ސީރިޔާގައި ހުންނަ ސައުދީ އަރަބިއްޔާގެ އެމްބަސީ 13 އަހަރަށް ފަހު އަލުން ހުޅުވައިފި އެވެ.
އެގޮތުން ދިމިޝްގުގައި ހުންނަ މި އެމްބަސީގެ ހަރަކާތްތައް ރަސްމީކޮށް ފަށާފައި ވަނީ އަންގާރަ ދުވަހުގެ ހެނދުނު އެވެ.
ސީރިއާގައި ހުންނަ ސައުދީ އެމްބަސީގެ ޗާޖް ޑި އެފެއާޒް ވިދާޅުވީ ރިޔާދާއި ދިމިޝްގާއި ދެމެދު ދެ ޤައުމުގެ ގުޅުން ބަދަހި ކުރުމަށް ކުރާ މަސައްކަތްތައް އެމްބަސީން ކުރާނެ ކަމަށެވެ.
ހަމައެހެންމެ މި އެމްބަސީ އަލުން ހުޅުވުމަކީ ދެ ޤައުމުގެ އަޚުވަންތަ ކަމުގެ ގުޅުމުގެ ތާރީހުގައި ވެސް މުހިންމު ވަގުތުކޮޅެއް ކަމަށް ސައުދީ އެމްބަސީގެ ޗާޖް ޑި އެފެއާޒް ވިދާޅުވެފައި ވެއެވެ.
ދިމިޝްގުގައި ހުންނަ ސައުދީ އެމްބަސީގެ ހަރަކާތްތައް އަލުން ފެށުމުން ދެ ޤައުމުގެ ގުޅުން ބަދަހި ވެގެންދާނެ ކަމަށް ސީރިއާގެ ޑެޕިއުޓީ ފޮރިން މިނިސްޓަރުވެސް ވަނީ ވިދާޅުވެފައެވެ.