މިދިޔަ ފެބްރުއަރީ މަހުގެ ތެރޭގައި ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) ހުސެއިން ޝަމީމަށް މަރުތޭލަކުން ހަމަލާދިން މައްސަލައިގައި 7 މީހަކަށް ދައުވާ ކުރަން ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވައިފި އެވެ.
މިކަމަށް އިޝާރާތްކޮށް ފުލުހުން މިއަދު ބުނީ މި މައްސަލައާ ގުޅިގެން ހައްޔަރުކުރި ހަތް މީހުންގެ މައްސަލަ ތަހުގީގު ނިންމުމަށްފަހު ދައުވާކުރަން މިދިޔަ އާދިއްތަ ދުވަހު ޕީޖީ އޮފީހަށް ފޮނުވާފައިވާ ކަމަށެވެ.
މި މައްސަލައިގައި ދައުވާ ކުރަން ފޮނުވާފަިއ ވަނީ ރ. އަލިފުށީ ރިވެލި، މިދުހަތު އާދަމާއި ލ. ގަމު ތުނޑި އަވަށު ޖަވާހިރުވިލާ، މުހައްމަދު ޖަޒްލާނާއި އދ. މާމިގިލީ، ކެމީހިޔާ ޒަޔާން ނަސީރާއި ތ. ތިޔަދިމިގިލީ ރުވާ، އަބްދުލް ހަންނާނާއި ލ. މާމެންދޫ މުރިނގު، ރަޖުވާން ލަތީފާއި ދަފްތަރު ނަމްބަރު 2247 އަހުމަދު މައިސާން ހާޝިމްގެ މައްޗަށެވެ.
ޝަމީމަށް ހަމަލާ ދީފައިވަނީ އޭނާގެ ދަރިފުޅު ސްކޫލަށް ގެންދިއުމަށްފަހު އެނބުރި ގެއަށް ވަޑައިގަންވަނިކޮށް ގޭގެ ދޮރުމަތިންނެވެ. ސައިކަލެއްގައި މޫނު ނިވާކޮށްގެން ތިބި ދެ މީހަކު ޝަމީމަށް ފާރަލަމުން އައިސް މަރުތޭލަކުން އޭނާގެ އަތުގައި ވަނީ ޖަހާފައެވެ. މި ހާދިސާގައި ޝަމީމްގެ އުޅަނބޮށިން ތިރީގެ ބައެއް ކަށިތަކުގައި ވަނީ ރެނދުލައިފަ އެވެ.
މިހަމަލާ ދިން ކަމަށް ތުހުމަތު ކުރެވޭ މައްސަލައިގައި ހިމެނޭ އެންމެންނަކީ ވެސް ދިވެހި ފިރިހެނުންނެވެ.