ސްރީލަންކާގައި އާންމު އިންތިޚާބު އަވަސްކުރުމަށް މަގުފަހި ކުރުމަށް ޓަކައި އައު ރައީސް އަނުރާ ކުމާރަ ޑިސަނާޔަކަ އެ ގައުމުގެ ރައްޔިތުންގެ މަޖިލީސް އުވާލައްވައިފިއެވެ. ބާވީސް މެމްބަރުންގެ މައްޗަށް އެކުލެވޭ މަޖިލީހުގައި މި ވަގުތު ތިބީ ރައީސްގެ ނެޝަނަލް ޕީޕަލްސް ޕަވާ އަށް ނިސްބަތްވާ އެންމެ ތިން މެމްބަރުންނެވެ.
ރައިސް ވިދާޅުވެފައިވާ ގޮތުގައި އާންމު ރައްޔިތުން މި ވަގުތު ބޭނުންވާގޮތް ހާމަނުވާ މަޖިލީހެއް އޮތުމުގެ ބޭނުމެއް ނެތެވެ.
މިހާރު ހަމަޖެހިފައިވާ ގޮތުން އިންތިޚާބް އޮންނާނީ 14 ނޮވެމްބަރުގައެވެ.އެއީ ކުރިން އިންތިޚާބް އޮންނަން އޮތް ތާރިހަށްވުރެ އެއްއަހަރު ކުރިންނެވެ.
ރައީސް ޑިސަނާޔަކަ މިހާރުވަނީ ޕްރައިމިނިސްޓަރ ގެ މަގާމަށްވެސް ބޭފުޅަކު އައްޔަން ކުރައްވާފައެވެ.އަންހެން ބެފުޅެއްކަމަށްވާ ހަރިނީ އަމަރަސޫރިޔާ އަކީ އެގައުމުގައި ޕްރައިމިނިސްޓަރ ގެ މަގާމަށް އައްޔަން ކުރެވުނު ތިންވަނަ އަންހެން ބޭފުޅާއެވެ.
އަނުރާ ކުމާރަ ޑިސަނާޔަކަ ރައިސްކަމަށް ވަޑައިގެންފައިވަނީ މިދިޔަ ހޮނިހިރު ދުވަހު ބޭއްވުނު ރިޔާސީ އިންތިޚާބް ކާމިޔާބު ކުރައްވައިގެންނެވެ.
މުޅިން އައު މަންޑޭޓް އެއްގެ ދަށުން އަމިއްލަ ޕޮލިސީތައް ހިންގެވުން ފަސޭހަ ކުރެއްވުމަށްޓަކާ މަޖިލީސް އުވަލައްވާ އިންތިހާބް އަވަސްކުރައްވާނެ ކަމަށް ރައިސް ވަނީ ކުރިންވެސް ވިދާޅުވެފައެވެ.
ފަސްއަހަރުގެ ދައުރަކަށް މެމްބަރުން ހޮވުމަށްޓަކާ ސްރީލަންކާގައި އެންމެފަހުން އާންމު އިންތިޚާބް ބާއްވާފައިވަނީ 2020ވަނަ އަހަރުގެ އޮގަސްޓް މަހުއެވެ.
ކޮރަޕްޝަންއާއި ފަގީރުކަން ނައްތާލުމަށް މަސައްކަތް ކުރައްވާނެ ކަމަށް ވިދާޅުވެ ކެމްޕެއިން ކުރެއްވި ޑިސަނާޔަކަ އަށް އޮތް ތާއީދު ފަހަކަށް އައިސްއައީ ވަރަށް ބޮޑަށް އިތުރުވަމުންނެވެ.
2019ވަނަ އަހަރު އޮތް ރިޔާސީ އިންތިޚާބް ގައިވސް ޑިސަނާޔަކަ ވާދަ ކުރެއްވިއެވެ.ނަމަވެސް އޭރު ލިބިވަޑައިގެންނެވީ އެންމެ ތިނެއް އިންސައްތަ ވޯޓެވެ.
ސްރީލަންކާގައި ކެބިނެޓްގެ އެންމެ އިސްފަރާތަކީ ރައީސްއެވެ.މިނިސްޓަރުން ހޮވަނީ މަޖިލީސް މެމްބަރުންގެތެރެއިން ކަމަށް ވާއިރު ޕްރައިމިނިސްޓަރ އަދާކުރައްވާނީ ރައީސްގެ ޑެޕިއުޓީގެ ދައުރެވެ.އަދި ވެރިކަން ކުރާޕާޓީގެ ވެރިއަކީވެސް ޕްރައިމިނިސްޓަރ އެވެ.
އައު ރައީސް ހޯމަ ދުވަހު ހުވާކުރެއްވުމުގެ އިރުކޮޅެއް ކުރިން، ކުރިން ހުންނެވި ޕްރައިމިނިސްޓަރ ދިނޭޝް ގުނަވަރުދަނާވަނީ އިސްތިއުފާދެއްވާފައެވެ.
އައު ޕްރައިމިނިސްޓަރ
އަމަރަސޫރިޔާއަކީ އެންޕީޕީ ޕާޓީން މަޖިލީހުގައި ތިއްބެވި ތިން މެންބަރުންގެ ތެރެއިން އެއް މެންބަރެވެ.ކުރިން ޔުނިވަރސިޓި ލެކްޗަރަރ އެއްގެ ގޮތުގައި މަސައްކަތް ކުރެއްވި އުމުރުފުޅުން 54 އަހަރުގެ އަމަރަސޫރިޔާއަށް ވަނީ ތިން މިނިސްޓްރީ އެއްގެ ޕޯޓްފޯލިޔޯ ވެސް
ހަވާލުކޮށްފައެވެ.އެއީ ޖަސްޓިސް އެޑިޔުކޭޝަން އަދި ލޭބަރ މިނިސްޓްރީ އެވެ.