ރަޝިޔާގެ ބާރުގަދަ ހަމަލާތަކުގައި ކީވް އާއި އެހެން ސަރަހައްދުތައް ގުޑުވާލައިފި

Loading

Facebook
Twitter
WhatsApp

ކީވުން ރޮއިޓާރސް ދީފައިވާ ޚަބަރުތަކުގައި ރަޝިޔާއިން އޮއްސައިލި ގިނަ އަދަދެއްގެ މިސައިލް ހަމަލާގައި ކީވް އާއި ކައިޜިގެ އެހެން ސަރަހައްދުތައް ގުޑުވާލައިފިއެވެ.

އެ ހަމަލާތަކުގައި ގެތަކާއި އެހެނިހެން އިމާރާތްތައް ހަލާކުވެގެން ދިޔަ ކަމަށް އޮފިޝަލުން ރޮއިޓާރސްއަށް ކިޔާދީފައި ވެއެވެ.

ގޮވުންތަކުގެ ބާރުގަދަ އަޑަށާއި އަދި ޔޫކްރެއިންގެ އެއަރޑިފެންސުން އެ މިސައިލްތަކަށް ފޮނުވި ރައްދު ހަމަލާގެ އަޑުފަށްގަނޑަށް ކީވްގައި ދިރިއުޅޭ ރައްޔިތުން ނިދިން ހޭލައްވާލީ ބިރުވެރި ކަމެއްގެ ތެރެއަށެވެ.

ރަޝިޔާގެ ހަމަލާގައި ދުއިސައްތަ ވަރަކަށް މިސައިލް ބޭނުންކޮށްފައިވެއެވެ. އެ ހަމަލާގައި ހަތް މީހަކު މަރުވެ ހަކަތައިގެ ވިއުގަތަކަށް ބޮޑެތި ގެއްލުން ދީފައިވާކަމަށް ކީވުން މައުލޫމާތު ދީފައި ވެއެވެ.

ގާތްގަނޑަކަށް 2 ގަޑިއިރުވަންދެން އެއަރ ޑިފެނސްގެ ބަރުގޮނު މެދު ނުކެނޑި އަޅަމުން ގެންދިޔަ ކަމަށާއި އުޑުމަތި ސާފުވެއްޖެކަން އެންގީ ހެނދުނު 6.30 ހާ އިރުގައެވެ. އެ ވަގުތުތަކުގައި ނޭޓޯގެ މެމްބަރ ގައުމެއް ކަމުގައިވާ ޕޯލޭންޑުގެ އުޑުމަތި ރައްކާތެރިކުރުމުގެ ގޮތުން ނޭޓޯއާއި ޕޯލޭންޑުގެ ހަނގުރާމަމަތީ އެއާރކްރާފްޓްތައްވެސް އޮތީ ތައްޔާރީ ހާލަތުގައެވެ.

ޔޫކްރެއިންގެ އެއާރފޯސްއިން ބުނެފައިވަނީ ރަޝިޔާއިން ދިން ހަމަލާތަކުގައި ބޭނުންކޮށްފައިވާ 35 މިސައިލްގެ ތެރެއިން 22 މިސައިލް ނައްތާލެވުނު ކަމަށާއި އަދި އެ ހަމަލާގައި ބޭނުންކުރި 23 ޑްރޯންގެ ތެރެއިންގެ ތެރެއިން 22  ޑްރޯންވެސް ނައްތާލެވުނު ކަމަށެވެ. ތަފާތު ވައްތަރު ތަކުގެ ކުރޫޒް އަދި ބެލިސްޓިކް މިސައިލް ރަޝިޔާގެ ހަމަލާގައި ބޭނުންކޮށްފައިވާ ކަމަށްވެސް ޔޫކްރެއިނުން ބުނެފައި ވެއެވެ.

ރަޝިޔާގެ މި ބާރުގަދަ ހަމަލާތައް ދިމާވެފައި މިވަނީ 2022 ވަނަ އަހަރު ހަނގުރާމަ ފެށުނު ފަހުން ގިނަ ކުދިންތަކެއް ސްކޫލަށް ދާން ފެށި ދުވަހާއެވެ. އުމުރުން 33 އަހަރުގެ ޔޫވް ހޭނިއާއަށް އެއީ ވަކިން ޚާއްސަ ދުވަހެކެވެ. އޭނާގެ އެންމެ 6 އަހަރުގެ ދަރިފުޅު ސްކޫލަށް ދިޔަ ފުރަތަމަ ދުވަސްވީމައެވެ. ސްކޫލްތައް ހުޅުވި ކުދިންތައް ސްކޫލަށް ދާން ފަށާ ދުވަހަކީ ޔޫކްރެއިނާއި އަދި ރަޝިޔާގައިވެސް ބެލެނިވެރިން ދަރިންނަށްޓަކައި ބޮޑެތި މާބޮނޑިތައް ގަނެގެން ފާހަގަކުރާ މުހިންމު އިހްތިފާލެކެވެ.

ރަޝިޔާގެ ހަމަލާތަކުގައި ކީވުގެ ފެންޕްލާންޓެއްގެ ބޮއިލަރ ވަނީ ކޮންމެވެސް ވަރަކަށް ހަލާކު ވެފައެވެ. އަދި ކީވުގެ ސްވަޔަޓޮސީންކްސީ އަވަށުގެ މެޓްރޯގެ ދޮރުމަތި ވެސް ވަނީ ހަލާކުވެފައި ކަމަށާއި އެހެންނަމަވެސް އެ ސްޓޭޝަންގެ މަސައްކަތް ހުއްޓުމަކަށް ނާންނަ ކަމަށް ކީވުގެ މޭޔަރ ވިޓާލީ ކްލިޓްޝްކޯ މައުލޫމާތު ދީފައި ވެއެވެ. ސްވަޔަޓޮސީންކްސީ އަވަށުގެ މެޓްރޯ އަކީ ބޮމުންގެ ހަމަލާތަކުން ރައްޔިތުން ރައްކާތެރިކަން ލިބިގަނެވޭނެގޮތަށް ވެސް ތައްޔާރުކޮށްފައިވާ ތަނެކެވެ.

ސްވަޔަޓޮސީންކްސީ އަވަށުގައި ވަރަށް ގިނަ އަދަދެއްގެ ޔުނިވަރސިޓީތައްވެސް ހުރެއެވެ.                 

ރަޝިޔާގެ ހަމަލާތައް އައުމާއެކު އިމަރޖެންސީ ޓީމުތަކުން ސްވަޔަޓޮސީންކްސީ އާއި ސޮލޮމްޔަންސްކީ އާއި ހޮލޯސީވްސްކީ ގައި ވަގުތުން ހަރަކާތްތެރިވާން ފެށިއެވެ. އަމާޒުވި މިސައިލްތަކާއި ވައިގެތެރެއަށް ނައްތާލެވުނު ގިނަ އަދަދެއްގެ މިސައިލްގެ ހަލާކުވެފައިވާ ބައިތައް ވެއްޓުނީ އެ އަވަށްތަކަށެވެ.

ކީވުގެ ގިނަ ރޭލު ސްޓޭޝަންތަކާއި މައި އެއާރޕޯރޓް އޮންނަނީ ސޮލޮމްޔަންސްކީ އަވަށުގަ އެވެ.           

ކީވުގެ ތާރީޚީ ގޮތުން މުހިންމު އަވަށެއް ކަމުގައިވާ ސްވަޔަޓޮސީންކްސީ އޮންނަނީ ކީވް ސިޓީގެ ހުޅަނގުފަރާތުގައެވެ. އަދި ހޮލޯސީވްސްކީ އޮންނަނީ ހުޅަނގު ދެކުނު ފަރާތުގައެވެ.

ރަޝިޔާގެ ހަމަލާތަކުގައި ކީވްގެ އިސްލާމިކް ސެންޓަރެއް އެއްކޮށް ހަލާކުވެފައިވާކަމަށް ކްރީމިއަން ޓާޓަރ ގެ ލީޑަރ ރާފަތު ޗުބާރޯވް ދަ ޓެލިގްރާމަށް މައުލޫމާތު ދީފައި ވެއެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް