ބައިމަދު ނަސްލުތަކުގެ މީހުންނާމެދު އިންޑިއާއިން ކަންތައް ކުރަމުންގެންދާ ގޮތާއި ދޭތެރޭ އީރާނުގެ ސުޕްރީމް ލީޑަރ އާޔަތުﷲ އަލީ ޚާމަނާއި ފާޑުވިދާޅުވުމުން އިންޑިއާއިން ނުރުހުން ފާޅުކޮށްފި ކަމަށް ނިއުދިއްލީއިން މިއަދު ރޮއިޓާރސް ޚަބަރު ދީފިއެވެ.
އިންޑިއާގެ ޚާރިއްޖިއްޔާއިން ބުނެފައިވަނީ އަލީ ޚާމަނާއި އަށް ފުރިހަމަ މައުލޫމާތު ލިބިވަޑައިގެންފައި ނެތްކަމަށާއި އެ ވިދާޅުވުން ގަބޫލު ނުކުރެވޭނެ ކަމަށެވެ. އަދި ބައިމަދު ނަސްލުތަކުގެ މީހުންގެ މައްސަލާގައި އެހެން ގައުމުތަކުގެ ވާހަކަ ދެއްކުމުގެ ކުރިން ތިމަތިމާމެން ކަންތައް ކުރަމުންގެންދާ ގޮތާ ދޭތެރޭ ޚިޔާލުކޮށްލުން ރަނގަޅުވާނެ ކަމަށެވެ.
ސޯޝަލް މީޑިއާ ޕްލެޓް ފޯމެއްގައި މިދިޔަ ހޯމަ ދުވަހު އީރާނުގެ ސުޕްރީމް ލީޑަރ އަލީ ޚާމަނާއި ވިދާޅުވެފައިވަނީ މިޔަންމާއާއި ގައްޒާއާއި އިންޑިއާ އަދި އެހެން ގައުމެއްގައި ވިޔަސް މުސްލިމުން ހާލުގައި ޖެހި ނިކަމެތިވަމުންދާއިރު އަޅާނުލައި ތިބެފައި އަހަރެމެންނަކީ މުސްލިމުންނޭ ބުނަން ލަދުގަންނަން ޖެހޭނެ ކަމަށެވެ.
އިންޑިއާ އާއި އީރާނަކީ ވިޔަފާރީގެ ގޮތުން ވަރަށްބޮޑަށް ގުޅިފައިވާ 2 ގައުމުކަމަށް ބެލެވެއެވެ. މިހާރުވެސް ގަލްފް އޮފް އޮމާނުގެ ތެރެއަށް ހުޅުވާލެވިފައިވާ އީރާނުގެ ޗަބާހަރުގެ ބަނދަރު ތަރައްގީ ކުރުމުގެ 10 އަހަރުގެ މަޝްރޫއެއް އިންޑިއާއާއެކު ވަނީ އެއްބަސްވުމަކަށް އައިސްފައެވެ.
މި ބަނދަރު ތަރައްގީ ކުރެވުމުން އީރާނާއި އަފްގާނިސްތާނު އަދި މަރުކަޒީ އޭޝިޔާގެ ގައުމުތަކަށް މުދާ އެތެރެކުރުމުގައި ޕާކިސްތާނުގެ ގުވާދާރާއި ކަރާޗީގެ ބަނދަރު ބޭނުންކުރާކަށް ނުޖެހޭނެއެވެ.
އިންޑިއާއާއި އީރާނުގެ ގުޅުން ކިތަންމެ ރަނގަޅު ނަމަވެސް އިންޑިއާގައި އިސްލާމުންގިނަ ކަޝްމީރުގައި މުސްލިމުންނާ ދޭތެރޭ އިންޑިއާއިން ކަންތައްކުރާ ގޮތާދޭތެރޭ މާޒީގައިވެސް އީރާނުގެ ސުޕްރީމް ލީޑަރ ހިތްހަމަނުޖެހުން ފާޅުކުރައްވަމުން ގެންދާފައި ވެއެވެ.
މި ޚަބަރު ޝާއިއު ކުރެވެމުންދާއިރު ފުލުހުންގެ ބެލުމުގެ ދަށުގައި ބެހެއްޓިފައި ހުރި އުމުރުން 22 އަހަރުގެ އީރާނުގެ ކުރުދީ ނަސްލަށް ނިސްބަތްކުރެވޭ މަހްސާ އަމީނީ 2022 ވަނަ އަހަރު ސެޕްޓެމްބަރ 16 ވަނަދުވަހު މަރުވުމުން 2 އަހަރު ފާހަގަކުރުމަށް އީރާނުގެ މަގުތަކުގައި އަންހެނުން ކުރަމުން ގެންދާ އިހްތިޖާޖަށް އީރާނުގެ ސަރުކާރުން އެއްވެސް އުދަނގުލެއް ނުކުރާނެކަމަށް އީރާނުގެ ރައީސް މަސްއޫދު ޕެޒެޝްކިއާން ވައުދުވެ ވަޑައިގެންފިއެވެ. އެމަނިކުފާނު ވިދާޅުވެފައިވަނީ އިހްތިޖާޖުކުރަން ބޭނުންވާ ބަޔަކަށް އީރާނުގެ އަޚްލާގީ މިންގަނޑު ހިފަހައްޓާ ފުލުހުން އެއްވެސް އުދަނގުލެއް ނުކުރާނެކަމަށެވެ.
ރައީސް މަސްއޫދު ޕެޒެޝްކިއާން ވިދާޅުވީ މީގެކުރިން ސަރުކާރުން އެކަށައަޅާފައިވާ ސޯޝަލް މީޑިއާ ކޮންޓްރޯލް ކުރުމަށް ލުއިތަކެއް ގެންނަން މަސައްކަތްކުރައްވަމުން ގެންދަވާ ކަމަށާއި އަދި އެމެރިކާއާއެކު އުފެދިފައިވާ ނުތަނަވަސްކަން ހައްލުކުރައްވަންވެސް ބޭނުންފުޅުވާ ކަމަށެވެ. އެމެރިކާއާއި ޖައްސާލައިގެން އުޅުމަކީ އީރާނުގެ މަގްސަދެއް ނޫނެވެ. އަދި އެމެރިކާގެ ވަށައިގެން އީރާނުގެ މިލިޓްރީ ބޭސްތަކެއްވެސް ނުހުންނާނެއެވެ.
One Response
މަސްއޫދު ޕެޒެޝްކިއާން ވަރަށްމޮޅު ދޯ ވަށްބަހުން ޖަހަން. އީރާނުގެ ވަށައިގެން އެމަރިކާގެ މިލިޓްރީ ބޭސްތައް ހުރީމާ ބުނެލި އެއްޗެއް ބަލަ