ދެކުނު އެފްރިކާގެ ރީތީގެ ރާނީ އަކަށް ފުރަތަމަ ފަހަރަށް ކަންފަތަށް އަޑުނީވޭ ކުއްޖަކު ހޮވައިފިއެވެ. އޭނާ މި މަގާމަށް ހޮވުމާއެކު ދިން ”އެކްސެޕްޓަންސް ސްޕީޗް“ ގައި ރީތީގެ ރާނީ މިއާ ލެރޫ ބުނީ ހުވަފެންތަކެއް ހުރެމެ،މުޖްތަމައުއިން އެކަހެރި ކުރެވޭ އޭނާފަދަ އެހެން ފަރާތްތަކަށް އޭނާގެ މި ކާމިޔާބީގެ ސަބަބުން ހިތްވަރެއް ލިބިގެން ދާނެ ކަމަށް އުއްމީދު ކުރާ ކަމަށެވެ.އަދި މާލީގޮތުން ފުދުންތެރިކަން ނެތިގެން ނުވަތަ ނުކުޅެދުންތެރިކަމެއް ހުރެގެން މިފަދަ އުންމީދުތައް ހާސިލް ނެވެފަ ތިބި ފަރާތްތަކަށް އެހީތެރިވާން ބޭނުން ކަމަށް މިއާ ބުނެފައިވެއެވެ.
އުމުރުން 28 އަހަރުގެ މިއާ އަކީ އެއްކޮށް ބީރުކުއްޖެއް ކަން ދެނެގަނެވިފައި ވަނީ އުމުރުން އެއް އަހަރުގައެވެ. އަދި އަޑުއެހުމަށް އެހީވުމަށް އޭނާގެ ކަންފަތަށް ވަނީ ކޮކްލިއަރ އިމްޕްލާންޓެއް ލައްވާފައެވެ.އޭނާ ބުނެފައިވާ ގޮތުގައި އޭނާއަށް ފުރަތަމަ ލަފްޒް ކިއިފައި ވަނީ ވެސް ދެ އަހަރު ދުވަސްވަންދެން ސްޕީޗް ތެރަޕީ ދިނުމަށް ފަހުއެވެ.
މާކެޓިންގ މެނޭޖަރެއްގެ ގޮތުގައި މަސައްކަތް ކުރަމުންދާ، އުމުރުން 28 އަހަރުގެ މިއާ ލެރޫ ބުނީ އޭނާއަކީ ކަންފަތަށް އަޑު ނީވޭ މީހެއް ނަމަވެސް ދެކުނު އެފްރިކާގެ ފުރިހަމަ ރައްޔިތަކަށް ވުމުގެ ފަޚުރު ލިބިގަންނަ ކަމަށެވެ.މީގެ އިތުރުން ކަންކަމުން ބާކީ ވުމުން ލިބޭ އިހުސާސް އޭނާއަށް ވަރަށް ރަގަޅަށް އެނގޭ ކަމަށާ، އޭނާ މި ދުނިޔެއަށް ފޮނުވުނީވެސް އިވޭ މީހުންނާ ނުއިވޭ މީހުންނާ ދެމެދުގައިވާ ހުރަސް ނައްތާލުމަށް ކަމަށް އޭނާ ގަބޫލުކުރާ ކަމަށެވެ.
މިސް ސައުތު އެފްރިކާ ހޮވުމަށް މި އަހަރު ބޭއްވި މުބާރާތުގައި މައްސަލަ ތަކެއް ދިމާވެ އަދި ވަރަށް ކުރީގައި ވާދަކުރި އެއްކުއްޖަކު މުބާރާތުން ވަކިވެފަވެސް ވެއެވެ.އެއީ އޭނަގެ މަންމަ އާއި ބައްޕަ އަކީ ދެކުނު އެފްރިކާ އަށް ނިސްބަތް ނުވާ ބައެއްކަން ހާމަވުމުން ސޯޝަލް މީޑިޔާގައި ފާޑުކިއުންތައް އިތުރު ވެގެން ދިއުމުންނެވެ.
މުބާރާތުން ވަކިވި، އުމުރުން 23 އަހަރުގެ ޗިދިމާ އުފަންވެފައި ވަނީ ދެކުނު އެފްރިކާއަށެވެ. އެހެން ނަމަވެސް އޭނާގެ ބައްޕައަކީ ނައިޖީރިޔާ މީހަކަށް ވާއިރު މަންމައަކީ މޮޒަމްބީކް ނަސްލުގެ މީހެއް ކަމަށް ވެއެވެ.