މެލޭޝިޔާގެ ކެއާހޯމް ތަކުގައިވެސް ކުޑަކުދިންނަށް ޖިންސީގޯނާ ކުރުން ހައްދުން ނެއްޓިފައި

Loading

Facebook
Twitter
WhatsApp

މެލޭޝިޔާގެ އެކި ސްޓޭޓް ތަކުގައި ހިންގަމުން އައި 20 އިސްލާމިކް ވެލްފެއާ ހޯމް ރެއިޑްކޮށް، ކުޑަކުދިންނަށް ޖިންސީ ގޯނާއާއި ފުރައްސާރަ ކުރަމުން އައިކަމަށް ތުހުމަތުކުރެވޭ 171 މީހުން ހައްޔަރު ކޮށްފައިވާކަމަށް ޚަބަރުލިބެއެވެ. އަދި މިފަދަ އަނިޔާތައް ލިބެމުން އައި 400އަށް ވުރެ ގިނަ ކުޑަކުދިން ވަނީ މިއޮޕަރޭޝަންގައި ސަލާމަތް ކޮށްފައެވެ.


ސީއެއްއެން އިން ރިޕޯޓް ކޮށްފައިވާ ގޮތުގައި ވެލްފެއާ ހޯމް ނުވަތަ ކުޑަކުދިންނަށް ރައްކާތެރިކަން ދިނުމުގެ ނަމުގައި ހިންގާ ހިޔާވަހިތަކަކީ އިސްލާމިކް ބިޒްނަސް ގްރޫޕަކުން ހިންގާ ތަންތަނެވެ. ޕޮލިސް ޗީފްއާއި ހަވާލާދީ މީޑިޔާ ރިޕޯޓްތައް ބުނާ ގޮތުގައި އުމުރުން އެއްއަހަރާ 17 އަހަރާ ދެމެދުގެ 201 ފިރިހެން ކުދިންނާއި 201 އަންހެން ކުދިން ވަނީ މިއޮޕަރޭޝަންގައި އެތަންތަނުން ސަލާމަތް ކޮށްފައެވެ.
އިންޕެކްޓާޖެނެރަލް އޮފް ޕޮލިސް ރަޒާރުއްދީން ހުސެއިން ވިދާޅުވެފައިވާ ގޮތުގައި އެތަންތަން ފުލުހުން ރެއިޑް ކުރީ ލިބުނު އިންޓެލިޖަންސް ރިޕޯޓް އަކާ ގުޅިގެންނެވެ. މިގޮތުން ގްލޯބަލް އިޚްވާން ސާވިސަސް އެންޑް ބިޒަނަސް ހޯލްޑިންގްސް ކިޔާ ގްރޫޕުން ހިންގާ ވެލްފެއާ ހޯމް ތަކުގައި ކުޑަކުދިންނަށް އަޅާނުލާ ދޫކޮށްލާފަ ތިބުމާ، ނުރަގަޅު އެއްޗެތި ކިޔަވާދިނުމާ އަދި އިންތިހާ އަށް ޖިންސީ ފުރައްސާރަ އާއި ގޯނާ ކުރަމުން ދާކަމުގެ ރިޕޯޓްތައް ލިބިފައިވާ ކަމަށް އޭނާ ވިދާޅުވެފައި ވެއެވެ. ހައްޔަރު ކުރެވުނު މީހުންގެ ތެރޭގައި 66 ފިރިހެނުންނާއި 105 އަންހެނުން ހިމެނޭއިރު މީގެތެރޭގައި އިސްލާމް މުދައްރިސުންނާއި އަދި ކެއާޓޭކަރުން ހިމެނޭ ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.
ނޫސް ކޮންފަރެންސެއްގައި ވާހަކަފުޅު ދައްކަވަމުން އިންޕެކްޓާޖެނެރަލް އޮފް ޕޮލިސް ރަޒާރުއްދީން ވިދާޅުވެފައިވާ ގޮތުގައި ކުދިންނަށް ކެއާޓޭކަރުންނާއި ޓީޗަރުން ޖިންސީ ގޯނާ ކުރުމުގެ އިތުރުން އެއްކުއްޖަކު އަނެއް ކުއްޖަކަށްވެސް އެފަދަ އަމަލުތައް ހިންގުމަށް މަޖްބޫރު ކުރަމުން އައިކަންވެސް ވަނީ ހާމަވެފައެވެ.
އެތަންތާތިބޭ ކުދިން ބަލިވުމުންވެސް ހާލަތު ވަރަށް ކްރިޓިކަލް ވުމުން ނޫނީ ސިއްހީފަރުވާއަކާ ހަމަޔަށް ނުގެންދާކަމަށް އޭނާ ވިދާޅުވިއެވެ.އަދި ކުށް ކުރެވޭ ކުދިންގެ ގައިގައި ހޫނު ސަމުސާ ފަދަ އެއްޗެތި ޖައްސާ ފިއްސާލުން ފަދަ ކަންކަން ކުރާކަމަށާ، މެޑިކަލް ޗެކް ތައް ކުރާކަމަށްބުނެ ކުދިންގެ ގައިގައި އަތްލަންނުޖެހޭ ގޮތް ގޮތަށް އަތްލަމުން ދާކަމަށްވެސް އޭނާ ވިދާޅުވެފައި ވެއެވެ.
މިތަންތަނަށް ޑޮނޭޝަންތައް ހޯދަނީ އިސްލާމް ދީނުގެ ނަމުގަކަމަށް ވެއެވެ.
ސަލާމަތް ކުރެވުނު ކުދިން ޑޮކްޓަރަށް ދައްކާ ފަރުވާ ދެމުންދާކަމަށް އިންސްޕެކްޓާޖެނެރަލް އޮފް ޕޮލިސް ވިދާޅުވެފައިވެއެވެ.
ގްލޯބަލް އިޚްވާން އަކީ އަލް އަރްގަމް ކިޔާ އިސްލާމިކް ސެކްޓް އުފެއްދި އަޝާރީ މުހައްމަދު ކިޔާ މީހަކު އުފެއްދި ގްރޫޕެއް ކަމަށް ވެއެވެ.އަޝާރީ 2010 ގައި މަރުވުމަށް ފަހު ގްލޯބަލް އިޚްވާން ގެނަން އެތައްފަހަރަކު ރިބްރޭންޑް ކުރެވިފައިވާ ކަމަށްވެއެވެ.
އަލް އަރުގަމް އަކީ މެލޭޝިޔާގައި މިހާރު މަނާކުރެވިފައިވާ ދީނީ ޖަމާއަތެކެވެ.
ކުދިންނަށް އިހާނެތިކޮށް ޖިންސީ ފުރައްސާރަ ކުރާކަމަށް ކުރެވުނު ތުހުމަތުތައް ވަނީ ގްލޯބަލް އިޚްވާނުން ދޮގުކޮށްފައެވެ. އަދި ތަހުގީގުގައި އިދާރާތަކަށް އެއްބާރުލުން ދޭނެ ކަމަށް އެފަރާތުން ނެރުނު ބަޔާނެއްގައި ބުނެފައި ވެއެވެ.
މައުލޫމާތު : ސީ.އެން.އެން

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް