އަނެއްކާވެސް މާފުށީ ޖަލުގައި ގައިދީއަކު ދަންޖެހިގެން މަރުވެއްޖެއެވެ.
މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން ބުނީ މާފުށީ ޖަލުގައި ޝަރީޢަތް ނިމެންދެން ބަންދުކޮށްފައި ހުރި މާލޭ ގ. އެއްތެޔޮމާގޭ ޢަބްދުލް ޣަނީ އިސްމާޢީލް (62 އަހަރު) މިއަދު ދަންޖެހިގެން މަރުވެފައިވާ ކަމަށެވެ.
އޭނާ ދަންޖެހިފައި ހުއްޓާފެނިފައި ވަނީ މިއަދު ހެނދުނު 6:52 ގައެވެ. ކަރެކްޝަނުން ބުނީ ޢަބްދުލް ޣަނީ ގޮޅީގައި ދަންޖެހިފައި ހުއްޓާ ފެނުމުން، ވަގުތުން އޭނާ މާފުށީ ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށެވެ. އަދި ޑޮކްޓަރު ވަނީ 7:21 ގައި ޢަބްދުލް ޣަނީ ނިޔާވެފައިވާކަމަށް ކަނޑައަޅާފައި ކަމަށް ކަރެކްޝަނުން ބުނެފައި ވެއެވެ.
ޢަބްދުލް ޣަނީ އިސްމާޢީލް ނިޔާވުމާ ގުޅިގެން ކަރެކްޝަނުން ވަނީ އެ ކަން އެމްސީއެސްގެ ޕްރޮފެޝަނަލް ސްޓޭންޑަޑް އިން ތަހުގީގު ކުރަން ފަށާފައެވެ.