އަހަރެންގެ ނަމަކީ މަރީއެވެ. އުމުރުން އަދި މިވީ އެންމެ 35 އަހަރުނަމަވެސް އަހަރެންގެ ހަޔާތުގައިވަނީ ބޮޑު ހިތާމައެއް އުފުލަންޖެހިފައެވެ. އަދިވެސް މިދަނީ ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލަމުންނެވެ.އެކަމަކު އަހަރެން ކެތް ކުރާނަމެވެ.
އުމުރުން 31 އަހަރުގައި، ޅައިރު އެންމެ ލޯބިން އިން ފިރިމީހާވަނީ މިދުނިޔެ ދޫކޮށްފައެވެ.އޭރު އަހަރުމެންގެ އުމުރުން އެއްއަހަރާ 3އަހަރުގެ ކުޑަކުޑަ ދެކުދިން ތިބެއެވެ. ކުއްލި ބައްޔެއްގައި ފިރިމީހާ މަރުވުމުން އަހަރެންވެސް މަރުވި ކަހަލައެވެ. ރޮމުން ގިސްލަމުން އަހަރެންގެ މަންމަ ކައިރީ ބުނީމެވެ.މިހިތާމަ ޔަށް އަހަރެން ކެތް ކުރާނީ ކިހިނެއް ހެއްޔެވެ. އަހަރެންވެސް ބޭނުމީ މަރުވާށެވެ. މަންމަ އަހަރެންގައިގަ ބާރަށް ބައްދާލުމަށްފަހު ބުންޏެވެ. ނޫނެކެވެ. އެހެން ހަދައިގެން ނުވާނެއެވެ. އޭރުން އެތިބަ ކުޑަކުޑަ ދެބެންނަށް ވާނީ ކިހިނެއް ހެއްޔެވެ. މިހިތާމަވެސް ދާދި އަވަހަށް މާޒީ އަށް ހިނގައިދާނެއެވެ. މިވަގުތު ހަދަންވީ ގޮތަކީ ފަހަރަކު އެއްދުވަސް ކުރިޔަށް ގެންދާނީއެވެ.ދަރިފުޅަކީ ހިއްވަރުގަދަ ކުއްޖެކެވެ. އަދިވެސް ހިއްވަރު ގަދަ ކުރާށެވެ. މިހެން ބުނެ ފިރުމަމުން ގެންދިޔައެވެ.
މިހިތާމައިގައި އަހަރެންގެ ނަގިއްޔަކަށް ވީ އަހަރެންގެ މަންމައެވެ.ދެބެން ބެލުމާ އެހެންވެސް ގޭތެރޭގެ ކަންތަކުގައި މަންމަ ވަރަށް ބޮޑަށް އެހީތެރިވެދިނެވެ. އަހަރެންވެސް ކުޑަކުޑަ އާއިލާ ކޮޅަށް ޖެހުމުގެ އަޒުމުގައި ކުރިޔަށް ދެވޭތޯ ހިއްވަރު ކުރީމެވެ.
ދެކުދިންވެސް ވަރަށްވެސް ލޯބިލޯބި ފުރިހަމަ އިންސާނުންގެ ގޮތުގައި ބޮޑުވަމުން އާދެއެވެ.އެއްކުއްޖަކީ ފޮތް ކިއުމަށާ ކިޔެވުމަށް ލޯބިކުރާ ކުއްޖަކަށް ވާއިރު ހަގުދަރިފުޅު ބޮޑުވަމުން އައީ އުފާވެރި ކޮކާލެއް ހެންނެވެ.އޭނާއަކީ އެންމެންދެކެވެސް ލޯބިވާ އެންމެނާވެސް ގުޅޭ އުފާވެރި މިޒާޖެއްގެ ކުއްޖެކެވެ. ދެކުދިންނަށް މަންމައާއި ބަންޕަގެ ލޯބިދެމުން ހަޔާތުގެ ދުވަސްތައް ގުނަމުން ދެވޭތޯ އަހަރެން ހިތްވަރު ކުރީމެވެ.
އަހަރެންނަކީ ގާނޫނީ ދާއިރާއިން ކިޔަވާ ފާސްނަގައިގެން ހުރި މީހަކަށް ވާތީ ދާދިއަވަހަށް ވަޒީފާއެއްހޯދައިފީމެވެ. އަދި ހަޔާތް މަޑުމަޑުން ”ނޯމަލް“ ވާން ފަށައިފިއެވެ.
މިހާރުގެ ފިރިމީހާ އަހުމަދާ އަހަރެން ބައްދަލްވީ ވަޒީފާ އަދާކުރާތަނުންނެވެ. މާލޭގެ މުއްސަނދި އާއިލާ އަކަށް ނިސްބަތްވާ، ކިޔަވައިގެންހުރި ވަރަށްވެސް އަޚްލާގު ރަގަޅު ޒުވާނެކެވެ. ދެމީހުން ބައްދަލްވީ އަހަރެންގެ ފުރަތަމަ ފިރިމީހާ މަރުވިތާ ދެއަހަރު ފަހުންނެވެ. ދެމީހުންގެ މެދުގައި އެންމެ ފުރަތަމަ ދުވަހުން ފެށިގެންވެސް ވަރަށް އެހެންކަހަލަ ގާތްކަމެއް އުފެދުނުކަން ފާހަގަވެއެވެ. ރަހުމަތްތެރިކަމެއް އުފެދި އެކަން ލޯބީގެ ގުޅުމަކަށް ބަދަލުވީ ދެމީހުންނަށްވެސް ނޭނގި ކަމަށް ބުނެވިދާނެއެވެ. އެންމެ ފަހުން އަހުމަދު އަހަރެން ކުރެން އިންނަން އަހައިފި އެވެ.އެއީ އަހަރެން ވަރަށް އުފާވިދުވަހެކެވެ.
އެހެންނަމަވެސް މިކަމުގައި އަހަރެން އިސްކަން ދިނީ އަހަރެންގެ ކުޑަކުޑަދެބެންނަށެވެ. އެކުދިންދެކެ ލޯބިވާ ކުދިންވެސް ގަބޫލު މީހަކާ ނޫނީ ނުއިނުމަށް އަހަރެން ނިންމީމެވެ.އެހެން ކަމުން ހަފްތާ ބަންދެއްގައި އަހަރެންގެ ގޭގައި ކުދިންނާއެކު ދުވަސް ހޭދަ ކޮށްލުމަށް އަހުމަދަށް ދައުވަތު ދިނީމެވެ.
އޭނާ އެދުވަހު ގޭގައި އުޅުމަށްފަހު ދިއުމުން ދޮށީދަރިފުޅު އީމާން ބުންޏެވެ.އަހުމަދުބޭ އަދި އަންނާނެހެއްޔެވެ. އަހުމަދުބޭ ވަރަށް މަޖަލެވެ. އެވަގުތު ހަގަށް ހުރި އީވާ ވެސް ބުންޏެވެ.އެއީ ތެދެކެވެ.އަހަރެންނަށް ޓްރެއިންގ ފުރޮޅުނުލާ ބައިސްކަލް ދުއްވަން ދަސްކޮށްދޭނަމޭ ވެސް އަހުމަދުބޭ ބުންޏެވެ. ދެން އަންނާނީ ކޮންއިރަކުން ހެއްޔެވެ؟
އުފަލުން ފުންމަ ފުންމާތިބެ ދެބެން މިގޮތަށް ވާހަކަ ދެއްކުމުން އަހަރެން ބަލަން ބޭނުންވި ކަންތައް އަހަރެންނަށް ޔަގީން ވިއެވެ.ދެކުދިން އަހުމަދު ބަލައިގަނެފިއެވެ.
އޭގެ ދެތިންމަސް ފަހުން އަހަރެންނާއި އަހުމަދުގެ ކައިވެނި ކުރެވުނެވެ. ހުރިހާކަމެއްވެސް ބަރާބަރެވެ.ވަގުތު ކޮޅަކަށް އެހެން ހީވިއެވެ.
އަހަރުމެންގެ ހަޔާތަށް ބޮޑު ހިޔަންޏެއް އެޅިފައިވާ ކަން އަހަރެންނަށް އިހުސާސްވީ ދުވަސްކޮޅެއް ފަހުނެވެ. އެހިޔަންޔަކީ އަހުމަދުގެ މަންމައެވެ.އަހަރެންގެ މައިދައިތަ ފަރީދާއެވެ.
އަހަރެންނާ އަހަރެންގެ ދެކުދިންދެކެ ފަރީދާ ހިތްހަމަ ނުޖެހޭކަން އަހަރެންނަށް ދާދި އަވަހަށް އިހުސާސް ކުރެވިއްޖެ އެވެ.އެކަނިވެރި މައިންނާ މެދު އޭނާގެ ހިތުގައި ނަފްރަތެއް އޮންނަ ކަމަށް ވެއެވެ. އެއާއެކު އަހަރެންގެ ދެބެންނަކީ އޭނާގެ އާއިލާ އަށް ނިސްބަތް ނުވާ ދެކުދިންކަމަށް އޭނާ ހުރީ ފުރަތަމަ ދުވަހުން ފެށިގެން ވެސް ނިންމައިގެންނެވެ.
”އެއީ އަހަރެންނާ ލޭގެ ގުޅުމެއް އޮތް ކުދިންނެއް ނޫނެވެ. އެހެންވީއިރު އަހަރެން އެކުދިންގެ މާމަޔަށް ވާންވީ ކީއްކުރަން ހެއްޔެވެ“އެއްފަހަރު އަހަރެންނާ ދިމާލަށް ބުނަންވެސް ބުންޏެވެ.
އަހަރެން ކެތްތެރިކަން އިސްކުރުމަށް މަސައްކަތް ކުރީމެވެ. އަދި ބުނީމެވެ.“އެދެބެން އެވަނީ މިއަދު އަހުމަދު ދަރިންގެ ގޮތުގައި ބަލައިގަނެފައެވެ.އެހެންވީއިރު އެއީވެސް މިއާއިލާއަށް ނިސްބަތްވާ ކުދިނެވެ.“ މިހެން ބުނުމުން ލޮލަށް ގޮތެއް ހަދާލުމަށް ފަހު އެފަހަރު މަޑުން އިނދެއްޖެ އެވެ.އެހެން ނަމަވެސް އެކަން އޭނާ އަންނަނީ އެކިފަހަރުމަތިން ހަނދާން ކޮށްދެމުންނެވެ.
އާއިލާގެ އެންމެން ކެއުމަށް އިންސާފް ކުރުމަށް މޭޒުވަށައިގެން ތިބި ދުވަހަކު ފަރީދާ ބުންޏެވެ.އަހުމަދު އެކުރީ ވަރަށް ބޮޑު ޚައިރާތެއްފަދަ ކަމެކެވެ.އެހެން ނޫނީ މިއޮއް ޒަމާނުގައި އެހެން މީހެއްގެ ކުދިންނާ ހަވާލުވާނީ ކާކުހެއްޔެވެ؟“ އެވަގުތު އަހަރެންގެ މޫނުގައި ހީވީ މީހަކު ޖެހިހެންނެވެ. އަމިއްލަ ދަރިޔާ ދިމާލަށް މިފަދަ އެއްޗެތި ބުނާނީ ކޮންކަހަލަ މަންމައެއް ހެއްޔެވެ.
އަހަރެން އެއްޗެއް ބުނުމުގެ ކުރިން އަހުމަދު ބުނެފިއެވެ.“މަންމާތީ ދެން ބޮޑުވަރެކެވެ. އަހަރެން މަރީ އާއި އޭނާގެ ދެކުދިން ދެކެލޯބިވެއެވެ.އެހެންވީމަ މިއަދު އެމީހުންނަކީ އަހަރެންގެ ފެމިލީއެވެ. މީގެ ފަހުން ތިގޮތަށް ވާހަކަ ނުދައްކައްޗެވެ.“
އޭގެ ފަހުން އެފަދަ އެއްޗެއް ނުބުނެ ހުއްޓެވެ.އަހަރެންވެސް ބަލަނީ އޭނަގެ ހިޔަނިވެސް ކުރިނުކަނޑާ އުޅެވޭތޯ އެވެ.
މިހެން އުޅެނިކޮން އެއްދުވަހަކު ފަރީދާ ބުނެފިއެވެ. ފެލިލީ އެއްކޮށް އައްޑޫ ގެ ރިސޯޓަކަށް ދަތުރެއް ކުރުމަށް ވަނީ ރާވާފައެވެ.ޓިކެޓް ބުކް ކުރުމަށް އަހަރެންގެ ކުދިންގެ މައުލޫމާތުވެސް އެހިއެވެ. އަހަރެން ހީކުރީ މީނަ މަޑުމަޑުން ރަގަޅުވަނީ ކަމަށެވެ.
ފުރާ ދުވަސް ޖެހިއްޖެ އެވެ.އެންމެން އެއްބަސްވީ އެއާޕޯޓުން ބައްދަލް ކުރުމަށެވެ.އަހުމަދުގެ ދައްތަ އާއި އޭނަގެ ދެބެންވެސް އޮތީ ދަތުރުގައި ބައިވެރިވާ ގޮތަށެވެ. ހުރިހާކަމެއް ދިޔައީ ވަރަށް އޮމާން ކޮށެވެ.
ޓިކެޓް ނެގުމަށް ޗެކްއިން ކައުންޓަރަށް ދިއުމަށްފަހު ކުއްލިއަކަށް ފަރީދާ ގުދުވެލާފަ އަހަރެންގެ ކަންފަތް ކައިރީގައި ބުންޏެވެ.“އަވަހަށް ފަސްހާސް ރުފިޔާ ދޭށެވެ.އެހެން ނޫނީ ކަލޭގެ ދެބެންނަކަށް ނުދެވޭނެއެވެ.ލާރި ނުދީފިއްޔާ އަހަރެން ބުނާނީ އެކުދިންގެ ޓިކެޓް ގެއްލުނީ ކަމުގައެވެ.މިއީ ފެމިލީ ދަތުރެކެވެ.އެދެކުދިންނަކީ މަގޭ ފެމިލީ އެއްނޫނެވެ.“
އަހަރެންނަށް މިއިވުނު އެއްޗެއް ގަބޫލުކުރަންވެސް ދަތިވިއެވެ.“ތިޔަބުނީ ކީކޭ ހެއްޔެވެ؟“ އަހަރެންނަށް އަހާލެވުނެވެ.މިހެން އެހުމުން ދެވަނަ ފަހަރަށްވެސް މައިދައިތަ ބުންޏެވެ.“ފަސްހާސްރުފިޔާ ދޭށެވެ. ނޫނީ އެކުދިންނަކަށް ނުދެވޭނެއެވެ.“
ފުރަތަމަ އަހަރެންގެ ހިތަށް އެރީ ދެކުދިންގެ އަތުގަ ހިފައިގެން އެތަނުން ދިއުމަށެވެ.ނަމަވެސް ކުޑަކޮން ވިސްނާލުމަށްފަހު އެހެން ހެދިޔަސް މަސްއަލަ ހައްލުނުވާނެކަން އިނގި ދަބަހުން އެފައިސާ ނަގާފަ ދީފީމެވެ.
ފަރީދާ އަށް ފިލާވަޅެއް ދެވޭނެ ގޮތަކާމެދު ފަލައިޓް މަތީގައިވެސް އަހަރެން ވިސްނީމެވެ.
ދަތުރު ވަރަށް ފުރިހަމަ އެވެ.ވަރަށްވެސް މަޖަލެވެ.އައްޑޫ ސިޓީގެ ވަރަށް ރީތި ވަރަށް ފުރިހަމަ ރިސޯޓެކެވެ. ދެކުދިންވެސް ތިބީ ވަރަށް އުފަލުންނެވެ.
ފުރަތަމަރޭ ރޭގަނޑުގެ ކެއުމަށް އެންމެންވެސް އަރާތިބީ ވަރަށް އުފަލުންނެވެ.ކެއުންތައްވެސް ވަރަށް މީރެވެ. އިރުކޮޅަކުން އެއްކަލަ މައިދައިތަ ފަށައިފިއެވެ. ފެމިލީއެއްކޮން މިދަތުރު އާދެވުނީތީ އުފާކުރާކަމަށް ބުންޏެވެ. ނަމަވެސް ފެމިލީއަށް ނިސްބަތްވަނީ އަދި ނިސްބަތް ނުވަނީ ކޮންބައެއްކަން އަހަރުންނަށް އިނގޭ ކަމަށް ބުންޏެވެ. މިހެން ބުނުމުން އެންމެން ތިބީ ޒާތަކަށް ޝޮކްގައެވެ. މިހާ ހާމަކޮން އޭނަ މިވާހަކަ ދެއްކި މީ ފުރަތަމަ ފަހަރެވެ.އަހުމަދުވެސް ހާސްވެގެން އަހަރެންނާ ދިމާލަށް ޒާތަކަށް ބަލާލިއެވެ.
އަހަރެންނަށް މަޑަކުން ނީނދެވުނެވެ. އަހަރެންވެސް ވަޅިން ތަށީގައި ޖަހާލުމަށްފަހު ބުނީމެވެ. ”ތިޔަބުނީ ވަރަށް ބޮޑު ތެދެކެވެ.އާއިލާއަށް ވުރެ މުހިންމު އެއްޗެއް އޮވެގެން ނުވާނެއެވެ. އެކަމަކު ބުނަންހެއްޔެވެ.އާއިލާ ގުޅުވަން އެންމެ ބޮޑު މަސައްކަތެއް ކުރަންޖެހޭނެ މީހަކީ އާއިލާގެ މަންމަ އެވެ.އާއިލާ ބައިބައިކުރަން މަސައްކަތް ކޮށްގެން ނުވާނެއެވެ. މަންމައަކީ ވަރަށް މުހިންމު މީހެކެވެ.އެހެންވެ އަހަރެންގެ ހަދިޔާއެއް މަންމަޔަށް އެބައޮތެވެ.“
އޭނަޔަށް އެއްޗެއް ނުބުނެވިގެން އުޅެނިކޮށް އަހަރެން އަތުން ފައިސާ އަތުލަން ޑިމާންޑްކޮށް އޭނާދެއްކި ވާހަކައިގެ ރިކޯޑިން އަހަރެންގެ ފޯނުން އެންމެނަށް އިވޭވަރަށް އިއްވާލީމެވެ.
އެވަގުތު ފަރީދާގެ މޫނު ހުދުވެގެން ދިޔައެވެ.އެންމެން ތިބީ ކެއުން ހުއްޓާލައިގެން އަޑުއަހާށެވެ. ބައްޕަޔާ އަހުމަދުގެ ފިރިހެން އަދި އަންހެން ކޮއްކޮއިންނާއި ދައްތައެވެ.
ރިކޯޑިންގ ނިމުމަށްފަހު އަހަރެން ބުނީމެވެ.މަންމަ މިފަދަ ކަމެއް ކޮށްފާނެ ކަމަށް އަހަރެންނަށް ގަބޫލުވެސް ނުކުރެވެއެވެ. މިތަނަށް އައިސް ބެލި ބެލުމުން އަހަރެންނަށް އެނގުނީ އަހަރެންގެ އަތުން އަތުލި ފައިސާއިން މަންމަ އަމިއްލަ ކޮޓަރި މަތީފަންތީގެ ކޮޓަރިއަކަށް ބަދަލު ކޮށްފައިވާ ކަމެވެ.އެހެން ކަމުން އަހަރެންވެސް މިވަނީ ބަދަލެއް ގެނެސްފައެވެ. އެއީ އަހަރެންގެ ފައިސާ ކަމުން މަތީފެންވަރުގެ ޑިލަކްސް ކޮޓަރި ހައްގުވަނީ އަހަރެންނަށާ އަހުމަދާ ކުދިންނަށެވެ.މަގޭ ފެމިލީ އަށެވެ.އެކޮޓަރީގެ ހުރިހާ ޚަރަދެއްވެސް ކުރާނީ މަންމަ އަތުލި މަގޭ ލާރިންނެވެ.“
ފަރީދާ ހަމަ ބުނާއެއްޗެއްވެސް ނޭނގި،އަނގަ ހުޅުވިފައި އިނެވެ. އަހުމަނދުގެ ދައްތަވެސް ދިގުރާގެއްލާފަ މަންމާ އޭ ބުނުމަށްފަހު ބޮލުގައި އަތުންހިފަހައްޓާލައިގެން އިނެވެ. އަދި ”މަރީ ސޮރީ“ އޭ ބުންޏެވެ.ބައްޕަވެސް އަދި ކޮއްކޮ މެންވެސް ހަމަ އެކައްޗެއްވެސް ނުބުނެ ތިއްބެވެ.
މައިދައިތަ އިރުކޮޅަކު އިނދެފަ ބުންޏެވެ.އެއީ އަހަރެން ސަމާސައަކަށް ކުރި ކަމެކެވެ.
އިރުކޮޅަކުން އަހުމަދު އަތްތިލަބަޑި ޖަހަން ފަށައިފިއެވެ. އެއާއެކު މޭޒުގައިތިބި އެންމެން ވެސް އަތް ޖަހަން ފަށައިފިއެވެ.
ދުރުގައި ވަކި މޭޒެއްގައިތިބި ކުދިން ވެސް މަޖާކަމެއް ވީކަމަށް ހެވިފަ ތިބެ އަތުވެއްޖެއެވެ. ނަމަވެސް ކަމެއް ނުވާކަމަށްބުނެ އަނބުރާ ކުދިންގެ މޭޒަށް ފޮނުވާލީމެވެ.
ދަތުރުން އެނބުރި މާލެ އައުމަށްފަހު އަހުމަދުވެސް ބަދަލެއް ގެނައެވެ.އަހަރުންގެ ކުޑަކުޑަ ފެމިލީ އަށް ވަކި އެޕާޓްމަންޓެއް ހޯދުމެވެ.މިހެން ހަދަން އުޅުމުންވެސް ފަރީދާ ވަރަށް މައްސަލަ ޖެއްސިއެވެ. ނަމަވެސް އަހުމަދު އެއަޑެއް ނޭހިއެވެ.
މިހާރު އަހަރެންނާއި އަހުމަދުގެ ކައިވެންޏަސް ދެއަހަރުވެއްޖެއެވެ. މައިދައިތަގެ މާބޮޑު އުނދަގުލެއް މިހާރަކު ނުޖެހެއެވެ.ނަމަވެސް މިއީ އިންސާނީ ހަޔާތްކަމުން ފަހަރަކު ކަމެއް ކުރިމަތިވަމުން ދެއެވެ.
މިހާރު ކުރިމަތިވެގެން މިއުޅޭ ކަމަކީ އަހަރެންގެ ކޮކާލެއްފަދަ ލޯބިލޯބި ހަގު ދަރުފުޅު ބަލިވުމެވެ.(ނިމުނީ)