އިންސާފުވެރި ފަނޑިޔާރު

Loading

Facebook
Twitter
WhatsApp


އެއްދުވަހަކު ވަރަށް ފަގީރު މީހަކަށް ކޮންމެވެސް މީހެއްގެ ވޮލެޓެއް ހޮވުނެވެ.އޭނާ ބަލާލިއިރު އޭގައި 700 ޑޮލަރު އޮތެވެ.
މިމީހާއަކީ ވަރަށް ބޮޑު ފަގީރެއް ނަމަވެސް ވަރަށްވެސް އީމާންތެރި ތެދުވެރި މީހެކެވެ. އެހެން ކަމުން އޭގައިވާ ފައިސާގައި ޖެހުމުގެ ބަދަލުގައި އޭނާގަސްތުކުރީ ވޮލެޓުގެ ވެރިމީހާއަށް ވޮލެޓާއި ފައިސާ ރައްދު ކުރެވޭނެ ގޮތެއް ހޯދުމަށެވެ. އެހެން ކަމުން ބައެއް މީހުންގެ އެހީތެރިކަމާއިއެކު، ހޮވި ވޮލެޓެއް އެބައޮތްކަމާ އޭގެ ވެރިފަރާތުން އޭނާއާއި ބައްދަލް ކުރުމަށް އެދި ނޫހުގައި އިސްތިހާރު ޖެހިއެވެ


މިވޮލެޓަކީ ވަރަށް މުއްސަނދި މީހެއްގެ ވޮލެޓެއް ކަމަށް ވެއެވެ. އެހެންކަމުން ވޮލެޓް ހޯދާދިން ފަރާތަކަށް 50 ޑޮލަރުގެ އިނާމެއް ދޭނެ ކަމަށް ބުނެ އޭނާވެސް ނޫހުގައި އިސްތިހާރު ޖެހިއެވެ. ކޮންމެއަކަސް އޭނާގެ ވޮލެޓް ގެއްލިގެން ކަންބޮޑުވެފައި ހުއްޓާ ވޮލެޓް ހޮވިމީހާގެ އިސްތިހާރު ފެނި އޭނާއާއި ބައްދަލު ކުރުމަށް ހިނގައްޖެއެވެ. ގޮސް އޭނާ ވޮލެޓް ނަގާބެލިއިރު އޭގައި 700 ޑޮލަރު ބަރާބަރަށް އޮތެވެ. ނަމަވެސް އިނާމު ދިނުމުގެ ބަދަލުގައި އޭނާ ގަސްތުކުރީ މަކަރާހީލަތުން ހޮވިމީހާގެ ހައްގެއް ކަމަށްވާ 50 ޑޮލަރުން މަހްރޫމް ކުރާށެވެ. އިނާމު ނުދީ މަކަރަކުން ސަލާމަތް ވާށެވެ.

އެހެން ކަމުން ބުނެފިއެވެ.“މީގައި 750 ޑޮލަރު އޮންނާނެއެވެ. މިހާރު މިއޮތީ 700 ޑޮލަރެވެ. އެހެން ކަމުން ކަލޭގެ އިނާމު ދެވޭކަށް ނެތެވެ.“
މިހެން ބުނުމުން ފަގީރު މީހާ ވަރަށް ދެރަވެއްޖެ އެވެ. އަދި ބުންޏެވެ.ތިޔައީ ބޮޑު ދޮގެކެވެ. އަޅުގަނޑު ތިޔަ ވޮލެޓް ހޮވި އިރުވެސް ތީގައޮ އޮތީ 700 ޑޮލަރެވެ. ތިޔަހެން ނުހައްދަވާށެވެ. އަޅުގަނޑަކީ ވަރަށް ބޮޑު ފަގީރަކީމެވެ. އަޅުގަނޑަށް ތިޔަ 50 ޑޮލަރު ލިބިއްޖެ ނަމަ އަޅުގަނޑުގެ އާއިލާގެ ޒަރޫރީ ބޭނުންތައް ފުއްދުމަށް ވަރަށް ބޮޑު އެހީއަކަށް ވާނެއެވެ.“
މިހެން ބުނުމުންވެސް އެވާހަކަ ގަބޫލުނުކޮށް މުއްސަނދި މީހާ އިނާމު ނުދީ ހިނގައްޖެ އެވެ.
ފަގީރު މީހާ ވަރަށް ދެރަވެ ކަރު އެލިއްޖެއެވެ. އަދި އޭނާގެ ހައްގެއް ކަމަށް އޭނާ ގަބޫލު ކުރާ 50 ޑޮލަރު ހޯދުމަށް އޭނާ ކޯޓަށް ހިނގައްޖެ އެވެ.
މިމައްސަލަ ބައްލަވާ ފަނޑިޔާރު އެދެމީހުން ހާޒިރު ކުރުމަށް ފަހު ފުރަތަމަ މުއްސަނދި މީހާ ކުރެން ސުވާލު ކުރެއްވިއެވެ. މިހިރަ މީހާކުރާ ދައުވާއަށް ކަލޭ ބުނަނީ ކީކޭ ހެއްޔެވެ. މިހެން އެއްސެވުމުން މުއްސަނދި މީހާ ބުންޏެވެ. ”އިއްޒަތްތެރި ފަނޑިޔާރުއެވެ.މިމީހާ ވަނީ އަޅުގަނޑުގެ ވޮލެޓެއް ހޮވާފައެވެ.އޭގައި އޭރު 750 ޑޮލަރު އޮންނާނެއެވެ. ނަމަވެސް އޭނާ ބުނަނީ އޮތީ 700 ޑޮލަރު ކަމުގައެވެ.އަޅުގަނޑު ވާނީ ވޮލެޓް ހޯދާދިން މީހަކަށް އިނާމަކަށް 50 ޑޮލަރު ދޭނެ ކަމަށް ބުނެފައެވެ.ނަމަވެސް އޭނާ އެވަނީ 50 ޑޮލަރ ނަގާފައެވެ.އެހެންވެ އަޅުގަޑު މިބުނަނީ 700ޑޮލަރު އެއްކޮން އަޅުގަނޑަށް ލިބެން ޖެހޭނެ ކަމުގައެވެ.“ މިހެން ދެންނެވުމުން ފަގީރު މީހާކުރެން ސުވާލު ކުރެއްވުމުން ދެންނެވިއެވެ.“އިއްޒަތްތެރި ފަނޑިޔާރު އެވެ. އޭނާ އެއުޅެނީ އަޅުގަނޑަށް ދޭން ވައުދުވީ އެއްޗެއް އަޅުގަނޑަށް ނުދީ ސަލާމަތް ވާންވެގެނެވެ. އެކަމަކު އެހެން ވެގެން ނުވާނެއެވެ. ތިޔައީ އިންސާފުވެރި ފަޑިޔާރެކެވެ. މިކަމުގައި އިންސާފު ހޯއްދަވާ ދެއްވާށެވެ.“
މިހެން ދެންނެވުމުން ފަނޑިޔާރު މައްސަލަޔާމެދު ވިސްނާލެއްވިއެވެ.ފަގީރު މީހާއަކީ ތެދުވެރިއެއްނޫން ނަމަ ފުރަތަމަވެސް ހުރިހާލާރި ނަގަންވީނޫން ހެއްޔެވެ.ފައިސާގެ ވެރިމީހާއަށް ރައްދު ކުރަން އުޅެންވީ ކީއްކުރަން ހެއްޔެވެ. މިގޮތަށް ވިސްނާލެއްވުމަށްފަހު ވިދާޅުވިއެވެ.
ޝަރީއަތުގައި ދެފަރާތުންވެސް ވާހަކަ ދައްކަންވާނީ ތެދު ބަހުންނެވެ. ތިޔަވޮލެޓާ އޭގައިވާ ފައިސާ ދައުވާކުރިމީހާ އަށް ދޭށެވެ. އެހެނީ ގެއްލުނު ވޮލެޓުގައި އޮތީ 750 ޑޮލަރު ނޫންހެއްޔެވެ. އެހެންވީމަ ތިޔައީ ދައުވާލިބޭ ފަރާތުގެ ވޮލެޓަކަށް ނުވާނެއެވެ. 750 ޑޮލަރު އޮތް ވެލެޓެއް ހޮވައިގެން މީހަކު އިސްތިހާރުކުރަންދެން ދައުވާލިބޭ މީހާ މަޑުކުރާށެވެ.
މިހާ ހިސާބުން މިމައްސަލަ ނިމުނީއެވެ.“

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް