ޔޫކްރެއިންގެ މިލިޓްރީ ކޮލެޖަށް އަމާޒުވި ހަމަލާގައި އެތައް ބަޔަކު މަރުވެއްޖެ

Loading

Facebook
Twitter
WhatsApp

އޭބީސީ ނިއުސްއިން ބުދަދުވަހު ދީފައިވާ ޚަބަރުތަކުގައި ރަޝިޔާއިން ޔޫކްރެއިނަށް މިސައިލާ ޑްރޯނުން ދިން ހަމަލާތައް އަނެއްކާވެސް ޔޫކްރެއިންގެ އުޑުމަތި ބަނަކޮށްލައިފިއެވެ.

ޔޫކްރެއިންގެ އޮފިޝަލުން ބުނެފައިވަނީ ރަޝިޔާގެ ހަމަލާތަކުގައި ގިނަބަޔަކު ޝިކާރައަކަށް ވެފައިވަނީ ޕޮލްޓާވާއިން ކަމަށެވެ. 2 ބެލިސްޓިކް މިސައިލް ޕޮލްޓޯވާ މިލިޓްރީ ކޮމިއުނިކޭޝަންސް އިންސްޓިޓިއުޓަށާއި އަދި ކައިރީގައި ހުރި ހޮސްޕިޓަލަކަށް އަމާޒުވި ކަމަށް ރައީސް ޒެލެންސްކީ ވިދާޅުވިއެވެ. އެމަނިކުފާނު ވިދާޅުވީ އެ ހާދިސާގެ ފުރިހަމަ ތަހްގީގެއް ކުރުމަށް ކަމާބެހޭ އިދާރާތަކަށް އަންގަވާފައިވާނެ ކަމަށެވެ.

ރަޝިޔާގެ ހަމަލާގައި 51 މީހުން މަރުވެ 217 މީހުން ވަނީ ޒަޚަމްވެފައެވެ. ރައީސް ޒެލެންސްކީގެ އަނބިކަނބަލުން އޮލޭނާ ޒޮލެންސްކާ ވެސް ވިދާޅުވެފައިވަނީ އެ ހަމަލާގެ ޚަބަރުތައް ލިބި ވަޑައިގަތުމުން އެނބުރުން އަރައިގެން ދިޔަ ކަމަށެވެ.

ރަޝިޔާއިން މިހާރު ވަނީ ޔޫކްރެއިންގެ މިލިޓްރީ މަރުކަޒުތަކަށް ދުރު ރާސްތާ މިސައިލްތަކުން ދޭ ހަމަލާތައް އިތުރު ކޮށްފައެވެ. މި ހަމަލާތަކުގައި ބައެއް އާންމު ފަރުދުންވެސް ޝިކާރައަށް ވަމުންދާތީ ޔޫކްރެއިނަށް ހުޅަނގުން ދީފައިވާ ހަތިޔާރު ބޭނުންކޮށްގެން ރަޝިޔާގެ ބޯޑަރ ސަރަހައްދުތަކަށް ހަމަލާދިނުމުގެ ހުއްދައަށް ޔޫކްރެއިނުން ދަނީ އެދެމުންނެވެ.

ރަޝިޔާއަށް އަމާޒުކޮށް ރައީސް ޒެލެންސްކީ ވިދާޅުވެފައިވަނީ ”އެ ޓެރަރިސްޓް ގައުމަށް ހަނގުރާމައިގެ ހިތިރަހަ ދައްކައި އަދި އަހަރެމެންގެ ބިންތައް މިނިވަން ކުރަން ޖެހޭނެއެވެ. އެ ނޫންގޮތެއްގައި ސުލްހައިގެ މޭޒަށް އެމީހުން ގެނެވިދާނެ ގޮތެއް ނޯންނާނެއެވެ.“

މިދިޔަ ހަފުތާގައި ޚާރކިވަށް ރަޝިޔާއިން ދިން ގްލައިޑް ބޮމުގެ ނުރައްކާތެރި ހަމަލާއާ ގުޅިގެން ރައީސް ޒެލެންސްކީ ވިދާޅުވެފައިވަނީ ރަޝިޔާގެ މިލިޓްރީ އެއަރފީލްޑްތަކަށް ހަމަލާދީގެން މެނުވީ ރަޝިޔާ ނުހުއްޓުވޭނެ ކަމަށެވެ.     

ރަޝިޔާގެ ހަމަލާއިން މިލިޓްރީ އެކަޑެމީގެ އެއް އިމާރާތް ހަލާކުވެފައިވާ ކަމަށް ޔޫކްރެއިންގެ ދިފާއީ ވުޒާރާއިން ބުނެފައި ވެއެވެ. ގިނަ ބަޔަކު އެ ހަމަލާގެ ޝިކާރައަކަށް ވެގެން ދިއުމުގެ މައިގަނޑު ސަބަބަކަށްވީ ބޮން އެޅުމުގެ އިންޒާރާއި ބޮން އެޅުމާ ދޭތެރޭ ލިބުނު ވަގުތު ކުޑަކަމުން ރައްކާތެރި މަރުކަޒުތަކަށް ދިއުމަށް މީހުންނަށް ފުރުސަތު ނުލިބުމުން ކަމަށްވެސް އެ ވުޒާރާއިން ބުނެފައި ވެއެވެ. ހަލާކުވެ ބިމާ ހަމަވެފައިވާ އިމާރާތްތަކުގެ ދަށުގައި ގިނަ ބަޔަކު ވަނީ ތާށިވެފައެވެ. އެމީހުން ހޯދައި ސަލާމަތްކުރުމުގެ މަސައްކަތް ދަނީ ކުރެވެމުންނެވެ. ހަލާކުވެ ފުނޑުވެފައިވާ އިމާރާތްތަކުގެ ދަށުގައި ގިނަބަޔަކު ވަޅުލެވިފައިވާކަން އެނގިވަޑައިގަންނަވާ ކަމަށާއި އެމީހުންތައް ސަލާމަތްކުރަން ކުރެވެންހުރި ހުރިހާ މަސައްކަތެއް ކުރަމުން ގެންދަވާ ކަމަށް ވެސް ރައީސް ޒެލެންސްކީ ދަ ޓެލިގްރާފަށް ވިދާޅުވިއެވެ.

ރަޝިޔާގެ ހަމަލާގައި ފުނޑުފުނޑުވެފައިވާ އިމާރާތްތަކުގެ ބައިތަކުގެ ދަށުން އަދިވެސް ދިރިތިބީން ފެނުމުގެ އުންމީދު އެބަ އޮތްކަމަށް ޕޮލްޓޯވާގެ ޑެޕިއުޓީ މޭޔަރ ވެލަރީ ޕާރކްހޯމެންކޯ އޭބީސީ ނިއުސްއަށް މައުލޫމާތު ދީފައިވެއެވެ. އޭނާ ބުނެފައިވަނީ ހަމަލާ އަމާޒުވި ވަގުތު ކްލާސްތައް ކުރިއަށް ދިޔަކަމަށާއި ރައްކާތެރިކަމުގެ ”ހިޔާވަހިކަން“ ލިބުމަށް ފުރުސަތު ނުލިބުނީ ކަމަށެވެ.

ރަޝިޔާއިން ޔޫކްރެއިންގެ މިލިޓްރީ އެކަޑެމީއަށް ދިން ޣައިރު ގާނޫނީ ހަމަލާ އެމެރިކާގެ ރައީސް ޖޯ ބައިޑްންއަށް އެނގިވަޑައިގަންނަވާ އެންމެ ހަރުކަށި ބަހުރުވައިން ކުށްވެރި ކުރައްވާ ކަމަށް ވިދާޅުވިއެވެ.

ޔޫކްރެއިނަށް އަމާޒުވި މި ހަމަލާގެ ހިތާމަވެރި ވަގުތުގައި ކުއްލިއަކަށް އިވިގެންދިޔަ ޚަބަރަކީ އެ ގައުމުގެ އެންމެ އިސް ޑިޕްލޯމެޓް ޚާރިޖީ ވަޒީރު ޑްމިޓްރޯ ކުލެބާ މިދިޔަ ބުދަ ދުވަހު ކުއްލިއަކަށް އިސްތިއުފާ ދެއްވުމެވެ. އުމުރުފުޅުން 43 އަހަރުގެ ޚާރިޖީ ވަޒީރު އިސްތިއުފާ ދެއްވި ސަބަބު ހާމަކޮށްފައެއް ނުވެއެވެ. އެހެންނަމަވެސް ކެބިނެޓް އަލުން އެކުލަވާލަން ގަސްދު ކުރައްވާކަމަށް ރައީސް ޒެލެންސްކީ މިދިޔަ ހަފުތާގައި ވިދާޅުވެފައިވާ ވިދާޅުވުމާއި ޚާރިޖީ ވަޒީރުގެ އިސްތިއުފާ ދެއްވުމާއި ގުޅުން ހުރި ކަމަށް ބެލެވެއެވެ. ރައީސް ޒެލެންސްކީ ވިދާޅުވެފައިވަނީ ޔޫކްރެއިނަށް އެންމެ ބޮޑަށް މިހާރު ބޭނުން ވެފައިވަނީ ގައުމުގެ ސިޔާސަތު ކަނޑައެޅުމުގައި ބައިވެރިވާނެ ޒުވާން ހަކަތައެވެ. ރައީސް ވިދާޅުވެފައިވަނީ ވަރަށް އަވަހަށް ވަޒީރުންގެ މަޖިލީހަށް ބޮޑެތި ބަދަލުތަކެއް ގެންނަވަން ގަސްދު ކުރައްވާ ކަމަށެވެ.

ޚާރިޖީ ވަޒީރު ކުލެބާގެ އިސްތިއުފާއާއިބެހޭގޮތުން ޕާރލަމެންޓުގެ ދެން އޮންނަ ޖަލްސާގައި މަޝްވަރާ ކުރެވޭނެ ކަމަށް ޕާލަމެންޓުގެ ރައީސް ރަސްލާން ސްޓެފާންޗުކް ވިދާޅުވެފައިވެއެވެ. ޚާރިޖީ ވަޒީރު ކުލެބާގެ ބަދަލުގައި ދެން އެ މަގާމަށް ރައީސް ޒެލެންސްކީ ހުށައަޅުއްވާފައިވަނީ މިހާރުގެ ޚާރިޖީ ވަޒީރުގެ ނައިބު އެންޑްރީ ސައިބިހާ އެވެ. އެމަނިކުފާނަށް މިދިޔަ ބުރާސްފަތި ދުވަހު ޕާރލަމެންޓުގެ ރުހުންވަނީ ލިބިފައެވެ.

ރައީސް ޒެލެންސްކީގެ ރިޔާސަތުގެ 5 އަހަރު މިދިޔަ މޭމަހު ހަމަވެއްޖެއެވެ. މިހާރު އެމަނިކުފާނު ރައީސް ކަމުގައި އެ ހުންނަވަނީ މާޝަލްލޯ އިއުލާން ކުރައްވައިގެންނެވެ.

ރަޝިޔާގެ ހަމަލާގައި ލިބުނު ގެއްލުންތަކާއި މަރުވި މީހުންގެ ހަނދާނުގައި ޔޫކްރެއިންގައި ހިތާމައިގެ 3 ދުވަސް ރަސްމީ ގޮތުން މިހާރު ވަނީ އިއުލާން ކޮށްފައެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް