ފާއިތުވެގެން މިދާ ސަތޭކަ ވަރަކަށް އަހަރުގައި ދުނިޔޭގެ އެންމެ ބާރުގަދަ އެއްގައުމަކީ އެމެރިކާއެވެ. އެގައުމުގެ ވެރިން ކުރައްވާ ކަންތަކާއި ނުކުރައްވާ ކަންތައްތަކަށް ފާރަލުމަކީ އަބަދުވެސް މީޑިއާތަކުން ކުރާ ހިތުން ކުރާކަމެކެވެ. ބައެއް ފަހަރު އެބޭފުޅުން ބޭޒާރު ކޮށްލުމުގެ ބޭނުމުގައެވެ. ބައެއްފަހަރު އެ ބޭފުޅުންގެ އަމަލުތަކުން މިސާލު ލިބި ގަތުމަށާއި އެބޭފުޅުން އިޝްތިހާރު ކުރުމަށެވެ.
އަޅުގަނޑުމެންގެ ސިޔާސީ ބޭފުޅަކު ބޭނުންކުރާ ބުއިމަށް ތަރުހީބު ދެއްވައި ވާހަކަފުޅު ދައްވާފައިވާ ކަމަށް އާންމު ވެގެން ދިޔަ ދުވަސްވަރެއް ފަހަކަށް އައިސް ފެނިފައިވެއެވެ.
ދާދި ފަހުން ބައިނަލް އަގްވާމީ ބައެއް މީޑިއާތަކުގައި ލިޔާނެ ވާހަކަތައް މަދުވެގެން ނަމަވެސް އެމެރިކާގެ ރައީސުންގެ ދިރިއުޅުއްވުމުގެ ބައެއް ޒާތީ ކަންކަމުގެ ވާހަކަ ވަނީ ޝާއިއު ކޮށްފައެވެ.
ބުނެވޭގޮތުގައި އެމެރިކާގެ ފުރަތަމަ ރައީސް ޖޯރޖް ވޯޝިންގޓަންގެ ދުވަސްވަރަށްފަހު އެމަނިކުފާނެކޭ އެއްގޮތަށް އެމެރިކާގެ ރައީސުން ރާބޮއި އުޅުއްވުމަކީ ކުރައްވާކަމެއް ނޫނެވެ. ގިނަ ރައީސުން ބައެއްފަހަރު ބިއަރ ނުވަތަ ވައިން ކަހަލަ މަސްތުވުން ތަންކޮޅެއް ލުއި ބުއިމެއް ބޭނުން ކުރައްވަމުން ގެންދެވިކަމަށް ބުނެވެއެވެ. އެކަމަކު ރައީސް ރިޗަރޑް ނިކްސަނާއި މާރޓިން ވާން ބުރެން އާއި ފްރޭންކްލިން ޕިއާރސް އަކީ ހައްދެއް ނެތް މިންވަރަށް ރާ ހިއްޕެވި ބޭފުޅުންނެވެ.
އެމެރިކާގެ ފަހުގެ ރައީސުންގެ ތެރޭގައި ޑޮނާލަޑް ޓްރަމްޕް އާއި މިހާރުގެ ރައީސް ޖޯ ބައިޑްން އަކީ ވަރަށް ބޮޑަށް ރަލަށް ނަފްރަތު ކުރައްވާ ބޭފުޅުންނެވެ. ބުނެވޭ ގޮތުގައި އެބޭފުޅުންގެ މި ނަފްރަތު ފެށިގެން އައިސްފައި ވަނީ އާއިލާގެ ތެރޭގައި މެދުވެރިވެފައިވާ ހިތާމަވެރި ހާދިސާތަކެއްގެ ސަބަބުންނެވެ.
ރައީސް ޖޯ ބައިޑްންގެ ޒުވާން އުމުރުގައި އުޅުއްވަން ޖެހިވަޑައިގަތީ ބަނގުރަލުގެ އަޅުންނަށް ވެފައިވާ އާއިލާއެއްގެ ތެރޭގައެވެ. އެދުވަސްވަރުއްސުރެން ބައިޑްން ގެ ހިތްޕުޅުގައި ބަނގުރަލާމެދު ވަރަށްބޮޑު ފޫހި ކަމެއް ވަނީ އުފެދިފައެވެ. އަދި މިއަދާ ހަމަޔަށް ދުވަހަކުވެސް ބަނގުރާ ބޭނުން ކުރެއްވި ކަމަކަށް ނުވެއެވެ. އެކަމަކު އެމަނިކުފާނުގެ ފިރިހެން ދަރިފުޅު ހަންޓަރ ބައިޑަން އަށް ބަނގުރަލާ ދުރުހެލި ނުވެވެއެވެ.
ކުރީގެ ރައީސް ޓްރަމްޕް ބަނގުރާ ދެކެ ފޫހިވެ ވަޑައިގަތުންވެސް ފެށިފައިވަނީ ރައީސް ބައިޑްން އެކޭ ދާދި އެއްގޮތަކަމަށް ވެއެވެ. ޓްރަމްޕް ގެ ބޭބެ އުމުރުން 42 އަހަރުގައި ހިތް ހުއްޓިގެން މަރުވީ ބަނގުރަލާ އޮތް ގާތް ކަމެއްގެ ސަބަބުންނެވެ. އޭގެ މަރުބަލީގައިވެސް ބަނގުރަލާ ދުރުހެލިވެ އުޅުމަށް ޓްރަމްޕަށް ނަސޭހަތްތެރި ވަމުންގެންދިޔަކަމަށް ބުނެއެވެ. ބޭބެގެ ދިރިއުޅުން ބަނގުރަލުގެ ތެރެއަށް ގެނބިގެން ދިޔަ މަންޒަރު ލޮލުގެ ކުރިން މިހާރުވެސް ފިލާ ނުދާކަމަށް ޓްރަމްޕް ވިދާޅުވެއެވެ. ރައީސް ބައިޑްން އެކޭ އެއްފަދައިން ރައީސް ޓްރަމްޕް ދުވަހަކުވެސް ބަނގުރާ ނުހިއްޕަވާ ކަމަށް ވެއެވެ.
އެމެރިކާގެ ކުރީގެ ރައީސް ޖޯރޖް ޑަބްލިޔޫ ބުޝް އަކީ ބަނގުރަލުގެ އަޅެކެވެ. އެހެންނަމަވެސް އެމަނިކުފާނުގެ 40 ވަނަ އުފަންދުވަހު ޚާއްސަ ހަފުލާއަށްފަހު އަނބިކަނބަލުންގެ އެންމެ ފަހު އަމުރާ ކުރިމަތި ލައްވަން ޖެހިވަޑައިގެތެވެ. އެ އަމުރުފުޅަކީ “ ބަނގުރާފުޅި އެހެންނޫނީ އަހަރެން “ މިއެވެ. ކޮންމެއަކަސް ބުޝް އިޚްތިޔާރު ކުރެއްވީ އަނބިކަނބަލުން ކަމަށް ބުނެވެއެވެ. އަދި އެހިސާބުން ބަނގުރަލުގެ ނަންވެސް ވިދާޅުވާކަށް ނުކެރުނެވެ. މިވެސް ބައެއްފަހަރު ނުރަނގަޅު އާދަކާދަ އިސްލާހުވެގެންދާ ގޮތެކެވެ. 2001 ން ފެށިގެން ބުޝްގެ ރައީސްކަމުގެ ދުވަސްވަރު އެމަނިކުފާނުގެ 2 އަންހެންދަރި ކަނބަލުންވެސް އުމުރު އޮޅުވާލައިގެން ބަނގުރާ ގަންނަކަން އެނގިވަޑަގަތުމުން ރާބުމަކީ އާއިލާގެ ތެރެއިން ފިލުވާނުލެވުނު ބަލިމަޑުކަމެކޭ ވިދާޅުވެ އިންޒާރު ދެއްވިއެވެ.
19 ވަނަ ގަރުނުގައި ވައިޓް ހައުސްގައި ބަނގުރާ ބޭނުންކުރުން މަނާކުރެވުނެވެ. އަދި ރިޔާސީ އިންތިޚާބުގައި ވޯޓުލާ މީހުންވެސް ރާބޯ މީހުންނާ ދުރުހެލިވުން އާންމުވެގެން ދިޔައެވެ. އަބްރަހަމް ލިންކަން ވޯޓުލާމީހުންގެ އެ ވިސްނުމަށް ވަރަށް ބޮޑަށް ތާއީދު ކުރެއްވިއެވެ. ނަތީޖާއެއްގެ ގޮތުން ރިޔާސީ ތަޚްތުވެސް ލިބި ވަޑައިގަތެވެ. އަބްރަހަމް ލިންކަން ރަލުގެ ބަދަލުގައި ބޭނުން ކުރެއްވިކަމަށް ވަނީ ކިރު ނުވަތަ ފެނެވެ.
1877 ން 1881 ށް ރައީސްކަން ކުރެއްވި ރުދަރފޯރޑް ބީ. ހަޔެސްގެ މައްޗަށް އަނބިކަނބަލުންގެ ނުފޫޒާއި ބާރު ޖޯރޖް ޑަބްލިޔޫ ބުޝްގެ އަނބިކަނބަލުންނާ އެއްވަރަކަށް ނުހިނގިއެވެ. ރައީސް ހަޔެސްގެ އަނބިކަނބަލުންނަށް ”ލެމަނޭޑް ލޫސީ“ ގެ ވަނަން ބޭނުން ކުރެވެމުންދިޔައިރުވެސް ފިރިކަލުން ރާބުއިން ނުހުއްޓެވުނެވެ.
1845 ން 1849ށް ރައީސްކަން ކުރެއްވި ޖޭމްސް ކޭ. ޕޯކް ގެ ބައެއް ނަމޫނާ ރައީސުންނަކީ ބަނގުރަލަށް ދެވިހިފާފައި ތިއްބެވި ބޭފުޅުންނެވެ. އެކަމަކު އަނބިކަބަލުންނެކޭ އެއްފަދައިން އެމަނިކުފާނަށްވެސް ބަނގުރަލުގެ ރަހަ ކަމުދާ އެއްޗަކަށް ނުވިއެވެ. އެމަނިކުފާނުގެ ރިޔާސަތުގައިވެސް ވައިޓްހައުސްގައި ބޭއްވޭ އިހްތިފާލުތަކުގައިވެސް ބަނގުރަލަށް ޖާގަ އޮންނަ ކަމަކަށް ނުވެއެވެ.
އެމެރިކާގެ ރައީސުންގެ ތެރެއިން ދުވަހަކުވެސް ބަނގުރާ ނުހިއްޕަވަނީ ހަމައެކަނި 1889 ން 1893ށް ރައީސްކަން ކުރެއްވި ބެންޖާމިން ހަރިސަން އެވެ. ވައިޓް ހައުސްގެ މުއައްޒިފުން ވެސް އެ މަނިކުފާނަށް ކިޔާއުޅުނު ކަމަށްވަނީ ”ދަ ހިއުމަން އައިސްބާރގް“ އެވެ. ވައިޓް ހައުސް ހަފުލާތަކުގައި ރަލުގެ ބަދަލުގައި ބޭނުންކުރަން ޖެހެނީ ސައި ނުވަތަ ސޫޕް އެވެ.