އުރަމަތި ދުޅަވާ ސަބަބާއި ރައްކާތެރި ވުމަށް ކުރެވިދާނެ ކަންކަން!

Loading

Facebook
Twitter
WhatsApp

އުރަމަތި ދުޅަވެ ދޮސްގަތުން (Mastitis) ނުވަތަ އުރަމަތި ދުޅަވުމަކީ އުރަމައްޗާއި، އޭގެ ވަށައިގެންވާ ޓިޝޫ ތަކުގައި އިންފްލެމޭޝަން އުފެދި، ދުޅަވުމެވެ. ތުއްތު ދަރިފުޅަށް ކިރުދޭން ފެށުމާއި އެކު އުރަމަތި ދުޅަވެ ދޮސްގަތުމަކީ އަލަތު މައިންނަށް ވަރަށް ގިނައިން ދިމާވާ ކަމެކެވެ. 

އާންމު ގޮތެއްގައި އުރަމަތި ދުޅަވުން ނިސްބަތް ކުރެވެނީ ދެ ވައްތަރަކަށެވެ. އެއީ ވިހެއުމަށްފަހު ގާތުންދޭ މައިންނަށް ދިމާވާ އުރަމަތި ދުޅަވުމާއި، އާއި އެފަދަ ނޫންމީހުންނަށް ދިމާވާ އުރަމަތި ދުޅަވުމެވެ. އެންމެ އާންމުކޮށް އުރަމަތި ދުޅަވެ، ދޮސްގަތުން ކުރިމަތިވަނީ ވިހެއުމަށްފަހު ގާތުންދޭ މައިންނަށެވެ. އުރަމަތި ދުޅަވެ ދޮސްގަތުމުން، އުރަމަތީގައި ރިހުމާއި، ބީހިލުމުން ރިއްސުމާއި، އުރަމަތި ރަތްވުމާއި، ހޫނުވުމަކީ ވެދާނެ ގޮތެކެވެ. ބައެއް ފަހަރު ހުންއައިސް، ހީކެރުވުމަކީ ވެދާނެ ގޮތެކެވެ.

އުރަމަތި ދުޅަވެ ދޮސްގަތުމަށް މަގުފަހިކުރާ ކަންތައްތައް:

ވިހެއުމަށްފަހު ފުރަތަމަ ދެތިން ހަފްތާގެ ތެރޭގައި ގާތުންދިނުން

އުރަމަތި ފާރުވުން، ނޫނީ އުރަމަތީގެ ފާރުވެގެން ގޮސް ކޫރުން އެޅުން ނޫނީ ކަނޑައިގެން ގޮސްފައި ހުރުން

ގާތުންދިނުމަށް އަބަދު އެއްގޮތަކަށް ބޭއްވުމުގެ ސަބަބުން އުރަމަތިން ކިރު ރަނގަޅަށް ހުސްނުކުރެވުން

މާގަޔަށް ބާރުކޮށް ހުންނަ ކިރުހިއްޕި އެޅުން، ނޫނީ އުރަމައްޗަށް ބާރުވާ ފަދަ ކަމެއްގެ ސަބަބުން ކިރު ދައުރުވުމަށް ހުރަސްއެޅުން

މާބޮޑަށް ވަރުބަލިވުން ނޫނީ ފިކުރުބޮޑުވުން

ކުރިން ވިހެއުމަށްފަހު އުރަމަތި ދުޅަވެ ދޮސްގަތުން ކުރިމަތިވެފައިވުން

ރަނގަޅުކާނާ ނުލިބުން ނޫނީ ނުކެއުން: މިސާލަކަށް ލޭމަދުވުން ފަދަ ކަންކަމުގެ ސަބަބުން ދިފާޢީ ބާރު ދަށްވެ، ތަފާތު އިންފެކްޝަންތަކަށް މީހާ ހުށަހެޅިގެންދެއެވެ.

އުރަމަތި ދުޅަވެ ދޮސްގަތުމުގެ އަލާމާތްތައް:

އުރަމަތީގައި ރިއްސުން

އުރަމަތީގައި ބީހިލުމުން ރިއްސުން

އުރަމަތީގައި ހޫނުކަމެއްހުރުން

ނުތަވަނަސްވުން (ބަލިހެން އިހުސާސްކުރެވުން)

އުރަމަތި ރަތްވެ ދުޅަވުން (އުރަމަތީގެ ހަމުގައި ރަތްކަމެއް ހުރުން)

ގާތުންދޭއިރު އުރަމައްޗަށް ތަދުވެ، ދިލަނެގުން

ހުންއައުން

ހީކެރުވުން

ގައިގައި ރިހުން

ކިހިލިފަތް ދޮށުގައި ގޮށްލުން (ބައެއް ފަހަރު)

ހިތުގެ ވިންދު އަވަސްވުން (ބައެއް ފަހަރު)

އުރަމަތި ދުޅަވެ ދޮސްގަތުމުން ރައްކާތެރިވުމަށް ކުރެވިދާނެ ކަންތައްތައް:

ގާތުންދޭއިރު، ކިރުދީ އުރަމަތި ރަނގަޅަށް ހުސްކުރުން

ގާތުން ދިނުމުގެ ތެރޭގައި އެއް އުރަމަތިން އަނެއް އުރަމައްޗަށް ބަދަލުކުރާއިރު، ތުއްތު ދަރިފުޅު އެއް އުރަމަތި ރަނގަޅަށް ހުސްކުރުމުން އަނެއް އުރަމައްޗަށް ބަދަލުކުރުން

ގާތުން ދިނުމަށް ދަރިފުޅު ބާއްވާގޮތް އެއްފަހަރުން އަނެއް ފަހަރަށް ބަދަލުކުރުން

ގާތުންދޭއިރު ތުއްތު ދަރިފުޅު ބޭއްވިފައި އޮންނަނީ ރަނގަޅަށްތޯ ކޮންމެ ފަހަރަކު ޔަގީންކުރުން

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް