ހަމާސްގެ ލީޑަރު އިސްމާއީލް ހަނިއްޔާ ޝަހީދު ކޮށްލި މައްސަލާގައި އިސްރާއީލަށް ހަރުކަށިކަމާއެކު ހިތިގޮތަކަށް އަދަބު ދޭނެކަމަށްބުނެ އިންޒާރު ދެމުން ގެންދާ މި ދަނޑިވަޅުގައި އީރާނުން ކެތްތެރިކަން އިސްކުރުމަށް އެމެރިކާއާއި އަދި އަރަބި ގައުމުތަކުން ދެމުންގެންދާ މަޝްވަރާތައް އީރާނުން ވީދާލައި ކުނިވަށިގަނޑަށް އެއްލާލައިފި ކަމަށް ފޮކްސް ނިއުސް އިން އިއްޔެ ހަވީރު 5.30 ގެ ޚަބަރުގައި ބުނެފިއެވެ.
އީރާނުން ވިސްނުންތެރިކަމާއި ކެތްތެރިކަމާއެކު ހަރަކާތްތެރިވުމަށް އެމެރިކާއިންނާއި އަރަބި ގައުމުތަކުން މަޝްވަރާތައް ހުށައަޅުމުން މި ގެންދަނީ އީރާނުން އެ ހާދިސާ ފުލް ސްޕީޑުގައި ތަހްގީގު ކުރަމުން ގެންދަނިކޮށެވެ.
އެމެރިކާއިން އެ ގައުމުގެ ބައިވެރިންނާއެކު ވާހަކަ ދައްކަމުން ގެންދަނީ ނުފޫޒު ބޭނުންކޮށްގެން ވިޔަސް އީރާނުގެ ވިސްނުން ބަދަލު ކުރެވޭނެ ގޮތެއް ހޯދުމަށެވެ. އަދި އީރާނުން އިސްރާއީލަށް ހަމަލާއެއް ދީފިނަމަ ހުޅަނގުގެ ގައުމުތަކާއެކު ގުޅުން ރަނގަޅުކުރަން މިހާރުގެ ރައީސް މަސްއޫދު ޕަޒެޝްކިއަން ގެންގުއްވާ ވިސްނުން ބޭކާރުވެގެންދާނެ ކަމަށެވެ.
ވޯލް ސްޓްރީޓް ޖާރނަލްއަށް މައުލޫމާތު ލިބިފައިވާ ގޮތުގައި އީރާނުން އަރަބި ގައުމުތަކުގެ ޑިޕްލޯމެޓުންނަށް ދަންނަވާފައިވަނީ މި ހާދިސާއާއި ގުޅިގެން ކިތަންމެ ބޮޑު ކުރިމަތިލުމަކަށް ދާން ޖެހުނަސް އީރާނުން ފަސްޖެހުމުގެ ވިސްނުމެއް ނުގެންގުޅޭނެ ކަމަށެވެ.
މެދުއިރުމަތީގެ ހާލަތަށް ފިނިކަމެއް ގެނައުމުގެ ބޭނުމުގައި މިދިޔަ ހޮނިހިރު ދުވަހު ޖޯރޑްން ޚާރިޖީ ވަޒީރު އައިމަން ސަފާދީ އީރާނަށް ވަޑައިގެންނެވިކަން ވޯލްސްޓްރީޓް ޖާނަލުންވެސް ވަނީ ހާމަކޮށްފައެވެ. ސަފާދީ އީރާނުގައި ދެއްކެވި ވާހަކަތަކުގައި އޭޕްރިލް މަހު އީރާނުން އިސްރާއީލަށް ދިން ހަމަލާގައި ޖޯރޑްންގެ ސަރަހައްދަށް ވަން މިސައިލްތައް ނައްތާލިގޮތަށް ކުރިއަށް އޮތް ތަނުގައިވެސް ޖޯރޑްންގެ ސަރަހައްދުން ހުރަސްކުރާ މި ސައިލްތައް ނައްތާލާނެކަމަށް ވަނީ ވިދާޅުވެފައެވެ.
އިސްރާއީލަށް މި ވަގުތު ވަނީ އެތައް ދިމާލަކުން ހަމަލާތައް އަތުވެދާނެކަމުގެ ބިރުވެރިކަމާ ކުރިމަތިލާން ޖެހިފައެވެ. މި ހާލަތަށް ރައްދު ދީ އިސްރާއީލުގެ ބޮޑު ވަޒީރު ބުނެފައިވަނީ އަހަރެމެންނަށް އިސްރާއީލު ދިފާއު ކުރެވޭނެ ކަމަށާއި އަދި އަހަރެމެންނަށް ހަމަލާދޭ ބަޔަކަށް ހަނދާންނައްތާ ނުލެވޭ ވަރުގެ ބޮޑު ގެއްލުމަކާ ކުރިމަތިލާން ޖައްސާނެ ކަމަށެވެ.
މެދު އިރުމަތީގެ މަސްރަހް ފިނިކޮށް ހަނގުރާމައެއްގެ ނުރައްކަލުން ދުރުކުރުމަށް އެމެރިކާއާއި އެ ގައުމުގެ ބައިވެރިން މަސައްކަތްކުރަމުން ގެންދާ މި ދަނޑިވަޅުގައި އިސްރާއީލުން ގެންދަނީ ހަނގުރާމައިގާ ކުރިމަތިލާންޖެހިދާނެ ކޮންމެ ހާލަތަކަށް ތައްޔާރު ވަމުންނެވެ. އަދި މި މަސައްކަތް ނާކާމިޔާބު ވެއްޖެނަމަ މެދުވެރިވެދާނެ ކޮންމެ ދެކޮޅުވެރިކަމަކަށްވެސް ތައްޔާރަށް ތިބި ކަމުގައި އެމެރިކާގެ ޑެޕިއުޓީ ނޭޝަނަލް ސެކިއުރިޓީ އެޑްވައިޒަރ ޖޮން ފައިނަރ އޭ ބީ ސީ ނިއުސްއަށް ބުނެފައިވެއެވެ.
އީރާނު ޕާރލަމެންޓުގެ ޚާރިޖީ ގުޅުންތަކާ ބެހޭ ނޭޝަނަލް ކޮމިޝަންގެ މެމްބަރުކަން ކުރައްވާ އަހްމަދު ބަޚްޝާއިޝް އަރދެސްތާނީ އެ ގައުމުގެ ދިދްބަން ނިއުސް އަށް ކިޔާދެއްވާފައިވާ ގޮތުގައި އީރާނުގެ ޚާއްސަ މެހެމާނެއްގެ ގޮތުގައި އީރާނުގެ ފަސްގަނޑުގައި ހުންނަވަނިކޮށް އިސްމާއީލް ހަނިއްޔާ ޝަހީދު ކޮށްލުމުން އީރާނުގެ ސެކިއުރިޓީ ސިސްޓަމްގެ ތެރޭގައި ފިސާރި ރަނގަޅަށް ބައްދަންޖެހިފައިވާ ބޮޑެތި ބާގަނޑުތަކަކާއި އަދި ކުއްލި ފަރުވާދީގެން ވިޔަސް ސާފުކުރަންޖެހޭ އުމަގުތަކެއް އެބަ ހުރިކަން ފަޅާއަރައިފިއެވެ.
އީރާނުގެ ޝަރުޢީ ނިޒާމުގެ ޑެޕިއުޓީ ޗީފް ސާދިގް ރަޙީމީ މިދިޔަ ހޮނިހިރު ދުވަހު ވިދާޅުވެފައިވަނީ އިސްމާއީލް ހަނިއްޔާ ޝަހީދުކޮށްލި މައްސަލައިގެ ތަހްގީގުތައް ކުރިއަށް ދާ ކަމަށާއި އެއްވެސް މީހަކު އަދި އެއްވެސް ގައުމެއް އެ ތަހްގީގުން އިސްތިސްނާ ނުކުރެވޭނެ ކަމަށެވެ.