ޤައުމެއްގެ ބިންގަލަކީ އެ ޤައުމެއްގެ ޒުވާނުން

Loading

Facebook
Twitter
WhatsApp

ގައުމެއް ބިނާކުރެވޭނީ ޢިލްމީ ހުނަރުވެރި ގާބިލް ޒުވާން ޖީލެއް އުފަން ކުރެވިގެންނެވެ. ގައުމުތަކުގައި ސްކޫލްތަކާއި ކޮލެޖެތަކާ ޔުނިވަރސިޓީތައް ގާއިމްކުރަނީ މިދެންނެވިފަދަ ޖީލެއް ބިނާކުރުމަށްޓަކައެވެ. މުދައްރިސުންގެ ދުވަހެއް ފާހަގަ ވެގެންދާއިރު މިރާއްޖޭގެ ސްކޫލްތަކުން ފާސްނުވެގެން ކަނޑާލާ ދަރިވަރުން ދުވަހެއް ދުވަހެއް އިތުރުވަމުން ދިއުމުގެ ސިއްރަކީ ކޮބައިތޯ މުދައްރިސުންނާ ސުވާލުކޮށްލަން އެބަޖެހެއެވެ.

މިސުވާލު ކޮށްލުމުގެ ކުރިން މިކަމަށްޓަކާ ދިވެހި ރައްޔިތުން ކަނޑުފަޅު ފީނައި ވިއްސާރަޔާ ވަޔާ އަވީގައި ދައު އޮހުރުވައި އަރާމު ނިދިން މަޙުރޫމްވެގެން އެކުރާ ބުރަމަސައްކަތުގެ ޙަގީގީ ބޭނުމުގެ މައްޗަށް ކަޅިއެއް އެއްލަމާތޯއެވެ. ރާއްޖޭގައި ދުނިޔޭގެ ފެންވަރުގެ ސްކޫލެއް ބިނާކޮށްފައި ނުވާ ރަށެއް މަދުވާނެއެވެ. އަދި މިސްކޫލްތަކަށް ރައްޔިތުންގެ ފެންވަރުން ގިނަގުނަ ޚަރަދުތަކެއް ކުރެވެމުން ދާކަން ނުދަންނަ ރައްޔިތަކު ހުންނާނެ ހެން ހީއެއް ނުވެއެވެ. ރާއްޖޭގެ ސްކޫލްތަކަށް މިދެންނެވިފަދަ ޚަރަދުތައް ރައްޔިތުންގެ ޖީބުން އެކުރަނީ ވަރަށް ފޮނި އުންމީދެއް ފޮރުވިފައި އޮތީމައެވެ.

 ގައުމިއްޔަތެއް ބިނާކުރެވޭނީ އެގައުމެއްގައި ގައުމީ ލޯތްބާއި ގައުމީރޫޙާއި ގައުމީޖޯޝް ހުރި ޒުވާން ޖީލެއް ބިނާކުރެވިގެންނެވެ. ގައުމީ ލޯބި ޒުވާނާގެ ހިތުގައި އުފަންވަނީ ގައުމީ އަބުތާލުން އެގައުމަކަށް ގެނެސްދީފައިވާ ގައުމީ މިނިވަންކަމާއި ގައުމަށްޓަކާ ކުރެއްވި މަތިވެރިޖިހާދުގެ ޒިކުރާ އާލާކުރެވިގެންނެވެ. މިރާއްޖޭގެ ސަްކޫލްތަކާއި ކޮލެޖްތަކާއި ޔުނިވަރސިޓީ ތައް އަޅާފައި އެވަނީ އެ ޢިމާރާތްތަކު ރީތިކަން ބަލާކަށެއްނޫނެވެ. ކޮންނެ އިންސާނެއްގެ ފުރަތަމަ މަދަރުސާއަކީ މަންމަގެ އުނގެވެ.

  އެހެންކަމުން އެ ފުރަތަމަ މަދަރުސާ ކަމުގައިވާ އެ މަންމަގެ އުނގަކީ އެ އިންސާނާގެ ތަރުބިއްޔަތާ އިސްވެ ދެންނެވިފައިވާ ގައުމީލޯބީގެ ބިންގާ އިންސާނާއަށް އަޅައިދޭ އުނގެވެ.އެ އުނގު ބިނާކުރަނީވެސް މުދައްރިސުންނެވެ. އެހެން ކަމުން ގައުމެއް އެންމެ ފުރިހަމަގޮތުގައި ބިނާކުރުމުގެ ޙަގީގީ ނާރެހަކީ މުދައްރިސް ކަން ޔަގީނެވެ. ރާއްޖޭގެ ސްކޫލްތަކުގެ މުދައްރިސުންގެ ތެރޭގައި ގިނައީ ބިދޭސީ މުދައްރިސުންނެވެ. އެހެން ކަމުން މިފަދަ މުދައްރިސުންނަކީ މިގައުމުގެ ތާރީޚާއި ޞަގާފަތަށް ބީރެއްޓެވި ބަޔަކަށް ވުމުގެ އާޚިރު ނަތީޖާއަކީ ސްކޫލަކުން އުނގެނިގެން ނުކުންނަ ޒުވާނާގެ ހިތުގައި ގައުމީ ލޯތްބެއް ނުހުންނަ ކަމެވެ.

   އެޒުވާނާ ސްކޫލް ނިމުމަށްފަހު ބޮޑުވެ މީހަކާއިނދެ ލިބޭ ދަރިފުޅު ތަރުބިއްޔަތު ކުރަނީ އިސްވެ ދެންނެވުނު ބިދޭސީ މުދައްރިސްގެ ކިބައިން އުނގެނިގެން ނުކުތް އުނގުންނެވެ. ދަރިފުޅުގެ ފުރަމަތަމަ މަދަރުސާއިން ދަރިފުޅު ތަރުބިއްޔަތުވާނީ އެ އުނގުގައި ހުރިތަރުބިއްޔަތަކާއި ގައުމީ ޖޯޝަކުން ނޫންތޯއެވެ.

މި ރާއްޖޭގެ ސްކޫލްތަކުން ފާސްނުވެގެން ކަނޑާލާޒުވާނުންގެ ތެރޭގައި ގިނައީ ފިރިހެން ޒުވާނުންނެވެ. ގައުމު ބިނާކުރާންތިބި ޒުވާނުންނެވެ. މި ކަމަކީ މިހެން ބުނެލާ ޔޯލަ ބަހެއްކަމަށް ނުހައްދަވާށެވެ.

   ގައުމު ބިނާކުރާ ޒުވާނާގެ ފުރަތަމަ މަދުރަސާ ކަމުގައިވާ މަންމަ އުނގަކީ ގައުމިއްޔަތުގެ ބިންގަލެވެ. އެބިންގާ ކަތިކޮށް އެޅި އެބިނަލުގެ މަތީގައި ބިނާވެފައިވާ ބެލެނިފަރާތުން ބިނާކުރާ ޒުވާނާގެ ކިބައިގާ ހުންނާނީ ކޮންކަހަލަ ގައުމީ ލޯތްބަކާއި ކޮންކަހަލަ ގައުމީ ޖޯޝެއްތޯއެވެ. ގައުމެއްގެ ރައްޔިތުން އެގައުމުގެ ގައުމީ ދިދައިގެ މައްޗަށް އެހުންނަ ގައުމީ ލޯތްބާއި އުފެދިފައިވާ ގައުމީ ޖޯޝް މި ރާއްޖޭގެ ރައްޔިތުންގެ ކިބައިން ފެނިގެންދޭ ތޯއެވެ. މި ރާއްޖޭގެ މީހަކަށް މި ރާއްޖޭގެ ގައުމީ ދިދައެއް ބިންމައްޗަށް ވެއްޓިފައިވަނިކޮށް ފެނި އޭގެމައްޗަށް އެރި އެ ދިދަ ފުނޑުފުނޑުވެ ދިޔަޔަސް ކުރާ އަސަރެއް ފެނިގެން ނުދަނީ ދިވެހީންގެ ހިތްތަކުގައި ގައުމިއްޔަތުގެ ބިންގާ އަޅާދީފައިނުވާތީއެވެ.

 ގައުމިއްޔަތުގެ ވާހަކަ އިހަށް ބާއްވަމާތޯއެވެ. މިރާއްޖޭގެ ސްކޫލް މަދަރަސާތަކުން ފާސްނުވާ ދަރިވަރުން ގިނަވާން ފެށުނީ ކުއްލިއަކަށް ނޫނެވެ. ސްކޫލް ތަކުން ފާސް ނުވަނީ ކިޔަވާހިތްނުވާ ކުދީންނެވެ. އެ ދަރިވަރު ގޮރޭޑް އެކަކުން ފެށިގެންވެސް ކިޔަވާހިތް ނުވާކަން މުދައްރިސަށާއި ބެލެނިވެރިންނަށް ވެސް އެނގެއެވެ. ފާސްނުވިޔަސް ގްރޭޑް އެކެއް ދޭއް މިހެންގޮސް ގްރޭޑް ދިހަޔަކާ ހަމައަށް އޮޓޯއިން އެބަދެއެވެ. މިހުރިހާދުވަހެއް މާޒީގެތެރެއަށް ގެނބިގެންދާއިރު އެ ދަރިވަރު ދިހައަކުން ފާސްނުވުމާއެކު ސްކޫލުން ކަނޑާލައެވެ. މިދެންނެވި ދިގުމާޒީގައި އެދަރިވަރުގެ ތަޢުލީމީފެންވަރު މުދައްރިސަށް އެނގޭއިރު އެ ދަރިވަރު ސްކޫލުން ކަނޑާލުމުގެ ކުރިން އެ ދަރިވަރަކީ ގައުމު ބިނާކުރާނެ ދަރިވަރެއް ކަން އެނގި ތިބެ އެ ދަރިވަރަށް ގައުމު ބިނާކުރުމުގެ އެއްވެސް ހުނަރެއް މަސައްކަތެއް ދަސްކޮށް ނުދީ މަގުމައްޗަށް އެ ދަރިވަރު އެއްލާލުމަކީ ގައުމިއްޔަތަށް ކުޑަނަމަވެސް ލޯތްބެއް ހިތުގައިވާ މުދައްރިސަކު ކުރަން ގެޔޮވާ ވަރުގެ ކަމެއްތޯއެވެ.

   މިގޮތަށް ސްކޫލަކުން އެދަރިވަރު މަގުމައްޗަށް އެއްލާލުމުން މުޖުތަމަޢު ފަސާދަވެ ގައުމުގައި ކުށްކުރާނޭ ޒުވާނުން އިތުރުވާނޭ މިންވަރު ސްކޫލްތަކުގެ ވެރިންނާއި މުދައްރިސުން ނަށް ނުވިސްނޭނެ ކަމަށް ތިބޭފުޅުން ގަބޫލު ކުރައްވާނަން ތޯއެވެ. ސްކޫލަކުން ކުއްޖަކު ފާސްނުވެ ހިނގައިދާނެއެވެ. އެހެނަސް އޭނާ މުޖުތަމަޢަށް ދޫކޮށްލަންވާނީ އޭނާގެ ސަބަބުން މުޖުތައު ފަސާދަނުވެ އޭނާގެ ސަބަބުން ފައިދާއެއް ކުރާނޭ މީހަކަށް އެ ސްކޫލަކުން ހަދާދީފައި ކަމަށް އަޅުގަނޑު ދެކެމެވެ.

 ގައުމެއްގައި ކުށް ގިނަވަނީ ބެލެނިވެރިންނާއި ސްކޫލްތަކުގެ ވެރިންނާއި މުދައްރިސުންގެ އިހުމާލުންކަން އެއީ ޝައްކެއް ކުރަންވީ ކަމެއް ނޫނެވެ. މިހެން ދެންނެވިއަސް އިންސާނުން ކުށް ކުރާނެތާއެވެ. އެހެނަސް މީ ބޮޑުވަރެއް ތާއެވެ. ވައްކަމާ މާރާމާރީއައި މީހުންގެ ކަރާއި އިނގިލިތައްބުރިކޮށް އަންހެންކުދުދިންރަހިނުކޮށް ރޭޕްކޮށް މީހުން ވަގަށްނަގަ ގެއްލުވާލާ ހަށިވިއްކުވާ ނާސިގެ ހަދާ މިހެންގޮސް އެންމެ ނުރައްތެރި ބިރުންފުރިގެންވާ ގައުމަކަށް މިގައުމު ވެގެން މިދިޔައީ ކޮންމެވެސް ބައެއްގެ އިހުމާލުން ކަން އެއީ އޮޅުމެއް އޮތްކަމެއް ނޫންތާއެވެ.

  މި ގައުމަކީ މި ގައުމު ބަލަހައްޓަން ތިބިބަޔަކަށް ނުބެލެހެއްޓިގެން ނޫނީ މި މިންވަރަށް ކުށް ގިނަވާން ޖެހޭ ވަރުގެ ބޮޑު ގައުމެއްވެސް ނޫން ވިއްޔާއެވެ. މި ގައުމު ބޮޑަސް ގައުމުގައި އޮތީ ކުޑަކުޑަ އާބާދީއެއް ވިއްޔާއެވެ. މި ގައުމު ބޮޑަސް އިންސާނުން ދިރިއުޅެން އޮތް ބިމަކީ ކުޑަކުޑަ ބިމެކެވެ. އެހެން ކަމުން އަންނާން އޮތް ޖީލުތަކުގެ ޙައްގުގައި މި ގައުމުގެ އަބުތާލުން މި ގައުމު ގެނެސްދީފައިވާ މިނިވަން އަމާންވެށި ފަސާދަވެގެން މިދާދިއުން ހުއްޓުވާ މި ގައުމުގެ ސިޔާދަތާއި މިނިވަންކަމާއި އިސްތިގްލާލު ދިފާޢު ކޮށްދިނުމަށް މި ދިވެހި ގައުމު ދެކެ ލޯބިވާ ގައުމީ ފަރުދެއްގެ ޙައިޞިޔަތުން ސަރުކާރަށް ގޮވާލަމެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް