އިންޑިއާގެ ލޯނު އެހީގައި ރާއްޖޭގައި ކުރިއަށް ގެންދިޔަ 28 މަޝްރޫއެއް ނިންމާ ދިވެހި ސަރުކާރާ ހަވާލުކޮށްފި

Loading

August 10, 2024
sandhaanu news
Facebook
Twitter
WhatsApp

އިންޑިއާގެ އެގްޒިމް ބޭންކްގެ ލައިން އޮފް ކްރެޑިޓް ފެސިލިޓީގެ ދަށުން 28 ރަށެއްގައި ފެނާއި ނަރުދަމާ ނިޒާމު ޤާއިމުކޮށް ނިންމައި، އެ މަޝްރޫޢުތައް ދިވެހި ސަރުކާރާ ހަވާލުކޮށްފިއެވެ.

ރައީސް އޮފީހުގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި، މަޝްރޫޢުތައް ދިވެހި ސަރުކާރާ ޙަވާލުކޮށްދެއްވީ ރަސްމީ ދަތުރުފުޅެއްގައި މިހާރު ރާއްޖެ ވަޑައިގެން އުޅުއްވާ އިންޑިއާގެ މިނިސްޓަރ އޮފް އެކްސްޓަރނަލް އެފެއާޒް ޑޮކްޓަރ ސުބްރަމާނިއަމް ޖަޔަޝަންކަރެވެ. ދިވެހި ސަރުކާރުން މި މަޝްރޫޢުތަކާ ޙަވާލުވެވަޑައިގަތީ މިނިސްޓަރ އޮފް ފޮރިން އެފެއާޒް މޫސާ ޒަމީރެވެ.

މި މަޝްރޫޢުގެ ތެރޭގައި ހިމެނެނީ ބާވީސް ރަށެއްގައި ފެނުގެ ނިޒާމު ތަރައްޤީ ކުރުމާއި ދެ ރަށެއްގެ ނަރުދަމާގެ ނިޒާމުގެ އިތުރުން ފެނާއި ނަރުދަމާގެ މަޝްރޫޢުތައް އެކުއެކީގައި ކުރިއަށްގެންދިޔަ ހަތަރު ރަށެކެވެ.

މި މަޝްރޫޢުގެ މަސައްކަތްތަކުގެ ތެރެއިން ރަށްރަށުގައި ރިވަރސް އޯސްމޯސިސް (އާރު.އޯ.) ޕްލާންޓްތައް ގާއިމުކުރުމާއި ފެން ރައްކާކުރާ ތާނގީތައް ބެހެއްޓުމާއި ފެންފޯރުކޮށްދިނުމަށް ހޮޅިއެޅުމާއި ފެން މީޓަރު ހަރުކުރުމާއި އޮފީސް އިމާރާތް ބިނާކުރުމާއި ލޮނުފެން ބޭރުކުރުމަށް މޫދަށް ހޮޅި ބޭރުކުރުން ހިމެނެއެވެ. އަދި އޮފީސް އިމާރާތުގެ ފުރާޅުގައި އިރުގެ އަވިން ހަކަތަ އުފައްދާ ނިޒާމު ޤާއިމުކޮށް އާރު.އޯ. ޕްލާންޓްތައް ހިންގުމަށް ހޭދަކުރާ ހަކަތައިން ބައެއް، އިއާދަކުރުވަނިވި ހަކަތައިން ފޯރުކޮށްދިނުމުގެ ނިޒާމު ގާއިމުކޮށްފައިވެއެވެ.

މި މަޝްރޫޢުގެ ދަށުން ގާއިމުކުރާ ނަރުދަމާ ނިޒާމުގެ ތެރޭގައި ހިމެނިގެން ގޭގެއަށް ނަރުދަމާ ހޮޅި ގުޅުމާއި ޕަންޕް ސްޓޭޝަން އެޅުމާއި މޫދަށް ހޮޅި ބޭރުކުރުން ހިމެނެއެވެ.

މި މަޝްރޫޢަކީ ދިވެހި ރައްޔިތުންނަށް ސާފު ބޯފެނާއި ރައްކާތެރި ނަރުދަމާގެ ނިޒާމެއް ގާއިމުކުރުމަށްޓަކައި 32،773 މީހުންގެ އާބާދީއަކަށް އަމާޒުކޮށް ކުރިއަށްގެންދިޔަ މަޝްރޫޢެކެވެ. މަސައްކަތްނިމި މިއަދު ސަރުކާރާ ހަވާލު ކުރެއްވި 28 ރަށުގެ މި މަޝްރޫޢުތަކުން، 28،298 މީހުންގެ އާބާދީއަކަށް އަސާސީ ޚިދުމަތްތައް ފޯރުކޮށްދެވިގެންދާނެއެވެ. އެއީ ރާއްޖޭގެ އާބާދީގެ ނިސްބަތުން 7 އިންސައްތައެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް