ވިޒިޓް މޯލްޑިވްސް ޕްރޯ 2024 ނިންމުމުގެ ރަސްމިއްޔާތު ނައިބު ރައީސް ޝަރަފުވެރިކޮށްދެއްވައިފި

Loading

Facebook
Twitter
WhatsApp

ރާއްޖޭގައި ކުރިއަށްދިޔަ ބައިނަލްއަގުވާމީ ރާޅާއެޅުމުގެ ކުޅިވަރު ހަރަކާތް، އިންޓަރނޭޝަނަލް ބޮޑީބޯޑިންގ ކޮމިއުނިޓީ (އައި.ބީ.ސީ) ވޯލްޑް ޓުއާގައި ހިމެނޭ ”ވިޒިޓް މޯލްޑިވްސް ޕްރޯ 2024“ ނިންމުމުގެ ރަސްމިއްޔާތު ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފް، ޝަރަފުވެރި ކޮށްދެއްވައިފިއެވެ.

”ވިޒިޓް މޯލްޑިވްސް ޕްރޯ 2024“ ނިންމުމުގެ ރަސްމިއްޔާތުގައި ނައިބު ރައީސްގެ އަރިހުގައި އެ މަނިކުފާނުގެ އަނބިކަނބަލުން ޢާއިޝަތު އަފްރީން މުޙައްމަދު ބައިވެރިވެވަޑައިގެންނެވިއެވެ.

މި ރަސްމިއްޔާތުގައި މެންސް އޯޕަން ކެޓަގަރީގެ އިނާމުތައް ހަވާލުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާގެ ނައިބެވެ. އަދި ވިމެންސް އޯޕަން ކެޓަގަރީގެ އިނާމުތައް ހަވާލުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ އަނބިކަނބަލުންނެވެ.

މި ހިނގާ އޯގަސްޓް މަހުގެ 2 އިން 9 އަށް ވަރުނުލާ ރާޅުގަނޑު ސަރަޙައްދުގައި ކުރިޔަށްގެންދިޔަ މި މުބާރާތުގައި ރާއްޖޭގެ 15 ބައިވެރިންނާއެކު ޖުމްލަ 14 ޤައުމަކުން 88 އެތުލީޓުން ބައިވެރިވެފައިވެއެވެ.

އެގޮތުން މި މުބާރާތުގައި ފިރިހެން އޯޕަން ޑިވިޝަނުގައި 50 އެތުލީޓުން، އަންހެން އޯޕަން ޑިވިޝަނުގައި 23 އެތުލީޓުން އަދި ޖޫނިއާ ބައިގައި 23 އެތުލީޓުން ބައިވެރިވިއެވެ. މިމުބާރާތުގައި ވާދަކުރި އެތުލީޓުންގެ ތެރޭގައި ދުނިޔޭގެ އެކި ޤައުމުތަކުގެ ނަން މަޝްހޫރު ފަރާތްތައް ވެސް ހިމެނެއެވެ. މިއީ މި މުބާރާތް ރާއްޖޭގައި ބާއްވާ ތިންވަނަ ފަހަރެވެ.

މި ސަރުކާރުން ރާއްޖޭގައި މޫދު ކުޅިވަރުގެ ދާއިރާ ތަރައްޤީ ކުރުމަށް މުހިންމު މަސައްކަތްތަކެއް ކުރުމަށް ވަނީ ނިންމާފައެވެ. އެގޮތުން އިންޓަރނޭޝަނަލް ފެންވަރުގެ ސަރފިންގ ސްޓޭޑިއަމަކަށް މާލޭ ރާޅުގަނޑު ސަރަހައްދު ހެދުމާއި ސަރފިންގ ޓޫރިޒަމް ފުޅާކޮށް، އޭގެ ނަފާ ހޯދުން ހިމެނެއެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް