ހޫތީންގެ ހައިޕަރސޯނިކް މިސައިލް އިސްރާއީލާ ހަމަޔަށް 11 މިނިޓުން

Loading

Facebook
Twitter
WhatsApp

ބިޒްނަސް އިންސައިޑަރ ގެ ޚަބަރުތަކަށް ބަލާއިރު އެންމެ ފާހަގަ ކުރެވޭ އެއް ޚަބަރަކީ ހޫތީ މުޖާހިދުން ހައިޕަރސޯނިކް ބެލިސްޓިކް މިސައިލަކުން އިސްރާއީލަށް ހަމަލާ ދިން ޚަބަރެވެ.

އެ މިސައިލް 1200 މޭލުގެ ދުރުގައި އޮތް އިސްރާއީލާ ހަމަޔަށް ދިއުމަށްޓަކައި ހޭދަކުރީ ހަމައެކަނި 11 މިނިޓް ކަމަށް މުޖާހިދުން ބުނެފައިވެއެވެ.

އިސްރާއީލުގެ ބޮޑުވަޒީރު ބުނެފައިވަނީ އެ ހަމަލާގެ ބަދަލުގައި ހޫތީ މުޖާހިދުން ވަރަށް ބޮޑު އަގެއް ދޭން ޖެހޭނެ ކަމަށެވެ.

އިސްރާއީލުގެ ދިފާއީ ބާރުތަކުން ބުނެފައިވަނީ ހޫތީ މުޖާހިދުންގެ މިސައިލް އެމީހުންނަށް ފެނޫނީ މެދުތެރޭ އިސްރާއީލުގެ މަތިން ކަމަށެވެ. އަދި އެ މިސައިލް އަމާޒަށް ވާސިލުވުމުގެ ކުރިން ޖައްވުތެރެއަށް ގޮވީ ކަމަށް ލަފާ ކުރެވޭ ކަމަށާއި ހަލާކުވި ބައިތައް ވެއްޓުނީ ހުސްބިމަކަށެވެ. އަދި އެއްވެސް ގެއްލުމެއް ނުލިބޭ ކަމަށެވެ.

އެހެންނަމަވެސް ވީޑިއޯއިން ފެންނަ މަންޒަރުތަކަށް ބަލާއިރު ތެލް އަވީވާއި ޖެރޫސެލަމް އާއި ދެމެދު އޮންނަ މޫދިޢީން  ސިޓީގެރެއިލްވޭ ސްޓޭޝަންގެ ފުނޑުވެ ފިއްސައިގެން ގޮސްފައިވާތީ ފެނެއެވެ.

ހޫތީންގެ ތަރުޖަމާނު ޔަހްޔާ ގާސިމް ސަރީއު ރޮއިޓާސްއަށް ވިދާޅުވެފައިވަނީ އިސްރާއީލުން ގައްޒާގައި ހިންގަމުން ގެންދާ ގަތުލު އާންމަށް އަހަރު ފުރޭ އިރު މިކަހަލަ އިތުރު އެތައް ހަމަލާއެއް އަދި އަންނާނެ ކަމަށެވެ.

އިސްރާއީލުން ގައްޒާގައި ހިންގަމުންގެންދާ ގަތުލު އާންމާ ދެކޮޅު ހަދައި ހަމާސްއަށް ތާއީދުކުރުމުގެ ގޮތުން ހޫތީ މުޖާހިދުން ގެންދަނީ ރެޑް ސީ ތެރެއިން ކުރަމުންގެންދާ ބައިނަލްއަގްވާމީ ދަތުރުތަކަށްވެސް ހުރަސް އަޅަމުން އަދި ބައެއް ގައުމުތަކުގެ ބޯޓުފަހަރަށްވެސް ހަމަލާދެމުންނެވެ.

ރެޑްސީގެ ދަތުރުތައް އަމާން ކުރުމަށްޓަކައި އެމެރިކާއާއި ބައިވެރިންގެ ކަނޑުގެ ލަޝްކަރުތަކުން ހޫތީ މުޖާހިދުންނާ ދެކޮޅަށް ބާރުގަދަ އެތައް ހަމަލާތަކެއް ދެމުން ގެންދާ ނަމަވެސް ހޫތީ މުޖާހިދުންގެ ހަމަލާ ތަކަށް ނިމުމެއް ނުގެނެވުނެވެ. އަދި އެމެރިކާގެ ސިފައިންވެސް އިއުތިރާފު ވަމުންދަނީ ދެވނަ ބޮޑު ހަނގުރާމައަށްފަހު ހޫތީ މުޖާހިދުންގެ ހަމަލާތަކާ އެއްފަދަ ނުރައްކާތެރި ކުރިމަތިލުމަކަށް ނިކުންނަން ޖެހިފައިނުވާ ކަމަށެވެ.

އިންޓަރނޭޝަނަލް އިންސްޓިޓިއުޓް ފޯރ ސްޓްރާޓީޖިކް ސްޓަޑީޒްގެ ރިސާރޗް ފެލޯ ފޭބިއަން ހިންޒް ބުނެފައިވަނީ އީރާނުން އެ ޖަމާއަތަށް އެންޓި-ޝިޕް ވަސިޅަތަތައް ފޯރުކޮށްދެމުން ގެންދިއުމަކީ އޮކްޓޯބަރ 7 ގެ ފަހުން ފެށުނު ކަމެއް ނޫނެވެ.

އޭގެ މާކުރިންވެސް އީރާނުން ގެންދިޔައީ ބާބުލް މަންދޫބް ކަނޑުއޮޅީގެ ކޮންޓްރޯލް ހޫތީ މުޖާހިދުންގެ ބާރުގެ ދަށުގައި ބޭއްވުން ކަށަވަރު ކުރުމަށްޓަކައި ބޭނުންވާ ހުރިހާ ވަސީލަތެއް ފޯރުކޮށްދެމުންނެވެ. ބޭނުމަކީ ބާބުލް މަންދޫބާއި ޚޮރްމޫޒް ކަނޑުއޮޅީގެ ކޮންޓްރޯލް އީރާނުގެ ބާރުގެ ދަށަށް ގެނައުމެވެ. އެ މަގްސަދު މިހާރު އެއޮތީ ހާސިލު ކުރެވިފައެވެ. އީރާނުން ބޭނުންވެއްޖެ ހިނދެއްގައި ޚޮރްމޫޒް ކަނޑުއޮޅިއާއި ބާބުލް މަންދޫބް ބަންދުކޮށްލެވިދާނެއެވެ. އެ ހާލަތުގައި އިރުމައްޗާއި ހުޅަނގު މުޅިން ވަކިކޮށްލެވުނީއެވެ.

Loading

One Response

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް