އެމެރިކާގެ ރައީސް ޖޯ ބައިޑްން އިއްޔެ ވިދާޅުވެފައިވަނީ އިސްރާއީލުގެ ލީޑަރޝިޕުން ބައެއް ކަންބޮޑުވުންތައް ހާމަކުރަމުން ގެންދިޔަނަމަވެސް ހަނގުރާމަ ހުއްޓާލުމުގެ މަޝްވަރާތައް ކުރިއަށް ގެންދެވޭނެ ކަމަށެވެ. “ އަހަރެންގެ ހުށައެޅުން އެއޮތީ ޖީ-7 ގެ ގައުމުތަކުން ތާއީދުކޮށް އަދި ޔޫ.އެން. ގެ ސެކިއުރިޓީ ކައުންސިލުން ތާއީދުކޮށް އެ ޖަމާއަތުގެ ރަސްމީ ސިއްކަ ޖައްސާފައެވެ. އަހަރެންނާއި އަހަރެންގެ ޓީމުން ކެނޑިނޭޅި މަސައްކަތްކުރަމުން މި ގެންދަނީ މެދުއިރުމަތީގެ މަސްރަހް އިތުރަށް ހޫނުވިޔަ ނުދީ މައްސަލައަށް ހައްލެއް ހޯދުމަށެވެ. “ ސީ ބީ އެސް އަށް އާދީއްތަ ދުވަހު ހެދުނު ދެއްވި ބަސްދީ ގަތުމެއްގައި ރައީސް ބައިޑްން ވިދާޅުވެފައި ވެއެވެ.
ދަ ހިލް އިން މިރޭ ފަތިހު ހާމަކޮށްފައިވާ ޚަބަރުގައި މި ހުސްވިމަހުގެ މަޝްވަރާތަކުގައި އެއްބަސްވެފައިވާގޮތުގެ މަތިން ހަނގުރާމަ ހުއްޓާލުމަށްފަހު ދެން ކުރިއަށް ގެންދަންވީ ގޮތުގެ އެކްޝަން ޕްލޭނެއް އެމެރިކާއާއި ބައިވެރިންގެ ފަރާތުން ހުށައެޅުމުގެ ކުރިން އެއްވެސް މަޝްވަރާ ބައްދަލުވުމަކަށް ހަމާސްއިން ނުދާނެކަމަށް ބުނެފިއެވެ.
އެސޯޝިއޭޓެޑް ޕްރެސްއަށްވެސް ފެނިފައިވާ ހަމާސްގެ ސްޓޭޓްމެންޓުގައި އެމެރިކާއާއި މިސްރާއި އަދި ގަތަރަށް ބުނެފައިވަނީ ފަލަސްތީނުގެ ބިންތައް ފޭރިގަނެގެންތިބި ވަގުންނަށް އިތުރު މުހުލަތު ދިނުމުގެ ބޭނުމުގައި އާ ހުށައެޅުންތަކާއި އާ މަޝްވަރާތައް ބޭއްވުމުގެ ބަދަލުގައި ކުރިން އެއްބަސްވެފައިވާގޮތަށް އެންމެ ފުރަތަމަ ހަނގުރާމަ ހުއްޓާލުމަށްފަހު ދެން ކުރިޔަށް ދާން ޖެހޭ ގޮތުގެ ތަފްސީލުތަކާއެކު އެކްޝަން ޕްލޭނެއް ހުށައެޅުމަށެވެ.
ހަމާސް އިން އިތުރަށް ބުނެފައިވަނީ ހަނގުރާމަ ހުއްޓާލައި މެދުއިރުމަތީގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދަން މަސައްކަތްކުރަމުން ގެންދާއިރު އިސްރާއީލުން ބޭނުންވާ މީހަކު މަރާލަމުން މަދަރުސާތަކަށް ބޮންއަޅަމުން ކުޑަކުދިން އިރާލަމުން އަންހެނުންގެ އިއްފަތް ފޭރެމުން ފިރިހެނުންގެ ފުރަގަސްފަރާތް ބޭނުންކޮށްގެން ގަދަކަމުން ޖިންސީ ގުޅުން ހިންގަމުން މުސްކުޅިންގަންހިންގަމުން ގެންދިއުމަކީ މައްސަލަ ހައްލުކުރުމުގެ ރާސްތާކަމަށް ގަބޫލު ނުކުރެވޭނެ ކަމަށެވެ. އަދި ހަމަ އެއާއެކު ދުނިޔޭގެ ސުޕަރޕަވަރގެ ހުރިހާ ބާރުތަކެއް އިސްރާއީލު ހިމާޔަތްކުރުމުގެ ބޭނުމުގައި ކަމަށްބުނެ މުޅި މެދު އިރުމަތީގެ ސަރަހައްދުތައް ފުރާލާފައި އޮތުމަކީ ސުލްހަ ގާއިމުކުރުމުގެ ވަސީލަތެއް ކަމަށްވެސް ގަބޫލެއް ނުކުރެވެއެވެ.
އިސްރާއީލް-ހަމާސްގެ ހަނގުރާމަ ހުއްޓާލައި ރަހީނުން ބަދަލުކުރަން އިސްރާއީލާއި ހަމާސް އިން އެއްބަސްވެފައިވާކަން މިދިޔަ ހަފުތާގައި މިސްރުގެ ރައީސް އަބްދުލް ފައްތާޙް އަލްސީސީ އާއި ގަތަރުގެ އަމީރު ޝައިޚް ތަމީމް ބިން ހަމަދު އާލް ސާނީ އާއި ދެބޭފުޅުންވަނީ އިއުލާން ކުރައްވާފައެވެ. އެބޭފުޅުންގެ ސްޓޭޓްމެންޓުގައި ބުނެފައިވެއެވެ. “ އަހަރެމެން 3 މީހުންނާއި އަދި އަހަރެމެންގެ ޓީމުން ފާއިތުވެގެން މިދާ ގިނަ މަސްދުވަސްތަކުގައި ކެނޑިނޭޅި މަސައްކަތްކުރަމުން މި ގެންދަނީ ހަނގުރާމަ ހުއްޓުވައި އަސީރުންނާއި ގައިދީން މިނިވަން ކުރެވޭނެ މަގެއް ހޯދުމަށެވެ. މިއަދު މިއޮތީ އެ މަސައްކަތުގެ ނިންމުމާ ހަމަޔަށް އާދެވިފައެވެ.
ބާކީ މިއޮތީ ހަމައެކަނި ދެން ކަންތައް ކުރަންވީ ގޮތުގެ ފްރޭމް-ވާރކްގެ ތަފްސީލުގެ މައްޗަށް އެއްބަސް ވުމެވެ. އިތުރަށް ވަގުތު ބޭކާރު ކުރުމުގެ ބޭނުމެއް ނެތެވެ. އެމެރިކާގެ ޚާރިޖީ ވަޒީރާއި މިސްރުގެ ރައީސް އަދި ގަތަރުގެ އަމީރު ހިމެނޭ ގޮތުގްއި 3 ލީޑަރުން ވިދާޅުވެފައިވަނީ ބުރާސްފަތި ދުވަހަށް ތާވަލު ކުރެވިފައިވަނީ އެންމެފަހުގެ “ ފައިނަލް ބްރިޖިންގ ޕްރޮޕޯޒަލް “ ތަކަށް މަޝްވަރާކުރުން ކަމަށެވެ.
މިފަހަރުގެ ބައްދަލު ކުރުމަކީ ރައީސް ބައިޑްންގެ ހުށައެޅުން ތަންފީޒުކުރުމަށްޓަކައި އެންމެފަހުގެ ނިންމުންތައް ނިންމުމަށް ބޭއްވޭ ބައްދަލުކުރުން ކަމުގައި އެމެރިކާގެ އޮފިޝަލުން ވަނީ ހާމަކޮށްފައެވެ ރައީސް ބައިޑްންގެ ހުށައެޅުގައި ފެށުމެއްގެގޮތުން ވަގުތީގޮތުން ހަނގުރާމަ ހުއްޓާލައި ރަހީނުންނާއި ގައިދީން ބަދަލުކުރުމާއި ގައްޒާގައި ގިނަ އާބާދިތައް ދިރިއުޅެމުން ގެންދާ ސަރަހައްދުތަކުން އިސްރާއީލުގެ ސިފައިން ފޭބުން ހިމެނެއެވެ.