ޖިނާޢީ އިޖުރާޢަތުގެ ގާނޫނަށް މިފަދަ އިސްލާޙެއް ގެނެސް ޝަރީޢަތް ނިމެންދެން ކަމަށް ބުނެ ރައްޔިތުންގެ މަންދޫބުން އެފަދަ އިސްލާޙެއް ފާސްކުރުމަކީ އިންސާނީ ކަރާމަތަށް އަރައިގަތުމެއް ކަމުގައި ދެކެމެވެ. މިގޮތުން ރައްޔިތުންގެ މަންދޫބުންގެ ނަމުގައި ތިބެ ހުޅުވާލި މިދޮރަކީ ނާމާންކަމާއި އަނދިރި ކަން އެކަމުގައި ޝާމިލުވެގެން ދިޔަ އަނިޔާވެރި ޢަމަލަކަށް މެނުވީ ނުވެއެވެ.
މިގޮތުން ޝަރީޢަތް ނިމެންދެން ރައްޔިތު މީހާ ޖަލުގައި ބަންދުކުރެވޭ ބަންދު ކުރުމަށް ވާ ނުވާއޭ ބުނެ އުޅެނީ ޙަގީގަތުގައިވެސް ޖަލުގައި ބަންދު ކުރެވޭ ރައްޔިތުމީހާއަށް ވާނުވާ ނޭނގޭތީއެވެ. އެގޮތުން ޝަރީޢަތް ނުނިމި ސާބިތު ނުހިފޭ އެތަކެއް މައްސަލައެއްގައި ޝާމިލުވާ އެތައް ބަޔަކު އެވަނީ ޝަރީޢަތް ނިމެންދެން ކަމަށްބުނެ ޖަލުގައި ބަންދު ކޮށްފައެވެ.
މިފަދަ މައްސަލަތައް ނިމޭނީ ކިހާ ދުވަހެއްގެ ތެރޭގައި ކަން ރައްޔިތުމީހާއަށް ވާނުވާ ނޭނގި ފަސް ހަ އަހަރު ޖަލުގައި ހޭދަ ކުރަން ޖެހުމުން މުޖުތަމަޢުގެ މިނިވަންކަމާއި މަސްލަޙަތު ފުށުއަރާ އެތަކެއް ޢާއިލާ އެވަނީ ބަރުދާސްތު ނުކުރެވޭފަދަ އަނިޔާ ލިބި ނިކަމެތިކަމާއި ކުރިމަތިލާން ޖެހިފައެވެ.
ޝަރީޢަތް ނުނިމި ވާނުވާގައި ރައްޔިތުމީހާއަށް ޖަލުން ސަލާމަތް ނުވެވި ފަސް ހަ އަހަރު ވާފަހުން އެއްވެސް ކުށެއް ނެތްމީހެއްގެ ގޮތުގައި ރައްޔިތުމީހާގެ މައްޗަށް ޙުކުމް ކުރެވިގެން ވެސް އެބަދެއެވެ. މި ދެންނެވުނު ހަ އަހަރުދުވަހުގެ ތެރޭގައި ރައްޔިތުމީހާ ޖަލުން ސަލާމަތްވާނެ ދުވަހެއް ނޭނގި އޮންނަން ޖެހުމުން ޢާއިލާ ރޫޅި އަނބިދަރީން ބިކަ ޙާލުގައި ޖެހި ދަރީންނަށް ލިބެންޖެހޭ ތަޢުލީމަށް ހުރަސްއެޅި އަނބިދަރީން މަގުމަތިވެފައި ތިބީ ކިތައް ޢާއިލާކަމެއް ބުނެދޭކަށް ވެސް ނޭނގެއެވެ.
އެހެން ކަމުން ރައްޔިތުންގެ މަންދޫބުން ގާނޫނަށް އެ ގެނައި އެ އިސްލާހުގެ ސަބަބުން ރައްޔިތުމީހާގެ ޙައްގަށް އަރައި ގަނެވިގެން އެބަދެއެވެ. ރައްޔިތު މީހާއަށް ބަދަލު ލިބޭފަދަ ގާނޫނެއް ވުޖޫދު ނުކޮށް ރައްޔިތުމީހާއަށް ފޫނުބެދޭ ވަރުގެ އަނިޔާ ދިނުމަށް ގާނޫނު ފާސްކުރުމަކީ ދައުލަތުގެ ބާރަކުން އިންސާނީ ކަރާމަތަށް އަރައިގަތުން ކަމުގައި މެނުވީ ނުވާނެއެވެ.
ކަން މިހެން ހުރުމާއެކު ރައްޔިތުމީހާ ވާނުވާގައި ޖަލުގައި ބެހެއްޓުން ނިމުމަކަށް ގެނެސްދެއްވާނޭ ކަަމަށް ރައީސުލްޖުމްހޫރިއްޔާ ވެސް ވަނީ ވަޢުދުވެވަޑައިގެންފައެވެ. މި ވަޢުދަކީ ރައީސްކަމުގެ ހުވާ ކުރައްވާތާ ސަތޭކަ ދުވަހުގެ ތެރޭގައި ފުއްދަވާ ދެއްވާނޭ ކަމަށް ވިދާޅުވެ ވެ ވަޑައިގެންނެވި ވަޢުދެއް ވެސް މެއެވެ.
މިދިޔަ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގެ ބައެއް ކެނޑިޑޭޓުން ވެސް ވަނީ ވާނުވާގައި ޖަލަށް ލުން ގާނޫނުގެތެރެއިން ނިމުމަކަށް ގެނެސްދޭނެ ކަމަށް ބުނެ ހުވަފެން ދައްކާފައެވެ. އެކަމަކު ޕީޖީ ވަކީލުގެ އެދިލެއްވުމުގެ މަތިން އަދިވެސް ކުރިމިނަލް ކޯޓުން އެދަނީ ވާނުވާ ޖަހަމުންނެވެ. އެތެރެފުށް އޮތީ ކޮންޙާލެއްގައި ކަމެއް ނޭނގުނު ނަމަވެސް ބޭރު ފުށުން ރައްޔިތުންނަށް ފެނިގެންދަނީ އެކަން ބަދަލު ނުވާ ތަނެވެ.
ޖަލަށްލެވިފައި ހުރި އާދައިގެ ކޮންމެ މީހަކަށްމެ ޖަލުގައި ލިބޭ އަނިޔާގެ ރަހަ ފެނިފައިވާނެއެވެ. އިންސާނަކަށް ވީތީ ލިބެންޖެހޭ ގިނަ އަސާސީ ޙައްގުތައް ކަށަވަރުކޮށް ދިނުމުގައި ޖަލަށް ޙުކުމް ކޮށްފައި ތިބޭ ގައިދީންނާއީ ވާނުވާގައި ޖަލުގައި ތިބޭ މީހުންނާ ދެމެދުގައި ވަނީ ވަރަށް ބޮޑަށް ތަފާތު ކޮށްފައެވެ. ވާނުވާގައި ޖަލަށް ލެވިފައި ތިބޭ ގައިދީން ނިދަންޖެހެނީ ތަޅުންގަނޑުމަތީގައި ކުނަލެއް އަޅައިގެންނެވެ. ގައިދީން ނިދަނީ ގޮދަޑީގައެވެ.
ޙަގީގަތަށް ބުނާނަމަ ވާނުވާގައި ތިބޭމީހުން ބަލަހައްޓަމުން އަންނަނީ އަތްނުލާ އައްދޮ ކިއުއްވާ އުޞޫލުންނެވެ. ވާނުވާ ޖަހާ ޖަލަށް ލެވޭ މީހުނަށް ދެވޭ ބޭސް ފަރުވާގެ ޚިދުމަތަކީ ވެސް އަމާބުނީތީ ފަރަށް ދާހެން ދެވޭ ޚިދުމަތަކަށް ވަނީ ވެފައެވެ. ހިތުގެ ބަލިމީހުންނާއި ހަކުރުބަލި އަދި ޕްރެޝަރާއި ނޭވާހިއްލުން ފަދަ ބަލިތަކުގައި އުޅޭ މީހުނާއި ނަފުސާނީ ބަލިމީހުންވެސް ޖަލަށް ލެވި ވާނުވާގައި ތިބިއިރު ޢާންމުކޮށް ނުވަތަ ޢުމުރަށް ބޭސްކާންޖެހޭ އެތައްބަޔަކު ޖަލުގައި އެބަ ތިއްބެވެ. މިފަދަ ބަލިމީހުނަށް ބޭސްނުލިބި މަސް ދެމަސް ވެސް ހޭދަވެފައިވާކަމަށް ވެސް ގިނަބަޔަކު ދަނީ ބުނަމުންނެވެ.
ދީނީ ގޮތުންނާއި އިޖުތިމާޢީ ނަޒަރަކުން ބެލި ނަމަވެސް ވާނުވާގައި ޖަލަށް ލުމަކީ އިންސާނީ އަދި އިޖްތިމާޢީ ކަރާމަތަށް އަރައިގަތުން ކަމަށް ބެލެވެއެވެ. ޢާއިލާތަކުން އުންމީދު ކުރަނީ ރައީސުލް ޖުމްހޫރިއްޔާ ވެ ވަޑައިގެންވި ވަޢުދު ފުއްދަވާ ދެއްވާ މުޖުތަމަޢު ފަސާދައިން ސަލާމަތް ކޮށްދެއްވާނެ ކަމަށެވެ.
ގާނޫނުތަކުން ރައްޔިތުންނަށް ލިބެންޖެހޭ ޖިސްމާނީ އަދި އިޖުތިމާޢީ ރައްކާތެރިކަން ގާނޫނެއްގެ ދަށުން ނަމަވެސް ރައްޔިތުންނަށް ކަށަވަރު ކޮށް ދޭން ޖެހެއެވެ.
ގިނަ ނަފުސާނީ ބަލި މީހުންނަކީ އޭނާ ކުޑައިރު މައިން ބަފައިންގެ ފަރާތުން އެކުދިންނަށް ކުރާ އަނިޔާ ތަކުގެ ސަބަބުންނާއި މައިން ބަފައިން ނުވަތަ ބެލެނިވެރިން އެ ކުދީންނާ ދެމެދު ގެންގުޅޭ ބަސްމަގު ހުތުރުވުމާއި ޓޯޗަރ ކޮށް ހިތުގައި ބިރުވެރިކަން އުފައްދާ ފައިވާތީ އެކަންކަމާމެދު އެކިގޮތް ގޮތަށް ވިސްނާ ފިކުރުކުރަމުން ގޮސް ވާރުތަވާ ބައްޔެކެވެ. އަދި މިފަދަ ބައްޔެއް ތަޙަންމަލު ކުރަމުންދާ ނަފުސާނީ ބަލި މީހަކު ޖަލަށް ލުމުން އޭނާ ކުރާ ފިކުރުތައް އިތުރުވެ ސިކުނޑީގެ ކެޕޭސިޓި ފުރި ގެންދާނެއެވެ.
އަދި މިވަރަކުން ނުފުދެއެވެ. މިފަދަ މީހުން ގަވާޢިދުން ކާންޖެހޭއިރު ބަރާބަރަށް ގަޑިން ގަޑިއަށް ބޭސް ނުދީ އެތަކެއްދުވަސް މާޒީގެ ތެރެއަށް ގަންބާލުމުން ބައެއް ފަހަރު އޭނާގެ މޮޔަވެސް ވެދެއެވެ. އަދި އޭގެ ސަބަބުން ބައެއް ފަހަރު އަމިއްލައަށް މަރުވުމުގެ ވިސްނުން އޭނާގެ ސިކުނޑީގައި ޖަމަޢަ ވެދެއެވެ. މިގޮތުން ނަފުސާނީ ބަލި އެތައް ބަޔަކު ވަނީ ވާނުވާގައި ޖަލުގައި ތިބެންޖެހުމުން ހިތާމައާއި މޮޅިވެރިކަމާއި ފިކުރުތައް ގިނަވެ ދުނިޔެ ދޫކޮށްފައެވެ.