އެފްރިކާގެ ބައެއް ގައުމުތަކުގައި މިހާރު ބާރަށް ފެތުރެމުންދާ އެމް-ޕޮކްސް އަކީ ދުނިޔޭގެ ފެންވަރުގައި އާންމު ސިއްހަތުގެ ކުއްލި ނުރައްކަލެއް ކަމަށް ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާ (ޑަބްލިޔުއެޗްއޯ) އިން ކަނޑައަޅާ އިއުލާން ކޮށްފިއެވެ.މިގޮތުން މަންކީޕޮކްސް އާ ގުޅިގެން
ޑަބްލިޔުއެޗްއޯ އިން ނެރޭ އެންމެ މަތީ ލެވެލްގެ އެލަރޓް ބުދަ ދުވަހު ވަނީ ނެރެފައެވެ. މިއީ މި ބައްޔަށް އެ ޖަމްއިއްޔާ އިން މިއަހަރު ތެރޭ އެ އެލަރޓް ނެރުނު ދެވަނަ ފަހަރެވެ.
ވަރަށް ފަސޭހައިން ގައިން ގަޔަށް އަރާ ބައްޔެއް ކަމަށްވާ މަންކީ ޕޮކްސް ބަލީގައި މިހާތަނަށް 450 މީހުން ވަނީ މަރުވެފައެވެ.
މިބަލި ފުރަތަމަ ފެނިފައިވަނީ ޑިމޮކްރަޓިކް ރިޕަބްލިކް އޮފް ކޮންގޯއިންނެވެ.ނަމަވެސް މިހާރުވަނީ ސެންޓްރަލް އަދި އީސްޓް އެފްރިކާގެ ބައެއް ގައުމުތަކަށް ފެތުރިފައެވެ.އަދި ބަލީގެ އައު ވޭރިއަންޓެއްވެސް ފެނި،ބަލި ހަލުއި ކަމާއެކު ފެތުރެމުންދާތީ ސައިންޓިސްޓުންދަނީ ބައްޔާމެދު ކަންބޮޑުވުން ފާޅު ކުރަމުންނެވެ.
މި އަހަރުގެ މިހާތަނަށް، ޑިމޮކްރެޓިކް ރިޕަބްލިކް އޮފް ކޮންގޯ އިން 13،700 އަށްވުރެ ގިނަ އެމްޕޮކްސް ކޭސް ފެނިފައިވާއިރު،
މި ވައިރަސް މިހާރު ވަނީ ބުރުންޑީ، ސެންޓްރަލް އެފްރިކަން ރިޕަބްލިކް (ސީއޭއާރު)، ކެންޔާ އަދި ރުވާންޑާ ހިމެނޭ ގޮތުން އެފްރިކާ 13 ޤައުމަކަށް ފެތުރިފައެވެ.
މިކަމާ ގުޅިގެން ޑަބްލިއުއެޗްއޯގެ ޗީފް، ޓެޑްރޮސް އަދޮނަމް ވިދާޅުވީ އެފްރިކާ ތެރޭގައި އަދި އެހެން ގައުމުތަކަށްވެސް މިބަލި ފެތުރިދާނެތީ އެކަމުގެ ކަންބޮޑުވުން ވަރަށް ބޮޑަށް އެބައޮތް ކަމުގައެވެ. އަދި މިބަލިފެތުރުން ހުއްޓުވޭނީ ބައިނަލްއަގްވާމީ ގޮތުން ހުރިހާ ފަރާތްތައް ގުޅިގެން މަސައްކަތް ކޮށްގެން ކަމަށް ވިދާޅުވިއެވެ.މީގެއިތުރުން މިއީ އެންމެންވެސް ކަންބޮޑުވާންޖެހޭ ކަމެއް ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
އެމްޕޮކްސް ފެތުރެނީ ބަލިޖެހިފައިވާ މީހެއްގެ ގައިގަ ޖެހިގެންނާއި ގާތުގައިތިބެ ވާހަކަ ދެއްކުމުން ބުރާ ކުޅުގެ ޒަރީއާއިންނާއި ޖިންސީ ގުޅުމުގެ ޒަރީއާ އިންނެވެ.
ބަލި ޖެހުމުން ފެންނަ އަލާމާތް ތަކުގެ ތެރޭގައި ހުން އައުމާއި ގައިގަ ރިއްސުމާއި ގައިގެ ތަންތަނުގައި ފެންއެރިފައިވާ ފޮޅުތަކެއް ނެގުން ހިމެނެއެވެ.
ފަރުވާ ނުލިބިއްޖެ ނަމަ މި ބައްޔަކީ ފުރާނަ އަށް ނުރައްކާވާ ބައްޔެކެވެ.
މިބައްޔާ ދެކޮޅަށް ގިނައަދަދެއްގެ ވެކްސިން ޑޯޒް ހެދުމުގެ މަސައްކަތް މިހާރުވަނީ ފަށާފައެވެ.