އަމިއްލަ އަތުން ފޭހި އިލޮށި އަމިއްލަ ލޮލަށް

Loading

Facebook
Twitter
WhatsApp

”ޓެރަރިސްޓުން“، ”ޙައްދު ފަހަނައަޅާފައިވާ މީހުން“ މިފަދަ ނަންތަކަކީ އަހަރަމެން މުސްލިމުންނަށް އާނަންތަކެއް ނޫނެވެ. އިއްޔެއަކު މިއަދަކު ދެކެވޭ ވާހަކަތަކެއް ނޫނެވެ. މުސްލިމުންނާއި ދެކޮޅަށް ކުރާ ފިކުރީ ހަނގުރާމައެކެވެ. ދީނާއި ދުރުކުރުމަށް ހިންގާ ޙަރަކާތްތަކެކެވެ. ތާއަބަދު މުސްލިމުންނާއި ދެކޮޅަށް ކުރާ ފިކުރީ ހަނގުރާމައެކެވެ. ދީނާއި ދުރުކުރުމަށް ހިންގާ ޙަރަކާތްތަކެކެވެ. ތާއަބަދު މުސްލިމުންނާ ދެކޮޅަށް ޙަރަކާތްތެރިވާ ބަޔަކު މިފަދަ ނަންތަކުގެ ފަހަތުގައި ތިބެއެވެ. މިއީ ފާޅުގައްޔާއި، ފިލާތިބެ ފަރުދާގެ ފަހަތުން ޙަރަކާތްތެރިވާ ބައެކެވެ. ފާޅުގައްޔާއި ސިއްރުގައި މުސްލިމުންނަސް ޢަދާވަތްތެރިވެ، މުސްލިމުންނަށް އަނިޔާތައް ކުރުމާއި އިސްލާމްދީން ނެތިކޮށްލުމަށް ތަފާތު މަސައްކަތްތައް ކުރާކަމީ ފާޅުކަންބޮޑު ޙަޤީޤަތެކެވެ. މާތްﷲ ކީރިތި ޤުރުއާނުގައި ވަޙީކުރައްވާފައިވެއެވެ. ”وَلَنۡ تَرۡضٰى عَنۡكَ الۡيَهُوۡدُ وَلَا النَّصٰرٰى حَتّٰى تَتَّبِعَ مِلَّتَهُمۡ​ قُلۡ اِنَّ هُدَى اللّٰهِ هُوَ الۡهُدٰى​ وَلَـئِنِ اتَّبَعۡتَ اَهۡوَآءَهُمۡ بَعۡدَ الَّذِىۡ جَآءَكَ مِنَ الۡعِلۡمِ​ مَا لَـكَ مِنَ اللّٰهِ مِنۡ وَّلِىٍّ وَّلَا نَصِيۡرٍ‏“ (البقرة: 120) މާނައީ: ”ޔަހޫދީންވެސް، ނަޞާރާއިންވެސް، އެބައިމީހުންގެ ދީނަށް ކަލޭގެފާނު ތަބާވެވަޑައިގެންފުމަށް ދާންދެން، ކަލޭގެފާނާއިމެދު އެއްވެސް ޙާލެއްގައި ނުރުހޭނެތެވެ. ކަލޭގެފާނު ވިދާޅުވާށެވެ! ހަމަކަށަވަރުން ތެދުމަގަކީ، މާތްﷲގެ ތެދުމަގެވެ. ކަށަވަރުންވެސް، ކަލޭގެފާނަށް އެނގިވަޑައިގެންފައިވާ އެނގިވަޑައިގަތުންތަަކަށްފަހު، އެބައިމީހުންގެ އެދުންތަކަށް ކަލޭގެފާނު ތަބާވެވަޑައިގެންފިނަމަ، ﷲގެ ޙަޟްރަތުން ކަލޭގެފާނާއިމެދު، އެހީތެރިކަމެއް، ރައްކާތެރިކަމެއް ނަޞްރުވެރިކަމެއް ލިބިވަޑައިގަތުމެއް ނެތެވެ.“

އެމީހުންގެ މިމަޤްޞަދުތައް ޙާޞިލުކުރުމަށް ތަފާތު ޙަރަކާތްތަކެއް ހިންގިއެވެ. ޞަލީބީ ހަނގުރާމަތަކާއި ފިކުރީ ހަނގުރާމަތަކާއި އަނިޔާތަކާއި ދުއްތުރާތަކެވެ. ފާޙިޝް ޢަމަލުތަކާއި ބަދުއަޚްލާޤީ ކަންތައްތަކެވެ. އަދި މުސްލިމު މުޖުތަމަޢުތަކުގައި ފާޙިޝް ކަންތަކާއި އޮރިޔާންކަން ޢާއްމުކުރުމެވެ. އަދި މިއަދު ދީނުގެ ޢަދާވާތްތެރިން މުސްލިމުން އެމީހުންގެ ޙައްޤުތަކާއި ދީނީ މިނިވަންކަން ހޯދުމަށް މަސައްކަތްކުރާ މީހުންގެ ނިސްކުރީގައި ޖަހާފައިވަނީ ”ޓެރަރިސްޓުން“ ގެ ނަމުންނެވެ. ”ޙައްދުފަހަނައަޅާފައިވާ މީހުން“ގެ ނަމުންނެވެ.

ދީނުގެޢަދުއްވުން ދެކޭގޮތުގައި ފަލަސްޠީނުގެ މުޖާހިދުން އެމީހުންގެ ދީނާއި، ޢަޤީދާ އާއި ވަޠަނުގެ ދިފާޢުގައި ކުރާ ޖިހާދަކީ ”ޓެރަރިސްޓު“ ޢަމަލެކެވެ. ޝީޝާނުގެ މުޖާހިދުންނާއި، ޢިރާޤާއި ކަޝްމީރު މީހުންނަކީ ”ޓެރަރިސްޓުން“ނެވެ. އަދި ދީނި ވާޖިބުތަކަށް ފަރުވާތެރިކަން ބަހައްތައި ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ސުންނަތަށް ޢަމަލުކުރާ މީހުންނަކީ ”ޙައްދު ފަހަނައަޅާފައިވާ މީހުން“ނެވެ. ފިތުނަވެރީންނެވެ. އެއްބައިވަންތަކަން ނަގާލާ މީހުންނެވެ.

މިއީ އަޅުގަނޑުމެން ހައިރާންވާންޖެހޭ ކަމެއް ނޫނެވެ. މިކަމާ ކަންބޮޑުވެ، ޢަޖައިބުވާކަށް ނުޖެހެއެވެ. އެމީހުންނަކީ މާތްﷲ އާއި ރަސޫލާ އާއި ދީނުގެ ޢަދާވާތްތެރީންނެވެ. އެމީހުން ހުރިހާ ކަމެއްގައި ބަލަނީ މާއްދިއްޔަތާއި ދުނިޔޭގެ ވަގުތީ އުފަލާއި އަރާމު ހޯދުމަށެވެ. އެމީހުންގެ ހުރިހާ ކަމަކީވެސް އަވާމެންދުރެކެވެ. އެހެންކަމުން އެމީހުންގެ އެއްވެސް ހަމައެއް ލަމައެއް، ގޮތެއް ފޮތެއް ނުހުންނާނެއެވެ. އެފަދަ މީހުން ސިފަކުރައްވައި މާތްﷲ ވަޙީކުރައްވާފައިވެއެވެ.  “ لَهُمْ قُلُوبٌ لَّا يَفْقَهُونَ بِهَا وَلَهُمْ أَعْيُنٌ لَّا يُبْصِرُونَ بِهَا وَلَهُمْ ءَاذَانٌ لَّا يَسْمَعُونَ بِهَآ أُو۟لَٰٓئِكَ كَٱلْأَنْعَٰمِ بَلْ هُمْ أَضَلُّ أُو۟لَٰٓئِكَ هُمُ ٱلْغَٰفِلُونَ“ (الأعراف: 179) މާނައީ: ”(ޙައްޤުގޮތް) އެއިން ނުވިސްނޭ ހިތްތަކެއް އެބައިމީހުންނަށް ވެއެވެ. (ޙައްޤު މަގު) އެއިން ނުފެންނަ ލޯތަކެއް އެބައިމީހުންނަށް ވެއެވެ. (ޙައްޤު އަޑު) އެއިންނާހާ ކަންފަތްތަކެއް އެބައިމީހުންނަށް ވެއެވެ. އެބައިމީހުން ގެރި، ބަކަރި، ޖަމަލުފަދައެވެ. އަދި ކިއެއްތަ، އެތަކެއްޗަށް ވުރެންވެސް އެބައިމީހުން މަގުފުރެދުން ބޮޑެވެ.“

ނަމަވެސް އަޅުގަނޑުމެން މިސައްތައިން ސައްތަ މުސްލިމު މުޖްތަމަޢުގައިވެސް ﷲގެ ދީނަށް ރައްކާތެރިވާ މީހުންނަށް ދެކެނީ އެކަހަލަ ނަންތަކުންނެވެ. އަޅުގަނޑުމެންނަކީ މާތްﷲ އާއި އެކަލާނގެ ރަސޫލާއަށް އީމާންވެގެން ތިބި މީހުންނެވެ. އިސްލާމްދީނުގެ މާތްކަމާއި މަތިވެރިކަން ދެނެތިބި މީހުންނެވެ. އެދީނުގެ ފަރުޟުތަކަށާއި އަމަރުތަކަށް ތަބާވާންޖެހޭ މީހުންނެވެ. އަދި ﷲގެ ޙަޟްރަތުގައި ޖަވާބުދާރީ ވާންޖެހޭނެކަން ދަންނަ މީހުންނެވެ. މިއަދު އަޅުގަނޑުމެންގެ މުސްލިމު މުޖުތަމަޢު ތެރޭގައިވެސް ކީރިތި ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ސުންނަތަށް ޢަމަލުކުރުމަށް ތުނބުޅި ބަހައްޓާ މީހުންނާއި ﷲގެ ޢަޛާބަށް ބިރުވެރިވެ، ފަޓުލޫނުގެ ފައިކުރިތައް ކުރުކުރާ މީހުން ލޭބަލް ކުރަނީ ”ވައްހާބީން“ ނުވަތަ ”ޙައްދުފަހަނައަޅާފައިވާ މީހުން“ގެ ނަމުންނެވެ. ފިތުނަ އުފައްދައި އެއްބައިވަންތަކަން ނަގާލާ މީހުންގެ ގޮތުގައެވެ. އަދި އެފަދަ މީހުންނަކީ އިޖްތިމާޢީ ކަންކަމުގައްޔާއި ޚިދުމަތުގެ ދާއިރާއާ ”އެކަށީގެންވާ ބައެއްނޫނެވެ“. ”މިމިޖުތަމަޢަށް ފެތޭ ބައެއްނޫނެވެ.“

އަދި މާތްﷲގެ އަމުރުފުޅުތަކަށް ތަބާވެ، އެކަނބަލުންގެ ޢައުރަ ނިވާކުރާ މީހުންނަކީ ”ނިންޖާއިން“ނެވެ. ނުވަތަ ”ގޯނި މާލި“ ތަކެކެވެ. އެދަފަ މީހުން ސަފިކުރަނީ ބިރުވެރި ބައެއްގެ ގޮތުގައެވެ. އަދި މޫނު ނިވައިކޮށްލައިފިނަމަ އެއީ ”ކުރެވޭ ބޮޑު ކުށެކެވެ.“

އަހަރަމެންގެ ޚާލިޤުވަންތަ ﷲ ސުބްޙާނަހޫ ވަތަޢާލާގެ އަމުރުފުޅުތަކަށް ތަބާވާ މީހުންނަށާއި މާތްނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ސުންނަތަށް ޢަމަލުކޮށް، އެސުންނަތް ދިރުވަން މަސައްކަތްކުރާ މީހުންނަށް، މަލާމާތްކޮށް ފުރައްސާރަކުރަނީ ﷲ ގެ ޢަޛާބަށް ބިރުވެތި ނުވާޙާލުގައި ބާވައެވެ؟ ﷲގެ ކޯފާއެއްގެ ބިރުނެތީބާއެވެ؟ ދެވަނަ ސުނާމީއެއް އަތުވެދާނެކަން ޤަބޫލު ނުކުރެވެނީ ބާވައެވެ؟ ”إَنَّ بَطْشَ رَبِّكَ لَشَدِيْد“ (البروج: 12) މާނައީ: ”ހަމަކަށަވަރުން ކަލޭގެފާނު ހައްދަވައި ބޮޑުކުރެއްވި ރަސްކަލާނގެ (ކޯފާ އާއި ޢަޛާބުގެ) ހިތްޕެވުން ގަދަފަދަ ވެގެންވާކަން ކަށަވަރެވެ.“

މާތްﷲގެ އަމުރުފުޅުތަކަށާއި މާތްރަސޫލާގެ ސުންނަތަށާއި ބަސްފުޅުތަކަށް ފުރައްސާރަކޮށް، ހީސަމާސާ ކުރުމަކީ އީމާންކަމާއި އިދިކޮޅު ކަމެކެވެ. މާތްﷲގެ ރަސްކަންފުޅަށާއި ރިސާލަތަށް އިސްތިޚުފާލުގެ ނަޒަރަކުން ދުށުމީ ކުފުރުގެ ދަރަޖައަށް ގެންދާކަމެކެވެ.

ފަޟީލަތުއްޝައިޚް ސަލްމާން ބުނު ޢަބްދުﷲ ބުނު މުޙައްމަދު ބުނު ޢަބްދުލް ވައްހާބު تَيْسِيْر الْعَزِيْرِ الْحَمِيْدِ فِي شَرْحِ كِتَابِ التَّوْحِيْدِ ގައި ލިޔުއްވާފައިވެއެވެ. ”މާތްﷲ އާއި އެކަލާނގެ ފޮތާއި އެކަލާނގެ ރަސޫލާ އާއި އަދި އެކަލާނގެ ދީނުގައި ކަމަކަށް ފުރައްސާރަކުރުމާއި އިސްތިހުޒާއު (މަލާމާތް) ކުރުމަކީ ކުފުރުވާ ކަމެއްކަމަށް ޢިލްމުވެރީން އެއްބަސްވެލައްވައެވެ.“

މާތްﷲ ކީރިތި ޤުރުއާނުގައި ވަޙީކުރައްވާފައި ވެއެވެ. ”وَلَئِن سَأَلْتَهُمْ لَيَقُولُنَّ إِنَّمَا كُنَّا نَخُوضُ وَنَلْعَبُ ۚقُلْ أَبِٱللَّهِ وَءَايَٰتِهِ وَرَسُولِهِ كُنتُمْ تَسْتَهْزِءُونَ. لَا تَعْتَذِرُوا۟ قَدْ كَفَرْتُم بَعْدَ إِيمَٰنِكُمْ إِنْ نَّعْفُ عَن طَآئِفَةٍ مِّنْكُمْ نُعَذِّبْ طَآئِفَةًۢ بِأَنَّهُمْ كَانُوا۟ مُجْرِمِيْنَ“ (التوبة: 66،65 ) މާނައީ: ”ހަމަކަށަވަރުން ކަލޭގެފާނުން އެބައިމީހުންނާއި، ސުވާލު ކުރައްވައިފިނަމަ، އެބައިމީހުން ދަންނަވާނެކަން ކަށަވަރެވެ. ތިމަންމެން ވީކަން ކަށަވަރީ، ހަމައެކަނި ވާހަކަ ދައްކާ ކަމުގައެވެ. އަދި ކުޅިވަރުކުޅޭ ކަމުގައެވެ. ކަލޭގެފާނު ވިދާޅުވާށެވެ! ތިޔަބައިމީހުން މަލާމާތްކުރާންވީ، މާތްﷲ އަށާއި، އެކަލާނގެ އާޔަތްތަކަށާއި، އެކަލާނގެ ރަސޫލާއަށްހޭ؟ ތިޔބައިމީހުން ޢުޛުރު ނުދައްކާށެވެ! ހަމަކަށަވަރުން ތިޔަބައިމީހުން އީމާންވުމަށްފަހު، ތިޔަބައިމީހުން ކާފިރުވީމުއެވެ. ތިޔަބައިމީހުންގެ ތެރެއިން ބަޔަކަށް ތިމަންރަސްކަލާނގެ ޢަފޫކުރައްވާ ކަމުގައި ވިޔަސް، އަނެއް ބަޔަކަށް ތިމަންރަސްކަލާނގެ ޢަޛާބު ދެއްވަމެވެ. ހަމަކަށަވަރުން އެބައިމީހުންނީ، ކުށްވެރި ބަޔަކު ކަމުގައި ވީކަމަށްޓަކައެެވެ.“

ބާލިޣުވެ، ބޮޑުވެފައިވާ އަންހެނުން ޢައުރަ ނިވައިކޮށް، ބުރުގާ އެޅުމަކީ މާތްﷲގެ އަމުރުފުޅެކެވެ. ކީރިތި ޤުރުއާނުގެ ނައްޞުން ސާބިތުވާ ކަމެކެވެ. ނޫރު ސޫރަތުގެ 31 ވަނަ އާޔަތުގެ މާނަ ވިދާޅުވެލައްވާށެވެ! ތުނބުޅި ބެހެއްޓުމަކީވެސް ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ އަމުރުކުރައްވާފައިވާ ކަމެކެވެ. އެކަލޭގެފާނުގެ މަތިވެރި ސުންނަތެކެވެ. ނަބީބޭކަލުންގެ ސުންނަތެކެވެ. ދީނީ ޝިޢާރެކެވެ. ކޮންމެ ގޮތެއްވިޔަސް ސުންނަތަކަށްވުރެ ކުޑަނުކުރެވޭނެކަން ކަށަވަރެވެ. ނަމަވެސް މީހާއަށް ފުރައްސާރަ އާއި މަލާމާތް ލިބި، ކުރެވޭ ”ކުށަކަށް“ ވާތީ ޢަޖާއިބުވެއެވެ.

ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ސުންނަތަށް ޢަމަލުކޮށް، ސުންނަތް ދިރުވުމަކީ ގިނަގުނަ ސަވާބު ހުރި ކަމެކެވެ. ބާއްޖަވެރިކަމުގެ މަގެކެވެ. ކީރިތި ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރައްވާފައިވާ ބަސްފުޅެއްގެ މާނާގައިވެއެވެ. ”ތިމަންކަލޭގެފާނުގެ އުއްމަތުން އިންކާރުކުރާ މީހަކު މެނުވީ އެންމެން ސުވަރުގެ ވަންނަހުއްޓެވެ.“ ބުނެވުނެވެ. ﷲގެ ރަސޫލާއެވެ! ކަލޭގެފާނަށް އިންކާރުކުރަނީ ކާކުތޯއެވެ؟ ޙަދީޘްކުރެއްވިއެވެ. ”ތިމަންކަލޭގެފާނަށް ކިޔަމަން ވެއްޖެ މީހަކު ސުވަރުގެ ވަންނާނެއެވެ. އަދި ތިމަންކަލޭގެފާނަށް އުރެދިއްޖެމީހަކު ފަހެ، ތިމަންކަލޭގެފާނަށް އިންކާރުކޮށްފިއެވެ.“ (ރަވާހުލް ބުޚާރީ)

އިމާމު ޝާފިޢީގެފާނު އެކަލޭގެފާނުގެ ”އައްރިސާލަތު“އެވެ ކިޔުނު ފޮތުގައި ލިޔުއްވާފައި ވެއެވެ. ”ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ސުންނަތުގެ ގޮތުގައި ކަނޑައެޅުއްވި ކޮންމެ  ކަމަކީ، އެކަމާމެދު ﷲގެ ޙަޟްރަތުން ޙުކުމެއް އައިސްފައިވާ ކަމެކެވެ. ބައެއް ކަންކަމަކީ ﷲގެ ފޮތުގައި އެކަމާގުޅޭ ޞަރީޙަ ނައްޞު އައިސްފައިވާ ކަންކަމެވެ. އަދި އަނެއްބައި ކަންކަމާ ގުޅޭ ޞަރީޙަ ނައްޞެއް އައިސްފައެއް ނުވެއެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހިވަސައްލަމަގެ އަރިހުން އައިސްފައިވާ ސުންނަތުގެ ކޮންމެ ކަމަކަށް ތަބާވުންވަނީ ﷲ އަހަރުމެންނަށް ވާޖިބުކުރައްވާފައެވެ. އެކަލޭގެފާނުގެ ސުންނަތުގެ އެއްވެސް ކަމަކާ ދެކޮޅުހަދައި، އެއަށް ތަބާނުވުމަކީ އެއްވެސް މީހަކަށް އެކަމުގައި އުޛުރުވެރި ނުވެވޭނެ ކަމެކެވެ.“

ދީނީ ރޫޙު ކުޑަކުރުމާއި ދީނުގެ މިފަދަ މަތިވެރި ޝިޢާރުތަކަށް މަލާމާތްކޮށް، އެކަންތައްތައް ހުއްޓުވަން އުޅުމުގެ ނަތީޖާ މިއަދު މިދަނީ އިޙްސާސްކުރަމުންނެވެ. އެކަމުގެ ހިތިރަހަ މިދަނީ ދެކެމުންނެވެ. އަޅުގަނޑުމެންގެ މި މުސްލިމު މުޖުތަމަޢު މިއަދު މިވަނީ ކަންބޮޑުވާންޖެހޭ މިންވަރަށް އިޖުތިމާޢީ ތަފާތު މައްސަލަތަކާއި ކުރިމަތިލާން ޖެހިފައެވެ. ދީނީ ވާޖިބުތަކަށް އިހުމާލުވުން ވަނީ އިތުރުވެފައެވެ. ވައްކަންކުރުމާއި، ފޭރުމާއި، މާރާމާރީ އާއި، ކުޑަކުދިންނަށް ޖިންސީގޯނާ ކުރުމާއި ބަދުއަޙްލާޤީ އަމަލުތައް ހިންގުމެވެ. އަދި ”އުންމުލް ޚަބާއިޘު“ ކަމަށްވާ މަސްތުވާތަކެތި ބޭނުންކުރުމަކީ ވިޓަމިންސީ ގުޅައެއް ބޭނުންކުރުންފަދަ ފަސޭހަ އާދައިގެ ކަމެކެވެ. އުރުޔާނިއްޔަތާއި ނިވައިކަންކުޑަ ހެދުމުގެ ވާހަކަ މުޖުތަމަޢުގެ ތެރެއަށް ކަޅި ހިންގައިލުމުން ރަނގަޅަށް ދޭހަވެއެވެ.

އުފެދޭ ސުވާލަކީ މިފަދަ ގޮތްތަކަށް މި ކުޑަކުޑަ މުޖުތަމަޢު ބޮއްސުންލައިގެން މިދިޔައީ ކިހިނެއްބާވައެވެ؟ މީގެ ފަހަތުގައި ވަނީ ކޮން ކަންތައްތަކެއް ބާވައެވެ؟ މިކަމުގެ ޒިންމާ އުފުލަންޖެހޭ ފަރާތްތަކަކީ ކޮބައިބާވައެވެ؟ މައިންބަފައިންނާއި ބެލެނިވެރިންތޯއެވެ؟ މުދައްރިސުންނާއި މުރައްބީންގެ އަޅާނުލުން ބާވައެވެ؟ ޒިންމާދާރުންނާއި މަސްއޫލުވެރިންގެ އިހުމާލުން ބާވައެވެ؟ ބައެއްގެ ރޭވުމެއް ބާވައެވެ؟ ހައްތަހާވެސް ސުވާލެވެ. ޖަވާބެއް ނެތެވެ. މަސްއޫލުވާނެ ފަރާތެއް ނެތެވެ. ޤައުމުގެ ކުރިމަގު ކަމުގައިވާ ޒުވާންޖީލު ހަލާކުވެ ދަނީއެވެ. ތަނުގައި އަމަން އަމާންކަމެއްނެތެވެ.

ނަމަވެސް އަޅުގަނޑުމެން ދަންނަ ވަރަށް ބޮޑު ޙަޤީޤަތެއްވެއެވެ. މީގެ ބާވީސް، ތޭވީސް އަހަރުކުރިން ނުވަތަ 80ގެ އަހަރުތަކުގެ ތެރޭގައި ދިވެހީން ދީނީގޮތުން ހައްދުފަހަނައަޅައި، ފިތުނަވެރިވެ، ދިވެހި މުޖުތަމަޢު ބައިބައިވެދާނެ ކަމުގެ ބިރަށް ތަފާތު ކަންތައްތަކެއް ހިންގިއެވެ. ދީނީ މީހުންނަށާއި ދީނަށް އުޅޭ މީހުންނަށެވެ. ކީރިތި ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ސުންނަތަށް އުޅޭ މީހުންނަށެވެ. އަދި ދީނީ ވަޢުޡާއި އިރުޝާދު ދިނުމުގެ އުސްލޫބުތަކުގެ ތެރެއިން ހަމައެކަނި التَّرْغِيْب ގެ ތެރޭގައި ހަނިވެގެން ދިޔައެވެ. މީގެ ސަބަބުން ދީނީ ހޭލުންތެރިކަން ކުޑަވެ، މާތްﷲ ޙަރާމްކުރެއްވި ކަންތައްތަކާއި ބަދުއަޚްލާޤީ ޢަމަލުތައް އިތުރުވެގެން ދިޔައެވެ. ހެދުން އެޅުމުގެ ފެޝަންތައް ބަދަލުވިއެވެ. މަސްތުވާތަކެތީގެ އަވާގައި ޖެހޭޒުވާނުން ދިޔައީ ގިނަވަމުންނެވެ. މިއަދު މިކަންމިވަނީ ޤައުމީ މައްސަލައަކަށް ވެފައެވެ. 2002 ވަނަ އަހަރު އާބާދީގެ 6 ޕަސަންޓަށްވުރެ މަސްތުވާތަކެތި ބޭނުންކުރާ މީހުން ގިނަކަމަށްވެއެވެ. ތަފާތު މަސައްކަތްތައް ތަފާތު ގޮތްގޮތަށް ކުރަމުން ގެންދަވައެވެ. ނަތީޖާއެއް ހާޞިލެއް ނުވެއެވެ. މަސްތުވާތަކެތިން ދުރުކުރުވުމުުގެ މަސައްކަތުގައި އުޅުއްވާ ބޭފުޅަކާ ބައްދަލުވެގެން އަޅުގަނޑު ސުވާލުކޮށްލީމެވެ. ތިބޭފުޅުން ތިހާވަރަށް މަސައްކަތްކުރައްވާއިރު، ތިކުރައްވާ މަސައްކަތުގެ ނަތީޖާ ކިހިނެއްތޯއެވެ؟ އެބޭފުޅަކު ވަރަށް ކުރުގޮތަކަށް ޖަވާބު ދެއްވިއެވެ. ”މަސްތުވާތަކެތި ބޭނުންކުރާ ޢުމުރުފުރާ ދުވަހުން ދުވަހަށް ދަނީ ދަށްވަމުންނެވެ. މަދެއްނުވެއެވެ.“

މީގެ ސިއްރަކީ ކޮބައިތޯއެވެ؟ ދީނީ ކަންކަމަށް ދެވޭ އިސްކަން ކުޑަވުމެއް ނޫންބާވައެވެ؟ ދީނީ ހޭލުންތެރިކަން ނެތިގެން ބާވައެވެ؟

ޝައްކެއްނެތްގޮތުގައި އިސްލާމްދީނަކީ އިންސާނީ ޙަޔާތުގެ ހުރިހާ ކަމެއް ޝާމިލުވެގެންވާ ފުރިހަމަ ބިނާއެކެވެ. ޢަޤީދާ އާއި އަޚްލާޤާއި ޢަމަލެވެ. ހަރުދަނާ ޢަޤީދާ ނުވަތަ ފުރިހަމަ އިމާންކަމަކީ ރިވެތި އަޚްލާޤީ ސިފަތައް އަށަގަންނަކަމެކެވެ. މީހާގެ އުޅުމާއި ސުލޫކު އިޞްލާޙުކުރެއެވެ. ރިވެތި ގޮތްތައް ދަސްކޮށްދެއެވެ. ދީނަށް އުޅުމާއި ދީނީ ކަންތައްތަކަށް ފަރުވާތެރިވުމަކީ މުޖުތަމަޢުގެ ތެރޭގައި ފިތުނަ އުފެދި ވަޙްދަތު ރޫޅިގެންދާނެ ކަމެއް ނޫނެވެ. މުއުމިނު އަޅާ އުޅޭނީ މާތްﷲގެ ފަރުޟުތައް އަދާކޮށް އެކަލާނގެ ކަނޑައަޅުއްވާފައިވާ ޙައްދުތަކުގެ ތެރޭގައެވެ. މާތްﷲ ޙަރާމްކުރައްވާފައިވާ ކަންތައްތަކުން ދުރުވެގެންނެވެ. ޢަރަބީންގެ ތެރޭގައި ފެތުރިފައިވާ ނޭދެވޭ ސިފަތައް ބަދަލުވެގެން ދިޔައީ އިސްލާމްދީނުގެ ސަބަބުންނެވެ. އެމީހުންގެ އީމާންކަމުގެ ސަބަބުންނެވެ. އެމުޖުތަމަޢަކީ މިސާލީ މުޖުތަމަޢަކަށް ވެގެން ދިޔައެވެ. ތެދުވެރިކަމާއި އަމާނާތްތެރިކަމާއި އެކުވެރިކަމުގައެވެ. ނުބައިކަންތަކުން ސާފުވެގެންވާ މުޖުތަމަޢަކަށްވިއެވެ.

ރިވެތި އަޚްލާޤީ ސިފައެއް ކަމަށްވާ ލަދުވެތިކަމާ ބެހޭގޮތުން ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ވިދާޅުވެފައިވާ ބަސްފުޅެއް ބައްލަވާށެވެ. ”ﷲ އަށް ލަދުވެތިވުން ޙައްޤުވެގެންވާ ފަދައިން ތިޔަބައިމީހުން އެކަލާނގެއަށް ލަދުވެތިވާށެވެ.“ ދެންނެވުނެވެ. ﷲގެ ރަސޫލާއެވެ! އަޅުގަނޑުމެން ﷲ އަށް ލަދުވެތިވަމެވެ. ރަސޫލާ ޙަދީޘްކުރެއްވިއެވެ. ”ތިޔަގޮތަކަށް ނޫނެވެ. އެކަމަކު ޙައްޤު ގޮތުގައި ﷲ އަށް ލަދުވެތިވުމަކީ ބޮލަށާއި އަދި ބޮލާއި ގުޅިފައިވާ ގުނަވަންތަކަށާއި އަދި ބަނޑަށާއި ބަނޑުގައި ހިމެނޭ ހުރިހާ ގުނަވަންތަކަކަށް ރައްކާތެރިވުމެވެ. މަރާއި ނެތިދިއުމުގެ މަތީން ހަނދާންކުރުމެވެ. އާޙިރަތަށް އެދޭމީހާ، ދުނިޔަވީ ޙަޔާތުގެ ޒީނަތްތެރިކަން ދޫކޮށްލުމެވެ. އަދި މިދުނިޔެއަށްވުރެ އާޙިރަތް އިސްކުރުމެވެ. މިގޮތަށް ކަންތައްކޮށްފި މީހާއަކީ ﷲ އަށް ޙައްޤު ގޮތުގައި ލަދުވެތިވެއްޖެ މީހެކެވެ.“ (ރަވާހުއްތިރްމިޛީ)

އާދެ! ދީނީ ކަންތައްތަކަށާއި ރަސޫލާގެ ސުންނަތަށް އުޅޭ މީހުންނަށް ތަރުޙީބު ދިންނަމަ މުޖުތަމަޢުގެ ތެރޭގައި ހަމަޖެހުމާއި އަމަން އަމާންކަން ޤާއިމުވެގެން ދިޔައީހެވެ. އަދި އަޅުގަނޑުމެންގެ މުޖްތަމަޢަކީ ފާޙިޝް ކަންތަކުން ދުރުވެގެންވާ މުޖުތަމަޢަކަށް ވީސްކަން ކަށަވަރެވެ. މާތްﷲ ވަޙީކުރައްވާފައިވެއެވެ. ”إِنَّ الصَّلاَةَ تَنْهَى عَنِ الْفَحْشَآءِ وَالْمُنْكَرِ“

 

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް