ހަމާސްގެ ލީޑަރ އިސްމާއީލް ހަނިއްޔާ އީރާނުގެ ޚާއްސަ މެހެމާނެއްގެ ގޮތުގައި އީރާނުގައި ހުންނަވަނިކޮށް އިސްރާއީލުން ދިން ހަމަލާއެއްގައި ޝަހީދު ކޮށްލުމުގެ ބަދަލު ހިފުމަށް ތައްޔާރުވަމުންދާކަން އެމެރިކާ އޮފިޝަލުންނަށް އެނގިއްޖެކަމަށް ޔޫ އެސް އޭ ޓްޑޭއިން މިއަދު ހާމަކޮށްފިއެވެ. އެހެންނަމަވެސް އީރާނުން ހަމަލާ ދޭން ގަސްދުކުރާ ފެންވަރަކާއި ދުވަހަކާ ވަގުތު މިހާތަނަށް އޮޅުންފިލާގޮތެއް ނުވާ ކަމަށް ޔޫ އެސް އޭ އާއި ވާހަކަ ދެއްކި އެމެރިކާގެ 2 އޮފިޝަލުން ބުނެފައިވެއެވެ.
ޔޫ އެސް އޭ ޓްޑޭ އާއި ވާހަކަ ދެއްކި އޮފިޝަލުންނަކީ އެވާހަކަތައް ހާމަކުރުމުގެ ހުއްދަ ލިބިފައިވާ ބައެއް ނޫނެވެ. އެމީހުންގެ ވާހަކަތަކުގައި އިތުރު ތަފްސީލު ހާމަކުރަން ބޭނުންނުވީ މި ސަބަބާހުރެ ކަމަށް ބެލެވެއެވެ. އެމީހުންގެ ވާހަކަތަކުގައި ހަނގުރާމަވެރި ހަމަލާއެއް ދިނުމުގެ ބަދަލުގައި އިސްރާއީލުގެ އޮފިޝަލުންނަށް އަމާޒުކޮށްގެން އެސެސިނޭޝަންގެ ހަރަކާތަތަކެއް ހިންގާފާނެ ކަމުގެ ނުރައްކާ ވަރަށް ބޮޑުކަމަށް އިޝާރާތް ކޮށްފައިވެއެވެ
އަދި މިކަމުގައި ހިޒްބު ﷲ އިން ބައިވެރި ވެދާނެކަމުގެ ބިރުވެސް ކުޑަނޫންކަމަށް ބުނެފައި ވެއެވެ. އިސްރާއީލަށް ބޮޑެތި ގެއްލުންތައް ދިނުމުގެ ގާބިލް ކަން ހިޒްބު ﷲ އަށް ލިބިފައިވާ ކަމަށް ދެބަސް ނުވެވޭނެ ކަމަސްވެސް އެ އޮފިޝަލުންގެ ވާހަކައިގާ ބުނެފައި ވެއެވެ. ތިންވަނަ އޮފިޝަލަކު ކިޔާ ދީފައިވާ ގޮތުގައި އިހަށް ދުވަހު އިރާގުގެ މުޖާހިދުން އެމެރިކާގެ ބޭސްއަށް ދިން ހަމަލާގައި ޒަޚަމްވެފައިވާ ސިފައިންގެ އަދަދަށް ބަލާއިރު އެއަށްވުރެން ބޮޑެތި ގެއްލުންތައްވެސް ދެވިދާނެކަން ގަބޫލުކުރަން ޖެހެއެވެ.
އިސްމާއީލް ހަނިއްޔާ އާއި ހިޒްބު ﷲ ގެ ކޮމާންޑަރ ފުއާދު ޝުކުރު ޝަހީދު ކޮށްލުމުގެ ބަދަލު ހަމަގައިމުވެސް ހިފާނެކަން އީރާނުންނާއި ހިޒްބު ﷲ އިން ގެންދަނީ ބުނަމުންނެވެ. އެމެރިކާގެ އެމެރިކާގެ މިލިޓްރީންނާއި ސިޔާސީ އެންމެ އިސްވެރިން ގެންދަނީ އީރާނުގެ މި އިންޒާރަށް ފާރަލަމުންނެވެ. އީރާނުން ވަގުތީ ގޮތުން ހަމަހިމޭނުން ތިބުމަކީ އޭގެ ޒާތުގައި ވަރަށް ނުރައްކާތެރިކަން ކަމެއްކަން އެމެރިކާގެ އޮފިޝަލުންނަށް އެނގެއެވެ.
އީރާނު ޚާރިޖިއްޔާގެ ތަރުޖަމާނު ނާސިރު ކަންޢާނީ ވިދާޅުވެފައިވަނީ އިސްރާއީލަށް ހަމަލާދިނުމަކީ މިހާރު އީރާނަށް ވާރުތަވެފައިވާ ހައްގެއް ކަމަށެވެ. އަހަރެމެން އެ ހައްގު އޭގެ އެންމެ ފުރިހަމަ ގޮތުގައި ބޭނުންކުރާތަން އިސްރާއީލަށް ދައްކާނަމެވެ.
އީރާނުގެ ޖެނެރަލް ހުސައިން ސަލާމީ ވިދާޅުވެފައިވަނީ ސަރަހައްދީ ހަމަނުޖެހުމަކަށް މަގުފަހި ކުރުމަކީ އަހަރެމެންގެ މަގްސަދެއް ނޫނެވެ. ކަމާ ނުބެހޭ މީހުން މި ކަމުގެ ތެރެއަށް ނުވަދެ ތިބުން އެދެވިގެން ވެއެވެ.
މިއަންނަ ހުކުރު ދުވަހު އީރާނުން ހަމަލާދީފާނެކަމަށް ބެލެވޭތީ އެމެރިކާގެ ކަނޑުސިފައިން އިތުރު ބާރުތައް މެދު އިރުމައްޗަށް ޖަމާކުރަން ދިފާއީ ވަޒީރު އައުސްޓިން މިހާރު ވަނީ އަމުރު ކޮށްފައެވެ.
އެމެރިކާއިން ބުނަމުންގެންދަނީ އެމެރިކާގެ ބާރުތައް މެދު އިރުމައްޗަށް ޖަމާކުރަމުން ގެންދަނީ ހަނގުރާމަ ކުރުމުގެ ބޭނުމުގައި ނޫންކަމަށާއި އެމެރިކާގެ މަގްސަދަކީ ހަނގުރާމައެއް ފެށުމުގެ މަގުތައް ބަންދުކުރުމާއި އަދި އިސްރާއީލު ހިމާޔަތްކުރާނެކަން ކަށަވަރުކުރުމެވެ. މިދިޔަ އަހަރު އޮކްޓޯބަރ 7 ގެ ފަހުން އެމެރިކާގެ މަނަވަރުތަކާއި ގިނަ އަދަދެއްގެ ސިފައިން މެދު އިރުމަތީގައި ގެންދަނީ ހަރަކާތްތެރި ވަމުންނެވެ.