ރަޝިޔާގެ ހަމަލާތަކާހެދި ހާލަތު އުނދަގޫ ވެއްޖެ:ޔޫކްރެއިންގެ އިސް ޖެނެރަލް

Loading

Facebook
Twitter
WhatsApp

ކީވުން މިއަދު ހަވީރު ރޮއިޓާސް ދިން ޚަބަރުތަކުގެ ތެރޭގައި ތަފްސީލަކަށް ނުގޮސް ޔޫކްރެއިންގެ އިރުމަތީ ސަރަހައްދުތަކަށް އަމާޒުކޮށްގެން ރަޝިޔާއިން ދެމުން ގެންދާ ހަމަލާތަކާހުރެ ޔޫކްރެއިނުން ވަރަށް އުދަނގޫ ފައްތަރަކަށް ވަދެވިއްޖެކަމަށް ދޭހަވާ ބަހުރުވައަކުން ޔޫކްރެއިންގެ އެންމެ އިސް ކޮމާންޑަރ ޖެނެރަލް އޯލެކްސަންޑަރ ސައިރަސްކީ ވާހަކަ ދައްކައިފިކަމަށް ބުނެފިއެވެ.

މިކަމާބެހޭގޮތުން އަޅަން ޖެހޭ ފިޔަވަޅުތައް މިހާރު ހުންނާނީ ފުރިހަމަކޮށްފާ ކަމަށްވެސް އޭނާ ބުންޏެވެ. މިދިޔަ ހަފުތާގެ ގިނަ ދުވަސްތަކެއް އެ ސަރަހައްދުގައި ހޭދަކުރި ކަމަށާއި ހަނގުރާމަ ކުރެވެމުންދަނީ ވަރަށް އުދަނގޫ ހާލަތެއްގައި ކަމަށްވެސް ޖެނެރަލް ބުނެފައިވެއެވެ. 

އިރުމަތީ ޔޫކްރެއިންގެ ކަންޓްރީސައިޑްގެ ގިނަ ބިންތަކެއް ހަނގުރާމަ ފެށުނުތަނާހެން ރަޝިޔާގެ ބާރުގެ ދަށަށް ވަނީ ގެނެސްފައެވެ. 

އެކަމަކު މީގެ ކުރިން ރައީސް ޒެލެންސްކީވެސް ވިދާޅުވެފައިވަނީ ރަޝިޔާގެ ލަޝްކަރުތަކުން ޔޫކްރެއިންގެ ވަރަށް މުހިންމު ޝަހަރެއްކަމުގައިވާ ޕޮކްރޮވުސްކަށް ހަމަލާތައް ދެމުން ގެންދާ ކަމަށެވެ. ޕޮކްރޮވުސްކް އަކީ އިރުމަތީ ކުރީސަފުގައި ތިބޭ ޔޫކްރެއިން ސިފައިންނަށް ބޭނުންވާ ސާމާނާއި ރި-އިންފޯސްމެންޓް  ފޯރުކޮށްދިނުމުގައި އެންމެ މުހިންމު ދައުރެއް އަދާކުރަމުންގެންދާ ސަރަހައްދެވެ. އަދި އިރުމަތީ ޔޫކްރެއިންގެ ގިނަ އަވަށްތަކަކަށް ގުޅުވައިދޭ ރޭލުގެ މަގަކީވެސް ޕޮކްރޮވުސްކެވެ.

އޯގަސްޓް 6 ގައި ޔޫކްރެއިނުން ކާރސްކް  ސަރަހައްދަށްދިން ކުއްލި ހަމަލާގެ އަސްލު ބޭނުމަކީ ރަޝިޔާގެ ހަނގުރާމައިގެ ސަފުތަކާއި ވަސީލަތްތައް އެކިދިމަދިމާލަށް ބައިބައިކޮށްލައިގެން ސުލްހައިގެ މޭޒުގައި ބާރުގަދަ މަގާމެއް އަތުލުމެވެ. އެހެންނަމަވެސް ފަހަކަށްއައިސް ރަޝިޔާ ސިފައިން އެކި ދިމަދިމާލުން ކުރިއަރަމުން ދިއުމުން ކާރސްކް ސަރަހައްދުގެ ކްރޮސް-ބޯޑަރ ހަމަލާތަކުގައި ޔޫކްރެއިނަށް ލިބުނު ކާމިޔާބީ އެގޮތުގައި ހިފާއްޓާ ލެވިދާނެކަމާ ދޭތެރޭ ޝައްކުތަކެއް މިހާރު އުފެދެމުން އެބަދެއެވެ 

ކީވްގައި ތިބި ސަރުކާރުގެ ސިޔާސަތަށް ފާޑުކިޔާމީހުން ދެކޭ ގޮތުގައި ޔޫކްރެއިނަށް މި އެޅުނީ ވަރަށް ޅަ އެއްޗެކެވެ. ނުވަތަ ޔޫކްރެއިނުން މިހާރު ކުރިމަތިލާން ޖެހިފައި މިވަނީ ވަރަށް ނާޒުކު ފައްތަރެކެ. 

ކާރސްކް ސަރަހައްދަށް އަމާޒުކޮށް ޔޫކްރެއިންގެ ސިފައިންތައް ޖަމާކުރުމުން ޕޮކްރޮވުސްކާއި އިރުމަތީގެ އެހެނިހެން ޓައުންތަކާއި އަވަށްތައް އެ އޮތީ ދިފާއުކުރެވޭނެ ގޮތެއްނެތި ރަޝިޔާގެ ސިފައިންނަށް ތަންމިނަށް ހުޅުވާދީފައެވެ. 

އިރުމަތީ ސަރަހައްދުގެ ކުރީސަފަށް ވަޑައިގަތުމަށްފަހު ޔޫކްރެއިންގެ އާރމްޑް ފޯސަސްގެ އެންމެ އިސް ވެރިޔާ ޖެނެރަކް އޯލެކްސަންޑަރ ސައިރްސްކީ ބުނެފައިވަނީ ރަޝިޔާ ސިފައިންނަށް ލިބިފައިވާ ހުރިހާ ވަސީލަތެއް ބޭނުންކޮށްގެން ކުރިއަރަމުން އަންނަ ކަމަށެވެ. ރައީސް ޒެލެންސްކީވެސް ހުންނެވީ މި ހާލަތާމެދު ވަރަށް ކަންބޮޑުވެ ވަޑައިގެންފައެވެ.

ޔޫކްރެއިންގެ މިލިޓްރީ ތަޖްރިބާކާރު މިޚައިލޯ ޒައިރޯޚޯވް ބުނެފައިވަނީ ޕޮކްރޮވުސްކް ރަޝިޔާގެ ބާރުގެ ދަށަށް ހިނގައްޖެނަމަ ޔޫކްރެއިންގެ މުޅި އިރުމަތީ ސަރަހައްދުތައް ގެއްލުނީ އެވެ.

ޕޮކްރޮވުސްކް މުހިންމު ވަނީ ކީއްވެގެން ހެއްޔެވެ؟

ޑޮނެސްކް ސަރަހައްދުގެ ބޮޑެތި ޝަހަރުތަކުން ޔޫކްރެއިންގެ ބާރުގެ ދަށުގައި މިހާރު އޮތީ ޕޮކްރޮވުސްކާއި މައިމޮހަރަޑް އެވެ. މި 2 ޝަހަރުގައި އެއްލައްކަ ރައްޔިތުންގެ އާބާދީ އެއް އޮތެވެ. އެކަމަކު ގިނަ މީހުންތައް މިހާރުވަނީ އެކިތަންތަނަށް ފިލަންގޮހެވެ. ޕޮކްރޮވުސްކް ހަނގުރާމައަކީ ހަގީގަތުގައި މިހާރު ރަޝިޔާގެ ބާރުގެ ދަށަށް ގޮސްފައިވާ ޔޫކްރެއިންގެ އަވްޑީވްކާ ހަނގުރާމައިގެ ބައެކެވެ. 

ޕޮކްރޮވުސްކާގެ ފަސްދޮޅަހަކަށް ކިލޯމީޓަރ އިރުމަތީގައި އޮންނަ އަވްޑީވްކާއަކީ ޔޫކްރެއިންގެ މިލިޓަރީންގެ ބޮޑު ކިއްލާއެކެވެ. އަވްޑީވްކާއަކީ ރަޝިޔާ ސިފައިން މިހާރު ވިރާނާ ކޮށްލާފައިވާ ޝަހަރެކެވެ. 

ރަޝިޔާގެ ސިފައިންގެ ބާރުގެ ދަށަށް ޕޮކްރޮވުސްކް ހިނގައްޖެނަމަ ފަރުބަދަ މަތީ ޗެސިވް ޔާރް ރަޝިޔާގެ ބާރުގެ ދަށަސް ދިޔައީއެވެ. އެތަނުގައި ތިބެގެން ފަސޭހަކަމާއެކު ޑޮނެސްކް ސަރަހައްދުގައި މިހާރު ޔޫކްރެއިންގެ ބާރުގެ ދަށުގައި ހުރި ތަންތަނަށް ފަސޭހަކަމާއެކު ހަމަލާތައް ދެމުން ގެންދެވޭނެއެވެ. 

ބީބީސީގެ ޚަބަރުގައި ބުނެފައި ވަނީ ފާއިތުވެގެން މިދާ ދުވަސްތަކުގެތެރޭގައި ޔޫކްރެއިންގެ އެތައް ހާސް އާންމު ރައްޔިތުން ޕޮކްރޮވުސްކް ދޫކޮށް ދިއުމާއި އަދި ދެންތިބި މީހުންކޮޅުވެސް އެކި ދިމަދިމާލަށް ދިއުމުގެ ސަބަބުން ރަޝިޔާ ސިފައިން ފަސޭހަކަމާއެކު ޕޮކްރޮވުސްކް ހިފާނެ ކަމަށް ބެލެވެއެވެ. 

ތަޖުރިބާކާރުން އަންދާޒާ ކުރާގޮތުގައި ރަޝިޔާގެ ސެންޓްރަލް އާރމީ ގުރޫޕުގެ ތިންބައިކުޅަ އެއްބައި ނުވަތަ ތިރީސް ހާސް ސިފައިން ޕޮކްރޮވުސްކް އަރަން މިހާރުވަނީ ތައްޔާރު ވެފައެވެ.

ޕޮކްރޮވުސްކަށް އެރުމުގެ މަގުމަތީގައި ޔޫކްރެއިންގެ ނޮވޯރޮޑިވްކާވެސް ރަޝިޔާ ސިފައިންގެ ބާރުގެ ދަށަށް ހިނގައްޖެއެވެ. އެ ސަރަހައްދުގައި ޔޫކްރެއިން ސިފައިންގެ އެންމެ މީހަކުވެސް ނެތުމުގެ ސަބަބުން އެ ޓައުނުގެ ރައްޔިތުން ތިބީ އެކަމާހުރެ ޔޫކްރެއިން ސަރުކާރު ދެކެ ރުޅިއައިސްފައެވެ. 

މީގެ ކުރިން އެއީ މުހިންމު ޝަހަރަކަށްވާތީ އަބަދުވެސް މަދުވެގެން ވިއްސަކަށް ހާސް ސިފައިން އެ ޓައުން ބަލަހައްޓަން ތިބެއެވެ.

ޔޫކްރެއިން ސިފައިން ކާރސްކް އަށް އަމާޒު ހިފުމުގެ ބޭނުމަކީ ރަޝިޔާ ސިފައިންގެ ސަފުތައް އިރުމަތީ ޔޫކްރެއިނުގެ ސަރަހައްދުތަކުން ބައިބައި ކޮށްލުމެވެ. އެކަމަކު ކަންތައް ވެގެން މިދަނީ ޔޫކްރެއިންގެ ވިސްނުމާއި ދިމާ އިދިކޮޅަށެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް