ދަތުރު ގޮސް އުޅުނިކޮށް ގެއްލިގެން ހޯދަމުން އަންނަ ތަސްލީމް މުހައްމަދުގެ މައްސަލަ ޖިނާއީ މައްސަލައެއް ގޮތަށް ތަހުގީގު ކުރަން ފަށައިފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.
ގެއްލިގެން ހޯދަމުން އަންނަނީ ހުވަފެންފުށި ދެކުނުން ހިއްކާފައި އޮންނަ، ފަސްގަނޑަށް އޮގަސްޓު 30 ވަނަ ދުވަހު ދަތުރު ގޮސް އުޅުނު މާލެ، މ. އަސަރީހަނދާން، ތަސްލީމް މުޙައްމަދު (43އ) އެވެ.
އޭނާ އެންމެ ފަހުން ފެނިފައި ވަނީ ހުކުރު ދުވަހު ހެނދުނު 10:00 އާއި 11:00 ހާއިރު އެ ފިނޮޅުން ކަމަށް ފުލުހުން ހާމަކުރެއެވެ.
ތަސްލީމުގެ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ އަދި މިދިޔަ ބުރާސްފަތި އަދި ހުކުރު ދުވަހު އެ ފިނޮޅަށް ބަޔަކު ދަތުރު ގޮސްފައިވާނަމަ އެކަން ހިންމަފުށި ޕޮލިސް ސްޓޭޝަންގެ ނަންބަރު 9794639 އަށް ގުޅައި ހިއްސާ ކުރުމަށްވެސް ފުލުހުން ވަނީ އެދިފައެވެ.
އޭނާ ހޯދުމަށް މިހާތަނަށް ފިނޮޅު ވަށައިގެން 5000 އަކަ ފޫޓުގެ ސަރަހައްދެއް ސްނޯކަލް ކޮށްގެންނާއި 3000 އަކަ ފޫޓު ކަނޑުއަޑިން ޑައިވްކޮށްގެންވެސް ސިފައިން ވަނީ ބަލާފައެވެ.
ނަމަވެސް ތަސްލީމުގެ އެއްވެސް ހަބަރެއް އަދިވެސް ވެފައި ނުވާތީ ފުލުހުން ދަނީ އެ މައްސަލަ ތަހުޤީގު ކުރަމުންނެވެ.