ޖަޕާނުގައި ފުރަތަމަފަހަރަށް ބޮޑެތި ބިންހެލުންތަކާބެހޭ އިންޒާރު އާންމުކޮށްފި

Loading

August 11, 2024
profile
Facebook
Twitter
WhatsApp

މިދިޔަ ބުރާސްފަތި ދުވަހު ޖަޕާނުގެ އިރުދެކުނު ސަރަހައްދުން މިއާޒަކީއަށް އައި 7.1 ބާރުމިނުގެ ބިންހެލުމާ ގުޅިގެން ފުރަތަމަ ފަހަރަށް ޖަޕާނު ސަރުކާރުން ބޮޑެތި ބިންހެލުންތަކާ ބެހޭގޮތުން އިންޒާރުދީ ހޭލުންތެރި ކުރުވަން ފަށައިފިއެވެ. ޖަޕާނު ސަރުކާރުގެ އިންޒާރުގައި ބުނެފައި ވަނީ އެ ބިންހެލުމާއި ގުޅިގެން ނަންކާއި ޓްރަފްގެ ކަނޑުއަޑީގެ ޒޯނުން 9.1 ބާރުމިނުގެ ބިންހެލުން އައުމަށް ފުރުސަތު ހުޅުވިފައިވާ ކަމަށް ސައިންސް ވެރިން ލަފާކޮށްފައިވާ ކަމަށެވެ.         

                                         

ބުރާސްފަތި ދުވަހުގެ ބިންހެލުމުގައި ޖަޕާނުގެ އިރުދެކުނު ސަރަހައްދުގެ ރަށްތަކަށް ގުޑުން އެރިކަމަށާއި ބާރުގަދަ އެހެން ބިންހެލުމެއް މި އަންނަ ހަފުތާގައި އަތުވެދާނެކަމަށް ބެލެވޭތީ މޫސުމާބެހޭ އިދާރާއިންވެސް ވަނީ އިންޒާރު ފޮނުވާފައެވެ. މިއީ އެފަދަ އިންޒާރެއް ޖަޕާނު ސަރުކާރުން އާންމުކުރި ފުރަތަމަ ފަހަރެވެ.  މޫސުމާބެހޭ އިދާރާގެ އިންޒާރުގައި ބުނެފައި ވަނީ ނަންކާއި ޓްރަފް ގެ ކަނޑުއަޑީ ޒޯންތަކުން 8 ނުވަތަ 9 މެގްނެޓިއުޑްގެ ބާރުމިނުގައި ބިންހެލުމާއި ބިޔަރާޅު އެރުމުގެ ފުރުސަތު ކުރިއަށްވުރެން މާ ބޮޑަށް މިހާރު ހުޅުވިފައިވާ ކަމަށެވެ. ސަރަހައްދުގެ ރައްޔިތުން މިކަމަށް ވިސްނައި ރައްކާތެރިވެ ތިބުމަށް އެ އިންޒާރުގައި ބުނެފައިވެއެވެ.                  

މޫސުމާބެހޭ އިދާރާގެ އިންޒާރަކީ އެފަދަ ބިންހެލުމެއް އަތުވެދާނެކަން ކަށަވަރު ކޮށްދިނުމެއް ނޫނެވެ. އެ ބާރުމިނުގެ ބިންހެލުމެއް އަތުވެދާނެކަމަށް ބެލެވޭތީ ރައްކާވެ ތިބުމަށް ދިން އިންޒާރެއް ކަމުގައިވެސް ބުނެފައިވެއެވެ.       

ބިންހެލުމެއް އަތުވެދާނެ ހާލަތު ދެނެގަންނާނީ ކިހިނެއް ހެއްޔެވެ؟ ޖަޕާނަކީ ކޮންމެ ދުވަހަކުކަހަލަގޮތަކަށް އެކި ބާރުމިނުގެ ބިންހެލުން ތަޖްރިބާ ކުރަން ޖެހިފައިވާ ގައުމެކޭ ބުނެވިދާނެއެވެ. ސައިންސްވެރިންގެ ދިރާސާތަކުން އެނގިފައިވާ ގޮތުގައި ކުދިކުދި ބިންހެލުންތައް ގިނައިން އައުމަކީ ބިޔަ ބިންހެލުންތަކުން މާހައުލު ސަލާމަތް ކޮށްދޭ ކަމެކެވެ.                                                                

ޖަޕާނުގެ ނަންކާއި ޓްރަފްގެ ކަނޑުއަޑީ ޒޯނަކީ ޔުރޭޝިއާ ޕްލޭޓް ފިލިޕީންސް ކަނޑުގެ ޕްލޭޓްތަކާއި ފައްތަރު އަރާ ސަރަހައްދެވެ. މި ފައްތަރު އެރުމުގެ ސަބަބުން ފިލިޕީން ކަނޑުއަޑީގެ ޕްލޭޓްތައް ޔުރޭޝިއަން ޕްލޭޓްތަކުގެ ދަށަށް އަދި އެއަށްފަހު ބިމުގެ މެންޓްލްގެ ތެރެއަށް ދަމައިގަންނަނީއެވެ. ( ބިމުގެ މެންޓްލް އޭ ބުނެވެނީ ބިމުގެ ކްރަސްޓް ނުވަތަ ތުނި ބޭރު ފަށަލައާއި ބިމުގެ އެންމެ ހޫނުގަދަ މެދުތެރޭގެ ސަރަހައްދާ ދޭތެރޭ އޮންނަ ގާތްގަނޑަކަށް 2900 ކިލޯމީޓަރުގެ ބޯމިނުގެ ހޫނުގަދަ ސިލިކޭޓް ރޮކްގެ ފަށަލައަށެވެ. ބިމުގެ ބޭރު ކްރަސްޓް ނުވަތަ ފަށަލައިގެ ބޯމިނުގައި ހުންނަނީ އެވްރެޖް ކޮށް ވިއްސަކަށް ކިލޯމީޓަރ ކަމަށް އަންދާޒާކޮށް ފައިވެއެވެ. އަޅުގަނޑުމެގެ ލިއުމުގައި “ ބިން “ މިބަސް ބޭނުންކޮށްފައިއެވަނީ އިނގިރޭސި ބަހުން “ އާރތު “ މިލަފުޒުގެ މާނައިގައެވެ.)            

ކަނޑުއަޑީގެ ޕްލޭޓްތައް މިގޮތަށް މެންޓްލްގެ ތެރެއަށް އަހަރަކު މަދު ސެންޓިމީޓަރގެ މިންވަރެއް ދަމައިގަންނަ ކަމަށް ވެއެވެ.  ބިންހެލުން އުފެދިގެން އަންނަނީ މި ދަމައިގަތުން ނުވަތަ ފުށޫއެރުން ކަސިޔާރުވުމުން މެދުވެރިވެގެންދާ ލޮޅުން އެރުމުގެ ސަބަބުންނެވެ. ޖަޕާނުގެ މި ސަރަހައްދަކީ ދުނިޔޭގެ ތާރީޚުގައި އެންމެ ނުރައްކާތެރި ބިންހެލުން އުފައްދާފައިވާ ސަރަހައްދެވެ. 

ޖަޕާނުގެ ތަޖްރިބާކާރުން ބުނާގޮތުގައި ނަންކާއި ޓްރަފް އެކުލެވިފައިވަނީ އެތައް ބައިތަކެއްގެ މައްޗަށެވެ. މި ބައިތައް އެއްފަހަރާ ކަސިޔާރުވެއްޖެ ނަމަ 9.1 މެގްނެޓިއުޑުގެ ބާރުމިނުގައި ބިންހެލުން އައުން ވަރަށް ކައިރިއެވެ. މި ބާރުމިނުގެ ބިންހެލުމެއް މެދުވެރި ވުމަށްޓަކައި ފިލިޕީންސްގެ ޕްލޭޓްތައް އިރު ދެކުނު ސަރަހައްދުން ސަތޭކަ ވަރަކަށް ފޫޓަށް އަރިއަޅާލާނެއެވެ.

މިގޮތަށް ޕްލޭޓްތައް އަރިއަޅާލުމުގައި ވަރަށް ބާރުގަދަ ގުޑުންތަކެއް އުފައްދާނެއެވެ. ޕްލޭޓްތައް އަރިއަޅާލުމުން މެދުވެރިވާ ގުޑުންތަކުގެ ސަބަބުން ކަނޑުގެ އަޑިން އެ ސަރަހައްދުގެ ބިންގަނޑުވެސް އެއްފަރާތަށް އަރިއަޅާލާނެއެވެ. ޖަޕާނުގެ ސަރަހައްދަށް ބިޔަ ރާޅު އެރުން މެދުވެރިވަނީ މިސަބަބަށް ޓަކައެވެ. 9.1 މެގްނެޓިއުޑުގެ ބާރުމިނުގެ ބިންހެލުމެއްގައި 100 ފޫޓުގެ އުސްމިނުގެ ބިޔަރާޅު އެރުން ޖަޕާނުން ތަޖުރިބާ ކުރަން .ޖެހުމަކީ ދުރުކަމެއް ނޫނެވެ 

ނަންކާއި ސަރަހައްދަށް މި ބާރުމިނުގެ ބިންހެލުން އަންނަކަމަށް މީގެ ކުރިން ބެލެވިފައިވަނީ ކޮންމެ 150 ވަރަކަށް އަހަރުން އެއްފަހަރުއެވެ. ނަމަވެސް 2020 ވަނައަހަރު ޖަޕާނުގެ ތަޖްރިބާކާރުން ކުރި ދިރާސާއަކުން ހާމަވެގެން ދިޔައީ ކޮންމެ 30 އަހަރަކުން އެއްފަހަރު އެ ބާރުމިނުގެ ބިންހެލުމެއް އައުމަކީ އެކަށީގެންވާކަމެއް ކަމުގައެވެ.    

ނަންކާއި ސަރަހައްދަށް ބިންހެލުން އަންނަނީ ދެ އަހަރުގެ އިންޓަރވަލަކަށްފަހު ވިދިވިދިގެން ކަން ވަނީ ފާހަގަކުރެވިފައެވެ. ފުރަތަމަ ބިންހެލުމަށްފަހު ދެ އަހަރު ފަހުން ހަމަ އެ ބާރު މިނުގެ ދެވަނަ ބިންހެލުމެއް އަންނަކަން ވަނީ ތަޖްރިބާ ކުރެވިފައެވެ. މިސާލެއްގެ ގޮތުން 1944 އާއި 1946 ގެ ބިންހެލުން އެ ދިރާސާގައި ފާހަގަކޮށްފައި ވެއެވެ.  

ސައެންސްވެރިންނަށްވެސް ބިންހެލުން އައުން ދުވަސް ކަނޑައަޅާ ކުރިން ބުނާކަށް ނޭގެއެވެ. އެމީހުންގެ ދިރާސާތަކުގެ މަގްސަދަކީ ޖަޕާނު ފަދައިން އަބަދާއަބަދު ބިންހެލުން ތަޖްރިބާ ކުރަން ޖެހިފައިވާ ގައުމުތަކަށް މެދުވެރިވާ ބާރުގަދަ ބިންހެލުންތަކުގެ ސަބަބުން ކުރިމަތިލާން ޖެހިދާނެ ކަމަށް ކަމަށް ބެލެވޭ ނުރައްކަލާމެދު ރައްޔިތުން ހޭލުންތެރިކުރުވުމެވެ. 

މި އިންޒާރާއި ގުޅިގެން ޖަޕާނުގެ ބޮޑުވަޒީރު ފުމިއޯ ކިޝިޑާ މެދުތެރޭ އޭޝިޔާއަށް ކުރައްވަން ހަމަޖައްސަވާފައިވާ ދަތުރުފުޅު މިހާރު ވަނީ ކެންސަލް ކޮށްލައްވާފައެވެ. 

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް