ސިހުރު ހާހޫރަ އިންސާނުންގެ ދިރިއުޅުމުގެތެރެއަށް ވަދެގެން އައިޒަމާނެއް ތާރީޚުން އެނގޭކަށްނެތެވެ. ހަމައެއާއެކު އިންސާނުން ދިރިއުޅުމުގައި ސިހުރު ހާހޫރައާއި ތަފާތު ސިފަސިފައިގެ ބިލާހުތަކަށް އީމާން ނުވާ ދުވަސްވަރެއްވެސް އެނގޭކަށް ނެތޭ ބުނެވިދާނެއެވެ. މޫސާގެފާނާއި ސުލައިމާނުގެފާނުގެ ޒަމާނުގައިއުޅުނު މީހުންވެސް ސިހުރު ހާހޫރަ ބޭނުން ކުރިކަމަށް ތާރީޚުން އެނގެއެވެ. މި އުންމަތުގެ މާތް ނަބިއްޔާގެ ޒަމާނުގައިވެސް ސިހުރު ހަދާއުޅުނުކަން ސިޔަރަތުން އެނގެއެވެ.
އަޅުގަނޑުމެންގެ މި ކުޑަކުޑަ ދިވެހިރާއްޖޭގައި މިހާރުވެސް ސިހުރު ހަދާމީހުންގެ ވާހަކަ ދޭތެރެދޭތެރެއުން ފަޅާއަރަމުން ދެއެވެ. ކަޅުކާޅު އޮޅުކޮށްގެން ގެންގުޅުނު ވާހަކައަކާއި ފުޓްބޯޅަ މެޗް ކާމިޔާބު ކުރުމަށްޓަކައިވެސް ސިހުރު ހަދަމުންގެންދާ ވާހަކަތަކެއް ނޫހުން ފެނެއެވެ. އަދި ފަހަކަށް އައިސް ކައްވަޅުކޮނެގެން މައްޔިތުންގެ ބައިތައް ނަގާ ވާހައެއްވެސް ފެންމަތިވެގެން ދިޔައެވެ.
ސިހުރު ހާހޫރައާއި ކަހީނުކަންކުރާމީހުންނަކީ ވަރަށް ކުރިއްސުރެން ސިޔާސީގޮތުން ވަރަށް ބާރުގަދަ ބަޔަކުކަން ފާހަގަ ކުރެވިފައި ވެއެވެ. އިނގިރޭސި ވިލާތުގެ 12 ވަނަ ގަރުނުގެ ފަހުގެ ތާރީޚުގައި ރަސްކަލުންގެ އެންމެ އަރިސް މީހުންނަކީ ސިހުރު ހާހޫރަ ހަދާ ކަހީނުންނެވެ. އަދި އެ ރަސްރަސްކަލުން އެންމެބޮޑަށް ޖެހިލުންވާ ބަޔަކީވެސް އެއީކަން ތާރީޚުން އެނގެއެވެ.
ސިހުރު ހާހޫރައާއި ކަހީނުކަމަކީ ގަދީމީ ޒަމާނާއި އަދި މިޒަމާނުގައިވެސް ތަހްޒީބާއި ތަމައްދުނާ ވަރަށް ބޮޑަށް ގުޅި ލާމެހިފައިވާ އެއްޗެކޭ ބުނެވިދާނެއެވެ. ބަޔަކުމީހުން ތަރައްގީގެ މަގުގައި ކުރިއަރައި ފުދުންތެރިކަން އިތުރުވަމުން ދިޔަ ވަރަކަށް އިންސާނާގެ ތަބީއަތުގައި މާއްދިއްޔަތަށް ހެއްލުމާއި ކަހީނުންނާއި ސިހުރުވެރިން ބޭނުންކޮށްގެންވިޔަސް ތިމަ ތިމާމެންގެ މުސްތަގްބަލް ދެނެގަންނަން މަސައްކަތްކުރަމުން ގެންދާކަން އެއީ ހަގީގަތެކޭ ބުނެވިދާނެއެވެ.
ގަދީމީ ޒަމާނުގެ ތާރީޚުގައި މެސޮޕޮޓޭމިއާއަކީ ތަރައްގީއާއި ތަމައްދުންގެ މައި މަރުކަޒުކަމުގައި ބެލެވުނު ޒަމާންތަކެއް ދިޔަކަމަށް ވެއެވެ. މެސޮޕޮޓޭމިއާ އަކީ މިހާރުގެ އިރާގެވެ. ފަހުގެ ތާރީޚުގައި ޗަންގީޒް ޚާނުގެ ލަޝްކަރުތަކުންވެސް އިރާގަށް އަރައިގަނެ އެތަނުގެ ލައިބްރަރީ ތަކުގައިހުރި ގަދީމީ ލިއުންތައް ފުރާތުކޯރަށްއަޅާ ނައްތާލިކަމަށް ބުނެވެއެވެ. ޗަންގީޒް ޚާނުގެ ލަޝްކަރީންނަކީ އިލްމާއި ފޮތްތަކަށް މާބޮޑަށް ބިރުގަންނަ ބައެކެވެ. އިލްމު އުނގެނުމުން އެމީހުން ގަބޫލުކުރާ އަގީދާގެ ބާރު ކެނޑިދާނެ ކަމަށްޓަކައެވެ.
އިނގިރޭސީންގެ ބާރު ދުނިޔެއަށް ވެރިވެގަނެގެން ދިޔަ ޒަމާނުގައި ޗަންގީޒް ޚާނަށް ނުފެނި ހުރި ފޮތްތައް އިރާގުން ވަގަށް ނަގައިގެން އިނގިރޭސީން ގެންދިޔައީއެވެ. އެމީހުންނަކީ ފޮތްދެކެ ބިރު ގަންނަ ބަޔަކު ކަމުގައި ނުވިއެވެ. އިނގިރޭސީން ވަގަށް ގެންދިޔަ ލިއެ ކިއުންތަކުގެ ތެރޭގައި ކުރީޒަމާނުގެ އިސްލާމީ އިލްމުވެރިންގެ ގިނަ ހޯދުންތަކެއްވެސް ހިމެނިފައިވެއެވެ.
ތާރީޚުން ހެކި ލިބިފައިވާގޮތުގައި ކިއުނަފޯމް ( އިސްފީނީ އަލްމިސްމާރީ ) އަކީ ގަދީމީ ޒަމާނުގައި ސިއްޕާރުގެ އަހުލުވެރިން މުއާމަލާތުކުރުމުގައި ބޭނުންކޮށް އުޅުނު ބަހުރުވައެވެ. ބުނެވޭގޮތުގައި އެއީ ހަމައެކަނި ލިއެކިއުމަށްޓަކައި ބޭނުންކުރެވުނު ބަހުރުވައެކެވެ. އަކުރުގެ ބަދަލުގައި 1000 ވަރަކަށް ނިޝާން ބެނުންކުރި ކަމަށް އެނގިފައިވެއެވެ. އެ ޒަމާނުގައި ދުނިޔޭގައި އޮތް އެންމެ ބޮޑު ސިވިލައިޒޭޝަނަކީ ސިއްޕާރާއި ބެބީލޯނިއަން އެމްޕަޔަރެވެ. މި ދެ ސަރަހައްދަކީވެސް އެޒަމާނުގައި މެސޮޕޮޓޭމިޔާ އަދި މިހާރު އިރާގުގެ ބައެކެވެ. ސިއްޕާރު އަދި ބެބީލޯނިއަން ރަސްކަމު ދުވަސްވަރު ފަލަކީ ނިޒާމުން އިންސާނުންގެ ދިރިއުޅުމުގެ ކަންތައްތަކާއި މުސްތަގްބަލް އަންގައިދޭކަން ގަބޫލުކުރުމަކީ އެމީހުންގެ އަގީދާގެ ބައެއް ކަމުގައި އޮތީ ވެފައެވެ.
މީގެ ސަތޭކަވަރަކަށް އަހަރުކުރިން އިނގިރޭސީން އިރާގުން ވަގަށް ނެގި ލިއެކިއުންތަކުގެ ތެރޭގައި ހިމެނޭ 4000 އަހަރު ކުރީގެ ކިއުނަފޯމް އަކުރުން ލިއެފައިވާ ހަތަރު ފިލާ ހިމެނެއެވެ. އެ ފިލާތައް އިރާގުން ވަގަށްނަގައިގެން އިނގިރޭސީން ގެންދިޔައީ 1892 އިން 1914 އާއި ދެމެދުގައެވެ. ބުނެވޭ ގޮތުގައި ކިއުނަފޯމަކީ ގަދީމީ ޒަމާނުގެ އަރަބީންވެސް ލިއެކިއަން ބޭނުންކުރި ބަހުރުވައެކެވެ. އެ ބަހުރުވައަށް އަރަބިން އިސްފީނީ އަލް މިސްމާރީ ނުވަތަ އަލްމިސްމާރިޔާ އޭ ކިޔައެވެ. އެ ބަހުރުވަ މިހާރު މުޅިން ނެތިގޮސްފައިވުމާއެކު އެ 4 ފިލާގައި ލިޔެފައި އޮތް އެއްޗެއް މިހާތަނަށްވެސް ދެނެގަނެވޭގޮތެއް އޮތީ ނުވެފައެވެ. އެކަމަކު އެ ލިއުންތަކުގައި ކޮންމެވެސް ޚާއްސަ މުނާސަބަތުތަކަކާ ގުޅުންތަކެއް ހުންނާނެކަން ސައެންސް ވެރިންނަށް ލަފާކުރެވުނެވެ.
ކޮންމެއަކަސް އެފިލާތަކުގައި ލިއެފައިވާ ލިއުންތައް މިހާރު ދެނެގަނެވިއްޖެ ކަމަށް ވެއެވެ. ލަންޑަނުގައިހުންނަ ބެބިލޯނިއަން ޔުނިވަރސިޓީގެ ޝަރަފްވެރި ޕްރެފެސަރ އެންޑުރޫ ޖޯރޖް ބުނެފައިވަނީ 4000 އަހަރުވެފައިވާ އެ ފިލާތަކަކީވެސް ފަލަކީ އިލްމާއި އިންސާނުންނާއި ހުރި ގުޅުން ބަޔާންކޮށްދޭ ލިއުންތަކެއް ކަމަށެވެ. އޭގެތެރޭގައި ބައެއް އިރުކޭތައިން އަންގައިދޭ ކަންތައްތަކެއް ބަޔާންކޮށްފާއިވާ ކަމަށާއި އެ ކަންތައްތަކަކީ އެ ޒަމާނުގައި އުޅުނު ފަލަކީ ތަޖްރިބާކާރުންގެ ތަޖްރިބާއާއި ކަހީނުންގެ ވިސްނުން ބޭނުންކޮށްގެން އުފައްދާފައިވާ އުކުޅުތަކެއް ކަމުގައި ބެލޭވޭ ކަމަށްވެސް ބުނެފައިވެއެވެ. މި އުކުޅުތަކުގެ ބޭނުންކޮށްގެން އެ ކަހީނުންތިބީ އޭރުގައި ތިބި އެކިއެކި ރަސްރަސްކަލުންގެ އެންމެ އަރިސް މީހުންގެ މަގާމުތަކުގައެވެ.
އެ ލިއުންތަކުން އެނގުނު މައުލޫމާތަށް ބަލާއިރު ވަކި ގޮތަކަށް އިރުކޭތަ ހިފައިފިނަމަ ރަސްކަލުން މަރުވެގެން ދިއުމާއި ބޮޑެތި ބަލިމަޑުކަން ފެތުރުމާއި ތަންތަން ހަލާކުވެ ނެތި ދިއުން ފާހަގަ ކޮށްފައި ވެއެވެ. މި ސަބަބަށްޓަކައި ރަސްރަސްކަލުންގެ މުސްތަގްބަލް ދެނެގަތުމުގެ ޒިންމާއާއި މަސްއޫލިއްޔަތު އޮންނަނީ ފަލަކީ އިލްމުގެ ދިރާސާގައި ކަހީނުންގެ މައްޗަށް ދޫކޮށްލާފައެވެ.
މަށިން ހަދާފައިވާ އެ 4 ފިލާގެ ލިއުންތައް ދިރާސާކުރެއްވި ބެބީލޯނިއަން ޔުނިވަރސިޓީގެ ޕްރޮފެސަރ އެންޑްރޫ ޖޯރޖާއި މިނިވަން ތަޖްރިބާކާރު މުހައްލިލު ޖުންކޯ ޓަނިގުޗީ ޖާރަނަލް އޮފް ކިއުނަފޯމް ސްޓަޑީޒް އަށް އޭގެތެރެއިން ބައެއް އިރުކޭތަ ހިފުމުން މެދުވެރިވެފައިވާ ހާދިސާތައް އެ ލިއުންތަކުން ފާހަގަކޮށް އޮޅުންފިލުވާދީފައި ވެއެވެ.
އޭގެތެރޭގައި ހަނދު ދުނިޔޭގެ ހިޔަނީގެ ތެރެއަށް ވަދެފާހުއްޓާ އިރުކޭތަ ހިފުމުން މެދުވެރިވެދާނެ އޯމަން ނުވަތަ ކާރިސާތަކަށް އަލިއަޅުވާލާފައި ވެއެވެ. މީގައި ކޭތަ ހިފާ ވަގުތާއި ތާރީޚާއި ދުނިޔޭގެ ހިޔަނީގެ ތެރޭގައި ހަނދު ހަރަކާތްތެރި ވަމުންދާގޮތުގެ މައްޗަށް ބަލާފައި މެދުވެރިވެދާނެ އޯމަން ނުވަތަ ކާރިސާއަށް އަލިއަޅުވާލުން ހިމެނެއެވެ.
މިސާލަކަށް އިރުކޭތައެއްގައި އިރުގެ މެދުތެރެ ފޮރުވިފައި ހުއްޓާ ކުއްލިއަކަށް އެ ސަރަހައްދު ސާފު ވުމުން އީލަމް ގެ ބާރުގަދަ ރަސްކަލަކު މަރުވުން ފާހަގަކޮށްފައިވެއެވެ. އީލަމްއަކީ މިހާރު އީރާނުން ޕަރޝިއަންގަލްފަށް ހުޅުވިފައިވާ ސަރަހައްދެކެވެ.
އަނެއް މިސާލުގައި އިރުކޭތައެއް އިރުގެ ދެކުނު ފަޅިން ހިފަންފަށާފައި ކުއްލިއަކަށް ސާފުވުމުން ސުބާރޓާއި އަދި އައްކާޑުގެ ބާރުގަދަ ރަސްކަން ވެއްޓުނު ކާރިސާ އަންގައި ދިންކަމަށް ބުނެފައި ވެއެވެ. މި ދެ ސަރަހައްދަކީވެސް އޭރުގެ މެސޮޕޮޓޭމިޔާ ނުވަތަ މިހާރުގެ އިރާގުގެ ސަރަހައްދު ތަކެކެވެ.
އިތުރު އެހެން މިސާލެއްގައި ހަވީރު ވަގުތު އިރުކޭތަ ހިފުމުން ބޮޑުވެގެން ބަލިމަދުކަމެއް ފެށޭނެ ކަން އަންގައިދިން ކަމަށް ބުނެފައި ވެއެވެ
ބެބީލޯނިއަން އަދި ސިއްޕާރުގެ ބާރުގަދަ ރަސްކަމުގައި ހަމައެކަނި ފަލަކީ އިލްމުން އެނގޭކަމަށް ބިނާކޮށް ރަސްކަލުންނަށް ކަހީނުން ދޭ އިރުޝާދުގެމައްޗަށް ކަންތައް ނިންމުމުގެ ކުރިން ޖަނަވާރުތަކުގެ ހިނގާބިނގާވެ އުޅުމާއި އެސޮރުމެންގެ ހަރަކާތަތަކަށްވެސް ބަލަމުން ގެންދާ ކަމަށް ވެއެވެ. މިކަހަލަ އެތައްގޮތަކުން ބަލައި އެފަދަ ހާލަތުތަކުން ސަލާމަތްވުމަށްޓަކައި ޚާއްސަ ރަސްމު ނުވަތަ ޝަޢާއިރު ތަކެއް ފާހަގަ ކުރަމުން ގެންދިޔައެވެ. ހިންދީންނާއި ބުދުދީނުގެ މީހުން މިހާރުވެސް މިބާވަތުގެ ( ރިޗުއަލްސް ) ރަސްމުތަކެއް ފާހަގަކުރަމުންގެންދާކަމަށް ވެއެވެ.