ބޮލީވުޑްގެ ސްޕަ ސްޓާރު ޝާހްރުކް ޚާންގެ ފިރިހެން ދަރިފުޅު އާރިޔަން ޚާން އޭނާގެ ބައްޕަ، ޝާހުރުކް ފަދައިން ކުރާ މަސައްކަތަށް ލޯބި ކުރާ ކަމަށް އެ ދެ މީހުންނާއެކުވެސް މަސައްކަތް ކޮށްފައިވާ އެކްޓަރު މަނޯޖް ޕަހުވާ ބުނެފިއެވެ.
ދާދިފަހުން ދިން އިންޓަވިއުއެއްގައި މަނޯޖް ޕަހުވާ ވަނީ ޝާހުއާއި އާރިޔަންގެ ޕްރޮފެޝަނަލް ވޯކް އެތިކްސްއާއި އަހުލާގު ރަނގަޅުކަން ފާހަގަކޮށް އެ ދެބަފައިންގެ އެއްގޮތްކަންކަން ފާހަގަކޮށްފައެވެ.
އިންޓަވިއުގައި މަނޯޖްއަށް އާރިޔަންއާ އެކު މަސައްކަތް ކުރުމުގެ ތަޖުރިބާ އާއި ޝާހްރުކް އާއި އެކު މަސައްކަތް ކުރުމުގެ ތަޖުރިބާގައި އެއްވެސް އެއްގޮތް އާދަތަކެއް ހުރިތޯ ސުވާލުކުރުމުން އާރިޔަން އަކީ ޒުވާން އަދި ބުރަ މަސައްކަތް ކުރާ ކުއްޖެއް ކަމަށް މަނޯޖް ވަނީ ބުނެފައެވެ.
މަނޯޖް ފާހަގަކުރި ގޮތުގައި އާރިޔަން އާއެކު މަސައްކަތްކުރި އެ ސީރީޒް ޝޫޓް ކުރުމުގެ މަސައްކަތުގައި ފުދޭވަރަކަށް ގިނަ ވަގުތުތަކެެއް ހޭދަވި ނަމަވެސް އެއީ ވަރަށް މަޖާ ޕްރޮސެސްއެކެވެ.
”އަހަރެންނަށް އެނގޭ ޝާހްރުކް ބޭނުން ނަމަ ދުވާލަކު 18-20 ގަޑިއިރު މަސައްކަތް ކުރާކަން. އޭނާއަކީ ވޯކްހޯލިކް މީހެއް، އާރިޔަން ވެސް މިފަދަ ގޮތަކަށް މަސައްކަތް ކުރާތަން އަހަރެންނަށް ފެނިއްޖެ“ މަނޯޖް ބުނެފައި ވެއެވެ.
ޝާހްރުކް ޚާންގެ ދަރިފުޅު އާރިޔަން ޚާން ޑައިރެކްޓަރެއްގެ ގޮތުގައި ފުރަތަމަ ފަހަރަށް ފެނިގެންދާނީ ވެބް ޝޯ ސްޓާޑަމް އިންނެވެ. އެ ޝޯގެ ކާސްޓުންގެ ތެރޭގައި އެކްޓަރު މަނޯޖް ޕަހުވާ ހިމެނެއެވެ.
މީގެ އިތުރުން މަނޯޖް ވަނީ ކޯ ސްޓާރެއްގެ ގޮތުގައި ޝާހްރުކް ހާނާއެކު މަސައްކަތް ކުރި ހަނދާންއާކޮށް، އޭނާ އަކީ ވަރަށް އިހުތިރާމް ކުރާ އަދި އެހެންމީހުންނަށް އަޅާލާ މީހެއް ކަމަށް ބުނެފަ އެވެ.