އެސޯޝިއޭޓެޑް ޕްރެސް ދުބާއިން ޚަބަރު ދީފައިވާ ގޮތުގައި 2 ހަފުތާގެ މެދުކެނޑުމަކަށްފަހު ހޫތީ މިޖާހިދުންގެ ހަމަލާތައް އިސްމާއީލް ހަނިއްޔާ އާއި ފުއާދު ޝުކުރު ޝަހީދުކޮށްލުމާ ގުޅިގެން އަލުން ފަށައިފިއެވެ. މިފަހަރުގެ ފުރަތަމަ އަމާޒަކަށްވީ ލައިބީރިޔާގެ ދިދައިގާ ދުއްވާ ކޮންޓޭނަރ އުފުލާބޯޓެކެވެ. އެއީ އެމް. ވީ. ގްރޯޓޮން ނަމަކަށްކިޔާ ގާތްހަނޑަކަށް 35 ހާސް ޓަނުގެ ބޯޓެކެވެ. ހަމަލާގައި ބޯޓުފަޅައިގެންގޮސް ކަނޑުގެ ލޮނުގަނޑު ބޯޓުގެ ތެރެއަށް ވަންނަމުންދާ ކަމަށާއި އަދި ބޯޓުން ކަނޑަށް ތެޔޮ އެޅެމުންދާކަމަށްވެސް ޚަބަރު ގައި ބުނެފައިވެއެވެ. އެ ބޯޓު ދަތުރުކުރަމުން ދިޔައީ އެމިރެޓްސް ފުޖައިރާ ބަނދަރުން ބަރުކޮށްގެން ސައޫދީ އެރޭބިޔާގެ ޖިއްދާއަށް ކަމަށްވެސް ޚަބަރުތަކުގައި ބުނެފައިވެއެވެ. އެންނަމަވެސް ބޯޓުގައި ރޯވުމުގެ ހާދިސާއެއް މެދުވެރިވެފައި ނުވާކަމަށް ބޯޓުން މައުލޫމާތު ދީފައި ވެއެވެ. 2 ހަފުތާގެ މެދުކެނޑުމެއް ގެނައީ ކީއްވެގެންކަން ހޫތީ މުޖާހިދުން ބުނެފައެއް ނުވެއެވެ.
ހޮނިހިރު ދުވަހު ކޮންޓޭނަރ ބޯޓަށް ހަމަލާ އަމާޒުވެފައިވަނީ ގަލްފް އޮފް އަދަންގެ ތެރެއިން އަދަނު 225 ކިލޯ މީޓަރ އިރު ދެކުނުން ނެވެ.
އިނގިރޭސި ވިލާތުގެ ޕްރައިވެޓް ސެކިއުރިޓީ ފާރމް “ އަމްބްރޭ އިން ވަނީ މި ހަމަލާ ކަށަވަރު ކޮށްދީފައެވެ.
ހޫތީ މުޖާހިދުންގެ ހަމަލާތައް މިހާތަނަށް 70 ބޯޓަށް އަމާޒުވެ 2 ބޯޓުވަނީ ފައްތާލާފައެވެ. އަދި އެ ހަމަލާތައް އަމާޒުވި ބޯޓުފަހަރުން 4 ފަޅުވެރިޔަކު ވަނީ މަރުވެފައެވެ. ހޫތީ މުޖާހިދުންގެ ހަމަލާތައް އަމާޒުކުރަމުން ގެންދަނީ އިސްރާއީލާއި އެމެރިކާއި އަދި އިނގިރޭސި ވިލާތާއި ގުޅުން ހުރި އުޅަނދު ފަހަރަށެވެ.
މިހާރަކަށް އައިސް ހޫތީ މުޖާހިދުންނަށް އޮޅުވާލުމުގެ ބޭނުމުގައި ބައެއްފަހަރު ބޯޓުފަހަރުގެ ދަތުރުގެ މައުލޫމާތު ތަފާތުގޮތްގޮތަށް ހާމަކުރަމުން ގެންދާކަން ހޫތީ މުޖާހިދުންގެ އިންޓެލިޖެންސުން މައުލޫމާތު ހޯދަމުންގެންދެއެވެ.
ހޫތީ މުޖާހިދުންގެ ހަމަލާތަކުގެ ސަބަބުން ސުއޭޒް ކެނެލް ހުރަސްކޮށް ދަތުރު ނުކުރެވި ދެކުނު އެފްރިކާގެ ކޭޕް އޮފް ގުޑް ހޯޕް ގެ މަގުން ދަތުރު ކުރަން ޖެހުމުން އޭޝިޔާގެ ގައުމުތަކަށް އުފުލާ މުދަލު އަގުން މަދުވެގެން އަހަރަކު އެއް ޓްރިލިއަން ޑޮލަރ ގެއްލުންވާނެކަމަށް ވަނީ އަންދާޒާ ކުރެވިފައެވެ.
ރެޑް ސީ ސަރަހައްދުގައި ހަރަކާތްތެރިވަމުންގެންދާ އެމެރިކާ ކަނޑު ސިފައިންގެ ސެންޓްރަލް ކޮމާންޑުން ބުނެފައިވަނީ ހޫތީ މުޖާހިދުން ހަމަލާދޭން ބޭނުންކުރާ މިސައިލް ލޯންޗަރ ތައް ހުންނާނީ ހަލާކު ކޮށްލާފައި ކަމަށެވެ.
މެދު އިރުމަތީގެ ހާލަތު ހަމަޔަކަށް އެޅުވުމަށްޓަކައި އެމެރިކާގެ އެއަރކްރާފްޓް ކެރިއަރ ސްޓްރައިކް ގުރޫޕް ޔޫ އެސް އެސް އަބްރަހަމް ލިންކަން މިހާރު އޮތީ ގަލްފް އޮފް އޮމާން ތެރޭގައެވެ.
އެމެރިކާގެ ކަނޑު ސިފައިން ހާމަކޮށްފައިވަނީ ދެވަނަ ބޮޑު ހަނގުރާމައަށް މިވަރުގެ ދަތި އުނދަގޫ ދުވަސްތަކެއް ކުރިމަތިވެފައި ނުވާކަމަށެވެ.