ތަރައްޤީގެ ބިންގަލެއްގެ ގޮތުގައި، ދިރާސާކުރުމަށް ލޯބިކުރާ މުޖުތަމަޢެއް ބިނާކުރުމަށް މަސައްކަތް ކުރައްވާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ ”ތެވެލި ބައިނަލްއަޤްވާމީ މަހާސިންތާ 2024“ ފެށުމުގެ ރަސްމިއްޔާތުގައި ދެއްކެވި ވާހަކަފުޅުގައެވެ.މިއީ ޤައުމީ ޔުނިވަރސިޓީން އިންތިޒާމުކޮށްގެން ތެވެލި ބައިނަލްއަޤްވާމީ މަހާސިންތާ ބާއްވާ 7 ވަނަ ފަހަރެވެ. މި އަހަރުގެ މި މަހާސިންތާ ކުރިޔަށްދަނީ މި އޮގަސްޓްމަގުގެ 19އިން 20 އަށެވެ. މި އަހަރުގެ މަހާސިންތާގެ ތީމަކީ ”ބްރިޖިންގ ބައުންޑަރީސް: އެކްސްޕްލޯރިންގ ސިނާޖީސް އެކްރޮސް ރިސާޗް ޑިސިޕްލިންސް“ އެވެ.
އެގޮތުން މި މަހާސިންތާ ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ރައީސް ވަނީ ރާއްޖޭގެ ތަރައްޤީގެ މޮޑެލް މި މުޖުތަމަޢަށް ފެތޭތޯ ބެލުމާއި މުސްތަޤުބަލުގެ ތަސައްވުރާއި ދިރާސާކުރުމުގެ ނިޒާމު ކުރިއެރުވުމާއެކު ރާއްޖޭގެ އަމިއްލަ ދިރާސާތައް ކުރިއެރުވުމުގެ މުހިންމުކަން ފާހަގަކުރައްވާފައެވެ.
ހަމަ އެހެންމެ ދިރާސާކުރުމުގެ ބިންގަލުގެ މައްޗަށް ބިނާވެފައިވާ މުސްތަޤުބަލެއް ބިނާކުރުމަށް ޤައުމީ ރިސާޗް ކައުންސިލެއް އުފެއްދުމަށް ކުރެވޭ މަސައްކަތް ފާހަގަކުރައްވައި ރައީސުލްޖުމްހޫރިއްޔާ ވަނީ މި ސަރުކާރުން ރިސާޗް ކުރިއެރުވުމަށް ދެއްވާ އިސްކަން ފާހަގަ ކުރައްވާފައެވެ.
ސުވާލުކުރުމަށާއި ޢިލްމު ހޯދުމަށާއި ޤައުމު ކުރިއެރުވުމުގައި ހުރިހާ ފަރާތްތަކެއްގެ ބައިވެރިވުމާއި އެއްބާރުލެއްވުން ދެއްވުމަށާއި އެކުގައި މަސައްކަތްކޮށް، ބަދަލުވަމުންދާ ދުނިޔޭގައި ރާއްޖެއަށް އީޖާދީގޮތެއްގައި ފާގަތިކަމާއެކު ކުރިއަރައި ދެވޭނެ ކަމަށް ދެކެވަޑައިގަންނަވާ ކަަމަށް ރައީސް ވިދާޅުވިއެވެ.
މީގެ އިތުރުން ސަރުކާރުން ނިންމާ ކޮންމެ ޕޮލިސީ ނިންމުމަކީ ހެކީގެ މައްޗަށް ބިނާވެފައިވާ ނިންމުންތަކެއް ކަމަށާއި އަދި ހަމަ އެހެންމެ ޕްރޮފެޝަނަލް ނިންމުންތަކެއް ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.
މިކަމުގައި ތަޢުލީމީ ފަރާތްތަކާއި ދިރާސާކުރާ ފަރާތްތަކާއި ޕޮލިސީ ނިންމުންތައް ނިންމާ ފަރާތްތަކާއި ޕްރައިވެޓް ސެކްޓަރާއި އަދި ޢާންމު ފަރާތްތަކުންވެސް އެކުގައި ގުޅިގެން މި މަގަށް މަސައްކަތް ކޮށްދެއްވުމަށް އެ މަނިކުފާނު އެދިވަޑައިގެންނެވިއެވެ.