އަހަރެންނާއި އަހުމަދުގެ ކައިވެންޏަށް މިވީ އަށް އަހަރެވެ.މިމުއްދަތުގެ ތެރޭގައި އަހަރުމެން ދެމިހުންގެ މެދުގައި އެއްވެސް މައްސަލައެއް ޖެހިފައެއް ނުވެއެވެ.އިލާހީ ރަހުމަތުން އަހަރުމެންނަށް ލިބިފައިވަނީ ވަރަށްވެސް ހަމަޖެހޭ އުފާވެރި ދިރި އުޅުމެކެވެ.
އަހަރުމެންގެ ކުޑައަންހެން ކުއްޖަކު ހުރެއެވެ.ނަމަކީ ލިލީއެވެ.
އެއްދުވަހަކު އަހުމަދު އޮފީހަށް ދިއުމުން އާދައިގެ މަތިން ދުވަހުގެ މަސައްކަތް ތަކުގައި އަހަރެން އުޅުނީމެވެ. މިހެން އުޅެމުން ބަދިގޭ ކުޑަދޮރުން ބޭރު ބަލަލިއިރު ޖެހިގެންހުރިގެޔަށް ބަޔަކު އައިސްގެން ސާމާނުތައް ވައްދާތަން ފެނުނެވެ. އަހަރެންނަށް އަވަށްޓެރިއެއްލިބުނީއެވެ.
އޭގެ ގަޑިއެއްހާއިރު ފަހުން ލިލީ ހޯދަމުން އަހަރެން ނިކުތް އިރު އަހަރެންނަށް ފެނުނީ ސިއްސައިގެން ދާފަދަ މަންޒަރެކެވެ.ލިލީއާއި ހަމަ އެއްސިފައެއްގައިވާ ކުޑައަންހެން ކުއްޖަކާ ލިލީ ވާހަކަ ދައްކަން ހުއްޓައެވެ.ހަމަ ހީވަނީ އެއްމާބަނޑު ދެބެން ހެންނެވެ.އެހުދު އިސްތަށިކޮޅެވެ.އެރީތި މޫނެވެ. އަލަށް އައި ފެމިލީގެ ކުއްޖެއްތާއެވެ.
އަހަރެން ކައިރިޔަށް ގޮސް ތައާރަފް ވީމެވެ.ކޮން ނަމެއްތޯ ކިޔަނީ އެހީމެވެ.އަދި މިއީ ލިލީގެ މަންމަ ކަމުގައި ބުނީމެވެ. އޭނާގެ ނަމަކީ އެމާ ކަމަށް ބުންޏެވެ.
އަހަރެން ލިލީ ގޮވައިގެން ގެއަށް އައި ވަގުތުން ފެށިގެން އަހަރެންގެ ސިކުނޑިވަނީ ހާސްކަމެއްގެ ތެރޭގައެވެ. އެހެން ކުއްޖަކު މަގޭދަރިފުޅާ އެހާވައްތަރު ވާނީ ހަމަގައިމުވެސް އަހަމަދު އެހެން އަންހެނަކާ އެކީ ނިދީމަ ނޫންހެއްޔެވެ.އަހަރެން ދެކެ ލޯބިވާކަމަށް ދައްކައިގެން މިހުރިހާދުވަހު މިޖެހީ ކޮން ސަކަރާތެއް ހެއްޔެވެ.ދެމޫނު ދައްކަން ފިރިހެނުން ހަމަ އެހާ މޮޅީ ހެއްޔެވެ.
އަހަރެންގެ ލޯބިލޯބި ދުނިޔެ ކުއްލިއަކަށް ފުނޑުފުނޑު ވެއްޖެ ކަހަލައެވެ.
އަހުމަދު އެދުވަހު އޮފީހުން ގެޔަށް އައިއިރުވެސް ހުރިހާކަމެއްބަހައްޓާފަ އަހަރެން އިނީ ފެމިލީ އަލްބަމްތައް ނަގައިގެން ބަލާށެވެ.އޭނަގެ މޫނު މަތިން އެއްވެސް ކަހަލަ ބަދަލެއް ފެނޭތޯއެވެ. އަހަރެންނަށްފެނުނީ ހަމަ އެއޯގާތެރި ހިނިތުންވުމެވެ.ލޮލަށް ”ފީނާލެވޭ“ ފަދަ ސާފު އުފާވެރި ނަޒަރަކުން އަހަރެންނާދިމާލަށް ބަލަހައްޓައިގެންހުއްޓައެވެ. އެކަމަކު މިފޮޓޯތަކުން މިފެންނަ މަންޒަރުތައް އަހަރެން ގަބޫލު ކުރާނީ ކިހިނެއްހެއްޔެވެ.
މިއަދު ކާންވެސް ނުހަދާ ހަމަ ފޮޓޯބަލާ ދުވަހެއްތޯ އަހުމަދު ސުވާލު ކުރުމުން ކުރީގެ ހަނދާންތައް އާކޮށްލާ ހިއްވާ ދުވަހެއް ކަމަށް ބުނެ ޖަވާބު ދިނީމެވެ.
ކުރިން ނުހަނު ލޯބިން އުފަލުން ހުރެކުރަމުން އައި ކަންތައްތައް ހިތާދެކޮޅަށް ނަމަވެސް އެދުވަހުވެސް ކޮށް ދިނީމެވެ.ނަމަވެސް އަހަރެންނެކޭ ޗާބިދީފަ ހުރި ބުދެކޭ އެއްގޮތެވެ. އަހަމަދަށް މިކަން ފާހަގަވެގެން ކަމެއްވީތޯވެސް ސުވާލު ކުރިއެވެ. ނަމަވެސް ތޮބިއްޔަތު މާރަގަޅު ދުވަހެއް ނޫންކަމަށް ބުނެ އޮޅުވާލީމެވެ. މިހެން ބުނުމުން އަހުމަދު އަހަރެންގެ ކައިރިޔަށް އައިސް އަހަރެން ގަޔާކައިރި ކޮށްލާ ފިރުމާލާ ހެދުމުންވެސް ކުރިން ވާކަހަލަ އުފަލެއް ނުވިއެވެ. ވީފޫއްސެކެވެ.
އެކަހަލަ މިކަހަލަ ގޮތަކަށް ދެތިން ދުވަސް ފާއިތުވެގެން ހިނގައްޖެއެވެ.ލިލީ އޭނާގެ އައު ރަހުމަތްތެރިޔާ އާއި އެކު ކުޅެންވެސް ދެއެވެ.އަހަރުމެންގޭ ގޯތިތެރޭގައި އެލުވާފައިވާ އުދޯލީގައި ދެކުދިން ހީމަޖާކުރާ އަޑު އިވުމުން އަހަރެންނަށް ލިބެނީ އިތުރު ވޭނެކެވެ. މެޔަށް ހީވަނީ ކަށިތަކެއް ހަރާހެންނެވެ.
މިވީ ދެތިން ދުވަހުގެ ތެރޭ އަހަރެން ވަނީ ގޭތެރެ ސާފުރަންވެސް ހަނދާން ނެތިފައެވެ. ކުރިން ނުހަނު ރީތިކޮން ތަރުތީބު ކޮން އަހަރެން ގެންގުޅޭ ތަންތަން ވަނީ ތަރުތީބު އޮޅި ރީތިކަން ގެއްލިފައެވެ.
މިކަހަލަ ގޮތަކަށް ހަފްތާއެއްހާ ދުވަސް ވީއިރު އަހަރެން ވަނީ ގޮވަން ކައިރިވެފައިވާ ޓައިމް ބޮމަކަށް ވެފައެވެ. ޝައްކެއްގެ ސުވާލެއްވެސް ނެތެވެ. އަހަރެން ހުރީ ހަމަ ޔަގީން ކޮށްގެންނެވެ.އަހުމަދު އަހަރެންނަށް ބޭވަފާތެރިވީ އެވެ.
ފަތިހު ހޭލެވުމަށް ފަހުވެސް އަހަރެންނަށް އޮވެވެނީ ވިސްނާށެވެ.އެންމެ ފަހުން ކުއްލިއަކަށް އިލްޒާމްގެ ސުވާލު އަހުމަދާ ދިމާލަށް ދޫކޮށްލެވިއްޖެއެވެ.އަހަރެންނަށް ބޭވަފާތެރިވިންތޯ އެހީމެވެ.އެހެން މީހަކަށް އޭނަގެ ދަރިއެއް ހުންނާނެތޯ އެހީމެވެ.
ހޭލި ވަގުތު މިފަދަ ސުވާލެއްކުރުމުން އޭނަޔަށް ވީގޮތް ބުނަންވެސް ނޭގެއެވެ.އެތައް އިރަކު އެއްޗެއް ނުބުނެ އޮތުމަށްފަހު ތީކޮންވާހަކައެއްހޭ މިހާރު ބުނުމަށްފަހު ފާޚާނާއަށް ވަދެފިއެވެ.ސުވާލަށް ޖަވާބެއް ނުދެއެވެ.
އެ ދުވަހު އޮފީހަށް ދަމުން ބުންޏެވެ.މަރީ ގާތު އަހަރެން ވަރަށް ބޮޑު ވާހަކައެއް ބުނަން އެބައޮތެވެ.އެކަމަކު ވާހަކަ ދައްކާނީ މިރޭއެވެ.
އަހަރެނަށް ވާނެގޮތް ވިސްނާލާށެވެ.މަގޭ ޝައްކު އިތުރަށް ޔަގީންވީއެވެ.އޭނަ ބުނާން އެ އުޅެނީ އެމާގެ ވާހަކަ އެވެ. ޖެހިގެން ހުރިގެޔަށް އައީ އެމާގެ ފެމިލީ ކަމެއް އަދި އަހުމަދަކަށް ނޭގެއެވެ.
އެދުވަހުވެސް އަހަރެން ފެންވަރާ ހިތެއްވެސް އެއްކަމެއް ކުރާހިތެއްވެސް ނުވިއެވެ. ރީތިވެލަންވެސް ހަނދާނެއް ނެތެވެ.ލައިގެންހުރި ބާހެދުން ލައިގެން ހުރެ އަލަށް ލިބުނު އަވަށްޓެރިންގެ ގެޔަށް އަހަރެން ހިނގައްޖައިމެވެ. ގޮސް ބެލް ޖަހާލުމުން ފިރިހެނަކު ދޮރު ހުޅުވިއެވެ. އޭރުވެސް ލިލީ އާއި އެމާ ތިބީ ގޯތިތެރޭގައި ކުޅޭށެވެ.
ދޮރުހުޅުވި ފިރިހެންމީހާ އަހަރެންނާ ސަލާމް ކޮށްލުމަށްފަހު މަރީދޯއޭ އަހަރެންގެ ނަމަކީ ސަލީމްއޭ ބުންޏެވެ.އަދި ކަމަކުތޯ ސުވާލުކުރުމަށްފަހު އެތެރެޔަށް ވަނުމަށް ދައުވަތު ދިނެވެ.އަހަރެން އޭރު ހޯދަމުން ގެންދިޔައީ އެމާގެ މަންމަ އެވެ.އަހަރެންނަށް ވުރެ ރީތިވާނެ ބާވައެވެ.ޒުވާން ވާނެބާވައެވެ.އަހަރެންނަށް ވުރެ ދޮން ވާނެބާވައެވެ.
އެގޭތެރޭން އަހަރެންނަކަށް އެއްވެސް އަންހެނަކު ނުފެނުނެވެ. ދެބުރިޔަށް ހުރިގެޔެއް ކަމުން މަތީބަޔަށްވެސް އަހަރެން ކަޅިއުކަމުން ގެންދިޔައިމެވެ. އެކަމަކު އަންހެނަކު ފެންނާކަށް ނެތެވެ.
އަހަރެން ކަމަކާ ވިސްނާކަން އިނގި ސަލީމް ކިހިނެއްވީތޯ ސުވާލު ކުރިއެވެ.އަހަރެންނަށް ކުއްލިއަކަށް ބޭއިޚްތިޔާރުގައި ބުނެވުނެވެ.“ސަލީމްގެ އަންހެނުންނާ އަހަރެންގެ ފިރިމީހާ ލޯބީގެ ގުޅުމެއް ހިންގި ހެއްޔެވެ؟“
މިހެން ބުނުމުން އޭނަ ދިޔައީ ސިއްސައިގެންނެވެ. އަދި ހައިރާންވެފަ އަހަރެންނާ ދިމާލަށް ބަލަހައްޓައިގެން އަނގަ ހުޅުވިފަ ހުއްޓެވެ. އެންމެ ފަހުން ބުންޏެވެ. ”މަރީއަށް އަހުމަދު ކިޔާ ނުދޭ ހެއްޔެވެ.؟“.އަހަރެންގެ ނަން މީނަޔަށް އިނގުނީ ކިހިނެއްތޯ ސުވާލުކުރަންވެސް އެވަގުތު ހިތަކަށް ނޭރިއެވެ.
އަހަރެންގެ ދުނިޔެ އެނބުރެން ފަށައިފި އެވެ.ތަނެއްގަ ނުހިފެހެއްޓިނަމަ އަހަރެން އެވަގުތު ހުރިތަނަށް ވެއްޓުނީހެވެ. އަހަރެންގެ ޝައްކު އެހެންވީމަ ޔަގީން ވީއެވެ. ދެލޮލުން ކަރުނަ ފޮހެލުމަށް ފަހު އެންމެ ފަހުން ބުނީމެވެ. ”ނޫނެކެވެ. އަހުމަދު އެއްވެސް ވާހަކައެއް ކިޔައެއް ނުދެއެވެ. ސަލީމް އަށް ހުރިހާކަމެއް އެނގޭ ކަމަށް ހީވެއެވެ.އަހަރެންނަށް ތިޔަވާހަކަ ކިޔާދޭންވީ ނޫން ހެއްޔެވެ.“
އަހަރެން އިށީނުމަށް ގޮނޑިއެއް ދެއްކުމަށްފަހު އޭނާގެ ވާހަކަ ކުރިޔަށް ގެންދިޔައެވެ.
’ފުރަތަމަ ވާހަކައަކީ އަހުމަދާ އަހަރެންގެ އަންހެނުން އައިޝާ ލޯބީގެ ގުޅުމެއް ނުހިންގައެވެ.އެއީ އެއްބަނޑު އެއްބަފާ ދެބެންނެވެ.ލިލީ އާއި އެމާ އެހާ ވައްތަރީ އެހެންވީމައެވެ.ދެކުދިންވެސް ކުދިންގެ މާމަޔާ ވައްތަރުވީމައެވެ.“. އަހަރެންގެ ނޭވާ ހުއްޓުނު ކަހަލަ އެވެ.ސަލީމް ވާހަކަ ކުރިޔަށް ގެންދިޔައެވެ. ”އަހަރެންގެ އަންހެނުން އައިޝާ ވަނީ މިދިއަހަރު މަރުވެފައެވެ.“އަނެއްކާވެސް އަނެއް ޝޮކެވެ.
”ފެށުނު ހަމައިން ކިޔާދޭނަމެވެ“
”އަހަރެންނަކީ ކުރިން ވަރަށް ބޮޑު ނިކަމެތި ފަގީރަކީމެވެ.ނިކަމެތި އާއިލާއަކަށް ނިސްބަތްވާ މީހަކީމެވެ.އެއާއި ޚިލާފަފަށް މަރީ އަށް ވެސް އެނގޭ ފަދައިން އަހުމަދުގެ އާއިލާއަކީ މާލޭގެ އެންމެ މުއްސަދި އެއްއާއިލާ އެވެ.އަހަރެންނާ އައިޝާ އިނީ އާއިލާގެ ނުގަބޫލުގައެވެ.އަހަރެންނާ އިނުމުން އެއާއިލާގެ އެންމެންވަނީ އައިޝާ އާއި ވަކިވެފައެވެ.ދުވަހަކުވެސް ވާހަކަ ނުދެއްކުމަށް އަހުމަދުގެ މައިންބަފައިން ވަނީ ހުރިހާކުދިންނަށް އަންގާ ޝަރުތު ކޮށްފައެވެ.“
”އާއިލާއާއި ވަކިވި ނަމަވެސް އައިޝާ އަހަރެންދެކެވީ ލޯތްބަކަށް ބަދަލެއް ނާދެއެވެ.އާއިލާގެ މީހަކާ ބައްދަލް ނުވުން ފިޔަވާ ލިބޭ ދެރައެއް ނެތެވެ. އަހަރުމެން ދެމީހުންގެ ހަޔާތް އެހެން ހުރިހާ ގޮތަކުން ވަރަށް ފުރިހަމައެވެ.އަހަރެންގެ މަސައްކަތުން މިއަދު އަހަރެންނަކީވެސް ބޮޑު ކުންފުންޏެއްގެ ވެރިއަކީމެވެ.ބޭނުންކަމެއް ބޭނުންވަގުތަކު ކޮށްލެވޭހާ މުއްސަނދިކަން މިއަދު އަހަރެންނަށް ވަނީ ލިބިފައެވެ.“
”މިގޮތުގައި ހަޔާތުގެ ދުވަސްތައް ގުނަމުން ދަނިކޮން އައިޝާ ކުއްލިއަކަށް ބަލިވެއްޖެއެވެ. އަހަރެން އޭނާޔަށް ފަރުވާ ކުރުމަށްޓަކައި ދުނިޔޭގެ އެތަން މިތަނަށް އުދުހުނީމެވެ.ނަމަވެސް ސަލާމަތް ކުރެވޭނެ ގޮތެއް ނުވިއެވެ. މަރުވީއެވެ.މަރުވި ފަހުން އަހަރެންނަށް އިނގުނު ގޮތުގައި އޭނާގެ ހަގީގީ ބައްޔަކީ އާއިލާ އާއި ވަކިވުމެވެ.އޭނަވަނީ ހުރިހާ އިހުސާސްތަކެއް ލިޔެފައެވެ. އޭނައެންމެ ލޯބިވާ ކޮއްކޮ މެންނާ އަހުމަދުބެޔާ ވަކިވެގެން އުޅެން ޖެހުމަކީ އޭނާޔަށް ކެތް ކުރެވޭ ވަރުގެ ކަމަކަށް ނުވީއެވެ.“
”މަރުވުމުގެ ކުރިން އައިޝާވަނީ އަހަރެންނަށް ވަސިއްޔަތެއް ކޮށްފައެވެ.އެމާ އާއިލާއާ ގުޅުވާ ދިނުމަށެވެ.އޭނަޔަށް އާއިލާގެ ލޯބިހޯދާ ދިނުމަށެވެ.“
”އަހަރެން ބެލިބެލުމުން އަހުމަދުގެ ގެޔާ ޖެހިގެން ހުރިގެ ހުރީ ވިއްކަން ޖަހާފައެވެ.އެހެން ކަމުން އަވަހަށް އެގެ ގަތުމުގެ އިންތިޒާމްތައް އަހަރެން ކޮށް މިތަނަށް ބަދަލުވީއެވެ.“
”އަހުމަދާ އައިޝާ އަކީ އެންމެ ކުޑަދުވަހުން ފެށިގެންވެސް އެކަކު އަނެކަކުދެކެ ވަރަށް ލޯބިވާ ދެމީހުންނެވެ. އެހެން ކަމުން ފުރަތަމަ އައިޝާގެ ދަރިފުޅަށް އަހުމަދުގެ ލޯބި ހޯދާދިނުމަށް އަހަރެން ވިސްނީމެވެ. އޭގެ ފަހުގަ ދެބެން ގުޅިގެން މަންމައާއި ބައްޕަ އަދި އެހެން ކުދިންނާވެސް މަޑުމަޑުން ގުޅިދާނެތާއެވެ.“
އަހަރެން ހަމަ ބުނާނެ އެކައްޗެއްވެސް ނޭގިފަ އިނީމެވެ.އަހަރެންނަށް އޭރު ރޮވެނީއެވެ.މީވެސް މީހުންގެ ހަޔާތުގައި ދިމާވެފަ ހުންނަ ކަންތަކެވެ. ހަމަ މިފަދަ އޮޅުމެއްގެ ސަބަބުން ކައިވެނި ރޫޅާލާ ހަޔާތް ބަރުބާދު ކޮށްލާ މީހުންވެސް މަދެއް ނޫނެވެ.
ވާހަކަ ނިންމާލުމުން ސަލީމް އަށް ޝުކުރު އަދާކޮށްފަ އަހަރެން އަވަސް އަވަހަށް ގެޔަށް އައިސްފީމެވެ. އަހުމަދު ގޮވައިގެން އަދި އަންނާނެކަމަށް ބުނަމުންނެވެ.
އަހުމަދު އެރޭ ގެޔަށް އައިއިރު ހުރީ ނުތަވަސް މޫނަކައިގެންނެވެ.އޭގެ ބަދަލުގައި އަހަރެން ހުރީ ރީތިކޮށް ފެންވަރާ ނަލަހެދި ތައްޔާރު ވެގެންނެވެ. ގޭތެރެވެސް ސާފުކޮށް އިހުގެ ރީތިކަމަށް ވަނީ ގެނެސްފައެވެ. ގެއިން ކޮއްކޮއެއްވެސް ގެނެސް ގެންނެވެ. މަސައްކަތުގަ އުޅުނު އިރުވެސް އަހަރެންނަށް އުފަލުން ލަވަވެސް ކިޔެނީ އެވެ.ބައެއްފަހަރު ނަށާވެސް ލެވެއެވެ.
ތިންމީހުން އެކުގަ ކައި ނިމިގެން އާދައިގެމަތިން އިރުކޮޅަކު ޓީވީ ބަލާލަން ތިބީމެވެ. ލިލީ ނިދަން ވެއްދުމަށްފަހު ސިޓިންގރޫންގައި އިށީދެ ދެމީހުން ވާހަކަ ފެށީމެވެ.އެންމެ ފުރަތަމަ އަހަރެންނަށް މައާފް ކުރުމަށް އަހަރެން އަހުމަދުގެ ކިބައިން އެދުނީމެވެ. އަދި ވީ ހުރިހާ ކަމެއްގެ ވާހަކަ ކިޔާ ދިނީމެވެ. އަހަރެން ވާހަކަދައްކާ ނިމުމުން އަހުމަދު ފުންނޭވާއެއް ދޫކޮށްލިއެވެ.އަދި މޫނުމަތިން ’ޓެންޝަން“ ފިލާ ރީތިވެއްޖެއެވެ.
އަހަރެންގެ އެންމެ ބޮޑު ޝަކުވާއަކަށްވީ އެވަރުގެ ކަމެއް އަހުމަދުގެ ހަޔާތުގައި ދިމާވެފައިވާއިރު އަހަރެން ކައިރީ ނުބުނެ އޮތީމައެވެ. އަހުމަދު ބުނީ އަހަރެން ކައިރީ ނުބުނީ އަހަރެން ހީކުރާނެ އެއްޗެއް ނޭގޭތީ ކަމުގައެވެ. އަދި ލިލީ ހިމާޔަތް ކުރުމަށް ކަމުގައެވެ.ލިލީގެ ހަޔާތަށް އެކަމުގެ ހިޔަންޏެއް އެޅިދާނެތީ ކަމުގައެވެ.
އެކަމަކު ނިކަން ވިސްނާލަބަލާށެވެ. މިހުރިހާކަމެއް ހާމަވެގެން މިދިޔައީ ލިލީގެ ސަބަބުންނެވެ. ގުދުރަތުގެ ރޭވުންތެރިކަން ކިތަންމެހާވެސް ފުރިހަމައެވެ.
އަހަރެން ބުނަން އޮތް ވާހަކައަކީ ކުރެވޭ ޝައްކެއްގެ މައްޗަށް ހަޔާތް ބަރުބާދު ކޮށްނުލާށެވެ. މިހެންނެވެ.
One Response
މިއީ ވަރަށް ރަނގަޅު ލިއުމެކެވެ. މިއިން ގިނަ ފިލާވަޅުތަކެއް ލިބިގަންނަން ޖެހެއެވެ. އަޅުގަނޑުމެންގެ ތެރޭގައިވެސް މިއީ ވަރަށް ޢާންމު ކަމެކެވެ. ޝައްކާއި ވަހުމްގެ ނުބައިކަން އެނގޭ އިރުވެސް އެންމެ އިތުބާރު ކުރާ ރަހްމަތްތެރިއަކީ އެއީ އެވެ.