ފުރާވަރު

Loading

Facebook
Twitter
WhatsApp

ފުރާވަރު އުމުރަކީ ކުދީންގެ އުޅުމަށް އިންޤިލާބެއް ގެނުވާ އުނދަގޫ ދުވަސްވަރެކެވެ. ވުމާއިއެކު ބެލެނިވެރިން އެމީހުންގެ ދަރީންނަށް ފުރާވަރު އުމުރުގައި ޙާއްޞަ ސަމާލުކަމެއް ދިނުން މުހިއްމެވެ. މި އުމުރުގައި ކުދީންގެ އުޅުމަށް ޙާއްޞަ ސަމާލުކަމެއް ނުދެވިއްޖެނަމަ، ކުއްޖާގެ އަޙްލާޤަށް ބޮޑެތި ބަދަލު ތަކެއް އައިސް ގޯޅި އެޅުން އޮންނާނީ ދާދި ގާތުގައެވެ.

     ފުރާވަރު އުމުރުގެ ކުދިން، ބެލެނިވެރިންނާއި، ދަރިފުޅާއިމެދު، ބަދަހި އިތުބާރު ހިފޭ ގުޅުމެއް ޤާއިމް ކުރެވިފައިވާނަމަ، ފުރާވަރު އުމުރުގައި ކުއްޖާ މަގުގެއްލިގެން ދިއުން ދުރެވެ. އަދި ބެލެނިވެރިންނާއި ދަރިންނާއި ދެމެދު މި ދެންނެވި ފަދަ ގުޅުމެއް ޤާއިމްކުރެވިފައިވާނަމަ، ފުރާވަރު އުމުރުގައި ކުދިންނަށް ކުރިމަތިވާ ގޮންޖެހުންތަކާއި ކުރިމަތިލުމުގައި ބޮޑު ބާރަކަށް މިކަން ވެގެންދާނެއެވެ.

      މިއުމުރުގެ ގިނަ ކުދިންނަށް އިޙްސާސް ކުރެވޭގޮތުގައި ފުރާވަރު އުމުރުގައި އެކުދިންނާ ކުރިމަތިވާ ގިނަކަންތައްތައް ބެލެނިވެރިންނަށް ވަޒަންނުކުރެވެއެވެ. މީގެ ސަބަބުން ބެލެނިވެރިންނާއި ދަރީންނާއި ދެމެދު އޮންނަންވާ ގުޅުމަށް ބުރޫއަރައެވެ. ވުމާއި އެކު މިއުމުރުގައި ކުދިންގެ އިޙްޞާސްތައް ދެނެގަނެ އެކުދިންނާ ބަދަހި ގުޅުމެއް ބޭއްވުން މުހިންމެވެ.

ހަމައެކަނި ބެލެނިވެރިއަކަށް ނުވާށެވެ. ރަޙުމަތްތެރިއަކަށް ވެސް ވާށެވެ :

ފުރާވަރު ކުދިންނާއި މުޢާމަލާތު ކުރާއިރު ބެލެނިވެރިންނަކީ ކުދީންގެ ރަޙްމަތްތެރިއެއް ކަމަށް އިޙްސާސްވާ ގޮތަށް މުޢާމަލާތު ކުރުން މުހިއްމެވެ. ކުއްޖާގެ ދިރިއުޅުމުގައި ދިމާވާ ކަންތައްތަކުގައި ޢަމަލީގޮތުން ބައިވެރިވެ ހިތްވަރުދިނުން މުހިއްމެވެ. މީގެ ސަބަބުން ކުއްޖާގެ ޝަޙްސިއްޔަތު ބިނާކުރުމުގައި އެހީތެރި ވެދެއެވެ. ފުރާވަރު އުމުރުގެ ކުދިންނާ މުޢާމަލާތު ކުރާއިރު ބޮޑެތި މީހުންނާ މުޢާމަލާތު ކުރާގޮތަށް މުޢާމަލާތު ކުރުން މުހިއްމެވެ. މީގެ މާނައަކީ ޢާއިލާގެ އެކި ޙަރަކާތް ތަކުގައި ދަރިފުޅު ބައިވެރި ކުރުމާއި، ކަންކަމުގައި ދަރިފުޅުގެ ޙިޔާލާއި މަޝްވަރާ ހޯދުމެވެ.

ދަރިންގެ އަޑު އަހާށެވެ:

    މީގެ މާނައަކީ ހަމައެކަނި އަޑުއެހުމެއް ނޫނެވެ. އަޑުއަހާ ދެނެގަތުމެވެ. ދަރިންގެ ވާހަކަ އަޑުއަހާ، ދެނެގަނެ، ވިސްނުމުން، ކުއްޖާގެ ފިކުރުތަކާއި އަމާޒުތައް ދެނެގަނެވި، މިކަންކަމާއި އެހީތެރި ވުމަށް ފަސޭހަވެގެން ދާނެއެވެ. އަދި ދަރީންގެ ވާހަކަ އަޑުއެހުމުގެ ސަބަބުން ބެލެނިވެރިންނާއި ދަރީންނާއި ދެމެދު ވާގުޅުން ބަދަހި ވެ އިތުބާރު އުފެދ، ކުދިންނަށް ދިމާވާ ކަންކަމުގައި ގޮތް ނޭނގޭ މީހުންގެ ފަރާތުން މަޝްވަރާ ހޯދުމުގެ ބަދަލުގައި ބެލެނިވެރިންނާ މަޝްވަރާ ކުރުމަށް މަގުފަހިވެގެން ދާނެއެވެ.

މިނިވަންކަމަކީ ޙަޤީޤީ ގޮން ޖެހުމެކެވެ:

    ތިބާއާއި ތިމާގެ ދަރިފުޅާއި ދެމެދު އާދައިގެ ހަމަޖެހޭ ގުޅުމެއް ބިނާކުރާށެވެ. ދަރިފުޅުގެ އަޑު އަހާށެވެ. ދަރިފުޅުގެ ޙިޔާލު ފާޅުކުރުމަށް ޖާގަ ދޭށެވެ. އެ ޙިޔާލަށް އިޙްތިރާމް ކުރާށެވެ. ނަމަވެސް ފަހުބަސް ބުނަންވާނީ ތިބާއެވެ. ކުއްޖާއަށް އިޙްތިރާމް ކުރިވަރަކަށް ކުއްޖާ ތިބާއަށް އިޙްތިރާމް ކުރާނެއެވެ. ތިބާގެ ޙިޔާލާއި އެއްގޮތް ނުވި ނަމަވެސް ދަރިފުޅުގެ ޙިޔާލަށް ފުރުޞަތު ދޭށެވެ. ނަމަނަމަ ދަރިފުޅު ވިސްނާގޮތަށް، އޭނާގެ ތަބީޢަތަށް، ނުވަނަ އޭނާގެ މިޒާޖަށް ފާޑު ނުކިޔާށެވެ. މީގެ ސަބަބުން ބެލެނިވެރިއާއާއި ފުރާވަރު އުމުރުގެ ކުއްޖާއާއި ދެމެދު އުފެދިގެން ނުވާނެ ފަދަ ދުރުކަމެއް އުފެދިދާނެއެވެ.

ރަނގަޅު މިޘާލު ދައްކާށެވެ:

    ފުރާވަރު އުމުރުގެ ކުދިން އަބަދުވެސް އެހެން މީހަކު ކޮޕީ ކުރުން ގާތެވެ. ވުމާއި އެކު ބެލެނިވެރިން ވާންވާނީ ކުދިންނަށް ރަނގަޅު ނަމޫނާއަކަށެވެ. ސަބަބަކީ ކުއްޖާގެ މިޒާޖާއި އުޅުން ބައްޓަން ވުމުގައި ބެލެނިވެރިން ދައްކާ ނަމޫނާ، މުހިއްމު ދައުރެއް އަދާކުރާތީއެވެ. އަދި ދަރިންނަށް ރަސޫލާ ﷺގެ ސީރަތު އުނގަންނައިދީ ކިޔައިދިނުން މުހިންމެވެ. އެހެނީ ދަރިފުޅު ރެސްލިން ތަޅާ މީހެއްގެ ޕްރޮފައިލް ހޯދާ އޭނާއަށް ސަޕޯޓް ކުރާނަމަ ކުއްޖާއަށް ކޮޕީކުރެވުން އުޅޭނީ އޭނާގެ ގޮތެވެ.

ރަނގަޅު ރަޙުމަތްތެރިއެއް ހޯދައި ދޭށެވެ:

   ފުރާވަރު އުމުރުގެ ކުދީން ބައެއް ޙާލަތްތަކުގައި އެކުދިންގެ ރަޙްމަތްތެރިން ދައްކާވާހަކަ، ބެލެނިވެރިން ދައްކާވާހަކައަށް ވުރެ ފަސޭހައިން ޤަބޫލުކުރެއެވެ. ވުމާއިއެކު، ކުއްޖާއަށް ރަނގަޅު ހެޔޮލަފާ ރަޙްމަތްތެރިއެއް ހޯދައިދީ މިފަދަ ރަޙްމަތްތެރިންނާއި އެކު އުޅުމަށް ބާރު އަޅާށެވެ.

ހެޔޮލަފާ ކަންކަމުގައި މަޝްޣޫލް ކުރުވާށެވެ:

   ފުރާވަރު އުމުރުގެ ކުއްޖާގެ ދިރިއުޅުން، ރަނގަޅު ހެޔޮލަފާ ކަންކަން ކުރުމުން ފުރިފައިވާނަމަ ނުރަނގަޅު ކަންތައްތަކާއި މަޝްޣޫލުވެގެން އުޅުމަށް ވަގުތެއް ނޯންނާނެއެވެ. މިޘާލެއްގެ ގޮތުން ކުއްޖާއަށް ލިބޭ ހުސްވަގުތު ތަކުގައި ކޮންމެވެސް ރަނގަޅު ފޮތެއް ކިއުމަށް ބާރުއެޅިދާނެއެވެ. އަދި ޢާއިލާގެ ކަންތަކުގައި ފުރާވަރު އުމުރުގެ ކުދީންގެ ބައިވެރިވުން އިތުރުކޮށް އޭނާގެ ޙިޔާލާއި މަޝްވަރާ ހޯދާށެވެ. 

ފުރާވަރު އުމުރަކީ އެއްގޮތަކުން ބަލާއިރު ދަރިފުޅުގެ ދިރިއުޅުން ވަކިގޮތަކަށް ބައްޓަންވެގެންދާ އުމުރެކެވެ. މި އުމުރުގައި ކުއްޖާއަށް ރަނގަޅު މިސާލު ދައްކާ،  ކުއްޖާއަށް ދިމާވާ ކަންތަކުގައި ބެލެނިވެރިން ކުއްޖާއާއި އެކު ހިއްސާކޮށް މަޝްވަރާއާއި ލަފާދީ ހެޔޮ ތަރުބިއްޔަތު ދެވިއްޖެނަމަ ދަރީން ބޮޑެތިވެގެން މަގު އޮޅިގެން ދިއުން ނުހަނު ދުރެވެ. މިއަދު އަޅުގަނޑުމެންގެ މުޖުތަމަޢުން ފެންނަމުން މިދަނީ ފުރާވަރުގެ އުމުރުގައި ދަރީންނާއި މެދު އިހުމާލު ވުމުގެ ހިތި ނަތީޖާއެވެ. 

  

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް