މެދުއިރުމަތި ނުރައްކާވަމުންދަނީ އިސްރާއީލާއި އެމެރިކާގެ ސަބަބުން

Loading

Facebook
Twitter
WhatsApp

މެދުއިރުމަތީގެ ހާލަތު ނުރައްކާތެރި ހަނގުރާމައެއްގެ ހާލަތަށް ބަދަލުވެގެން އެ ދަނީ އިސްރާއީލާއި އެމެރިކާގެ ސަބަބުންކަމަށް ވިދާޅުވެ ދުނިޔޭގެ ގިނަ ގައުމުތަކެއްގެ ވެރިން ޔުނައިޓެޑް ނޭޝަންސްގެ އާންމު ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވައިފިއެވެ.

އޭގެތެރެއިން އެއްބޭފުޅަކު އިސްރާއީލުގެ ބޮޑުވަޒީރަށް މުޚާތަބު ކުރައްވައި، އެއީ މި ޒަމާނުގެ ”ހިޓްލަރ“ ކަމަށް ވެސް ސިފަކުރެއްވިއެވެ.

އެބޭފުޅުންގެ ވާހަކަފުޅުގައި ދުނިޔޭގެ ބޮޑެތި ބާރުތަކާއި އަދި ޔުނައިޓެޑް ނޭޝަންސް އިންވެސް މެދުއިރުމަތީގައި ހިނގަމުންދާ ދެކޮޅުވެރިކަމާއި ހަނގުރާމަ ހުއްޓުވުން ނާކާމިޔާބުވުމުގެ ލަދުވެތިކަން ބޮލުގައި އަޅަން ޖެހޭނެއެވެ.

ގައްޒާގައި ހިނގަމުންދާ ހަނގުރާމަ ހުއްޓުވަން ޔޫއެން އިން ފާސްކުރަން މަސައްކަތް ކުރާ ކޮންމެ ގަރާރަކަށް އެމެރިކާގެ ވީޓޯ ބާރު ބޭނުންކޮށްގެން ބޭރުކޮށްލުން ހައްދުފަހަނަޅާ ހިނގައްޖެކަމަށް ވެސް ބައެއް ބޭފުޅުން ފާހަގަކުރެއްވިއެވެ.    

ގައްޒާގައި ހިނގަމުންދާ ހަނގުރާމަ ހުއްޓުވުމަށް ޔޫއެން އާއި ދުނިޔޭގެ ބޮޑެތި ބާރުތަކުން ނުކުޅެދިފައިވާތީ އެކަމާމެދު މެދު އިރުމަތީގެ ލީޑަރުން ކަންބޮޑުވުން ފާޅުކުރައްވަމުން ގެންދެވިއިރު، އެފްރިކާއާއި ލެޓިން އެމެރިކާގެ ބައެއް ގައުމުތަކުން ގެންދިޔައީ އެއަށްވުރެން މާ ހަރުކަށި ބަހުރުވައިން އިސްރާއީލް ކުށްވެރި ކުރައްވަމުންނެވެ.

                                        
ތުރުކީގެ ރައީސްގެ ވާހަކަފުޅުގައި ދުނިޔޭގެ ހުރިހާ ގައުމަކުން އެއްބައިވެގެން ނަމަވެސް އިސްރާއީލު ސައިޒަށް ފައްތަން ޖެހޭ ކަމަށް ވިދާޅުވިއެވެ.

ކޮލަމްބިޔާގެ ލީޑަރ ގުސްޓާވޯ ޕެޓްރޯ ހާމަކުރެއްވި ގޮތުގައި ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް އިސްރާއީލުން ހިންގަމުން ގެންދަނީ ގަތުލު އާންމެކެވެ.

ދުނިޔެ މިހާތަކަނަށް ދެކެފައިނުވާފަދަ އަނިޔާވެރި ހަމަލާތަކުގެތެރޭގައި ގައްޒާގެ ރައްޔިތުންގެ މަސްގަނޑު ކުދިކުދިވެ ބުރަބުރައިގެންދާއިރު، އިންސާނީ ކަރާމަތާއި އިންސާނީ ހައްގުތަކަށް ވަކާލާތުކުރާ ބޮޑެތި ލީޑަރުން މި މަޖިލީހުގައި ތިބެނީ އެއްމިޔަކަނުން ހީލަހީލައެވެ. މާތްކަލާނގެ އުފެއްދެވި އިންސާނުން ތިބީ ހަމައެކަނި އެމެރިކާއާއި އިސްރާއީލުގައެއް ނޫނެވެ. ގައްޒާ މަރުވެގެން ދާއިރު އިންސާނީ ކަރާމަތާއި އިންސާނީ ހައްގުތައްވެސް މަރުވެގެންދާނެއެވެ. އޭގެފަހުން އިންސާނީ ހައްގު ތަކުގެ ވާހަކަ ދެއްކިޔަސް އެވާހަކަ ގަބޫލުކުރާނެ މީހަކު ނުހުންނާނެއެވެ.

މިތަނުގައި ޔޫއެންގެ ތަޅުމުގައި އެމެރިކާ ބުނާހާ އެއްޗަކަށް ’އާނއެކޭ‘ ބުނާނެ ބަޔަކު އެބަ ތިއްބެވެ. އިނގިރޭސިވިލާތުން ތިބޭނީ ވަކިކޮޅަކަށް ނުޖެހިއެވެ. އެމެރިކާއިން ބުނާ ކޮންމެ އެއްޗަކަށް އޮސްޓްރޭލިޔާއާއި ޗެކްރިޕަބްލިކުން އެއްބަސްވާނެއެވެ.

ބްރެޒިލްގެ ރައީސް ލޫލާ ޑާ ސިލްވާ ސިފަކުރައްވާފައިވާ ގޮތުގައި އިސްރާއީލުން އަމިއްލަ ދިފާއު ކަމަށް ބުނެ މިހާރު އެ ހިންގަނީ ހައްދުފަހަނަޅާ ގޮސްފައިވާ އަނިޔާވެރިކަމެވެ.

ގިނަ ބޭފުޅުންގެ ވާހަކަ ފުޅުތަކުގައި ނުކުޅެދިފައިވަނީ އެމެރިކާ ސަރުކާރުކަން ސަރީހަ ބަހުން ގެންދެވީ ވިދާޅުވަމުންނެވެ.

ޖޯރޑްންގެ ރަސްގެފާނު ޢަބްދުﷲ އާދައިގެ މަތިން ވަރަށް ހަރު އަޑުފުޅުން އިސްރާއީލުގެ ހަމަލާތައް ކުށްވެރި ކުރެއްވިއެވެ. ފަލަސްތީނުގެ އަޚުން ބަނޑުހައި ހޫނުކަމުގައި މަރުވަމުންދާއިރު، ޔޫއެންގެ ޓްރަކްތައް ވެސް ގައްޒާއަށް ވަނަ ނުދީ އިސްރާއީލުން ހިފާއްޓަމުން ގެންދާތީ އެކަން ކުށްވެރިކުރައްވައި ވާހަކަފުޅު ދެއްކެވިއެވެ. އަދި މަޖުބޫރު ކުރުވައިގެން ފަލަސްތީނުގެ ރައްޔިތުން އެބައިމީހުންގެ ބިމުން ފައްސާލުން ދުވަހަކުވެސް ގަބޫލު ނުކުރައްވާނެ ކަމަށް ވެސް ވިދާޅުވިއެވެ.

އިސްރާއިލަކީ ޔޫއެންގެ ގިނަ މެމްބަރުންގެ ފާޑުކިއުމާއި އަބަދުވެސް ކުރިމަތިލާންޖެހޭ ގައުމެކެވެ. އެއީ އެ ގައުމަށް އާކަމެއް ނޫނެވެ. އެކަމަކު މިދިޔަ އަހަރު އޮކްޓޫބަރު މަހުގެ 7 ވަނަ ދުވަހުގެ ފަހުން އިސްރާއީލާއި އެމެރިކާއާއި ދެކޮޅަށް ޔޫއެންގައި ފާޑުކިއުން މިވަނީ އާންމުކޮށް އަމާޒު ވެފައެވެ.

ގައްޒާ ހަނގުރާމަ ހުއްޓުވަން ޔޫއެންއަށް ހުށަހެޅުނު 2 ގަރާރަކަށް 121 މެމްބަރުން ތާއީދު ކުރިއިރު، އިދިކޮޅަށް ވޯޓު ދީފައިވަނީ އެމެރިކާގެ ބާރުގައި ހަމައެކަނި 14 ގައުމަކުންނެވެ.

ފަލަސްތީނަށް ޔޫއެންގެ ފުރިހަމަ މެމްބަރުކަން ލިބުން އެދި ހުށަހެޅުމުން ސެކިއުރިޓީ ލައުންސިލްގައި ހިމެނޭ 12 މެމްބަރުން ފެންނަ ކަމަށް ވޯޓު ދެއްވިއިރު، އެމެރިކާއިން ވީޓޯގެ ބާރު ބޭނުން ކޮށްގެން އެ މައްސަލަ ތަޅުމުން ބޭރުކޮށްލީއެވެ. މިއީ އިސްރާއީލަށްޓަކައި އެމެރިކާ ވަމުންގެންދާ ގުރުބާނީ ކުޑަ ތަންކޮޅެކެވެ.               

ގައްޒާގެ ހަނގުރާމައިގެ އިތުރުން ލުބްނާންގެ ހިޒްބުﷲ އާއި އިސްރާއީލާ ދެމެދު ބަދަލު ކުރެވެމުންދާ ނުރައްކާތެރި ހަމަލާތަކުގެ ސަބަބުން މެދު އިރުމަތީގެ ހާލަތު މުޅި ސަރަހައްދަށް ފުޅާވެގެން ހިނގައިދާނެ ހަނގުރާމައެއްގެ ބިރުވެރިކަން ބޮޑުވެފައިވާއިރު، ޔޫއެންއާއި އެމެރިކާއިން އެ ހާލަތު ހެޔޮ ގޮތުގައި ނިމުމަކަށް ގެނައުމަށް ނުކުޅެދިފައިވުމުން ގައުމުތަކުގެ ވެރިން ތިބީ ނާއުންމީދާއެކު ކަންބޮޑުވެފައެވެ.

އައިރިޝް ބޮޑުވަޒީރު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ވިދާޅުވެފައިވަނީ އެކިއެކި ގައުމުތަކަށް ނިސްބަތް ކުރެވޭ އެތައް ބައިވަރު ރައްޔިތުން ޔޫއެން ހެޑްކްއާޓަރު ކައިރިއަށް ޖަމާވެފައި މިއޮތީ މެދުއިރުމަތީގެ ހާލަތު ހެޔޮ ގޮތުގައި ނިންމާދޭނެ ކަމުގެ އުންމީދުގައި ކަމަށެވެ. އެކަމަކު ފެންނަމުން މިދަނީ ކޮންމެ ދުވަހަކު އެ ހާލަތު އިތުރަށް ގޯސްވެ އަލުން ރަނގަޅު ކުރެވިދާނެ ކަމުގެ އުންމީދުވެސް ގެއްލިގެންދާ ތަން ކަމަށެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް