ފެނަކަ ކޯޕަރޭޝަން ލިމިޓެޑް (ފެނަކަ) ގެ ސައްތައިންސައްތަ ހިއްސާ، ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ޕަބްލިކް ލިމިޓެޑް (އެސް.ޓީ.އޯ.)އިން ގަނެ އެ ކުންފުނީގެ ސަބްސިޑަރީ ކުންފުންޏެއްގެ ގޮތުގައި ފެނަކަ ހަމަޖެއްސެވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ނިންމަވައިފިއެވެ.
ރައީސް މިގޮތަށް ނިންމެވީ އިއްޔެ ބޭއްވެވި ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމުގައި މިނިސްޓަރ އޮފް ފިނޭންސުން ހުށަހެޅުއްވި ކަރުދާހަށް ވަޒީރުންގެ މަޖިލީހުގައި މަޝްވަރާ ކުރެއްވުމަށްފަހުއެވެ.
އެގޮތުން މި ނިންމެވުން ނިންމެވީ ޔުޓިލިޓީ ސެކްޓަރ ހަރުދަނާ ކުރުމަށެވެ. އަދި ރައްޔިތުންނަށް ފޯރުކޮށްދެވޭ ޚިދުމަތް ރަނގަޅު ފެންވަރެއްގައި އެފިޝަންޓްކޮށް ފޯރުކޮށްދިނުމާއެކު، ފެނަކައިގެ ހިންގުން ހަރުދަނާކޮށް މާލީގޮތުން ބާރުވެރި ކުރުމަށްޓަކައެވެ.
މިގޮތުން އެސް.ޓީ.އޯ. ގްރޫޕްގައި ޢަމަލުކުރަމުން އަންނަ ގޮތަށް ގަވަރނަންސް ހަރުދަނާކޮށް ބެސްޓް ޕްރެކްޓިސްއާ އެއްގޮތަށް ކުންފުނީގެ ކަންކަން ތަރުތީބު ކުރުމުގެ ފުރިހަމަ އިޚްތިޔާރު އެސް.ޓީ.އޯއަށް ދޭނެއެވެ. ހަމައެހެންމެ ވިޔަފާރީގެ ހަރަކާތްތައް ސްޓްރީމްލައިންކުރުމާއި، ރަނގަޅު އުސޫލުތައް ތަންފީޒް ކުރުންފަދަ ކަންކަމުގެ އިހްތިޔާރު އެސް.ޓީ.އޯ.އަށް ދިނުމަށް ވަނީ ނިންމަވާފައެވެ. .
ހަމައެއާއެކު ފެނަކައިގެ މުވައްޒަފުންގެ އަދަދު ކަނޑައެޅުމުގެ އިޚްތިޔާރު އެސް.ޓީ.އޯ. އަށް ދިނުމަށާއި، މިކަން ކުރާއިރު ސަރުކާރުގެ މައިގަނޑު ސިޔާސަތާ އެއްގޮތަށް، ވީވަރަކުން މުވައްޒަފުން ވަކިނުކޮށް، އެހެން ތަންތަނަށް މުވައްޒަފުން ބަދަލުކުރެވޭނެ ގޮތްތަކެއް ބަލާނެއެވެ.
މީގެ އިތުރުން އަހަރުގެ ނިޔަލަށް، އެސް.ޓީ.އޯ. ގެ ސައްތައިންސައްތަ ހިއްސާވާ ސަބްސިޑަރީ ކުންފުންޏަކަށް ފެނަކަ ބަދަލު ކުރެއްވުމުގެ މަސައްކަތްތައް ނިންމުމަށް ވަޒީރުންގެ މަޖިލީހުގެ ލަފާފުޅާއެކު ރައީސުލްޖުމްހޫރިއްޔާ ވަނީ ނިންމަވާފައެވެ.