ބިނާވެށި ޕްލޭންކުރުމާއި ހިންގުމުގެ ބިލު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، މިއަދު ތަޞްދީޤު ކުރައްވައިފިއެވެ.
މި ބިލަކީ، 22 އޮގަސްޓު 2024 ވި ބުރާސްފަތި ދުވަހު ބޭއްވެވި 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ 32 ވަނަ ޖަލްސާގައި ފާސްކުރެއްވި ބިލެކެވެ.
ބިނާވެށި ޕްލޭންކުރުމާއި ހިންގުމުގެ ޤާނޫނުގެ މައިގަނޑު ބޭނުމަކީ އިޤްތިޞާދީ އަދި އިޖްތިމާޢީ ގޮތުން އެކަށީގެންވާ ގޮތެއްގައި ދިވެހިރާއްޖޭގެ ބިން ތަރައްޤީކޮށް ބެލެހެއްޓޭނެ ފަދައަކުން، ބިނާވެށި ޕްލޭން ކުރުމެވެ.
ހަމައެހެންމެ ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ތަރައްޤީކުރުމަށް މަގުފަހިވާނެ ގޮތަކަށް ބިނާވެށި ޕްލޭންކޮށް ހިންގުމާގުޅޭ އުސޫލުތައް ކަނޑައެޅުންވެސް މި ޤާނޫނުގެ މަޤުސަދުތަކުގެ ތެރޭގައި ހިމެނެއެވެ.
މި ޤާނޫނުގެ ދަށުން ބިނާވެށި ޕްލޭންތައް އެކުލަވައިލައި، އެ ޕްލޭންތައް ފާސްވުމަށްފަހު، އެ ޕްލޭންތައް ތަންފީޒު ކުރެވެމުންދާ ގޮތް ބެލުމާއި، ޕްލޭނާ އެއްގޮތްވާ ގޮތުގެ މަތިން ބިން ތަރައްޤީކުރުމުގެ ހުއްދަތައް ދިނުމުގެ މަސްއޫލިއްޔަތު ހަވާލުކުރެވިފައި ވަނީ ތިރީގައި ބަޔާންކޮށްފައިވާ އިދާރާތަކާއެވެ.
1. މިނިސްޓްރީ – އޮފް ހައުސިންގ، ލޭންޑް އެންޑް އަރބަން ޑިވެލޮޕްމަންޓް
2. ސިޓީ ކައުންސިލް
3. ރަށު ކައުންސިލް
4. އަރބަން ސަރަޙައްދުތައް ޕްލޭންކުރުމަށް ކަނޑައަޅާ އިދާރާތައް
5. ޞިނާޢީ ސަރަޙައްދުތައް ޕްލޭންކުރުމަށް ކަނޑައަޅާ އިދާރާތައް
6. އިޤްތިޞާދީ ޚާއްޞަ ސަރަޙައްދުތައް ޕްލޭންކުރުމަށް ކަނޑައަޅާ އިދާރާތައް.
ދިވެހިރާއްޖޭގައި އެއްވެސް ބިމެއް ތަރައްޤީކުރެވޭނީ، މި ޤާނޫނުގައި ބަޔާންކޮށްފައިވާ ގޮތުގެމަތީން ބިން ތަރައްޤީކުރުމުގެ ހުއްދަ ހޯދުމަށްފަހުގައެވެ. އަދި މި ޤާނޫނުގެ ދަށުން ދޫކުރާ ބިން ތަރައްޤީކުރުމުގެ ހުއްދައާއި އެ ހުއްދައިގައި ކަނޑައަޅައިފައިވާ ޝަރުޠުތަކާއި މުއްދަތުތަކާ އެއްގޮތަށް އަދި މި ޤާނޫނާއި މި ޤާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ކަނޑައަޅައިފައިވާ ތަރައްޤީކުރުމުގެ މިންގަނޑުތަކާ އެއްގޮތަށް، ހުއްދަ ދޫކުރެވުނު ފަރާތުން ޢަމަލުކުރަންވާނެކަމަށް ޤާނޫނުގައި ބަޔާންކޮށްފައި ވެއެވެ.
ބިނާވެށި ޕްލޭންކުރުމާއި ހިންގުމާބެހޭ ޤައުމީ ސިޔާސަތު ކަނޑައަޅާނީ، ވަޒީރުންގެ މަޖިލީހުގެ ލަފާގެމަތިން ރައީސުލްޖުމްހޫރިއްޔާއެވެ.