ސުރުޚީއަކީ ބިޒްބަސް އިންސައިޑަރގެ ސުރުޚީއެކެވެ. ބުނަން ބޭނުންވަނީ އީރާނުން ރަޝިޔާއަށް ފަތުހު-360 މަރުކާގެ މިސައިލް ފޯރުކޮށްދީފިކަމަށް ވައިޓް ހައުސް އިން ބުނެފައިވާ ވާހަކައެކެވެ. މިއީ ކައިރިން ހަމަލާދޭން ބޭނުންކުރާ ބެލިސްޓިކް މިސައިލެއްކަމާއި މަދު ދުވަސްކޮޅެއްގެ ތެރޭގައި ރަޝިޔާއިން އެ މަރުކާގެ މިސައިލް ޔޫކްރެއިނާ ދެކޮޅަށް ބޭނުން ކުރާނެ ކަމަށްވެސް ވައިޓްހައުސް އިން އިންޒާރު ދީފައި ވެއެވެ. ވައިޓް ހައުސްހެ ގައުމީ ސަލާމަތާބެހޭ ކައުންސިލްގެ ތަރުޖަމާނު ޖޯން ކާރބީ ބުނެފައިވަނީ އީރާނުން ރަޝިޔާއަށް ފޮނުވީ ކިތައް މިސައިލްކަން ނޭގޭ ކަމަށެވެ. އެހެންނަމަވެސް އެ މިސައިލްތައް ރަޝިޔާއިން ބޭނުންކުރާނީ ޔޫކްރެއިންގެ ފްރަންޓް ލައިނަށް ހަމަލާދިނުމަށްކަން އެނގިފައިވާ ކަމަށެވެ. އަދި އޭގެ ސަބަބުން ރަޝިޔާގެ ދުރު ރާސްތާ މިސައިލްތަކުގެ އަމާޒު ވެސް ޔޫކްރެއިން އެތެރޭ ހިސާބުތަކަށް ހުޅުވިގެންދާނެއެވެ.
އީރާނުގެ ފަތުހު-360 މަރުކާގެ މިސައިލްގެ ރޭންޖަކީ 75 މޭލެވެ. އެ މިސައިލުން 330 ރާތަލުގެ ވޯރހެޑް އުފުލޭނެއެވެ .
މިއީ ރަޝިޔާގެ ބައިވެރިން ކަމުގައި ބެލެވޭ ފަގީރު 2 ގައުމުން ރަޝިޔާއާއެކު އެންމެ ފަހުން ކުރެވުނު މިލިޓްރީ މުއާމަލާތުގެ ބައެކެވެ. އިޝާރާތް ކޮށްފައިވާ ފަގީރު 2 ގައުމަކީ އީރާނާއި އުތުރު ކޮރެއާއެވެ.
ޓާސް އަށް ހަވާލާދީ ރޮއިޓާރސްއިން ބުނެފައިވަނީ ރަޝިޔާއާއި އީރާނާއެކު މުޅިން އާ ބައިލެޓްރަލް ޓްރީޓީއެއްގައި ސޮއިކުރުމުގެ ހުރިހާ މަރުހަލާތަކެއް މިހާރު ނިމިފައިވާކަމަށް ރަޝިޔާގެ ގައުމީ ސަލާމަތާބެހޭ ކައުންސިލްގެ ރައީސް ސަރްގީ ޝޮއިގޫ ވިދާޅުވެފައިވާ ކަމަށެވެ. އިރާނާއި ރަޝިޔާގެ ގުޅުން ބޮޑުވަމުން ދިއުމަކީ ޔޫރަޕަށާއި އެމެރިކާއަށް އަޅާނުލައި ތިބެވޭ ވަރަށް ވުރެން މާ ނުރައްކާތެރި ކަމެއް ކަމުގައި ވައިޓް ހައުސްގެ ގައުމީ ސަލާމަތާބެހޭ ތަރުޖަމާނު ބުނެފައިވެއެވެ. އީރާނުގެ މިލިޓްރީ އެހީގެ ބަދަލުގައި ރަޝިޔާއިން ގެންދަނީ އީރާނަށް ނިއުކްލިއަރ ޓެކްނޯލޮޖީ އާއި ޖައްވާ ގުޅުންހުރި މައުލޫމާތު ފޯރުކޮށްދެމުންނެވެ.
ރަޝިޔާއިން ޔޫކްރެއިނާ ދެކޮޅަށް ކުރަމުންގެންދާ ހަނގުރާމައިގާ އީރާނާއި އުތުރު ކޮރެއާއިން ރަޝިޔާއަށް އެހީ ފޯރުކޮށްދިނުމަކީ އެމެރިކާ ވަރަށް ރުޅިއަންނަކަމެކެވެ. އެމެރިކާގެ މި ތުހުމަތުތައް ރަޝިޔާއިން ދޮގުކުރެއެވެ. އެހެންނަމަވެސަ އެމެރިކާގެ ޚާރިޖީ ވަޒީރު މީޑިއާތަކަށް މިދިޔަ އަންގާރަ ދުވަހު ކަށަވަރު ކޮށްދީފައިވަނީ އީރާނުން ފޮނުވި ބެލިސްޓިކް މިސައިލްތައް ރަޝިޔާއަށް މިހާރު ވަނީ ލިބިފައިކަމަށެވެ. ޚާރިޖީ ވަޒީރުގެ މި ވިދާޅުވުން އީރާނުންވަނީ ދޮގުކޮށްފައެވެ.
އީރާނުން ރަޝިޔާއަށް މިލިޓްރީ އެހީ ފޯރުކޮށް ދިނުމުގެ ރުޅީގައި ޔޫރަޕުގެ ގައުމުތަކުން އީރާނަށް ކުރާ ވައިގެ ދަތުރުތައް ހުއްޓާލަން ވަނީ ގަސްދުކޮށްފައެވެ. މިއީ ބައިޑްން އެޑްމިނިސްޓްރޭޝަނާ ވެސް ގުޅިގެން ކުރަން ރޭވިފައިވާ ކަމެކެވެ. އިނގިރޭސި ވިލާތާއި ފަރަންސޭސި ވިލާތާއި އަދި ޖަރުމަނުންވެސް ތިބީ އީރާނުން ރަޝިޔާއަށް ހަތިޔާރުގެ އެހީ ފޯރުކޮށްދޭތީ ރަތަށް އަރާފައެވެ. ފަރަންސޭސި ވިލާތުން ބުނެފައިވަނީ އީރާނުން ރަޝިޔާއަށް މިސައިލް ދީފިނަމަ ނަތީޖާ ވަރަށް ނުބައިވާނެކަން އޮންނާނީ އިރާނަށް އަންގާފައެވެ. ޚާރިޖީ ވަޒީރު ބްލިންކަން ވިދާޅުވެފައިވަނީ އީރާނުން ރަޝިޔާއާއި ގާތް ގުޅުމެއް އުފެއްދުމުގައި އީރާނުގެ ރައީސް ޕެޒެޝްކިއާނާއި ޚާރިޖީ ވަޒީރު އައްބާސް ދެ ފަހަރަށް ވިސްނުން ބުއްދި ވެރިކަމަށެވެ. އަހަރެމެން ބޭނުންވަނީ ހުރިހާ ޤައުމަކާވެސް އެކުވެރިކަމުގެ ގުޅުން ދަމަހައްޓާށޭ ބުނުމަކުން ނުފުދޭނެއެވެ.