މަރު އެނދުގައި އޮތް މުސްކުޅި މީހަކު އޭނާގެ ޑޮކްޓަރާ މުޚާތަބް ކޮށް ބުންޏެވެ.އަހަރެންނާ މެދު އެއްގޮތަކަށްވެސް ކަންބޮޑު ނުވާށެވެ. އަހަރެން މިމަރުވަނީ ކަން އެނގެއެވެ.އަހަރެން މިތަނަށް އަންނާކަށްވެސް ބޭނުމެއް ނޫނެވެ.އެކަމަކު އެމީހުން ގެނައީއެވެ. އަހަރެން މިމަރުވަނީއެވެ.ހަޔާތް ނިމުމަކަށް އައީއެވެ. އެކަމަކު ތިޔައީ ޒުވާނެކެވެ. އަހަރެންގެ ހަޔާތުން ދަސްވި ފިލާވަޅުތައް އަޑުއަހާލައިގެން އެއިން އިބްރަތެއް ލިބިގަނެގެން ކުރިޔަށް ދާން އަހަރެން ނަސޭހަތްތެރި ވަމެވެ.މިތާ ކައިރީގަ އިށީދެބަލާށެވެ.
މަޑުމަޑުން އޭނާގެވާހަކަ ކުރިޔަށް ގެންދިޔައެވެ. އަހަރެންގެ އުމުރުން 4 އަހަރުގައި އަހަރެންނަށް ހީވީ މުޅިދުނިޔެވެސް އެނބުރެނީ އަހަރެންގެ ވަށައިގެން ކަމުގައެވެ.އުމުރުން 14 އަހަރުގައި މުޅިދުނިޔޭގަވެސް ނެތްވަރުގެ ”ގަދަ“ މީހަކަށް ވާން އަހަރެން ބޭނުން ވިއެވެ. 21 އަހަރުގައި އެންމެ މުއްސަނދި މީހާއަށް ވުމަށް ބޭނުންވިއެވެ.25 އަހަރުގައި ލޯބި ހޯދަން ބޭނުން ވިއެވެ. 40 އަހަރުގައި ދީލަތި މީހަކަށްވެ އެންމެނަށް އެހީވާ މީހަކަށް ވުމަށް ބޭނުން ވިއެވެ. މިއަދު މިއޮތީ މިތަނަށް މަރުވާން އައިހެވެ.ހުސްއަތާ ފަގީރު ހާލުގައެވެ.
އަހަރެން ހާދަކަމެއް ކުރަން ބޭނުން ވިއެވެ. އެންމެ ބޮޑަށް ބޭނުންވީ އުފާވެރިކަން ހޯދާށެވެ. އަހަރެންނަށް ހީވެފަ އޮތީ އުފާވެރިކަން ލިބޭނީ އެހެން މީހުން ބުނާގޮތް ހަދައިގެން ކަމުގައެވެ.
ޔުނިވަސިޓީ އަށް ވަންނަންގޮސް އަހަރެން ބޭނުންވީ ޒޫލޮޖީ ކިޔަވާށެވެ.އެއީ އަހަރެންނަށް ފަސޭހަ މާއްދާއަކަށް ވީމައެވެ.އަހަރެން ގަސްތުކުރާ ކެރިއަރ ގައިވެސް ކުރިޔަށްދާން ފަސޭހަވާނެތީއެވެ. އެކަމަކު އެހެން މީހުން ބުނީ އަހަރެން ކިޔަވަންޖެހޭނީ އިންޖިނޭރުކަން ކަމުގައެވެ.އަހަރެން ވަރަށް ގަދަ އިންޖިނޭރަކަށް ވާނެ ކަމުގައެވެ.އެހެންވެ އެމީހުންގެ ބަސް އަހައިގެން އެމާއްދާ އިޚްތިޔާރު ކުރީމެވެ.
އަހަރެންގެ ފީދައްކާދޭނެ މީހަކު އޭރަކު ނެތެވެ. އެހެންވެ އަހަރެންނަށް ޖެހުނީ މަސައްކަތް ކުރަމުން ކިޔަވަން ދާށެވެ.ތިންވަނަ އަހަރަށް އެޅިއިރު އަހަރެންނަށް ބުރަބޮޑުވެ ހިފަހައްޓާލެވެނީ ކިރިޔާ ކިރިޔާއެވެ.އެންމެފަހުން ކިޔެވުމުން ވަކިވާން މަޖްބޫރުވިއެވެ.
ވަކިވުމުން އެއްކަލަ މީހުން ބުންޏެވެ. ކަލޭ ޒޫލޮޖީ ކިޔެވިނަމަ ތިޔަހެން ނުވީހެވެ.
28 އަހަރުގަ އަހަރެން މީހަކާ އިންނަން ވީކަމަށް އެމީހުން ބުނަން ފަށައިފިއެވެ.އެހެންވެ އެމީހުންގެ ބަސް އަހައިގެން މީހަކާ އިނީމެވެ.ކައިވެންޏަށް 6 އަހަރުވެފައި ވަނިކޮށް އަހަރެންގެ އަންހެނުން ޖެހިގެންހުރިގޭ ފިރިހެން މީހާއާ އެކު ގުޅުމެއް ހިންގިކަން އަހަރެންނަށް ފަޅާ އެރިއެވެ.އަހަރެން އެކަމާ ސުވާލުކުރުމުން ރުޅިއައީ އަންހެނުން ނެވެ. އަނެއް ދުވަހު އަހަރެން އޮފީހުން އައިއިރު އަހަރެންގެ ދެދަރިން ގޮވައިގެން އޭނަގެއިން ހިނގައްޖެއެވެ. މިއަދު އެކަނި މާއެކަނި މިތާ މަރުވާން މިއޮންނަން ޖެހުނީ އެހެން ވެގެންނެވެ.
އަހަރެންގެ އުމުރުން 40 އަހަރުގައި އަހަރެންނަށް ވަރަށް ބޮޑު މަސައްކަތުގެ ކޮންޓްރެކްޓެއް ލިބުނެވެ.އަނެއްދުވަހު ހުރިހާ ތިމާގެ މީހުންނާ ރައްޓެހި އެންމެން ތިބީ އަހަރެންގެ ގޭގައެވެ.ކޮންމެ މީހަކުވެސް އައީ ސީރިއަސް މައްސަލަ އެއް ކުރިމަތިވެފައިވާ ކަމަށް ބުނަމުންނެވެ. އެއް ހަފްތާ ވީއިރު އެއްކަލަ ކޮންޓްރެކްޓަށް ލިބުނު އެޑްވާންސް ފައިސާ އެއްކޮށް އެމީހުންނަށް ދީ ހުސްވެއްޖެ އެވެ. އަނބުރާ ދޭގޮތަށެވެ. އަހަރެން ހުންނަން ޖެހުނީ ކޮންޓްރެކްޓްގެ މަސައްކަތް ނުފެށިފައެވެ. އެމީހުން ފައިސާ އަނބުރާ ދައްކާފައިނުވާތީ އެވެ. އެންމެފަހުން އަހަރެން ފައިސާޔަށް ޚިޔާނަތްތެރިވި ކަމުގެ ކުށުގައި 6 އަހަރު ދުވަހަށް ޖަލަށް ލިއެވެ. ޖަލުން ނިކުތް އިރު އެއިން އެކަކުވެސް ފެންނާންވެސް ނެތެވެ.
ބުނަންހެއްޔެވެ. މިހުރިހާ ކަމެއްގެ ތެރެއިންވެސް އަހަރެންނަށް ހެދުނީ އެންމެ ގޯހެކެވެ.މިކަން ސާފު މިވަނީ މިހާރުއެވެ. މިތާ މަރު އެނދުގައި އޮވެއެވެ. އަހަރެން ނަށް ހެދުނު ހަމައެކަނި ގޯހަކީ އަހަރެންގެ އަމިއްލަ ނަފްސް ބުނާއެއްޗެއް އަޑު ނޭހުމެވެ.އަމިއްލަޔަށް ބޭނުންވާ ކަންކަން މަތިން ހަނދާން ނައްތާލުމަށް ފަހު އަހަރެންނަށް އަޑުއެހުނީ އެހެން މީހުންގެ އަޑެވެ.މިއަދު މިތާކު އެއިން އެކަކުވެސް ނެތެވެ. މިތާ މިއޮންނަން ޖެހުނީ އެކަންޏެވެ.
ކަންކަމުގައި އެހެންމީހުން ލަފަޔާ އިރުޝާދުވެސް ހޯދަން ޖެހޭނެއެވެ. ނަމަވެސް މުޅިން އެހެން މީހުން ކިޔާ އެއްޗަކަށް ބަރޯސާނުވާށެވެ. އަމިއްލަ ހިތް ބުނާ އެއްޗެއްވެސް އަޑުއަހަން ޖެހޭނެއެވެ.އެއަށް ސަމާލުކަން ދޭންޖެހޭނެއެވެ. މަރުއެނދުގައި ވެސް އޮންނަންޖެހޭނީ އެކަނި ކަމަށްވާއިރު ތިމާގެ އަމިއްލަ އިހުސާސް ތަކަށްވެސް ސަމާލުކަން ދޭށެވެ.
ތިޔަ ޒުވާން ޑޮކްޓަރު މިރޭގެޔަށް ގޮސް މިކަންކަމާ މެދު އިތުރަށް ވިސްނާލާށެވެ. ވިސްނާ އަމިއްލަ ނަފްސާ މުޚާތަބްކޮށް ވާހަކަ ދައްކާށެވެ. ފެންތައްޓެއްބޯނީވެސް، މޫދަށް އެރޭނީވެސް އަމިއްލަޔަށް އެކަން ބޭނުންވާނަމައެވެ. އެކަނި ހިނގާލާފަ ތަނަކަށް ދާން ބޭނުންނަމަ ދާށެވެ. ހެއްދެވި ފަރާތުން ނާއި ސަރުކާރުން މަނާކުރާ ކަމަކަށް ނުވަނީ ނަމަ އަމިއްލަޔަށް ކުރަން ބޭނުންވާ ކަމެއް ކުރާށެވެ. އެކަން މަނާކުރެވޭނެ ފަރާތެއް ނުހުންނާނެއެވެ. އަމިއްލަ ނަފްސަށް ބާރުދޭށެވެ. އަމިއްލަ ނަފްސަށް އިހްތިރާމް ކުރާށެވެ.
އިރުކޮޅަކުން ޑޮކްޓަރުބަލާލިއިރު އޭނައޮތީ ހިމޭންކަމާއެކު މަރުވެފައެވެ.ޑޮކްޓަރު މޫނުގައި އަތް އަޅައިގެން ފެށީރޯށެވެ.