މަތީގައި އެވަނީ މިއަދު އަލްޖަޒީރާގެ އެންމެ މުހިންމު އެއް ސުރުޚީއެވެ.
ޚަބަރުގައި ބުނެފައިވާގޮތުން ހަމާސް އާއި އިސްރާއީލާ ދެމެދު ކުރެވެމުންދާ ހަނގުރާމަ ހުއްޓާލައި ދެން ކަންތައް ކުރަންވީގޮތް ތަރުތީބު ކުރުމުގެ ވާހަކަތައް ދެކެވެމުންދާ މިވަގުތުގައި އެކަމަށް ކުރެވޭ އެއްވެސް މަޝްވަރާއެއް ނުވަތަ ރޭވުމެއްގައި ފަލަސްތީނުގެ މިނިވަންދައުލަތެއް ގާއިމްކުރެވިފައި ނުވާނަމަ އެމިރޭޓްސްއިން އެ މަޝްވަރާއެއްގައި ނުވަތަ ރޭވުމެއްގައި ބައިވެރި ނުވާނެކަމަށް ޚާރިޖީ ވަޒީރު އަބްދު ﷲ ބިން ޒައިދު އަލް ނަހްޔާން ވަނީ ވިދާޅުވެފައެވެ. އަދި ހަނގުރާމައިގެ ފަހުން ގައްޒާއާއި ބެހޭގޮތުން އިސްރާއީލުން ކުރަން ރާވާފައިވާ އެއްވެސް ކަމެއްގައި އެމިރޭޓްސްގެ ރުހުން ނުލިބޭނެ ކަމަށްވެސް ވިދާޅުވެފައި ވެއެވެ.
ހަނގުރާމަ ހުއްޓުމަށްފަހު ގައްޒާއާއި ބެހޭގޮތުން ނަތަންޔާހޫގެ ވިސްނުމަކީ ކޮބާ ހެއްޔެވެ؟
މީޑިއާތަކުގެ ރިޕޯރޓަށް ބަލާއިރު ހަނގުރާމަ ހުއްޓާލުމަށްފަހު ގައްޒާއާ ބެހޭގޮތުން ނަތަންޔާހޫގެ އެއްވެސް ހަރުދަނާ ޕްލޭންއް އޮތްކަން އެނގޭކަށް ނެތެވެ. ނަތަންޔާހޫގެ ވިސްނުމަކީ ހުޅަނގު އައްސޭރިއާއި ގައްޒާ އަބަދުވެސް އޮންނަން ޖެހޭނީ އިސްރާއީލުގެ ތަންތަން ކަމުގައެވެ. އެކަމަށްޓަކައި އިތުރަށް ވިސްނުމުގެ ބޭނުމެއް ނެތެވެ.
ނަތަންޔާހޫގެ ވިސްނުން މިގޮތަށް ހުރި ކަމުގައިވިޔަސް އިސްރާއީލުގެ އެތެރޭއިންނާއި އަދި ބައިނަލް އަގްވާމީ ފިއްތުންތަކާހުރެ ނަތަންޔާހޫ ބޭނުންހާ ގޮތަކަށް ކަންތައް ކުރުމުގެ ފުރުސަތު ލިބިދާނެކަމަކަށް ނުފެނެއެވެ.
ނަތަންޔާހޫގެ މަގު ޗާޓުގައި ބުނެފައިވަނީ ގައްޒާއާއި ހުޅަނގު އައްސޭރި އޮންނާނީ އަބަދުވެސް އިސްރާއީލުގެ ބައެއްގެ ގޮތުގައެވެ. އެހެންނަމަވެސް ސައޫދީ އެރޭބިއާ އާއި އެމިރޭޓްސް ފަދަ ބައެއް އަރަބި ގައުމުތަކުން ސުޕަރވައިޒަރީ ހައިސިއްޔަތުން ގައްޒާއާއި ހުޅަނގު އައްސޭރީގެ ކަންކަމުގައި ބައިވެރިވުމުގެ ފުރުސަތު ދެވިދާނެއެވެ.
ނަތަންޔާހޫގެ ޕްލޭން ހާމަކުރުމާއެކު އެމިރޭޓްސް ޚާރިޖީ ވަޒީރު ކޯފާ އިސްކުރައްވާފައި އެމިރޭޓްސް އިން ކަންތައް ކުރަންވީ ގޮތް ބުނަން ނަތަންޔާހޫ އަކަށް ނޭންގޭނެއޭ ވިދާޅުވި ކަމަށްވެއެވެ.. އަދި އޭނާ ހިތަށް އެރިހާ ގޮތަކަށް ރޭވުންތައް ރާވައި ތަންފީޒުވެސް ނުކުރެވޭނެއެވެ. އަދި އަމުދުން އެމިރޭޓްސްއަށް ރައްދުވާގޮތަށް އެއްޗެކޭ ބުނުމުގެ ކުރިން އެމެރިރޭޓްސްއާއެކު މަޝްވަރާ ކުރަންވެސް ޖެހޭނެއެވެ.
އެމިރޭޓްސްގެ ޚާރިޖިއްޔާއިން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ ގައްޒާގެ ބިމުގައި އިސްރާއީލުން އެއްވެސް ސިފައެއްގައި ތިބުމަކީ އެމިރޭޓްސް އިން އެއްބަސް ވާނެ ކަމެއް ނޫނެވެ. އަދި ބައިނަލް އަގްވާމީ ހަމަތަކާއި އެއްގޮތްވާގޮތުގެ މަތިން އިންސާނީ ކަރާމަތާއި ގައުމިއްޔަތާއި މިނިވަން ސިޔާދަތާއެކު ޝަރަފްވެރި ފަލަސްތީނުގެ ދައުލަތެއް އުފެދުމުން އެ ދައުލަތަށް ބޭނުންވާ ކޮންމެ އެހީއެއް އެމިރޭޓްސް ސަރުކާރުން ވެދޭނެ ކަމަށްވެސް އެ ބަޔާނުގައި ބުނެފައި ވެއެވެ.
މި ހުސްވި ޖުލައި މަހުގެތެރޭގައިވެސް އެމިރޭޓްސް އިން ވަނީ ހަނގުރާމައިގެ ސަބަބުން ނިކަމެތިވެފައިވާ ގައްޒާގެ އަޚުންގެ ހާލަތު ދިރާސާކޮށް އެކަންތައްތައް ހައުލުކުރާނެބައިނަލް އަގްވާމީ ހަރަކާތެއް ވަގުތީ ގޮތުން ނަމަވެސް އުފފައެވެ. އަދި އެކަންތައް ފުރިހަމައަށް ތަންފީޒުކުރުމަށްޓަކައި ފަލަސްތީނުން ސަރުކާރުގެ ދައުވަތު ލިބިގެން ބައިނަލް އަގްވާނީ ބާރެއް ވަގުތީ ގޮތުން ގައްޒާގައި ގާއިމް ކުރުމަށް ގޮވާލައްވާ ކަމަށްވެސް އެމިރޭޓްސްގެ އިންޓަރނޭޝަނަލް ކޯޕަރޭޝަނާބެހޭ ދައުލަތުގެ ވަޒީރާ ރީމް އަލް ހާޝިމީ އެ ގައުމުގެ ރަސްމީ ނިއުސް އޭޖެންސީއަށް މައުލޫމާތު ދެއްވާފައި ވެއެވެ. އެކަމަނާ ގެ ބަޔާނުގައި ވިދާޅުވެފައިވަނީ ގައްޒާއަށް ކަނޑައެޅޭ ބައިނަލް އަގްވާމީ ބާރުގެ މަސްއޫލިއްޔަތުގެ ތެރޭގައި ގައްޒާއާއި ހުޅަނގު އައްސޭރި ގުޅުވައިދީ ޕެލަސްޓައިން އޮތޯރިޓީ ގެ ގޮތުގައިކަނޑައެޅުމަށް މަގު ފަހިކޮށް ދިނުން ހިމަނަން ޖެހޭނެއެވެ.
ނަތަންޔާހޫގެ ވިސްނުމުގައި ގައްޒާ އާއި ހުޅަނގު އައްސޭރި އަބަދުވެސް އޮންނަން ޖެހޭނީ އިސްރާއީލުގެ ތަންތަން ކަމުގައި ބުނަމުން ގެންދިޔަކަމުގައިވިޔަސް އޭނާގެ ސަރުކާރެއްގެ ދަށުގައި ތިބެން ބޭނުންނުވާ ފަލަސްތީނުގެ ތިން މިލިއަން ރައްޔިތުން އޮބިއަޅައިގެން ނުގެންގުޅެވޭނެކަން ވަރަށް ރަނގަޅަށް އޭނާއަށް ތަސައްވުރު ކުރެވެއެވެ. މި ސަބަބަށްޓަކައި އޭނާއަށް ކިޔަމަންވާނެ ފަލަސްތީނުގެ ބައެއްގަބީލާތަކުން ގައްޒާއާއި ހުޅަނގު އައްސޭރީގައި މަދަނީ ސަރުކާރެއް އެކުލަވާލަދިނުމުގެ ވިސްނުން ގެންގުޅޭ ކަމަށް ފެނެއެވެ. ފަލަސްތީނުގެ ބިމުގައިވެސް އެއްބައިވަންތަކަން ނެތުމަކީ ބޮޑު މައްސަލައެކެވެ.