އިސްލާމިކް ރިޕަބްލިކް އޮފް އީރާނުން ހިޒްބު އަށް ފޯރުކޮށްދީފައިހުރި ބާރުގަދަ އޭ އެމް ޕީ ( އިލެކްޓްރޯ މެގްނެޓިކް ޕަލްސް ވެޕަން ) ހަތިޔާރަކީ އިސްރާއީލަށް އޮތް ވަރަށްބޮޑު ނުރައްކަލެއްކަން ހާމަވެއްޖެއެވެ.
އިސްލާމިކް ރިޕަބްލިކް އޮފް އީރާނުން ހިޒްބު ﷲ އަށް ފޯރުކޮށްދީފައިހުރި ބާރުގަދަ އޭ އެމް ޕީ ( އިލެކްޓްރޯ މެގްނެޓިކް ޕަލްސް ވެޕަން ) ހަތިޔާރަކީ އިސްރާއީލަށް އޮތް ވަރަށްބޮޑު ނުރައްކަލެއްކަން ހާމަވެއްޖެއެވެ. އީރާނުގެ ރިޓަޔަރޑް ޖެނެރަލަކު ބުނެފައިވާގޮތުގައި ހިޒްބު ﷲ އަތުގައި ހުރި އީ އެމް ޕީ ގެ ބޭނުންކޮށްފިނަމަ އިސްރާއީލުގެ މުވާސަލާތީ ނިޒާމާއި ހަކަތައިގެ ނިޒާމް އެއްކޮށް ހަލާކު ކޮށްލެވިދާނެއެވެ. އޭގެ ސަބަބުން އިސްރާއީލު އޮޅުންބޮޅުންގެ ތެރެއަށް ވެއްޓި ސިފައިންގެ ހަރަކާތަތަކާއި ރާޑަރާއި ހަނގުރާމަ މަތީ އެއާރކްރާފްޓްތަކުގެ ދަތުރުތަކުގެ މިސްރާބު އޮޅިގެންދާނެއެވެ.
އިސްރާއީލާއި ހިޒްބު ﷲ އާ ދެމެދު ކޮންމެ ދުވަހަކު ހަމަލާތައް ބަދަލު ކުރެވެމުންދާއިރު ހިޒްބު ﷲ ގެ ބާރުގެ ދަށުގައި އިސްރާއީލުގެ މުޅި އިލެކްޓްރިކް ގްރިޑް ހުއްޓުވާލެވިދާނެ ހަތިޔާރު ހުރިކަން އެނގުނީ މިހާރުއެވެ.
އަރަބި ގައުމުތަކުގެ މީޑިއާގައި ދައުރުވަމުންދާ ޚަބަރުތަކުގައި ހަނގުރާމަކޮށްގެން ދެވިދާނެ ގެއްލުމަށްވުރެން މާބޮޑެތި ގެއްލުން ދެވިދާނެ އީ އެމް ޕީ އީރާނުގެ ތާއީދު ލިބިފައިވާ މުޖާހިދުންނަށް ފޯރުކޮށްދީ އަދި އެ ހަތިޔާރު ބޭނުންކުރާނެ ގޮތުގެ ޚާއްސަ ތަމްރީނުތައްވެސް ދެމުންގެންދާކަން ހާމަކޮށްފައި ވެއެވެ.
އިސްލާމިކް ރިވޮލިއުޝަނަރީ ގާރޑުން ގެ ގުދުސް ފޯސް އިން ކުވޭތުގެ އަލް ޖަރިދާއަށް މައުލޫމާތު ދީފައިވާ ގޮތުގައި ލެބަނަންގެ ހިޒްބު ﷲގެ ބާރުގެ ދަށުގައި އެކްސްޕލޯސިވް އިލެކްޓްރޯ މެގްނެޓިކް ވޯރހެޑް އުފުލޭނެ ބޮމާއި މިސައިލް ހުންނާނެ ކަމަށް ބުނެފައި ވެއެވެ. މައުލޫމާތު ދިން ފަރާތުން ކިޔާދީފައިވާ ގޮތުގައި އޭގެ ތެރެއިން ބައެއް އީ އެމް ޕީ ޑްރޯންގައި އުފުލައިގެން ގެންގޮސް އިސްރާއީލުގެ އެތެރެއިން ބޭނުންވާތަނަކަށް ވައްޓާ ލެވިދާނެއެވެ. އެމެރިކާއާއި އިނގިރޭސި ވިލާތް އިސްރާއީލު ރައްކާތެރިކުރަން އުޅޭ ނަމަ އެ ގައުމުތަކަށްވެސް ޓާގެޓް ކުރެވޭނެއެވެ. މި ޚަބަރު އިސާހިތަކު އިސްރާއީލުގެ މީޑިއާގެ ސަމާލު ކަމަށް އަތުވެއްޖެއެވެ.
ބައެއް ތަޖްރިބާކާރުން ދެކޭގޮތުގައި އީރާނުގެ އީ އެމް ޕީ އިންޒާރު ކަށަވަރު ކުރުމަކީ ވަރަށް އުދަނގޫ ކަމެކެވެ. އީރާނުގެ މައިގަނޑު އެކްސްޕޯރޓަކީ ތެޔޮ ކަމަށްވާނަމަ ދެވަނައަށް އެންމެ ފާހަގަކުރެވެނީ އެ ބާވަތުގެ އިންޒާރު ދިނުމެވެ. މިބާބަތުގެ އިންޒާރު ދެމުންގެންދަނީ އީރާނުގައި ހުރި ހަތިޔާރަކީ ފިނި ހަނގުރާމައިގެ ދުވަސްވަރުގެ އެއްޗެތި ކަމަށް ވެފައި އެކަން ސިއްރުކޮށް ފޮރުވުމުގެ ބޭނުމުގައެވެ. އީރާނުގައި ހުރި ހަތިޔާރު ހުރިހާ ގޮތަކުން އެމެރިކާ ނުވަތަ އިސްރާއީލުގައި ހުރި ހަތިޔާރަށްވުރެން މާ ފެންވަރު ދަށްވާނެއެވެ. ކަންމިހެން އޮތް ނަމަވެސް އީރާނުގެ ނިއުކްލިއަރ ޕްރޮގްރާމް ނުހުއްޓައި ކުރިޔަށް ގެންދާ ކަމަށާއި ވަރަށް ނުރައްކާތެރި ބެލިސްޓިކް މިސައިލް އުފައްދަމުން ގެންދާކަމަށް އެއްބަސްވާން ޖެހެއެވެ. އަދި އީރާނުގެ ޝާހިދު-136 މަރުކާގެ އެޓެކް-ޑްރޯން ރަޝިޔާއަށް ފޯރުކޮށްދިނުމާއި އީރާނުން ބޭނުންވެއްޖެނަމަ އިސްރާއީލުގެ އެންމެ އެތެރެއަށާއި ޔޫރަޕަށް ސީދާ ހަމަލާ ދިނުމުގެ ގާބިލުކަން ލިބިފައިހުރިކަމަށް ވެސް އެއްބަސްވާންޖެހެއެވެ.
ޚަބަރުގައި އިލެކްޓރޯ މެގްނެޓިކް ޕަލްސް ވެޕަން އޭ ބުނެފައވާއިރު އޭގެ ތަފްސީލު ހާމަކޮށްފައެއް ނުވެއެވެ. ތަޖްރިބާކާރުން ލަފާކުރާ ގޮތުގައި އެއީ ވަކި ތަނަކަށް އަމާޒުކޮށް ފޮނުވާލެވޭ ވައްތަރެއްގެ ނިއުކްލިއަރ ބައިޕްރޮޑަކްޓަކަށް ވެދާނެއެވެ. އެ ހަތިޔާރު ޖައްވުތެރޭގައި ގޮއްވާލުމުން ދެން އުފެދޭ އީ އެމް ޕީ އިފެކްޓް ގެ ސަބަބުން އިންސާނުންގެ ޢާންމު ދިރިއުޅުމަށް ބޮޑެތި ގެއްލުންތަކެއް މެދުވެރި ކުރުވާނެއެވެ. އެފަދަ ހަމަލާތަކުގެ ސަބަބުން މުވާސަލާތީ ގުޅުންތަކަށް ބުރޫއަރާއި ޖީ ޕީ އެސް ސިގްނަލްތަކުގެ މިސްރާބު އޮޅި ސެޓެލައިޓްތަކަށް މަގުއޮޅި އަދި މޮބައިލް ފޯނުގެ ބޭނުން ކެނޑިގެންދާނެއެވެ. މިބާވަތުގެ އީޖާދުތައް ބޭނުންކުރުމަކީ އިންސާނިއްޔަތު ފަނާކުރަނިވި ވަސީލަތަކަށްވާނެއެވެ.
އީރާނުން ނިއުކްލިއަރ މަޝްރޫއު ކުރިއަށް ގެންދާއިރު އެގައުމުން ބޭނުންވާނަމަ ނިއުކްލިއަރ އީ އެމް ޕީ އުފެއްދި ދާނެއެވެ. ބޮޑެތި ބާރު ތަކާއެކު ވެވުނު އެއްބަސްވުމުން އެމެރިކާގެ ރައީސް ޓްރަމްޕް އަމިއްލައަށް އެއްފަރާތް ވުމުން ފުރުސަތުގެ ބޭނުންކޮށް އީރާނުން ނިއުކްލިއަރ ހަތިޔާރު އުފެއްދުމާ ކައިރިއަށް ގިނަ އަދަދަކަށް ޔުރޭނިއަމް ހުރީ ފައްކާކޮށްފައެވެ.
އީ އެމް ޕީ ގެ ނުރައްކާތެރިކަމަކީ ނިއުކްލިއަރ ހަތިޔާރުގެ ގިންތީގައި ނުހިމެނޭ ފެންވަރަށްވެސް އީ އެމް ޕީ ތައްޔާރު ކުރެވިދާނެއެވެ. މިބާވަތުގެ ހަތިޔާރަށް ނޮން ނިއުކްލިއަރ އީ އެމް ޕީ ގެ ނަންވަނީ ދީފައެވެ. ނޮން ނިއުކްލިއަރ އެން އެން އީ އެމް ޕީ އަކީ ސޫޓްކޭހަކަށް އަޅާލައިގެންވެސް އުފުލިދާނެ ހަތިޔާރެކެވެ. އެކަމަކު އެ ހަތިޔާރު ގޮއްވާލުމުން އުފެދޭ ބާރުގަދަ މައިކްރޯވޭވް އެމިޓަރ އަކީ ނިއުކްލިއަރ ހަތިޔާރަށް ދޫކުރާނެ އެއްޗެއް ނޫނެވެ. އެމެރިކާ ސރުކާރުގެ އީ އެމް ޕީ ޓާސްކް ފޯސް އިން 2021 ވަނައަހަރު ނެރެފައިވާ ރިޕޯރޓުގައި ބުނެފައިވަނީ ނިއުކްލިއަރ ހަތިޔާރާއި އެން އެން އީ އެމް ޕީ ގެ ތަފާތަކީ ހަމައެކަނި އެ ގޮއްވާލުމުން އުފެދޭ ބާރުގަދަ މައިކްރޯވޭވް އެމިޓަރ ފެތުރިގެންދާ ސަރަހައްދު ނިސްބަތުން ކުޑަވުމެވެ. އީ އެމް ޕީ ގެ ރޭޑިއަސް އަކީ އެތައް ސަތޭކަ މޭލު ކަމަށް ބެލވޭއިރު އެން އެން އީ އެމް ޕީ ގެ ޜޭޑިއަސް އަކީ ހައެއްކަ މެލޭވެ
މިހާރު އުފެދިފައިވާ ނުރައްކާތެރި ސުވާލަކީ އީރާނުން އޭ އެމް ޕީ ހިޒްބު ﷲ އަށާއި ދެންތިބި އެކްސިސް އޮފް ރެޒިސްޓެންސް ޖަމާއަތަށް ފޯރުކޮށް ދީ އަދި އެކަމަށް ބޭނުންވާ ޚާއްސަ ތަމްރީނު ޕްރޮގްރާމްތައް ހިންގާފާނެ ހެއްޔެވެ ؟
އިސްރާއީލުގެ ސައިޒަށް ބަލާއިރު އެގައުމުގެ އުތުރު ސަރަހައްދަށް ހަމައެކަނި މަދު އަދަދެއްގެ އެން އެން އީ އެމް ޕީ ބޮން ގޮއްވާލިއަސް އިސްރާއީލު މިލިޓްރީ އާއި އާންމު މުވާސަލާތު ހުއްޓުމަކަށް އަންނާނެއެވެ. އަދި އިސްރާއީލަށް އަހަރަކު ލިބޭ ބައި ޓްރިލިއަން ޑޮލަރުގެ އާމްދަނީ ކަކުލުހުޅުން ދޫވެގެން ބިންމައްޗަށް ވެއްޓޭނެއެވެ. މިބާވަތުގެ ހަމަލާއެއް ދީފިނަމަ އިސްރާއީލުން ދެކޭނީ ނިއުކްލިއަރ ހަތިޔާރު ބޭނުންކުރީ ކަމަށެވެ. ބަދަލުގައި އިސްރާއީލުން ނިއުކްލިއަރ ހަތިޔާރުން ހަމަލާދިނުމަކީ ދުރުކަމެއް ނޫނެވެ.
ނިއުކްލިއަރ ހަތިޔާރާއި އީ އެމް ޕީ އަކީ މުޅި ދުނިޔެއަށް ހުރި ބޮޑު ނާމާން ކަމެކެވެ. އެބާވަތުގެ ހަތިޔާރު ބޭނުން ކުރުމުން މެދުވެރިވާ ހާލަތު މިއަދު އެ އޮތީ ޖަޕާނުން ފެންނާށެވެ.