އިސްރާއީލުގެ އެއާރ ޑިފެންސްއަކީ ދުނިޔޭގެ ފެންވަރުގައި އެންމެ ކުރިއަރާފައިވާ ނިޒާމުކަމަށް ބެލެވޭއިރު މަތިންދާ ބޯޓުފަހަރު ދުއްވާ ބައެއް ބިޔަ ކުންފުނިތަކުން އިސްރާއީލަށް ދަތުރުކުރުން ހުއްޓާލަން ޖެހުނީ ކީއްވެގެން ހެއްޔެވެ! މިއީ މިއަދު ބައިނަލްއަގްވާމީ މީޑިއާގެ އެންމެ ކުލަ ގަދަ ސުރުޚީއަށް ވެއްޖެއެވެ.
އީރާނު ސަރުކާރަށް ތާއީދުކުރާ އަލް މަޔާދީނުން ބުނެފައިވަނީ ކޮމާރޝަލް ފްލައިޓްތަކުން އިސްރާއީލަށް ކުރާ ދަތުރުތައް ކެންސަލަކުރަމުން ގެންދަނީ އީރާނުން އިސްރާއީލަށް ކޮންމެ ވަގުތެއްގައިވެސް ހަމަލާދީފާނެ ކަމުގެ ބިރަށެވެ. އެ ނޫހުން ބުނެފައިވާ ގޮތުގައި މިއީ އަދި މިހާތަނަށް ދުނިޔޭގައި ތަޖްރިބާ ކޮށްފައިނުވާ ވައްތަރެއްގެ ހަނގުރާމައެކެވެ.
އެންމެ ފުރަތަމަ ފަހަރު ފްލައިޓްތައް ކެންސަލް ކޮށްފައިވަނީ 7 އޮކްޓޯބަރުގެ ހަމަލާއާ ގުޅިގެންނެވެ. އޭގެ ފަހުން ބައެއް އެއަރލައިންތަކުން ދަތުރު ފެށުމަށްފަހު މިދިޔަ ޖުލައިމަހު އީރާނުން ދިން އިންޒާރާ ގުޅިގެން އަނެއްކާވެސް ބައެއް އެއާލައިންތަކުގެ ދަތުރު ކެންސަލް ކުރިއެވެ. މިފަހަރުގެ ކެންސަލް ކުރުން ދެމިގެންދާ ސަބަބެއް ނޭނގެއެވެ.
ސަބަބު ހާމަ ކުރުމަކާ ނުލައި ފްލައިޓް ދަތުރުތައް ކެންސަލް ކުރަމުން ގެންދިއުމުން އެމެރިކާގެ ސިޔާސީ މަސްރަހަށާއި އަދި ހުޅަނގުގެ ގައުމުތަކުގެ މީޑިއާގެ ވަރަށް ބޮޑު ސަމާލު ކަމެއް ލިބިއްޖެއެވެ. ބައެއް ދަތުރުވެރިން އަލް މަޔާދީނަށް މައުލޫމާތު ދީފައިވާ ގޮތުގައި ސަބަބު ބަޔާންކުރުމަކާ ނުލައި ޔޫރަޕުގެ 15 މަނޒިލަކަށްވެސް ވައިގެ ދަތުރުތައްވަނީ ކެންސަލް ކޮށްފައެވެ. މި ޚަބަރު އަލްމަޔާދީނުން ގެނެސްފައިވަނީ އިސްރާއީލުގެ މީޑިއާ ރިޕޯޓަކަށް ހަވާލާދީފައެވެ.
މިހާތަނަށް އިސްރާއީލަށް ކުރާ ވައިގެ ދަތުރުތައް ބައެއް އެއާރލްއިންތަކުން 2025 މާޗް އާ ހަމަޔަށް ވަނީ ކެންސަލް ކޮށްލާފައެވެ. އޭގެތެރޭގައި ދުނިޔޭގެ އެންމެ ބޮޑު ބަޖެޓް އެއާރލައިން އީޒީ-ޖެޓާއި ޗައިނާގެ ކެތޭ ޕެސިފިކް ހިމެނެއެވެ. އަދި އެއާރ ކެނެޑާ އާއި އެމެރިކަން އެއާރލައިންސް އާއި ސްޕެނިޝް އެއާރލައިންސް އާއި ފިންއެއާރ އަދި ކޭ އެލް އެމް އާއި ކޮރެއަން އެއާރލައިސް އާއި ޑެލްޓާ ގެ ފްލައިޓްތައްވެސް ވަނީ އެހެންގޮތެއް ހަމަޖެހެންދެން ކެންސަލްކޮށްލާފައެވެ.