ހިޒްބުﷲ އިން ޑްރޯން މެދުވެރިކޮށް ފޮނުވި ހަމަލާތަކެއްގައި، އިޒްރޭލުގެ އަސްކަރީ މަރުކަޒުތަކަށް ވަރުގަދަ ރޮކެޓު ހަމަލާތަކެއް ދީފިއެވެ.
ހިޒްބުالله އިން ނެރުނު ކުރު ބަޔާނެއްގައި ބުނީ ބުރާސްފަތި ދުވަހުގެ ހަވީރު ރަމޯޓް ނަފްތާލީ ކޮށީގައި ކަމިކާޒޭ ޑްރޯންތަކާއި ބީއެމް-21 ގްރޭޑް ރޮކެޓްތަކެއްގެ ސްކޮޑްރަންއެއް ފޮނުވާލައި، އިޒްރޭލުގެ އަސްކަރީ މަރުކަޒުތަކަކަށް އަމާޒުކޮށް ހަމަލާދީފައިވާ ކަމަށެވެ.
ބެއިތު ހިއްލެލް ކޮށީގައި ހުންނަ އަލް ސާލް ބެޓޭލިއަންގެ ކޮމާންޑް ހެޑްކުއާޓަރާއި، ޔާރާ ކޮށީގެ ދެކުނުގައި ހުންނަ ހުޅަނގު ބްރިގޭޑް 300ގެ އަލަށް ގާއިމްކުރި މައި މަރުކަޒަށް ވެސް ހަމަލާދީފައިވާ ކަމަށް ހިޒްބުﷲ ޖަމާއަތުން ބުނެފައި ވެެއެވެ.
ހިޒްބުالله އިން ބުނީ މި ހަމަލާތަކަކީ ލުބުނާނުގެ ދެކުނުގެ ބޯޑަރު ސަރަހައްދުގެ ރަށްތަކަށް އިޒްރޭލުން ދިން ވައިގެ ހަމަލާތަކަށް ދިން ރައްދު ކަމަށެވެ.
މީގެ އިތުރުން ހިޒްބުاللهގެ މުޖާހިދުން އަލް ތައިހަތު ފަރުބަދައިގައި އިސްރާއީލުގެ ސިފައިން އެއްވެ ތިބި ތަނަކަށް ރޮކެޓްގެ ސަލްވޯއެއް ފޮނުވާލާ ”ސީދާ ހަމަލާތަކެއް“ ދީފައިވާ ކަމަށްވެސް ހާމަކޮށްފައި ވެއެވެ.
އަދި އިސްރާއީލުގެ އަލް މަލިކިޔާ ސައިޓަށް ވެސް އާޓިލަރީ ޝެލްތަކުން އެ ޖަމާއަތުން ވަނީ ހަމަލާދީފަ އެވެ.
ޔަހޫދީ އިޒްރޭލުން ޣައްޒާއާ ދެކޮޅަށް ނަސްލު ނައްތާލުމުގެ ހަނގުރާމައެއް ފެށިތާ މާގިނަ ދުވަހެއްނުވެ ލުބުނާނުގެ ހިޒްބުالله ޖަމާއަތުން ވަނީ ޣައްޒާގެ ދިފާޢުގައި އިޒްރޭލާ ކުރިމަތިލާ ވަރުގަދަ ހަމަލާތަކެއް ބަދަލުކުރަންފަށާފައެވެ.
ހިޒްބުﷲ އިން ވަނީ އިޒްރޭލުން ފަލަސްތީނުގެ ޣައްޒާއަށް ދެމުން އަންނަ ހަމަލާތަށް ކުރިއަށް ގެންދާހާ ހިނދަކު ބަދަލު ހިފުމުގެ ހަމަލާތައް ކުރިއަށް ގެންދިއުމަށް ވައުދުވެފަ އެވެ. ޔަހޫދީ އިޒްރޭލުން ޣައްޒާއާ ދެކޮޅަށް ނަސްލު ނައްތާލުމަށް ހިންގަމުން އަންނަ ލާއިންސާނީ ޖަރީމާތަކުގެ ސަބަބުން މިހާތަނަށް 40،878 ފަލަސްތީނުގެ ރައްޔިތުން ޝަހީދުވެފައިވާއިރު، އޭގެ ތެރޭގައި ގިނައީ ކުށެއްނެތް އަންހެނުންނާއި ކުޑަކުދިންނެވެ.