އަޅުގަނޑުގެ މި ލިއުން ފަށައި ގަތުމުގައި އަޅުގަނޑުގެ އެދުރު ބެއަކު ވިދާޅުވި ބަސްފުޅެއް ނަކަލު ކޮށްލާނަމެވެ. އެ ބަސްފުޅު މި ލިއުމާއި މާބޮޑު ގުޅުމެއް ނެތޭ ވެސް ކިއުންތެރިން ހީކޮށްފާނެއެވެ. އެކަމަކު އަޅުގަނޑު ދެކޭ ގޮތުގައި އެއީ އަޅުގަނޑުމެންގެ ގައުމުގެ އެކި ފެންވަރުގެ ވެރިންނޭ މިކިޔާ ބޭފުޅުން ފިސާރި ރަނގަޅަށް ވިސްނާ ފިކުރު ކުރަންޖެހޭ މައްސަލައެކެވެ. ރައްޔިތުންނަށްޓަކައި ރައްޔިތުންގެ ވެރިކަމެއް ކުރަން ހަވާލުވެފައިވާތީއެވެ.
އަޅުގަނޑުގެ އެދުރުބޭ ވިދާޅުވެފައި ވެއެވެ. އެއްދުވަހަކު އަމީރުލްމުއުމިނީން ޢަލީ އިބްނު އަބީ ޠާލިބު ކީރިތި ކުރައްވަން އިންނަވަނިކޮށް ބަޔަކު މީހުންނަށް ފެނިގެން ކީރިތި ކުރައްވަނީ ކޮންކަމަކާތޯ ސުވާލު ދެންނެވުމުން ވިދާޅުވިއެވެ. ”ފާއިތުވެގެން މިދާ ހަފުތާއެއްހާ ދުވަހު އެއްވެސް މީހަކު ތިމަންކަލޭގެފާނުގެ އަރިހަށް ކަމަކައިގެން އައިސްފައި ނުވާތީ ދެރަވެ ހިތާމަކުރެވެނީއެވެ.“
މި ކުރު ޖުމުލަ އަޅުގަނޑުމެންގެ ހާލަތަށް ތަރުޖަމާކޮށްލަމާ ހިނގާށެވެ. އަޅުގަނޑުމެންގެ ގައުމުގެ ލޮލުގެ ފެން ހުސްވެދާނެއެވެ. ގައުމައިގެން ދަތުރުކުރަމުންދާ ކުރިމަގުގެ ބަނަކަން ހިތަށް ގެނެވޭތީއެވެ. ގައުމަށް އުފަންވާން އޮތް އެތައް ދަރިފަސްކޮޅެއް ދަރަނިވެރި ކުރުވަމުން ގެންދާތީއެވެ. ދަރަނި ވެރިވުމުގެ ނުބައިކަން ހުކުރު ދުވަހުގެ ޚުތުބާއިންވެސް އޮޅުންފިލުވާ ދެމުން ގެންދާތީއެވެ. ދަރަނި ނަގާމީހާ ނުވަތަ ބަޔަކު އެ ދަރަނީގައި މުޅި ދިވެހި ހުރިހާ ރައްޔިތުން ޝާމިލު ކުރުވާތީއެވެ. ގައުމުގެ ކަންކޮޅުތަކުގައި މާރާމާރީއާއި ވައްކަމާއި ފޭރުމާއި އަދިވެސް ދިވެހި މުޖުތަމާއު މީގެކުރިން ދެކިފައިނުވާ އެތައް އެތައް މުސީބާތެއް ތަޢާރަފުވަމުންދާތީއެވެ. ފެންނަމުންދަނީ ޒިންމާ އުފުލަންވީމާ ޖެހިގެންހުރި މީހާގެ ބޮލަށް ކަނޑާލާ މަންޒަރެވެ.
ދިވެހި ގައުމު ކުރިމަތިލާން ޖެހިފައިވާ ގިނަ މުސީބާތްތަކުގެ މައްޗަށް ހަމައެކަނި މި ލިއުމުގައި ޚުލާސާގޮތަކަށްވެސް އަލިއަޅުވލުމަކީ ކުރެވޭނެ ކަމެއް ނޫނެވެ. މި ސަބަބަށްޓަކައި އަޅުގަނޑު އިޚްތިޔާރު ކުރަނީ ހަމައެކަނި ރާއްޖެއަށް ކުރިމަތި ވެފައިވާ އިގްތިސާދީ ބަނަކަން އަވަށްޓެރި ބައެއް ގައުމުތައް ކޮށްފައިވާ ތަޖްރިބާގެ އަލީގައި ކިއުންތެރިންނަށް ހަނދާންކޮށްދެވޭތޯ ބަލާށެވެ.
އަވަށްޓެރި ބައެއް ގައުމުތަކަށް ދިމާވި އިގްތިސާދީ ނުކުޅެދުންތެރިކަން މެދުވެރިވީ މިވެނި ލީޑަރެއްގެ ސަބަބުންކަމަށް ބުނެ އިނގިލި ދިއްކޮށް އެ ގައުމުގެ ސިޔާސަތަށް ފާޑު ކިއުމަކީ އަޅުގަނޑުގެ މަގްސަދެއް ނޫނެވެ. އެ ގައުމު ތަކަށް މެދުވެރި ހާލަތާއި އެ ހާލަތު މެދުވެރިވާން ދިމާވި ސަބަބުތައް މީޑިއާތަކުން އޮތީ ތަފްސީލާއެކު ގެނެސް ދީފައެވެ.
އަޅުގަނޑުގެ އެދުމަކީ އެ ހާލަތުން އިބްރަތް ލިބިގަނެ އަޅުގަނޑުމެންގެ ކަންތައް ވަގުތު ފާއިތު ނުވަނީސް ހެޔޮމަގަށް ގެނައުމުގެ ތެދުވެރިކަން އަޅުގަނޑުމެންގެ ވެރިންނަށް މާތްރަސްކަލާނގެ މިންވަރު ކުރެއްވުމެވެ.
އަޅުގަނޑުމެންގެ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށް އިޚްލާސްތެރިކަމާއެކު ދަންނަވާލަން ބޭނުންވަނީ ތިޔަ ބޭފުޅުންނަކީ މުޅި ކޮންސްޓިޓިއުއެންސީގެ ތާއީދު ލިބިވަޑައިގެން ތިއްބެވި ބޭފުޅުން ނޫންކަމާއި ލިބި ވަޑައިގެންފައިވަނީ ހަމައެކަނި މަދު ރައްޔިތުންގެ ތާއީދުކަން ގަބޫލުކުރައްވައި ކިބުރުވެރިކަމާ ބޮޑާކަން ދޫކުރައްވައި މުޅި ރައްޔިތުންގެ ރުހުން ހޯއްދެވުމަށް މަސައްކަތް ކުރެއްވުމަށެވެ. ރައްޔިތުންގެ ލާބައާއި މަންފާއަށް މަސައްކަތް ކުރައްވާނަމަ މުޅި ރައްޔިތުން ތިޔަބޭފުޅުންގެ ފަހަތްޕުޅުގައި ތިއްބަވާނެއެވެ. އެކަމަށްޓަކައި ތިޔަ ބޭފުޅުން ރައްޔިތުންނަށް އިޚްލާސްތެރިވެވަޑައިގަންނަވަން ޖެހޭނެއެވެ. ތިޔައިން އެއްވެސް ބޭފުޅަކީ އަމީރުލްމުއުމިނީން ޢަލީ އިބްނު އަބީ ޠާލިބަށް ނުވެވޭނެކަން އަޅުގަނޑު ގަބޫލު ކުރަމެވެ. އެކަމަކު ރައްޔިތުންނަށް ނުލިބޭ ފައިދާތަކެއް އަމިއްލައަށް ގާނޫނު ހަދައިގެން ލިބިގަތުމުން ދުރުހެލި ވެވިދާނެއެވެ.
އަޅުގަނޑުމެންގެ އިސްރައްވެހިން ކުރީ ޒަމާނުއްސުރެން ގަބޫލުކުރާ ފަލްސަފާއެއް އޮވެއެވެ. ”ދުން އަރާނީ އެތަނެއްގައި އަލިފާން ހުރީމައެވެ.“
ދިވެހިރާއްޖެއަކީ ދިރިއުޅުމަށް ބޭނުންވާ ގިނަ އެއްޗެތި އެހެން ގައުމުތަކުން ގަންނަން ޖެހިފައިވާ ގައުމެކެވެ. އެކަމަށްޓަކައި ބޭރު ފައިސާ އިންތިހާއަށް ބޭނުންވެއެވެ. 1972 ވަނަ އަހަރު ޓްއަރިޒަމް ފެށުމުގެ ކުރިންވެސް ރައްޔިތުންގެ އަސާސީ ބޭނުންތައް ސަރުކާރުން ގެންދިޔައީ ފުއްދަމުންނެވެ. ”ކަކުނި އޭގެ ސައިޒަށް ހަރުކޮންނަ ފަދައިންނޭ“ ބުންޏަސް ފަރުވާލެއް ނެތެވެ. ގައުމަށް ލިބުނު އެއްޗަކުން ރައްޔިތުންނަށް ބޭނުންވާ ކަންތަކަށްވެސް ޚަރަދު ކުރަމުން ގެންދިޔައެވެ. ތައުލީމީ ނިޒާމުވެސް މަޑުމަޑުން ކުރިއަރަމުން ދިޔަތަން ފެނުނެވެ. 1967 ވަނައަހަރު ބޭއްވުނު ޖީސީއީ އޯ ލެވެލްގައި މަޖީދިއްޔާ ސްކޫލްގެ 7 ދަރިވަރަކާއި އަމީނިއްޔާ ސްކޫލްގެ 4 ދަރިވަރަކު ބައިވެރިވުން ފަޚުރުވެރިކަމާއެކު ފާހަގަ ކުރިއެވެ. ސިއްޙީ ޚިދުމަތްތައްވެސް ފެށިގެން ދިޔައެވެ. އެންމެ ފުރަތަމަ ބޮންތީގައި ހިފަންމަސައްކަތް ނުކުރެވޭނެއެވެ. އިޖްތިމާއީ ގުޅުންތައްވެސް ފިނިހަކުގެ ދުވެލީގައި ވިޔަސް ދިޔައީ ކުރިއަށެވެ. ދަރަންޏަކީ އަދި އަމުދުން ދިވެހި ދައުލަތް ދަރަނިވެރި ވުމަކީ ހުވަފެނުގައި ދިވެހިން ދުށް އެއްޗެއް ނޫނެވެ.
1970 ގެ ފަހުކޮޅު އަހަރު ތަކުގައި ޓްއަރިޒަމް ސިނާއަތް ކުރިއަށް ޖެހިލައި ގައުމަށް ބޭނުންވާ ވަރަށް ވުރެން އިތުރަށްވެސް ބޭރުފައިސާ ލިބެން ފަށައިފިއެވެ. އަތުގައި ރުފިޔާ ހުރި ވަރަކުން ބޭންކް އޮފް މޯލްޑިވްސް އަށް ދިޔައިމާ ބޭރުފައިސާ ގަންނަން ލިބޭނެއެވެ. ރަސްމީ ރޭޓުގައެވެ. ފައިސާ ހޯދީ ކިހެނެއްތޯ ސުވާލުކޮށެއް ނުހަދައެވެ. ކަޅު ބާޒާރެއްގެ ވާހަކަ އަޑުއަހާ މީހަކު ނޫޅޭނެއެވެ.
ކުއްލިއަކަށް އެ ނިޒާމުގެ ވެރިކަން ނުވަތަ އެ ދުވެލީގެ ތަރައްގީ ޒަމާނާ އެކުގައި ފައިހަމަ ނުކުރެވޭ ކަމަށް ދައުވާކުރަން ފެށި ބަޔަކު އައިސް މުޅި ރައްޔިތުގެ ސިކުނޑިތަކަށް ސަވާރުވެގެންފިއެވެ.
ރައްޔިތުންގެ ޖީބުގައި ހުރި ފައިސާކޮޅުވެސް ދަމައިގަންނާނެ ގީދަޅު ވިސްނުމުގައި ގާނޫނުތައް ހަދައިގެން އެ ޓެކްސް މި ޓެކްސް ގެނަމުގައި ރައްޔިތުންގެ ޖީބު ހުސްކޮށްލައިފިއެވެ. ނަތީޖާއަކަށްވީ ކޮރަޕްޝަނާއި ފަސާދައަށް މަގު ފަހިވެގެން ދިއުމެވެ. ބޮޑެތި ވަގުން ކުރަމުން ގެންދިޔަ ވައްކަން އެ ގޮތުގައި ދެމެހެއްޓުމަށްޓަކައި ކުދި ވަގުންނަށްވެސް ފުރުސަތު ފަހިކޮށްދިނީއެވެ. ދުނިޔޭގެ އެންމެ ކޮރަޕްޓް ގައުމުތަކުގެ ތެރޭގައި މި ދިވެހިރާއްޖެއިން ވަރަށް ޚާއްސަ ވަނައެއް ހޯދައިދީފިއެވެ.
އަލަށް އުފެދޭ ކޮންމެ ސަރުކާރަކުންވެސް ގައުމުގައި އަށަގެންފައި މިވާ ކޮރަޕްޝަނާއި ފަސާދަ އާއި އިޖްތިމާއީ ނުރައްކާތެރިކަން ނިމުމަކަށް ގެންނާނެ ކަމަށް އެތައް ހުވައެއް ކުރެއެވެ. ފަސްއަހަރު ނިމެގެންދާއިރު ހާލަތު އޮންނަނީ އިހުނަށްވުރެން ނުބައިވެފައެވެ. ބޮޑެތި ވައްކަމާއި ފޭރުންތައް ޝަރީއަތަށް ދާއިރު އުންސުރު އޮންނަނީ އެހެންތަނެއް ގައެވެ. ނުބައިކުރާތަން ފެންނަނީ ފަނޑިޔާރުގެއެވެ.
މިއަދުގެ ސަރުކާރަށް ބަލާލާއިރު ކޮންމެ ދުވަހަކު ކަހަލަ ގޮތަކަށް ގައުމުގައި ހުރި ނުރަނގަޅު ކަންތައްތައް ރަނގަޅުކުރާނެ ކަމުގެ ވައުދުތައް ގެންދަނީ ކުރަމުންނެވެ. ޚަރަދު ކުޑަކުރުމުގެ ނަމުގައި ސަރުކާރުގެ ކުންފުނިތައް އެއްކުރަމުން ގެންދާ ވާހަކަ ނޫސްތަކުން ފެނެއެވެ. ރޭވުންތެރިކަމާއެކުގައި ބާވައޭ ހިތަށް އަރައެވެ.
އޮނަރަބްލް އަލީ އުމަރު މަނިކު އެއްދުވަހަކު އަޅުގަނޑަށް ދެއްވި އިރުޝާދެއްވެސް މިތާގައި ނަކަލު ކޮށްލާނަމެވެ. ”މަސައްކަތެއް އަލަށް ފެށުމުގެ ކުރިން އެންމެފުރަތަމަ އެ މަސައްކަތުގެ މާހައުލުން ދިމާވެދާނެ ހުރަސްތައް ދެނެގަންނާށެވެ. ދެން އެކަންތައ ކުރާނެގޮތުގެ ޕްލޭނެއް އެކުލަވާލާށެވެ. އެއަށްފަހު އެ ޕްލޭން ރިވިއު ކުރާށެވެ. އަދި އެއްފަހަރު ރިވިއު ކުރާށެވެ. އެއަށްފަހު ބޭނުންވާ މިންވަރަށް މަޝްރޫއާއިގެން ކުރިއަށްދާށެވެ.“
އުލިގަމު ބަނދަރުގައި ބަންކަރިން ޚިދުމަތް ފަށަށް ސަރުކާރުން ގަސްދުކުރައްވާ ވާހަކަ ނޫސްތަކުން ފެނިއްޖެއެވެ. ގަލްފުން ފުރައިގެން ސިންގަޕޯރާ ހަމަޔަށް ދިއުމަށްޓަކައި ފަނަރަ ވަރަކަށް ދުވަސް ހޭދަ ވާނެކަމަށް ބަލާށެވެ. އެ ކުރު ދަތުރުގައި ބޯޓުން ތެޔޮ ހުސްވެގެން ރާއްޖެއަށް ވަންނާނެ ބޯޓުފަހަރުގެ އަދަދު އަތުގެ އިނގިލިތަކުން ގުނާލެވޭނެއެވެ. ދަތުރުގެ މަގުމަތީގައި ކޮޅުނބާއި ސޫތުކުޅިވެސް އެއޮތީ ފުރިހަމަ ތައްޔާރީގައެވެ. އެތައް މިލިއަން ޑޮލަރެއް އިންވެސްޓްކުރުމުގެ ކުރިން ކިހާވަރަކަށް މި ހާލަތު ދިރާސާކުރި ބާވައޭ ހިތަށް އަރައެވެ.
އުލިގަމު ބަނދަރުގައި ޔޮޓްމެރީނާއެއް ތަރައްގީ ކުރެވިދާނެއެވެ. މިހާރުވެސް އެތައް ބައިވަރު ޔޮޓްތަކެއް ކޮންމެ އަހަރަކު އެ ސަރަހައްދަށް ވަންނަކަން އޮތީ އެނގިފައެވެ. މާރކެޓް ލިބިދާނެ ކަން ޔަގީންކުރެވޭ ކަންކަމަށް ޚަރަދުކުރުން ބުއްދިވެރިއެވެ.
ލިއުން ފަށައިގަންނަމުން އަޅުގަނޑު އިޝާރާތް ކުރި ފަދައިން ހަމައެކަނި އިގްތިސާދީ ގޮތުން މިގައުމު ބަނޑަށް ޖެހުމުން ސަލާމަތްކޮށްދޭން ވެރިކަމުގެ ފަރާތުން ކުރަމުން ގެންދަވާ ކަންތައްތަކާއި އަޅުއްވާ ފިޔަވަޅުތައް ރައްޔިތުންނަށް ގަބޫލުކުރެވިދާނެ ބަހުރުވަހަކުން ކިޔާދެއްވަ ބަލާށެވެ. އެންމެ ފުރަތަމަ މަތިން ތިރިއަށް ބަލާލަމާ ހިނގާށެވެ. ސިޔާސީ މަގާމުތަކަށް ކުރަންޖެހިފައިވާ ހޭދަތައް ކުޑަ ކުރެވޭ ހެއްޔެވެ ؟ ލާމަރުކަޒީގެ ނަމުގައި މާލެ ސަރަހައްދުން ކަނޑުފަޅު ހިއްކައިގެން ރާއްޖޭގެ ރައްޔިތުން މާލޭ ސަރަހައްދަށް ޖަމާކޮށް ރައްޔިތުންގެ ގައިން އޮހޮރޭ ދާ ދަމާގަނެގެން ހުޅުމާލޭ ކޯޕަރޭޝަން މުއްސަނދިކުރުވަން ޖެހޭ ހެއްޔެވެ ؟ ކަނޑުފަޅު ހިއްކަން އެދާ ބޮޑު އަގު ރާއްޖެތެރޭގެ ބިޔަ ރަށްތަކުގައި ސްކޫލާއި ސިއްހީ ޚިދުމަތާއި ވަޒީފާގެ ފުރުސަތު ތަނަވަސްކޮށްނުދެނީ ކީއްވެގެން ހެއްޔެވެ ؟ މާލޭ ސަރަހައްދަށް ރާއްޖެތެރޭގެ ރައްޔިތުން ގެންސް ގަނަތަޅުވަނީއޭ ނުބުނެވޭނެ ހެއްޔެވެ ؟ މާލޭގެ ސަރަހައްދުން ލިބެން ހުރީ ކޮން ވަޒީފާއެއް ތޯ އެ ވަޒީފާ ލިބެނީ ކޮން ބަޔަކަށް ކިހެނެއްތޯ ސަރުކާރުން ބައްލަވާ ތޯއެވެ. ކުއްޔަށް ލިބިފައިވާ ހަތަރު ފާރުގެ ތެރޭގައި ދިރިއުޅެނީ ދަރަނި ވެގެންކަން ސަރުކާރަށް އެނގި ވަޑައި ގަންނަވާތޯ އެވެ ؟ ވައްކަންކުރީމާ ވައްކަން ކުރި ކަމުގެ އިނގިލި ދިއްކުރުން ވަރަށް ފަސޭހައެވެ. މިހާލަތަށް ރައްޔިތުން ވައްޓާލުމުގެ މަސްއުލިއްޔަތު އުފުލާނީ ކާކު ހެއްޔެވެ ؟ ގައުމުގެ ވެރިޔާ ހެއްޔެވެ. ނުވަތަ ރައްޔިތުންގެ މަޖިލީސް ހެއްޔެވެ ؟ ކިތަންމެ ވަރަކަށް ރައްޔިތުން ބޭނުންވިޔަސް މިއީ ޖަވާބު ނުލިބޭ ސުވާލު ތަކެކެވެ.
2 Responses
ލިއުން ލިއުއްވި ބޭފުޅަކަށް ސާބަހެވެ. އެހެންހައުމުތަކުގެ ވެރިންގެ ކުޅެދުންތެރިކަމާއި ނުކުޅެދުންތެރިކަމުގެ ވާހަކަ ދައްކަން ބޭނުމެއް ނޫނެވެ. މި ގައުމުގެ ހާލަތު ވެރިކަމުގެ ފަރާތަށް ވިސްނާ ދެވޭތޯ ބަލާށެވެ.
ބަނކްރިންގ ޚިދުމަތަށް އަލިއަޅުވާލައްވާފައި އެވަނީ ވަރަށް މުނާސަބު ދަނޑިވަޅެއްގައެވެ. ކާކުގެ ހެޔޮ ވިސްނުމެއްގެ މައްޗަށް ސަރުކާރުން ހިންގަން ގަސްދު ކުރި މަޝްރޫއެއް ބާވައެވެ ؟ މަލިކާ ދިވެހިރާއްޖެއާ ދޭތެރެއިން ވަރަށް ގިނަ ބިޔަ ބޯޓު ފަހަރު ދަތުރު ކުރެއެވެ. ވަރަށް ބޮޑު ތެދެކެވެ. އެކަމަކު އެ ބޯޓުތަކުގެ ދަތުރުތައް ކުރިމަގުގައި ރާވާފައި އޮންނާނީ އުލިގަމުން ބަންކަރު ކުރާގޮތަށްކަމަށް ސަރުކާރަށް ލަފާ ދެއްވި ބޮލެއްގައި ހެޔޮ ވިސްނުމެއް އޮތެކޭ ނުބުނެވޭނެއެވެ. ބޯޓުފަހަރު ދުއްވުމަކީވެސް ވިޔަފާރިއެކެވެ. ދަތުރު ޕްލޭން ކުރުމުގެ ކުރިން އޮނަރަބްލް އަލީ އުމަރު މަނިކު ވިދާޅުވެފައިވާ ފަދައިން އެތައް ފަހަރަކު ދަތުރު ޕްލޭން ރިވިއު ކުރާނެއެވެ. ޚަރަދު ކުޑަކުރެވޭނެ ހުރިހާ ގޮތެއްގެ މައްޗަށް ރިއާޔަތްކުރާނެއެވެ.
E ee jaahilukamaai bodaakamun allahu emeehakah thedhumagunudhekkevumun visnai fikurukoh thedhumagah rujoouvaanjehe eve