ކޮންމެ ގޮތަކަށް ހާލަތު މައިތިރި ކުރަން ބައިނަލްއަގްވާމީގޮތުން މަސައްކަތްކުރިއަސް ހިޒްބު ﷲ ގެ ލީޑަރ ފުއާދު ޝުކުރު އާއި ހަމާސްގެ ލީޑަރ އިސްމާއީލް ހަނިއްޔާ ޝަހީދުކޮށްލުމުގެ ބަދަލު ވޭންދެނިވި ގޮތަކަށް އިސްރާއީލުގެ ކިބައިން ނުހިފާނެ ގޮތެއް ނޯންނާނެކަމަށް ހިޒްބު ﷲ ޖަމާއަތުގެ ސެކްރެޓަރީ ޖެނެރަލް ސައްޔިދު ހަސަން ނަސްރު ﷲ ވިދާޅު ވެއްޖެކަމަށް ސީ އެން އެން އަށް ހަވާލާދީ މިއަދު ހެނދުނު ރޮއިޓާރސް އިން ޚަބަރު ދީފިއެވެ.
އިސްރާއީލުގެ ސިފައިންނާއި ސަރުކާރާއި އާބާދީތަކާއި ފަލަސްތީނުން ފޭރިގެންފައިވާ ބިންތަކުގައި އާބާދުކޮށްފައިތިބި އިސްރާއީލުގެ ރައްވެހިން އެ ތިބީ މާދަމާ އަތުވެދާނެ ހަމަލާއެއްގެ އިންތިޒާރުގައެވެ. މިއީ އަހަރެމެން ދޭން ގަސްދުކުރާ އަދަބުގެ ފެށުމެވެ. މާދަމާގެ އިންތިޒާރުގައި އަމިއްލަ ކަށްވަޅުކޮންނަން ދިން ފުރުސަތެކެވެ.
އަހަރެމެން ހަމަލާދޭނީ އެކްސިސް އޮފް ރެޒިސްޓޭންސްގައި ހިމެނޭ ޖަމާއަތްތަކުން ބޭނުންވާ ވަގުތެއްގައި ބޭނޫންވާގޮތަކަށެވެ. ސައްޔިދު ހަސަން ނަސްރު ﷲ ވިދާޅުވެފައި ވެއެވެ.
ފުއާދު ޝުކުރުގެ ހަނދާނުގައި ބޭއްވި އެއްވުމެއްގައި ސައްޔިދު ހަސަން ނަސްރު ﷲ ވާހަކަފުޅު ދެއްކެވުމުގެ ކުރިން އިސްރާއީލުގެ ހަނގުރާމަމަތީ ޖެޓްތައް ބެއިރޫތުގެ މަތިން އިމާރާތްތަކަށްވެސް ލޮޅުން އަރާ ވަރަށް ތިރން އުދުހެމުން ދިޔަތަން ފެނިފައިވާކަމަށް ސީ އެން އެން އިން ބުނެފައިވެއެވެ.
ފާއިތުވެގެންމިދާ މަހެއްހާދުވަހުގެ ތެރޭގައި އިސްރާއީލާއި ލެބަނަން ގުޅޭ ސަރަހައްދުގެ މަސްރަޙް ވަނީ ވަރަށްބޮޑަށް ގޯސްވެފައެވެ. މިދިޔަ އަންގާރަ ދުވަހުވެސް ހިޒްބު ﷲ ގެ ގިނަ ޑްރޯންތަކެއްގެ ހަމަލާ އުތުރު އިސްރާއީލުގެ އަވަށްތަކަށް ވަނީ އަމާޒު ކޮށްފައެވެ. އިސްރާއީލުގެ ދިފާއީ ވުޒާރާއިން ބުނެފައިވަނީ އެތަނުން އެއް ޑްރޯން ހަލާކުކޮށްލެވުނުކަމަށާއި އެހެންނަމަވެސް އެ ހަމަލާތަކުގެ ސަބަބުން އުތުރު އިސްރާއީލުގެ ނަހަރިއްޔާގައި ވަރަށް ގިނަ ބަޔަކު ޒަޚަމްވެފައިވާ ކަމަށެވެ. އިސްރާއީލުން ރައްދުގައި ދެކުނު ލެބަނަންގައި ހިޒްބު ﷲ އިން ބޭނުންކުރާ ކަމަށް ދެކޭ އިމާރާތަކަށް ހަމަލާ ދީ ފަސްމީހަކު ވަނީ ޝަހީދުކޮށްލާފައެވެ.
އެސަރައްދުގައި މިހާރު ވަނީ ފުއާދު ޝުކުރު އާއި އިސްމާއީލް ހަނިއްޔާ ޝަހީދު ކޮށްލުމުގެ ބަދަލު ހިފާނެ ކަމަށް އީރާނާއި ހިޒްބު ﷲ އިން ދެމުން ގެންދާ އިންޒާރުގެ ސަބަބުން ވަރަށްބޮޑަށް ނުތަނަވަސްކަން ވެރިވެފައެވެ.
މިދިޔަ ހޯމަ ދުވަހު އިރާގުގައި ހުންނަ އެމެރިކާ ސިފައިން ތިބޭ މަރުކަޒަކަށް ދިން ހމަލާއެއް ގައި ގިނައަދަދެއްގެ ސިފައިން ޒަޚަމް ވެފައިވާކަމަށާއި އެމެރިކާއިން އެހަމަލާގެ ތުހުމަތު އަޅުވަނީ އިރާގުގައި ހަރަކާތަތެރިވަމުންގެންދާ މުޖާހިދުންނަށް ކަމަށްވެސް ރޮއިޓާރސްގެ ޚަބަރުގައި ބުނެފައިވެއެވެ.
ދުނިޔޭގެ ކަންކޮޅުތަކުން ގައުމުތަކުގެ ވެރިން ގެންދަނީ މެދުއިރުމަތީގައި އުފެދިފައިވާ ނުރައްކާތެރިކަން ފިނިކުރެވޭ ގޮތެއް ހޯދުމަށް ކެނޑިނޭޅި މަސައްކަތް ކުރަމުންނެވެ. އެމެރިކާގެ ޚާރިޖީ ވަޒީރު އެންތަނީ ބްލިންކަންވަނީ ޖީ-7ގެ ގައުމުތަކުގެ ޚާރިޖީ ވަޒީރުންގެ އަރިހުގައިވެސް މިކަމަށް މަސައްކަތްކޮށްދިނުމަށް އެދިވަޑައިގެންފައެވެ. ޖޯރޑްނެގެ ޚާރިޖީ ވަޒީރު އައިމަން ސަފާދީ ތެހެރާނަށް ވަޑައިގެން އިރާނުގެ ރަސްމީ ފަރާތްތަކާއެކުގައި ކުރެއް ވި މަޝްވަރާތަކުންވެސް މަސްރަހަށް އައި ބަދަލެއް ނުފެނުނެވެ.
އެއްޔެގެ ވަގުތެއްގައި ޖިއްދާގައި ބޭއްވުނު އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަންގެ ކުއްލި ބައްދަލު ކުރެއްވުމަކީ އިސްމާއީލް ހަނިއްޔާ ޝަހީދުކޮށްލި މައްސަލައާއި ގުޅޭގޮތުން މަޝްވަރާ ކުރުމަށްޓަކައި ބޭއްވުނު ކުއްލި ބައްދަލު ކުރެއްވުމެކެވެ. އީރާނުންވެސް އެ ބައްދަލު ކުރެއްވުމުގައި ބައިވެރިވެ ވަޑައިގެންނެވިއެވެ. އެ ބައްދަލު ކުރެއްވުމުގައި ކުރެވުނު މަޝްވަރާ ތަކުގެ ނަތީޖާ މިހާތަނަށް އެނގިފައެއް ނުވެއެވެ.
އެހެންނަމަވެސް އިރާނުން ބަދަލު ހިފުމުން އެއްކިބާވެގެންފިނަމަ މިސްރާއީ ޖޯރޑްން އިން އީރާނާއެކު ސިޔާސީ ގުޅުން ވަގުތުން ގާއިމްކުރާނެ ކަމަށް އެ 2 ގައުމުން ވައުދު ވެފައި ވެއެވެ. މިއީ އީރާނުގެ އިގްތިސާދަށް ވަރަށް މުހިންމު ފިޔަވަޅަށް ވާނެއެވެ. އަދި އެމެރިކާއިން ނިއުކްލިއަރ މަޝްވަރާގެ މޭޒަށް އަންނާނެ ކަމުގެ ފެހި ސިގްނަލް ދީ އޭގެ ސަބަބުން އީރާނާ ދެކޮޅަށް އެމެރިކާއިން އަޅާފައި ދަތިކުރުމުގެ ފިޔަޅުތައް އުވިގެން ދިއުމުގެ ފުރުސަތު ބޮޑުކަމަށް ޚާރިޖީ ވަޒީރު ބްލިންކަން ވިދާޅުވިކަމަށް ވެއެވެ.
ރޮއިޓާރސް ދުބާއިން ބުނެފައިވަނީ އީރާނުން މެދުއިރުމަތީގައި ނުތަނަވަސްކަން އުފައްދަން ބޭނުންނުވާކަމަށާއި އެހެންނަމަވެސް އޭގެ މާނައަކީ އިސްރާއީލަށް ދޭންޖެހޭ އަދަބުން އެއްފަރާތްވުން ނޫންކަމަށް އީރާނުގެ ޚާރިޖީ ވުޒާރާގެ ތަރުޖަމާނު ނާސިރު ކަންޢާން ވިދާޅުވެފައިވެއެވެ. އަދި މެދުއިރުމަތީގައި ސުލްހަ ގާއިމްކުރުމަކީ އީރާނުން އެކަނި ކުރެވޭނެ ކަމެއް ނޫން ކަމަށާއި އެންމެ ފުރަތަމަ އެމެރިކާއިން އިސްރާއީލަށް ހަނގުރާމައިގެ ހަތިޔާރު ފޯރުކޮށްދިނުމާއި މިލިޓްރީގޮތުން މެދު އިރުމަތީގެ ގައުމުތައް ވީރާނާކޮށްލުމަށް ހައްދެއްނެތި އެހީވެދިނުން ހުއްޓާލަން ޖެހޭ ކަމަށެވެ.
އިސްލާމިކް ރިވޮލިއުޝަނަރީ ގާރޑުންގެ އެންމެ އިސްކޮމާންޑަރ ހުސައިން ސަލާމީ އެންމެ ފަހުންވެސް ވިދާޅުވެފައިވަނީ އިސްރާއީލުން ހިންގި ޖަރީމާގެ އަދަބު ތަންފީޒުކުރެވިގެން ދާނެކަމަށެވެ.