ކޮވިޑް 19 ދުވަސްވަރު "މެޓަ" ގެ ކޮންޓެންޓް ކޮންޓްރޯލް ކުރަން ވައިޓް ހައުސް މަސައްކަތްކުރި : ޒަކަބާގް

Loading

Facebook
Twitter
WhatsApp

ކޮވިޑް 19 ޕެންޑަމިކް ދުވަސްވަރު ”މެޓަ“ ގެ ބައެއްކަހަލަ ކޮންޓެންޓް ކޮންޓްރޯލް ކުރަން ބައިޑަން ސަރުކާރުން މަސައްކަތްކުރި ކަމަށް ސޯޝަލްމީޑިޔާގެ ބިޔަ ޕްލެޓްފޯމް ”މެޓަ“ގެ ސީއީއޯ މާކް ޒަކަބާގް ބުނެފިއެވެ.މިގޮތުން ކޮންޓްރޯލް ކުރުމަށް މަސައްކަތް ކުރި ކޮންޓެންޓްގެ ތެރޭގައި ހެއްވާ ކޮންޓެންޓާއި އަދި އެކިފަރާތްތަކަށް ފުރައްސާރަކޮށް، މަލާމަތް ކޮށްފައިވާ ކޮންޓެންޓް ހިމެނޭ ކަން އޭނާ ފާހަގަ ކޮށްފައި ވެއެވެ.

ހައުސް ޖުޑީޝަރީ ކޮމިޓީގެ ޗެއާ،ޖިމް ޖޯޑަން އަށް ފޮނުވި ސިޓީއެއްގައި ޒަކަބާގް ބުނެފައިވަނީ ވައިޓްހައުސްއިން ކުރިމަތިކުރި ފިއްތުން ތަކާ ގުޅިގެން އޭރު މާބޮޑު އެއްޗެއް ނުބުނެވުނީތީ ދެރަވާ ކަމުގައެވެ.އޭރު ކޮވިޑް 19 އާބެހޭ ބައެއްކަހަލަ ކޮންޓެންޓް މަދުކުރުމަށް ނުވަތަ ނެގުމަށް ވެސް ބައިޑަން ސަރުކާރުގެ އިސް އޮފިޝަލުން އެތައް މަހެއްވަން ޕްރެޝަރ ކުރަމުން ގެންދިޔަކަމަށާ، އެއީ އެކަން ކޮށްގެން ވާނެގޮތެއް ނޫން ކަމަށް ބުނެފައިވެއެވެ. އަދި ކުރިމަތީގަ މިއޮތް އެމެރިކާގެ ރިޔާސީ އިންތިޚާބްގައި ”މެޓަ“ އިންބޭނުންވަނީ ވަކިއަތަކަށް ނުޖެހި އޮތުމަށް ކަމަށާ މިގޮތަށް ކަންތައްތައް ނުދާނަމަ ”މެޓަ“ ފަހަތަށް ޖެހެންވެސް އޮތީ ތައްޔާރަށް ކަމަށް ބުނެފައި ވެއެވެ.

ޒަކަބާގްގެ ކަންބޮޑުވުން އައިސްފައި މިވަނީ ”ފްރީ ސްޕީޗް“ އަދި އޮންލައިން ސޭފްޓީ އަކީ ކޮބައިތޯ ކަޑައެޅުމާ ބެހޭ ބަހުސެއް ފުޅާ ދާއިރާއެއްގައި ކުރިޔަށް ދާ ދަނޑިވަޅެއްގައެވެ. ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވެސް ވަނީ ސޯޝަލް މީޑިޔާގައި ބޮޑަށް ފާޑުކިއުންތައް އަންނަނީ ރިޕަބްލިކަން ޕާޓީގެ މެމްބަރުންނަށް ކަމަށާ އަދި އޭނާހޮވިޑައިގެންފިނަމަ މިކަމާމެދު ހަރުކަށިފިޔަވަޅު އަޅުއްވާނެ ކަމަށް ވިދާޅުވެފައެވެ.

 

ސޯޝަލްމީޑިޔާ ޕްލެޓްފޯމް ޓެލެގްރާމްގެ ވެރިޔާ ޕަވެލް ދުރޯވް ވެސް ވަނީ ފްރާންސަށް ދިޔަތަނުން ސުވާލު ކުރުމަށް ކަމަށް ބުނެ މިދިޔަ ހޮނިހިރު ދުވަހު ހައްޔަރު ކޮށްފައެވެ. އެއީ ޓެލެގްރޯމްގެ ކޮންޓެންޓް ސެންސަރު ކުރުމަށް މަސައްކަތް ނުކުރާތީކަމަށް ބުނެއެވެ.

ޓެލެގްރާމްގެ ސީއީއޯ ހައްޔަރު ކުރުމަކީ ”ޑިކްޓޭޓާޝިޕް“ އަކުން ކުރާޒާތުގެ ކަމެއްކަމަށް އެމެރިކާގެ މަޝްހޫރު ޖަރނަލިސްޓް ޓަކާ ކާލްސަން ވެސް ބުނެފައިވެއެވެ.ކާލްސަން މިހެން ބުނެފައިވަނީ ރޮބަރޓް އެފް ކެނެޑީ ޖޫނިއަރ އާއެކު ކުރިޔަށް ދިޔަ އިންޓަރވިއުއެއްގައެވެ.ކެނެޑީ ދާދިފަހުން ވަނީ އެމެރިކާގެ ރިޔާސީ ރޭހުން ވަކިވެވަޑައިގެން ޑޮނަލްޑް ޓްރަމް އަށް ތާއީދު ކުރައްވާކަން އިއުލާން ކުރައްވާފައެވެ.

ޕަވެލް ދުރޯވް ވެސް މިދިޔަ އެޕްރިލްމަހު ވަނީ ކާލްސަން އަށް އިންޓަވިއުއެއް ދީފައެވެ.

ޒަކަބާގްގެ ސިޓީ އަށް ވައިޓް ހައުސްއިން އަދި ވަކި އެއްޗެއް ނުބުނެއެވެ.

އަނެއްކޮޅުން ޚަބަރުލިބޭ ގޮތުގައި ޓެލެގްރާމްގެ ފައުންޑާ ޕަވެލް ދުރޯވް އަށް ފްރާންސުން ކޮންސިއުލަރ އެހީތެރިކަން ފޯރުކޮށްދިނުމަށް ޔުނައިޓަޑް އެރެބް އެމިރޭޓްސް އިން ރަސްމީކޮށް އެދިއްޖެއެވެ.

ޔޫއޭއީގެ ރައްޔިތެއް ކަމަށްވާ ދުރޯވް ހައްޔަރުކޮށްފައިވަނީ ހޮނިހިރު ދުވަހު އަމިއްލަ ޖެޓްގައި ޕެރިހުގެ ލަބޫޖޭ އެއާޕޯޓްގައި ޖެއްސިތަނާއެވެ. ސަބަބެއްކަމަށް ބުނެފައިވަނީ މެސެޖިންގ އެޕް ޓެލެގްރާމްގެ ކޮންޓެންޓް އެހެން ފަރާތްތަކަށް ނުލިބޭ ގޮތަށް ހަދާފައި ވުމެވެ.

ދުރޯވްހައްޔަރު ކުރުމުގެ އަމުރަކަށް އެދިފައިވަނީ ފްރޯޑް، ޑްރަގް ޓްރެފިކިންގ ސައިބާ ބުލީކުރުން، އޯގަނައިޒްޑް ކްރައިމް އަދި ޓެރަރިޒަމް އަށް ހިއްވަރު ދިނުން ފަދަ ކުށްތައް ކޮންޓްރޯލް ކުރުމުގެ ޒިންމާ ފްރާންސްގައި އޮންނަ އިދާރާއިންނެވެ.އެފަރާތުން ބުނާ ގޮތުގައި ޓެލެގްރާމް މެދުވެރިކޮށް ހިންގާ މިފަދަ ޖަރީމާތަކާމެދު ދުރޯވް އެއްވެސް ކަމެއް ކޮށްފައިނުވާތީ އެއީ ވަރަށް ބޮޑުކަންބޮޑުވުމެކެވެ.

ޔޫއޭއީގެ ފޮރިން މިނިސްޓްރީން ބުނެފައިވަނީ މައްސަލަ ގާތުން ބަލަމުން ދާކަމަށާ ދުރޯވް އަށް ލިބެންޖެހޭ ހައްގުތައް ގާނޫނީ ނިޒާމުގެ ތެރޭން ހޯދާދިނުމަށް މަސައްކަތް ކުރަމުން ދާމަކުގައެވެ.

ސޯޝަލް މީޑިޔާ ޕްލެޓްފޯމް އެކްސްގެ އޯނަރ، މަހުޖަނު އީލޯން މަސްކް ވެސް ވަނީ ދުރޯވް ދޫކޮށްލުމަށް ގޮވާލާ ޕޯސްޓްތައް ކޮށްފައެވެ.

ސޯވިއެޓް ލެނިންގްރޭޑް އަށް އުފަންވި ދުރޯވް ކުޑައިރުގެ އަހަރުތައް ހޭދަކޮށްފައިވަނީ އިޓަލީގައެވެ.އެއަށްފަހު އުމުރުން ވިއްސަކަށް އަހަރުގައި ރަޝިޔާގެ އެންމެ ބޮޑު ސޯޝަލް ނެޓްވަރކް ”ވީކޭ“ އޭނާ އުފެއްދިއެވެ.

ރަޝިޔާ ދޫކޮށް ދިއުމަށް ފަހު ދުރޯވް ޓެލެގްރާމް އުފައްދާފައިވަނީ މީގެ 10 އަހަރު ކުރިންނެވެ. ދުބާއީގައި ބޭސްވެފައިވާ ޓެލެގްރާމް މިއަދު އެއްބިލިއަނަށް ވުރެގިނަ މީހުން ބޭނުންކުރެއެވެ. ޓެލެގްރާމް އާންމުންގެ މެދުގައި މަގްބޫލުވަނީ، އެމެރިކާއަށް ނިސްބަތްވާ ޕްލެޓްފޯމްތަކާ ޚިލާފަށް، ބޭނުންކުރާފަރާތްތަކަށް ފުރިހަމަ ޕްރައިވަސީ ލިބިދޭތީއެވެ.

ފޯބްސް އަންދާޒާކުރާ ގޮތުގައި ދުރޯވްގެ މުދަލުގެ އަގު މިއަދު 15.5ބިލިއަން ޑޮލަރަށް އަރައެވެ.  

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް