ދައުލަތުގެ ދަރަނިހުރީ އަތްނުފޯރާފަށުގައި ކަމަށް ބުނެ އަޑުފަތުރަމުންދަނީ ކުރީގެ ސަރުކާރުން ރައްޔިތުންގެ ލާބަޔާ މަންފާއަށްޓަކައި ފަށްޓާދީފައިވާ މަޝްރޫޢުތަކާއި އަދި މި ސަރުކާރުން ވެފައިވާ ވަޢުދުތައް ފުއްދުމުގައި ދައްކާ ބަހަނާއެއްގެ ގޮތުގައި ކަމަށް ގިނަ ރައްޔިތުން ތުހުމަތު ކުރަން ފަށައިފިއެވެ.
ރައްޔިތުންގެ ތުހުމަތުގެ އިނގިލި މިކަންކަމާދިމާލަށް އަމާޒުވެ ފުރޮޅެންފެށުނީ މިސަރުކާރުން ކަންކުރާގޮތުންކަމަށް ބައެއް ފަރާތްތަކުން ބުނެއެވެ.
ރައްޔިތުން ބުނަމުންދަނީ މި ސަރުކާރުގެ އިސްވެރިންނަށް ކުރާ އިސްރާފުތައް އިތުރުކޮށް ދައުލަތުގެ މާލީ ތަނަވަސްކަން ނަހަމަގޮތުގައި ބޭނުން ކުރަމުންދާތީ ދައުލަތުގެ ޚަރަދުތައް ބޮޑުވަމުން ދާކަމަށެވެ.
އެގޮތުން ރިޔާސީ އިންތިޚާބު ކާމިޔާބު ކުރުމަށްޓަކާ ދައުލަތުގެ ތަނަވަސް ކަން ހުރިމިންވަރަށް ބެލުމެއް ނެތި އޮފީސްތައް އިތުރުކޮށް ގިނަބަޔަކަށް ވަޒީފާދީ ސިޔާސީމަގާމުތައް އިތުރު ކުރުމުން ދައުލަތުގެ ޚަރަދުތައް އިތުރަށް ބޮޑުވަމުންދާނެކަން އެންމެ ކުޑަކުއްޖާވެސް ހެކިވާނެ އެވެ. މި ސަރުކާރުގެ އިސްވެރިންނަކީ ނިކަމެތި ޢާންމު ރައްޔިތުންގެ ނިކަމެތި ޙާލުގެ މައްޗަށް އިޙުސާންތެރި ކަމެއް ނެތް އަމިއްލައެދުމުން ފޯވެފައިވާ މަކަރުވެރި ޙީލަތުން ފުރިފައިވާ ބައެއްކަމަށް ރައްޔިތުން ދަނީ ސިފަކުރަމުންނެވެ.
ދައުލަތުގެ ދަރަނިބޮޑުވެފައިވާ ކަމަށް ބުނެ އެކަން ކުރީސަރުކާރުގެ ބޮލަށް ޖެހުމުގެ ސިއްރަކީ މި ސަރުކާރުންވެފައިވާ ވަޢުދުތައް ފުއްދޭވަރުގެ މާލީތަނަވަސްކަން ދައުލަތުގައި ނެތްކަން ދެއްކުމެވެ. އެހެނަސް ރައްޔިތުންނަށް ފެންނަމުންދާ މަންޒަރާއި އިވެމުންދާ އަޑު ދިމަލެއްނުވެއެވެ.މި ސަރުކާރުގެ އިސްވެރިން ދައުލަތުގެ ފައިސާ ޚަރަދު ކުރަމުންދަނީ ސަޢުދީ ރަސްގެފާނުގެ ފެންވަރުގައެވެ.
ހުސް ގުއިނުދެކޭ ކާޅެވެ. ގުއި ނުދެކޭ ކާޅަކަށް ގުއި ފެނުމުން ހަށްޓަކު ހެޔެއް ނުހުރެއެވެ. ދައުލަތާ ނުބައްދަލު މިހާ ސައިޒު ބޮޑު ސަރުކާރެއް އުފެއްދުމުގެ ބޭނުމަކީ ކޮބާހެއްޔެވެ. މިވެރިން ނާޗަރަންގީ ކުޅޭނެ ފައިސާ ހޯދަނީ ރައްޔިތުން ފެލާލައިގެންނެވެ. އަދިވެސް އެ ހޯދަނީ ރައްޔިތުން އިތުރަށް ފެލާލެވޭނެ މަގެއް ފެނޭތޯއެވެ. ދުނިޔޭގެ ފެންވަރުގައި ޖަލްސާތަކާއި ބައްދަލުވުންތައް ރާވައި ދައުލަތުގެ މާލީ ތަނަވަސްކަން މިވެރިންގެ ޖީބުތަކަށް ކަހާލަނީ ނޫންހެއްޔެވެ.
ރައްޔިތުން ތިބީ ނިދާފައެއް ނޫނެވެ. ހަމަހޭގައެވެ. މިދެންނެވި ބައްދަލުވުންތަކާއި ޖަލްސާތައް ބާއްވައިގެން ދައުލަތުގެ ބަޖެޓުން މިލިއަނުން ހޭދަކުރަމުންދާއިރު ނިކަމެތި ޢާންމު ރައްޔިތުން ތިބީ އަނގަޔާ އަތާދިމާނުވެފައިކަން އެނގިލައްވާ ތޯއެވެ.
އަނގަޔާ އަތާދިމާނުވެ އެތަކެއް ރައްޔިތުން ހަނާވަމުންދާއިރު ދައުލަތުގެ ޚަރަދުގައި ލަވަކިޔާ ގުރޫޕްތައް ގެންގޮސް އެމީހުން ލައްވާ ޚުޝާމަތުގެ ލަވަތައް ކިއުއްވާ ދައުލަތުން ބޮޑު ޚަރަދުކުރުވައި ވައިގެ އުޅަނދުފަހަރު ކުށްޔަށް ހިފާ އެ އުޅަނދު ފަހަރުގައި ދަތުރުކުރަމުންދާއިރު ރައްޔިތުންތިބީ ކޮންފަދަ ނިކަމެތި ޙާލެއްގައިކަން އެނގިލައްވާތޯއެވެ.
ވާނީވެސް އެހެންތާއެވެ. އެ އުޅެނީ ގުއިނުދެކޭ ކާޅަށް ގުއި ފެނުނީމާ ވާހެން ވެގެން ވިއްޔާއެވެ. ޢިއްޒަތާ ލައްޒަތަކީ ތިމާއަށް ދުވަހަކުވެސް ލިބުނު އެއްޗެއް ނޫންކަމުން ކުރިން ގުއިބަލާ ލޮލުންވެސް ރައްޔިތުން ނުބަލާބަޔަކަށް ނާޖާއިޒު ޢިއްޒަތާ ޝާން ޝައުކަތު ލިބުމުން ތިމާއަށް ތިމާ އޮޅޭނެ ތާއެވެ. ދައުލަތް ހިތަކަށް ލިބިގެން ނާޗަރަންގީ ކުޅެމުން ދާއިރު ތިމާގެ ފެންވަރު ތިމާއަށް ވެސް އެނގެނީއެއް ނޫނެވެ. ޢިއްޒަތާ ލައްޒަތުގެ ފޮނިމީރުކަން ފެނުމުން ތިމާގެ މާޒީ ހަނދާންނެތި އިއްޔެ ތިމާގެ ފެންވަރު ދެކެދެނެ ތިބިރައްޔިތުންގެ ކުރިމައްޗަށް ކޯޓުފަޓުލޫނުގައި ސައްޔިދު ކިލެގެފާނު ހެދިގެން ނުކުތެއް ކަމަކު ރައްޔިތުންގެ ހިތްތަކުން ޙަގީގީ އިޙުތިރާމެއް ނުލިބޭނެއެވެ.
ޢިއްޒަތްތެރި ރައީސޭ ކިޔަނީ ކިޔާހިތަކުން ނޫނެވެ. ލައްޒަތާ ޖާހަތަށްޓަކައެވެ. ރިޝްވަތާ ޚިޔާނާތުގައި ޝިކާރަވެފައިވާތީވެސް މެއެވެ. ލަދަކީ މަތިވެރި މާތް އިންސާނުންގެ ކިބައިގާ ލައްވާފައިވާ ސިފައެކެވެ. ވަކަރުގޭ ކުދިންގެ ކިބައިގާ އެ ސިފަ ހުރުމަކީ މުސްތަޙީލު ކަމެކެވެ. އިއްޔެ ވަގެއްގެ ލަގަބު ލިބިގެން ދިޔަ މީހަކަށް މިއަދު ޢިއްޒަތުގެ ލަގަބު ދެއްވަންވެސް ﷲ ކުޅުދުންވަންތައެވެ. އެހެނަސް ތިމާއަށް ތިމާއޮޅި ތިމާގެ ގެއްލިފައިވާ އަބުރު ރައްޔިތުންގެ ހިތްތަކުން ފޮހެވިގެން ދިއުމަކީ ނާދިރު ކަމެކެވެ.
ސަރުކާރުގެ ގިނަ އިސްވެރިންނަކީ ކޮންމެވެސް ސަރުކާރެއްގައި ރައީސާހަމައިން ފެށިގެން ވައްކަން ކުރުމުގެ ސަގާފަތެއް އޮތްބައެކެވެ. އެ ވެރިންނަކީ ފައިސާ ހޯދުމުގައި ޙަރާމެއް ޙަލާލެއް ބަލަން ބޭނުންވާ ބައެއްނޫނެވެ. ފައިސާގެ ރަނގަޅު ޢަދަދެއް ވިއްޔާ ކޮންމެ ގޮތަކަށް ލިބުނަސް ބޭނުންކުރުމަކީ ހަލާލުގޮތެއް ކަމަށް އެ ވެރިން ދެކެއެވެ. އެމީހުންނަކީ ﷲ ގެ ކުރިފުޅުމައްޗަށް ޙާޟިރު ކުރެވޭނެ ބައެއްކަމާ އެ ފައިސާ ހޯދި ގޮތާއިބެހޭ ގޮތުން ސުވާލު ކުރެވޭނޭކަން އެ ވެރިންނަކަށް ނޭނގެއެވެ.
އިއްޔެ ރާއްޖެއަށް މަޝްހޫރު ވަގެކެވެ. ސަރުކާރުގެ ޢިއްޒަތް ދީފައިވާ މަގާމެއް ލިބުމުން މިއަދު ރާއްޖެއަށް މަޝްހޫރު ޢިއްޒަތްތެރިއަކަށް ވާނެހެއްޔެވެ. އެހެނަސް އޭނާ ގަބޫލުކުރަނީ ތިމަންނާއަކީ ޢިއްޒަތްތެރިއެއް ކަމުގައެވެ.
ދައުލަތުގެ ބައިތުލްމާލުގައި ބޯކޮށް ރުފިޔާ އެބަހުއްޓެވެ. އެހެނަސް އެ ފައިސާއިން ރައްޔިތުންގެ އަސާސީ ޙައްގުތައް ފުރިހަމަކޮށް ދިނުމުގެ އެއްވެސް ޚިޔާލާތެއް ހަކުރު ރުނބަޔަށް އެރެވިފައިވާ އެއްވެސް ހިންޏެއްގެ ހިތަކު ނެތެވެ. އެކަމުގެ ހިތިކަން ފެންނާނީ ފަހުންތާއެވެ.ހޭ ނެތުމުން އެހެވެސް ވާނެއެވެ.ހޭވެރިކަން ވާނީ ރުނބައި ނޭރުނީމަތާއެވެ. ހާމާނަށްވެސް ޖެހުނީ އެ ދަތުރެވެ.