އެޗްއާރްސީއެމްގެ މެންބަރު ކަމަށް ހަބީބް،ޖޭއެސްސީގެ މެންބަރު ކަމަށް ފަރުހާދު

Loading

Facebook
Twitter
WhatsApp

ރައީސުލްޖުމްހޫރިއްޔާ ހިއުމަން ރައިޓްސް ކޮމިޝަން(އެޗްއާރްސީއެމް)ގެ މެންބަރު ކަމަށް އިސްމާއިލް ހަބީބް އައްޔަން ކުރައްވައިފިއެވެ. އަދި ޖުޑިޝަލް ސާވިސް ކޮމިޝަން(ޖޭއެސްސީ)ގެ މެންބަރު ކަމަށް އަލްއުސްތާޛު ފަރުހާދު ރަޝީދު ޢައްޔަން ކުރައްވައިފިއެވެ.

ރައީސް އޮފީހުން މިއަދު ވިދާޅުވީ އެޗްއާރްސީއެމްގެ މެންބަރު ކަމުގެ މަޤާމަށް، ގ.ގާކޮށި ފްލެޓް 111-ބީ، އަލްއުސްތާޛު އިސްމާޢީލް ޙަބީބު ޢަބްދުއްރަޙީމް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ޢައްޔަން ކުރައްވާފައިވާ ކަމަށެވެ.

މި މަޤާމަށް ހަބީބް ޢައްޔަން ކުރެއްވީ މިއަދު މެންދުރުފަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި ޚާއްޞަ ރަސްމިއްޔާތެއްގައެވެ.

‎މި ރަސްމިއްޔާތުގައި އެޗްއާރްސީއެމްގެ މެންބަރު ކަމުގެ މަޤާމަށް ހަބީބް ޢައްޔަން ކުރެއްވިކަމުގެ ލިޔުން، ރައީސް ވަނީ ޙަބީބްއާ ހަވާލުކުރައްވާފައެވެ.

‎ އެގޮތުން މި ރަސްމިއްޔާތުގައި ހަބީބް ވަނީ، އެޗްއާރްސީއެމްގެ މެންބަރު ކަމުގެ ހުވާ ކުރައްވާފައެވެ. ހުވާ ލައިދެއްވީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އޮނަރަބަލް އަލްއުސްތާޛު ޢަލީ ރަޝީދު ޙުސައިނެވެ.

‎މީގެ އިތުރުން ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުޢިއްޒު މިއަދު ވަނީ ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ގެ މެންބަރު ކަމަށް ދަށުކޯޓުތަކުގެ ފަނޑިޔާރުންގެ ތެރެއިން، އެ ކޯޓުތަކުން އިންތިޚާބުކުރާ ފަނޑިޔާރެއްގެ ހައިސިއްޔަތުން، ގދ. ފިޔޯރީ، ލަންސިމޫގެ އަލްއުސްތާޛު ފަރުހާދު ރަޝީދު ޢައްޔަން ކުރައްވާފައެވެ.

ފަރުހާދު ރަޝީދު، އެ މަގާމަށް ޢައްޔަނު ކުރައްވާފައި ވަނީ މިއަދު ރައީސް އޮފީހުގައި ބޭއްވެވި ރަސްމިއްޔާތެއްގައެވެ.

އެގޮތުން ފަރުހާދު ރަޝީދު، މި މަގާމަށް ޢައްޔަންކުރެއްވީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 158 ވަނަ މާއްދާގެ (ރ) އާއި، ޤާނޫނު ނަންބަރު 10/2008 (ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ ޤާނޫނު) ގެ 3 ވަނަ މާއްދާގެ 4 ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިންނެވެ.

ޖޭއެސްސީގެ މެންބަރުކަމަށް ޢައްޔަން ކުރެއްވުމުގެ ކުރިން ފަރުހާދު ރަޝީދު، ވަނީ، ޖުޑީޝަލް ސަރވިސް ކޮމިޝަންގެ މެންބަރުކަމުގެ ހުވައި، ރައީސުލްޖުމްހޫރިއްޔާގެ ކުރިފުޅުމަތީގައި ކުރައްވާފައެވެ.

އަލްއުސްތާޛު ފަރުހާދު ރަޝީދަށް ހުވައިލައިދެއްވީ، ސުޕްރީމް ކޯޓުގެ ފަނޑިޔާރު އޮނަރަބްލް އަލްއުސްތާޛު ޢަލީ ރަޝީދު ޙުސައިންއެވެ. އަދި ހުވައިގެ އިޤްރާރުގައި އަލްއުސްތާޛު ފަރުހާދު ރަޝީދު، ވަނީ ސޮއިކުރައްވާފައެވެ.

މި ރަސްމިއްޔާތުގައި ޖުޑީޝަލް ސަރވިސް ކޮމިޝަންގެ މެންބަރު ކަމަށް ޢައްޔަން ކުރެއްވި ކަމުގެ ލިޔުން، ފަރުހާދު ރަޝީދުއާ ޙަވާލުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާއެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް