް ބޮޑު ތާއީދެއް ލިބެމުންދާކަމަށެވެ. އެ މަނިކުފާނުގެ ވާހަކަ ފުޅުގައި އިސްރާއީލާއި ފަލަސްތީނު ދައުލަތުގެ ސަލާމަތާ ރައްކާތެރިކަން ކަށަވަރު ކުރެވެން ޖެހޭނެ ކަމަށާއި ހަމާސްގެ ހަރަކާތްތައްވެސް ހަނގުރާމަވެރި މިލިޓްރީ ގުރޫޕެއް ނޫންގޮތަށް ބަދަލުވާން ޖެހޭނެކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
ގައްޒާގައި ހިންގަމުން ގެންދާ ހަނގުރާމައާއި ލެބަނަންގައި ބަދަލުކުރެވެމުންދާ ހަމަލާތައް މިހާރުން މިހާރަށް ހުއްޓާލަން ޖެހޭނެއެވެ. އެކަމަކު އެއީ ފަލަސްތީނުގެ މިނިވަންދައުލަތެއް އުފެއްދުން މާދަމާއަށް ފަސްކުރަން އުޒުރަކަށް ނުހެދޭނެއެވެ. ނޯރވޭގެ ޚާރިޖީ ވަޒީރުގެ ވާހަކަފުޅުގައި ވިދާޅުވަމުން ގެންދެވިއެވެ. އަދި އަލަށް މި އުފެދުނު އިއްތިހާދުގެ މަސައްކަތްތައް ކުރިއަށް ގެންދާނި 2002 ވަނައަހަރު ބޭއްވުނު އަރަބްލީގާއި އިސްލާމީގައުމުތަކުން ނިންމެވި ޕީސް އިނިޝިއޭޓިވް އަކީ ކުރިއަށް ދިއުމުގެ އަމާޒުކަމުގައި ބަލައިގެންނެވެ. އެ ނިންމުމުގައިވާގޮތުން 1967 ގައި އިސްރާއީލުން ހިފާފައިވާ ފަލަސްތީނުގެ ހުރިހާ ބިމަކުން ފައިބަން ޖެހޭނެއެވެ. އަދި އެ ބިންތައް ވާނީ ފަލަސްތީނުގެ މިނިވަންދައުލަތުގެ ތަންތަން ކަމަށެވެ. އެއަށްފަހު އަރަބި ގައުމުތަކުން އިސްރާއީލާއެކު ސިޔާސީ ގުޅުން ގާއިމް ކުރެވޭނެއެވެ. އެ ބިންތަކުގައި އިސްރާއީލުން ގައިރުގާނޫނީ ގޮތުން ރަށްވެހިކޮށްފައިވާ ގިނަ އާބާދީ ތަކެއް ހުރުމާއެކު މިއީ ފަސޭހަކަމަކަށް ނުވާނެއެވެ. އެކަމަކު އެކަންވެސް ކުރެވޭނެއެވެ. ކުރަންވެސް ޖެހޭނެއެވެ.
އެމަނިކުފާނުގެ ވާހަކަފުޅު ކުރިއަށްގެންދަވަމުން މިހާތަނަށް ފަލަސްތީނުގެ މިނިވަން ދައުލަތެއް ގަބޫލުނުކޮށްތިބި ޔޫ އެން ގެ 44 މެމްބަރު ގައުމުން ލަސްނުކޮށް ފަލަސްތީނުގެ މިނިވަން ދައުލަތެއް ގަބޫލުކޮށް ދެއްވައި ޔޫ އެން ގެ ފުރިހަމަ މެމްބަރަކަށް ވުމުގެ ދޮރުތައް ފަލަސްތީނުގެ ދައުލަތަށް ހުޅުވާލަ ދިނުމަށް އިލްތިމާސްކުރެއްވިއެވެ. އަދި ޔޫ އެން ގެ ހުރިހާ މެމްބަރު ގައުމުތަކުން އެ ގައުމެއްގެ ފުދުންތެރިކަން ހުރި މިންވަރަކުން ފަލަސްތީނުގެ މިނިވަންދައުލަތުގެ އެންމެހާކަންތައް ފުރިހަމަކުރުމުގައި އަތުގުޅާލުމަށްވެސް އެދިވަޑައި ގެންނެވިއެވެ.
ޔޫ އެން ސެކިއުރިޓީ ކައުންސިލްގައި ވާހަކަފުޅު ދައްކަވަމުން ސައޫދީ އެރޭބިޔާގެ ޚާރިޖީ ވަޒީރު ޕްރިންސް ފައިސަލް ބިން ފަރްހާން ވިދާޅުވީ ސައޫދީ އެރޭބިޔާއާއި އެހެން އަރަބި ގައުމުތަކާއި އިސްލާމީ ގައުމުތަކުގެ މިނިސްޓީރިއަލް ކޮމިޓީއާއި ނޯރވޭ އަދި ޔޫރަޕިއަން ޔޫނިއަނުގެ އެއްބައިވަންތަކަމާއެކު މި ފިޔަވަޅު އަޅަން ގަސްދުކުރީ ފަލަސްތީނުގެ މައްސަލަ އަށް ދާއިމީ ހައްލެއް ނުގެނެވި ދުވަސްތައް ދިގުލަމުންދާތީ ކަމަށެވެ. ފަލަސްތީނުގެ މިނިވަން ދައުލަތެއް އުފައްދައި މެދުއިރުމަތި އަމާންތަނަކަށް ހެދުން ފަސްކުރެވޭކަށް ނެތެވެ. މިއީ އަހަރެމެން އުފުލަން ޖެހިފައިވާ މަސްއޫލިއްޔަތެކެވެ. އެމަނިކުފާނުގެ ވާހަކަފުޅުގައިވެސް ޔޫ އެން ގެ ހުރިހާ މެމްބަރ ގައުމުތަކުން ފަލަސްތީނުގެ މިނިވަންދައުލަތެއް ގަބޫލުކުރަން އެދިވަޑައިގެންނެވިއެވެ.
ޔޫރަޕިއަން ޔޫނިއަންގެ ޚާރިޖީ ސިޔާސަތާބެހޭ އެންމެ އިސްވެރިޔާ ޖޯސެޕް ބޯރެލްގެ ވާހަފުޅުގައި ހުރިހާ ގައުމަކުންވެސް ފަލސްތީނުގެ މިނިވަން ދައުލަތަކާއެކު އިސްރާއީލުގެ ސަލާމަތާ ރައްކާތެރިކަން ބުއްދި ގަބޫލުކުރެވޭ ހަމަތަކުގެ މަތިން ވިސްނާ ފިކުރުކުރުމަށް އެދިވަޑައި ގެންނެވިއެވެ. އެމަނިކުފާނުގެ ވާހަކަފުޅުގައި ފަލަސްތީނުގެ މައްސަލަ އަށް ދާއިމީ ހައްލެއް ގެނައުމަށް ޔޫރަޕިއަން ޔުނިއަންގެ ގައުމުތަކާއި އަރަބި ގައުމުތަކާއި އަދި އިސްލާމީގައުމުތަކުގެ އިއްތިހާދުގެ ފުރަތަމަ ބައްދަލުވުން ބޭއްވުމަށް ހަމަޖެހިފައިވަނީ ސައޫދީ އެރޭބިޔާގެ ރިޔާޒުގައްޔާއި އަދި ބެލްޖިއަމްގެ ބުރަސެލްސް ގައެވެ. އެއަށްފަހު އެމަނިކުފާނު ކުރެއްވީ ސުވާލެކެވެ. އިސްރާއީލާއި ފަލަސްތީނުގެ މިނިވަން 2 ދައުލަތް އުފެއްދުމަށް އިންކާރުކުރާ ގައުމެއް ވާނަމަ އެ ގައުމަކުން ދެކޭގޮތް ތަންފީޒުކުރެވިދާނެ ސިޔާސީ މިންގަނޑުތަކާއެކު ބުނެދީބަލާށެވެ. އަހަރެމެންގެ މި އިއްތިހާދުން ރާވާފައިވާގޮތަށް ވަރަށްއަވަހަށް ކުރިމަގަށް ފިޔަވަޅުތައް އަޅަމުންގެންދާނަމެވެ.
އިސްރާއީލާއި ފަލަސްތީނުގެ މައްސަލައަކީ ޕަޒްލް އެއްކަމަށް ބަލައި އޭގެ ހުރިހާ ބައިތައް ބަރާބަރު ކުރެވިގެން ނޫނީ ދާއިމީ ހަމަޖެހުމެއް ނުގެނެވޭނެއެވެ.
މި ޕަޒްލްގެ ހުރިހާ ބައިތައް ރަނގަޅަށް އަތުރާ ލެވުނު ކަމުގައި ވިޔަސް ނަތަންޔާހޫއާއެކު ރަނގަޅު ނަތީޖާއަކާ ހަމަޔަށް ދެވުމަކީ ނުވާނެ ކަމެކެވެ. އެމަނިކުފާނު ވިދާޅުވިއެވެ. އެކަމަކު މިއޮއް ހުރިހާ އަހަރުތަކުގައި ކުރި މަސައްކަތުން އެދެވޭ ނަތީޖާއެއް ނުލިބުނޭ ކިޔާފައި މިފަހަރު އެގޮތަށް ދޫކޮށްލެވޭކަށް ނެތެވެ. ފަލަސްތީނުގެ މިނިވަން ދައުލަތެއް ގާއިމް ކުރެވެން ޖެހޭނެއެވެ.
ނޯރވޭގެ ޚާރިޖީ ވަޒީރުގެ ވާހަކަފުޅު އިތުރަށް ކުރިއަށް ގެންދަވަމުން ވިދާޅުވެފައިވަނީ ޔޫ އެން ގެ އާންމު ޖަލްސާގެ ހަވާސާގައި 90 ގައުމުގެ ވެރިން ބައްދަލުކުރައްވައި ފަލަސްތީނުގެ މިނިވަން ދައުލަތެއް އުފެއްދުމުގެ މަޝްވަރާތައް ކުރެވެމުންދާކަމަށެވެ. 2 ދައުލަތް ގާއިމް ކުރުމުގެ މި މަޝްވަރާ ބައްދަލުވުންތައް ކޯ-ޗެއާރ ކުރައްވަނީ ސައޫދީ އެރޭބިޔާގެ ޚާރިޖީ ވަޒީރެވެ.
ފަލަސްތީނުގެ އިދާރީ އޮނިގަނޑު ރާވާލުމާބެހޭގޮތުން އެމެރިކާއާއި ކެނެޑާއާއި ޔޫރަޕިއަން ޔޫނިއަން އަދި މެދުއިރުމަތީގެ ގައުމުތަކާއި ޔޫރަޕްގެ ބައެއް އެހެން ގައުމުތަކުގެ ކުއްލި ބައްދަލުވުމެއް މިދިޔަ ބުރާސްފަތި ދުވަހު ނޯރވޭގެ ޚާރިޖީ ވަޒީރު ރިޔާސަތު ބެލެހެއްޓެވިކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. މިއިން އެއްވެސް ކަމެއް އޭގެޒާތުގައި ހަމަޖެހިގެންދާނެ ކަމަށް ބަލައިގެން ނުތިބެވޭނެއެވެ. ފަލަސްތީނުގެ މިނިވަން ދައުލަތަކާބެހޭ ހުރިހާ ކަމެއް ތަންފީޒުކުރެވިގެން ދާންޖެހޭނީ ވަރަށް ފުރިހަމަ އިންތިޒާމެއްގެ މަތިންނެވެ. އެކަން އެގޮތަށް ކުރެވިގެންދާނެއެވެ.