ދުނިޔޭގެ އާބާދީގެ ތިންބައިކުޅަ އެއްބަޔަކީ އިންޓަރނެޓްގެ ޚިދުމަތާ ނުލާ ދިރިއުޅެމުންދާ މީހުން:ރައީސް މުޢިއްޒު

Loading

September 24, 2024
sandhaanu news
Facebook
Twitter
WhatsApp

ދުނިޔޭގެ އާބާދީގެ ތިންބައިކުޅަ އެއްބަޔަކީ އިންޓަރނެޓްގެ ޚިދުމަތާ ނުލައި ދިރިއުޅެމުންދާ މީހުން ކަމަށް ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ، ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މުޢިއްޒު މިހެން ވިދާޅުވީ އެމެރިކާގައި ކުރިއަށް ދިޔަ ސަމިޓް އޮފް ދަ ފިއުޗަރ ”އިންޓަރެކްޓިވް ޑައެލޮގް 3؛ ޓުވަރޑްސް އަ ކޮމަން ޑިޖިޓަލް ފިއުޗަރ“ގެ ކޯ-ޗެއަރގެ ޙައިސިއްޔަތުން، ރިޔާސަތު ބަލަހައްޓަވައި ވާހަކަފުޅުދައްކަވަމުންނެވެ.

ރައީސް ވިދާޅުވީ ދުނިޔޭގެ އާބާދީގެ ތިންބައިކުޅަ އެއްބަޔަކީ އިންޓަރނެޓްގެ ޚިދުމަތާ ނުލައި ދިރިއުޅެމުންދާ މީހުންކަމަށާ، އެކަމުގެ ސަބަބުން ވަކިން ޚާއްޞަކޮށް ، ތަރައްޤީވަމުން އަންނަ ޤައުމުތަކުގައި ތަރައްޤީ އާއި ޢަދުލުއިންޞާފަށް ހުރަސް އެޅޭކަމަށެވެ.

މިގޮތުން ރައީސް ވަނީ އެއްވެސް މީހަކު ބާކީ ނުވާނެކަން ކަށަވަރު ކުރެވޭނޭ ފަދަ ސިޔާސަތުތަކެއް އެކުލަވާލުމަށް ގޮވާލައްވާފައެވެ

ހަމައެހެންމެ މިކަމަށް މަގުފަހިވާނެ މައިގަނޑު 3 ކަމެއް އެ މަނިކުފާނު ވަނީ ހުށަހަޅުއްވާފައެވެ.

ފުރަތަމަ ކަމެއްގެ ގޮތުގައި އެ މަނިކުފާނު ފާހަގަ ކުރެއްވީ ޒުވާނުން ބާރުވެރި ކުރުވުމެވެ. އެގޮތުން ޑިޖިޓަލް އިޤްތިޞާދީ ވެއްޓެއްގައި ޒުވާނުން ބާރުވެރިކުރުވާނެ ޙަރަކާތްތަކެއް ފެށުމަށް އެ މަނިކުފާނު ވަނީ ގޮވާލައްވާފައެވެ. އަދި ދޭސީ އީޖާދުތަކަށް ބާރުދީ، އިޤްތިޞާދު ސިންދަފާތުކުރުމަށްޓަކައި ބޭނުންވާ ޑިޖިޓަލް ހުނަރު އާލާކޮށް ތާޒާކުރުމުގެ ދާއިރާ އިތުރަށް ފުޅާކުރުމުގެ މުހިންމުކަން ރައީސް ފާހަގަކުރެއްވިއެވެ.

ދެވަނަ ކަމެއްގެ ގޮތުގައި އެ މަނިކުފާނު ފާހަގަ ކުރެއްވީ ޑިޖިޓަލް އިންފްރާސްޓްރަކްޗަރ ޤާއިމުކުރުމެވެ. އެގޮތުން 2030 ވަނަ އަހަރަށް ކަނޑައަޅާފައިވާ އެޖެންޑާ ފޮރ ސަސްޓެއިނަބަލް ޑިވެލޮޕްމަންޓްގެ އަމާޒުތައް ޙާސިލުކުރުމަށް ޑިޖިޓަލް އިންފްރާސްޓްރަކްޗަރ ބިނާކުރުމުގެ މުހިންމުކަން ފާހަގަކުރައްވައި، ދިވެހިރާއްޖޭގެ ނޭޝަނަލް ސެންޓަރ ފޮރ އިންފޮމޭޝަން ޓެކްނޮލޮޖީން މިހާރުވެސް މި މަސައްކަތް ކުރަމުންދާކަން، ފާހަގަކުރެއްވިއެވެ.

ތިންވަނަ ކަމެއްގެ ގޮތުގައި ރައީސް ފާހަގަކުރެއްވީ ޙައްޤުތައް ރައްކާތެރިކުރުމެވެ. އެގޮތުން އެ މަނިކުފާނު ވަނީ، ހުއްދަ ނެތި އެކްސެސްވެވުމާއި ޑޭޓާ ޕްރައިވެސީ ނުވަތަ މަޢުލޫމާތުގެ ސިއްރު ހިފެހެއްޓުން ފަދަ ކަންކަމުގައި ހުރި ގޮންޖެހުންތަކަށް ޙައްލެއް ހޯދައިދީ، ޑިޖިޓަލް ވެއްޓެއްގައި، މުދަލާއި ޚިދުމަތް ލިބިގަންނަ ފަރާތުގެ ޙައްޤުތައް ޙިމާޔަތް ކުރުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުވާލައްވާފައެވެ. ރައީސް ވިދާޅުވީ ދިވެހިރާއްޖޭގައި، ނޭޝަނަލް ސައިބަރ ސެކިއުރިޓީ އޭޖެންސީއެއް ޤާއިމުކޮށްފައި ވަނީ މިފަދަ ކަންބޮޑުވުންތަކަށް ރިޢާޔަތް ކުރުމަށްޓަކައި ކަމުގައެވެ.

ރައީސްގެ ވާހަކަފުޅު ނިންމަވާލައްވާފައި ވަނީ، ޝާމިލު މުސްތަޤުބަލެއް ކަށަވަރުކުރުމަށްޓަކައި ޑިޖިޓަލް އިންޤިލާބުގެ ބޭނުންހިފުމުގެ މުހިންމުކަމުގެ މައްޗަށް ބާރު އަޅުއްވައި، ޝާމިލު، ވިލުންތެރި އަދި ޢަދުލުވެރި ޑިޖިޓަލް ދުނިޔެއެއް ބިނާކުރުމަށް ދިވެހިރާއްޖޭގެ ފުރިހަމަ އެއްބާރުލުމާއި އެހީތެރިކަން ލިބޭނެކަމުގެ ޔަޤީންކަން ދެއްވަމުންނެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް