ޚުލްޤު ހެޔޮ ރަނގަޅު ޖީލެއް ބިނާކުރުމަށްޓަކައި ރާއްޖޭގެ ޤާނޫނުތަކާއި ޤަވާޢިދުތަކަށް ދަރިވަރުން ހޭލުންތެރި ކުރުވުމަކީ މުހިންމު ކަމެއްކަމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފު ވިދާޅުވެއްޖެއެވެ.
އެ މަނިކުފާނު މިހެން ވިދާޅުވީ މިއަދު ފުވައްމުލަކު ސްކޫލުގައި ބޭއްވި ސަތޭކަވަނަ ޓްރެފިކް މޮނިޓަރސް ތަމްރީނު ޕްރޮގްރާމު ނިންމުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުންނެވެ.
މި ރަސްމިއްޔާތުގައި، ޓްރެފިކް މޮނިޓަރސް ތަމްރީނު ޕްރޮގްރާމު ފުރިހަމަކުރި މުޙައްމަދު ޖަމާލުއްދީނު ސްކޫލާއި ޙާފިޡު އަޙްމަދު ސްކޫލާއި ޏ. އަތޮޅު ތަޢުލީމީ މަރުކަޒު އަދި ފުވައްމުލަކު ސްކޫލުގެ ދަރިވަރުންނަށް ސެޓްފިކެޓާ ޓެގް ހަވާލުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާގެ ނައިބެވެ.
ނައިބު ރައީސް ވިދާޅުވީ ފޭރާންހެޔޮ މުޖުތަމަޢެއް ބިނާކުރެވޭނީ އެފަދަ ކަންކަމަށް ދަރިން ހާނުވައިގެން ކަމުގައެވެ. އެގޮތުން މަގުތަކުގައި ހިނގާ ޤާނޫނާ ޤަވާޢިދާ ޚިލާފުކަންކަން ހުއްޓުވުމަށް ސަރުކާރުން ކެނޑިނޭޅި މަސައްކަތްކުރަމުންދާ ކަމަށް ވިދާޅުވެ ގްރޭޓަރ މާލެ ސަރަހައްދުގެ މަގުތަކަކީ އަމާން ރައްކާތެރި މަގުތަކަކަށް ހެދުމަށް ”މާލެ ފަހި“ ޕްރޮގްރާމު މިހާރު ފެށިފައިވާކަން ވެސް އެމަނިކުފާނުގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން މަގުމައްޗަކީ އަމާން ރައްކާތެރި ތަނަކަށް ހެދުމަށް ހުރިހާ ރައްޔިތުންވެސް ފަރުދީ ޒިންމާ އަދާކުރެއްވުމަށް ނައިބު ރައީސް އިލްތިމާސްކުރައްވާފައި ވެއެވެ.