ފުލުހުންގެ އާސާރު ދައްކާލުމުގެ ހަރަކާތް ފަށައިފި

Loading

Facebook
Twitter
WhatsApp

ދިވެހި ފުލުހުންގެ ޚިދުމަތުގެ ދުވަސް ފާހަގަކުރުމަށް ކުރިއަށް ގެންދާ ހަރަކާތްތަކުގެ ތެރެއިން، ފުލުހުންގެ އާސާރު ދައްކައިލުމުގެ ހަރަކާތް ފަށައިފިއެވެ.

މި ހަރަކާތަކީ ދިވެހި ފުލުހުންގެ މުއައްސަސާ ވަކި މުއައްސަސާއެއްގެ ގޮތުގައި އުފެދި ޚިދުމަތްދޭން ފެށިތާ 20 އަހަރު ފުރުން ފާހަގަކުރުމަށް ކުރިއަށްގެންދާ ހަރަކާތްތަކުގެ ތެރެއިން ކުރިއަށް ގެންދާ ހަރަކާތެކެވެ.

ފުލުހުންގެ އާސާރަށް ޒިޔާރަތްކުރުމުގެ ފުރުސަތު އާންމުންނަށް ވެސް ވަނީ ހުޅުވައިލާފައެވެ. މި މަހު 2 އިން 3 އަށް 9:00 އިން 16:00އަށް އަދި 20:00 އިން 22:00އަށް ހުޅުވިފައި ހުންނާނެއެވެ.

ޤައުމީ ދާރުލް އާސާރުގައި ބޭއްވި ހާއްސަ ރަސްމިއްޔާތުގައި، މި ހަރަކާތް ފައްޓަވައިދެއްވީ ދިވެހި ބަހާއި ސަޤާފަތާއި ތަރިކައާ ބެހޭ ވަޒީރު އާދަމް ނަސީރު އިބްރާހީމްއެވެ

މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ވަޒީރު އާދަމް ނަސީރު އިބްރާހީމް ދެއްކެވި ވާހަކަފުޅުގައި، ފުލުހުންގެ ޔުނިފޯމުގެ ނޫކުލައާއި ރިބަންފަށް ރަމްޒުކޮށްދެނީ ފުލުހުންނާއި ރައްޔިތުންނާ އޮންނަ ގުޅުން ކަމަށް ވިދާޅުވިއެވެ. ކޮންމެ ގައުމެއްގައި ވެސް ފުލުހުންގެ އާސާރަކީ ވަރަށް މުހިންމު އެއްޗެއް ކަމަށާއި އެއީ ރައްކާތެރި ކުރަންވާނެ އެއްޗެއް ކަމަށް ވަޒީރު ވިދާޅުވިއެވެ.

އަދި ދިވެހި ފުލުހުންގެ އާސާރުގައިވާ ކޮންމެ އެއްޗެއްގައި ވެސް ދިރުމެއްވާ ކަމަށާއި އެއިން ކޮންމެ އެއްޗެއް ވެސް ފުލުހުންގެ ތާރީހުގެ ވާހަކަ ދައްކާނެކަމަށާއި އެކަމުން ރަމްޒުކޮށްދެނީ ފުލުހުންނާއި ރައްޔިތުންނާ އޮންނަ ގުޅުންކަމަށް ވިދާޅުވިއެވެ.

މި ރަސްމިއްޔާތުގައި، ކޮމިޝަނަރ އޮފް ޕޮލިސް ޢަލީ ޝުޖާއު، ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް ފަރުހާދު ފިކުރީ، ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް އިސްމާއީލް ނަވީން، ފުލުުންގެ އެގްޒެކެޓިވް އޮފިސަރުންނާއި ކޮމިޝަންޑު އޮފިސަރުންގެ އިތުރުން އެހެނިހެން ފުލުހުންނާއި ދިވެހި ބަހާއި ސަޤާފަތާއި ތަރިކައާ ބެހޭ ވުޒާރާގެ ބޭފުޅުން ބައިވެރިވެލެއްވިއެވެ. އަދި އަމީނިއްޔާ ސްކޫލު ދަރިވަރުން ވެސް މި ރަސްމިއްޔާތުގައި ބައިވެރިވިއެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް